ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) ޔޫސުފް ސަލީމް
ގ. ވެގާ

ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) ޔޫސުފް ސަލީމަކީ، 5 ޑިސެންބަރ 1968 ން ފެށިގެން 45 އަހަރަށްވުރެ ދިގު މުއްދަތަކަށް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރެއްވުމަށްފަހު، 2014 ފެބުރުވަރީ 18 ވަނަ ދުވަހު، ދިވެހި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންފައިވާ ބޭފުޅެކެވެ.

ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) ޔޫސުފް ސަލީމް، ތަފާތު އެކި މަގާމުތައް ފުރުއްވައިފައި ވެއެވެ. އޭގެތެރޭގައި، އެމް.އެން.ޑީ.އެފް.ގެ ޕްރައިވެޓްގެ މަގާމުން ފެށިގެން ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ވޮރަންޓް އޮފިސަރ ގްރޭޑް 2 ކަމާއި، ވޮރަންޓް އޮފިސަރ ގްރޭޑް 1 ކަމާއި، ލެފްޓިނަންޓް ކަމާއި، ފަސްޓް ލެފްޓިނަންޓް ކަމާއި، ކެޕްޓަން ކަމާއި، މޭޖަރކަން ހިމެނެއެވެ. ސިފައިންގެ ޚިދުމަތުން ވަކިވެވަޑައިގަތުމާ ހަމަޔަށް ހުންނެވީ ލެފްޓިނަންޓް ކާނަލްގެ މަގާމުގައެވެ.

ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) ޔޫސުފް ސަލީމުގެ ޚާއްޞަ ޚިދުމަތްތަކަށް ބަލާއިރު، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސް.ޕީ.ޖީ.)ގައި މަސައްކަތް ކުރެއްވި ދުވަސްވަރު، ރައީސުލްޖުމްހޫރިއްޔާގެ ޕަރސަނަލް ސެކިއުރިޓީ އޮފިސަރ (ޕީ.އެސް.އޯ.)ގެ ގޮތުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.

ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) ޔޫސުފް ސަލީމް، ސިފައިންގެ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، އެ މުއައްސަސާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވައިފައެވެ. މިގޮތުން، 1988 ނޮވެންބަރު 3 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލައިގައި، މާތްވި އިސްލާމްދީނާއި، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ކުރެއްވި ހިތްވަރުގަދަ މަސައްކަތްޕުޅުތަކާއި، 2004 ޑިސެންބަރު 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާގައި، ދިވެހި ސިފައިން އިސްނަގައިގެން ކުރި އެންމެހައި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލަން ޖެހެއެވެ.

ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) ޔޫސުފް ސަލީމް، ސިފައިންގޭގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، އަޚްލާޤީ ކުލަ ދެފަހަރު، ޚާއްޞަ ޚިދުމަތުގެ ކުލަ ލިބިވަޑައިގެންފައި ވެއެވެ. ހާސިލު ކުރެއްވި މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، މަތިވެރި ޚިދުމަތް ކުރުމުގެ މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލް، ސިފައިންގެ ޚިދުމަތުގެ މެޑެލް، އަޚްލާޤީ މެޑެލް، 3 ނޮވެންބަރުގެ މެޑެލް، ސައްތައިގެ މެޑެލް އަދި 17 ވަނަ ސާރކް ސަމިޓް މެޑެލް ހިމެނެއެވެ.

ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) ޔޫސުފް ސަލީމް ފާހަގަކުރެވިފައިވަނީ، ސިފައިންގެ ކޯޑް އޮފް އެތިކްސްއާއި، ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ފުރިހަމައަށް ބޯލަނބައި، ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އުޅުމާއި އަޚްލާޤާއި ސުލޫކު ވަރަށް ރަނގަޅު، މަސައްކަތްތައް ކުރެއްވުމުގައި އެއްވެސް ވަރުބަލިކަމެއް، ފޫހިކަމެއްނެތި، ކަމަށްކަމޭހިއްތަވައިގެން މަސައްކަތް ކުރައްވައިފައިވާ ބޭފުޅެއްގެ ގޮތުގައެވެ.