އަލްފާޟިލާ ފާއިޒާ ޢަބްދުލްޤާދިރު
މ. ކުންނުމަލާ

އެއް ތަނެއްގައި އެއް މަސައްކަތެއްގައި ގިނަދުވަހު ޚިދުމަތް ކުރެއްވުމުގައި ފާއިޒާ ޢަބްދުލްޤާދިރަކީ ނަމޫނާ ބޭފުޅެކެވެ. 50 އަހަރާއި މަހެއްހާދުވަސް ސަރުކާރުގެ ޚިދުމަތުގައި ހޭދަކުރެއްވިއިރު އެ މުއްދަތުގެ ތެރެއިން 49 އަހަރާއި 11 މަހާއި 23 ދުވަސް ފާއިޒާ ހޭދަކުރެއްވީ ޝަރުޢީ ދާއިރާގައެވެ. ފުރަތަމަ އަދާކުރެއްވީ ވުޒާރަތުލްމާލިއްޔާ (ބ) ގެ އެނައުންސަރެއްގެ ވަޒީފާއެވެ. އެ ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު ދެން ޚިދުމަތް ފެށްޓެވީ، 14 އޮގަސްޓު 1968 ގައި މަޙްކަމަތުއްޝަރުޢިއްޔާ (ޅ) ގެ 1 ނަންބަރު ކާތިބާއެއްގެ ވަޒީފާއިންނެވެ. އޭގެފަހުން ކްރިމިނަލް ޓްރައިލްސް ޑިވިޜަނަށް ބަދަލުކުރެއްވީ 22 އޮކްޓޫބަރު 1972 ގައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 21 ޖޫން 1983 ގައެވެ. ޚިދުމަތް ފެށްޓެވީ ސެކްރެޓަރީގެ މަގާމުންނެވެ. އޭގެފަހުން، ހައިކޯޓުގެ ސީނިއަރ ސެކްރެޓަރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، އެސިސްޓެންޓް ޑިރެކްޓަރ ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރެލްކަން ކުރައްވައިފައި ވެއެވެ.

ފާއިޒާ ޢަބްދުލްޤާދިރު، ޝަރުޢީ ދާއިރާގައި ފުރަތަމަ ޚިދުމަތް ކުރައްވަން ފެށްޓެވިއިރު، ކުރެއްވި މައިގަނޑު އެއް މަސައްކަތަކީ، ޤާޟީ ޝަރީޢަތް ކުރައްވާއިރު، ޝަރީޢަތް ކުރައްވާ މޭޒުގެ އެއްކޮޅުގައި އިންނަވައިގެން، ޝަރީޢަތުގެ މަޖިލީހުގައި ދެކެވޭ ވާހަކަތައް، ވަގުތުން ނޯޓު ކުރެއްވުމެވެ. އެއަށްފަހު، އެ ނޯޓުތަކުގެ މައްޗަށް ބަޔާންތައް ތައްޔާރުކުރެއްވުމުގެ މަސައްކަތެވެ. ދެން، ކްރިމިނަލް ޓްރައިއަލްސް ޑިވިޜަނަށް ބަދަލުވެވަޑައިގެން، އެތަނުގައި ކުރެއްވި މުހިންމު އަނެއް މަސައްކަތަކީ، ޖިނާއީ ބޮޑެތި ކުށްތަކުގެ ޝަރީޢަތާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ ކަންތައް ކުރެއްވުމެވެ. އިދާރީ މަސައްކަތްތައް އޭރު ކުރަމުން ގެންދިޔައީ، ފާއިޒާގެ ބެއްލެވުމުގެ ދަށުންނެވެ. ސެކްރެޓަރީއެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި ޚިދުމަތް ކުރައްވަމުން ގެންދެވިއިރު، އެންމެބޮޑު މައްސަލައެއްގެ ގޮތުގައި، އެ ކޯޓަށް ހުށަހެޅުނީ، 3 ނޮވެންބަރު 1988 ގައި ދިން ޢުދުވާނީ ޙަމަލައިގައި ބައިވެރިވި މީހުންގެ މައްޗަށް ހިންގި ޝަރީޢަތެވެ. އެ ޝަރީޢަތް ކުރިއަށްދިޔައިރު، ކުށްވެރިންނާ ގުޅޭ އިދާރީ މަސައްކަތްތައް ކުރެއްވުމުގައްޔާއި، ޝަރީޢަތްތައް އިންތިޒާމު ކުރެއްވުމުގެ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ ފާއިޒާއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރިއެރުމަށް ފާއިޒާ ޢަބްދުލްޤާދިރު ކުރައްވައިފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި، 1980 ވަނަ އަހަރު ހައިކޯޓު އުފެދުނީއްސުރެން ފެށިގެން 2009 ވަނަ އަހަރު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުތައް ކޮމްޕިއުޓަރުން ލިޔަން ފެށުމާ ހަމަޔަށް ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ. ހައިކޯޓުން ނިމިފައިވާ ޝަރީޢަތްތަކުގެ އަތުން ލިޔެފައިވާ ފޮތްތައް ޑިޖިޓަލައިޒް ކުރުމަށްޓަކައި އެ ފޮތްތައް ސްކޭންކޮށް، އަރކައިވް ކުރައްވައި، އަދި އެ މަސައްކަތް ހިންގި ސެކްޝަން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އިސްވެރިޔާގެ ހައިސިއްޔަތުން ވަރަށް މުހިންމު ދައުރެއް ފާއިޒާ އަދާކުރެއްވިއެވެ. ޝަރީޢަތްތައް ނިމުނުގޮތުގެ ރިޕޯޓް އަތުން ލިޔުއްވި އަދަދުވެސް ފާއިޒާއަށް އަންދާޒާކުރައްވަން ދަތިފުޅެވެ.

ފާއިޒާ ޢަބްދުލްޤާދިރަކީ، ކޭސް ރިޕޯޓަރސް އެންޑް އަރކައިވް ސެކްޝަން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އިސްވެރިޔާވެސް މެއެވެ. އަދި ހައިކޯޓުގެ އިޖުތިމާޢީ ކޮމިޓީގެ ޗެއަރޕަރސަންކަމާއި، ހިއުމަން ރިސޯސް ކޮމިޓީއާއި، ޚަރަދު ކޮމިޓީއާއި، ބިޑް ކޮމިޓީއާއި، ސްޓްރެޓީޖިކް ކޮމިޓީ، އަދި އިންޓަރވިއު ޕެނަލްގައި، ވަޒީފާއިން ރިޓަޔަރ ކުރެއްވުމާ ހަމަޔަށްވެސް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ.

ފާއިޒާ ޢަބްދުލްޤާދިރު ވަޒީފާއިން ރިޓަޔަރ ކުރެއްވީ، އުމުރުން 65 އަހަރުވެގެން 7 އޮގަސްޓު 2018 ގައެވެ. އޭރު ހުންނެވީ ހައިކޯޓުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައެވެ. ފާއިޒާ ޢަބްދުލްޤާދިރު ހީވާގިކަމާއި އިޚްލާޞްތެރިކަމާއެކު ޝަރުޢީ ދާއިރާއަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންވެސް ވަޒަން ކުރައްވައިފައި ވެއެވެ.