އަލްފާޟިލް ޢަލީ ރިޟާ
ކެއުގަސްދޮށުގެ ސ. މަރަދޫފޭދޫ

ޢަލީ ރިޟާ، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 6 މާރިޗު 1974 ގައި ސ.އަތޮޅުއޮފީހުގެ ބަނޑޭރިއެއްގެ މަގާމުންނެވެ. އޭގެފަހުން، ވަޒީފާ އަދާކުރައްވަމުން ގެންދެވީ، އައްޑޫ ގަން ބަލަހައްޓާ ޔުނިޓުގައެވެ. އެ ޔުނިޓުގެ ޕިޔޯނު ކަމާއި، ވޯކީޓޯކީ އޮޕަރޭޓަރ ކަމާއި، ސެކިއުރިޓީ ގާޑު ކަމާއި، ކާތިބު ކަމާއި، ސީނިއަރ ކްލާކްކަން ކުރައްވައިފައި ވެއެވެ. 6 މާރިޗު 1994 ގައި ފުރަތަމަ ޕެންޝަން ލިބިވަޑައިގަތުމަށްފަހު، ދެން ޚިދުމަތް ކުރައްވަމުން ގެންދެވީ، އެސް.ޓީ.އޯ. ސ. ފޭދޫ ފިހާރައިގައެވެ. 65 އަހަރުވެގެން 13 ޖޫން 2019 ގައި ވަޒީފާއިން ވަކިވެވަޑައިގަންނަވަންދެން ޚިދުމަތް ކުރައްވަމުން ގެންދެވީ، އެސް.ޓީ.އޯ. ގައެވެ. އެސް.ޓީ.އޯ. ގައި އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، ވެހިކަލް ގަރާޖުގެ ސުޕަވައިޒަރ ކަމާއި، އެސިސްޓެންޓް ކްލެރިކަލް އޮފިސަރ ކަމާއި، އެސިސްޓެންޓް އޮފިސަރ ކަމާއި، އެސް.ޓީ.އޯ. 123 ނަންބަރު ފިހާރައިގެ ސޭލްސް އޮފިސަރުކަމާއި، ސޭލްސް ރެޕްރެޒެންޓެޓިވްކަންވެސް ހިމެނެއެވެ. އެސް.ޓީ.އޯ. ގެ އެކި ދާއިރާތަކުގައި 25 އަހަރަށްވުރެދިގު މުއްދަތެއްގައި އަލީ ރިޟާ ވަނީ ޚިދުމަތް ކުރައްވައިފައެވެ.

ޢަލީ ރިޟާއަކީ، ވަޒީފާ އަދާކުރެއްވި ދާއިރާތަކުން ހިންގައިފައިވާ އެކި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ތެދުވެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ޢަލީ ރިޟާއާ ހަވާލުކުރެއްވި އިދާރީ މަސައްކަތްތައް ކުރައްވައިފައިވަނީ ވަރަށް ފަރުވާތެރިކަމާއެކުގައެވެ.

ޢަލީ ރިޟާއަކީ ސ. މަރަދޫ ފޭދޫގެ ރަށް ކުރިއަރުވާ ކޮމިޓީގެ މެންބަރުކަން މެދުނުކެނޑި 22 އަހަރު އަދި މަރަދޫފޭދޫ އަންހެނުން ކުރިއަރުވާ ކޮމިޓީގެ މެންބަރުކަން 5 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ބޭފުޅެއްވެސްމެއެވެ. މިގޮތުން ރަށުގެ ގޮނޑުދޮށާއި، ރަށުތެރެ ސާފުކުރުމުގެ މަސައްކަތުގައްޔާއި، ރުއްގަސް އިންދުމުގެ ޕްރޮގްރާމްތަކުގައްޔާއި، ފުޓްބޯޅަ ދަނޑުގެ ސަރަޙައްދު ސާފުކޮށް، ދަނޑުގައި ޒުވާނުންނަށް ކުޅެވޭނެގޮތް ހައްދަވައިދެއްވުމުގައި އެހީތެރިވެދެއްވައި، ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތުގައި އެކިގޮތްގޮތުން އެހީތެރިވެދެއްވައިފައި ވެއެވެ.