އަލްފާޟިލާ ޝަހީމާ މުޙައްމަދު
ހ. ސާމަރާ

20 ޖުލައި 1967 ގައި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވި ޝަހީމާ މުޙައްމަދު އެންމެ ފުރަތަމަ އަދާކުރެއްވީ، މޯލްޑިވިއަން ގަވަރންމަންޓް ފުޑް ކޮންޓްރޯލް ޑިޕާޓްމަންޓްގެ 1 ނަންބަރު ކާތިބާއެއްގެ ވަޒީފާއެވެ. އޭގެފަހުން، ޑިޕާޓްމަންޓް އޮފް ޑިވެލޮޕްމަންޓް އެންޑް ފޮރިން އެއިޑުގެ ބަޖެޓް ބަލަހައްޓާ 1 ނަންބަރު ކާތިބާ ކަމާއި، އޯޑިޓް އޮފީހުގެ 2 ނަންބަރު ކާތިބާ ކަމާއި، ތެފްޓް ޓްރައިލްސް ޑިވިޜަންގެ 2 ނަންބަރު ކާތިބާ ކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ 2 ނަންބަރު ކާތިބާކަން ކުރައްވައިފައި ވެއެވެ. ކަސްޓަމްސްގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 12 މާރިޗު 1980 ގައެވެ. 15 އޮގަސްޓު 2014 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވުމާ ހަމަޔަށް ހުންނެވީ ކަސްޓަމްސްގެ ޚިދުމަތުގައެވެ.

ޝަހީމާ މުޙައްމަދު، ކަސްޓަމްސްގެ ވަޒީފާގައި 34 އަހަރަށްވުރެ ގިނަ ދުވަހު އުޅުއްވިއިރު، ކަސްޓަމްސްގެ ވަރަށްގިނަ ސެކްޝަންތަކުގައި މަސައްކަތް ކުރައްވައިފައި ވެއެވެ. އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، 2 ނަންބަރު ކާތިބާ ކަމާއި، ސީނިއަރ ކާގޯ ކްލިއަރެންސް އޮފިސަރު ކަމާއި، ސީނިއަރ ޓެރިފް އޮފިސަރު ކަމާއި، ކަސްޓަމްސް އޮފިސަރު ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރު ކަމާއި، ޗީފް ކަސްޓަމްސް އޮފިސަރު ކަމާއި، ސުޕްރިންޓެންޑެންޓްކަން ހިމެނެއެވެ. އެންމެފަހުން ޝަހީމާ ހުންނެވީ، ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމުގައެވެ.

1995 ވަނަ އަހަރު ކަސްޓަމްސްގެ ދުވަސް ފާހަގަކުރުމުގެ މުނާސަބަތާ ގުޅިގެން، ކަސްޓަމްސްގެ މުވައްޒަފުންގެ ތެރެއިން ޤާނޫނާއި ގަވާއިދާ ޚިލާފަށް ކުރާ ކަންތައް ބެލުމުގައި، އެންމެ ޚިދުމަތްތެރި ކަމަށް ފާހަގަކުރެވޭ މުވައްޒަފަކަށް ދެއްވި ހަނދާނީ ލިޔުން ޝަހީމާއަށް ލިބިވަޑައިގެންފައިވެއެވެ.

ޝަހީމާ މުޙައްމަދަކީ، ކަސްޓަމްސްގައި ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ހަވާލުކުރެވުނު މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި ފަރުވާތެރިކަމާއި، އިޚްލާޞްތެރިކަމާއެކު އެ މުއައްސަސާގެ ކުރިއެރުމަށް މަސައްކަތް ކޮށްދެއްވައިފައިވާ މުވައްޒަފެއްކަން ކަސްޓަމްސް އިން ފާހަގަކުރައްވައިފައި ވެއެވެ.