އަލްފާޟިލް އިބްރާހީމް ޙަލީމް
މ. ފަތްކޯނި

އިބްރާހީމް ޙަލީމް، ސަރުކާރުގެ ޚިދުމަތް ފެށްޓެވީ، 5 ޖުލައި 1971 ގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޕިޔޯނެއްގެ ވަޒީފާއިންނެވެ. އޭގެފަހުން، ޕްރައިމް މިނިސްޓަރުގެ އޮފީހާއި، ގަވަރންމަންޓް ހޮސްޕިޓަލާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕިޔޯނުކަން ކުރައްވައިފައިވެއެވެ. މުލީއާގޭގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 12 ފެބުރުވަރީ 1977 ގައެވެ. މުލީއާގޭ ފަރީއްކޮޅު ބަހައްޓާ ކަމާއި، ރިޔާސީ ގަނޑުވަރުގެ ސުޕަވައިޒަރު ކަމާއި، ޖެނެރަލް ސަރވިސަސް އޮފިސަރު ކަމާއި، ޖެނެރަލް ސަރވިސަސް ސުޕަވައިޒަރު ކަމާއި، ހެޑް ވީ.އައި.ޕީ. ވެއިޓަރު ކަމާއި، ޗީފް ވީ.އައި.ޕީ. ވެއިޓަރުކަން ހިމެނެއެވެ.

އިބްރާހީމް ޙަލީމް، މުލީއާގޭގައި ޚިދުމަތް ކުރައްވަން ފެށްޓެވިފަހުން ރައީސް އަލްމަރްޙޫމް އިބްރާހީމް ނާޞިރުގެ އަރިހުގައްޔާއި، އޭގެފަހުން ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި، ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދާއި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހުގައި، ފަރީއްކޮޅު ބެހެއްޓެވުމުގައްޔާއި، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގޭގެ ފަރާތުން ބާއްވަވާ އެކިއެކި ރަސްމިއްޔާތުތަކުގައި މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ. އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުގައިވެސް ޚިދުމަތް ކުރެއްވުމުގައި އިބްރާހީމް ޙަލީމަކީ ނަމޫނާ ބޭފުޅެކެވެ.

ސަރުކާރުގެ ޚިދުމަތުގައި މިވީ 50 އަހަރު ދުވަހުގެ ތެރެއިން އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވަނީ ރިޔާސީ ގަނޑުވަރުގައެވެ. ރިޔާސީ ގަނޑުވަރުގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 44 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. އިބްރާހީމް ޙަލީމަކީ، ޙަވާލުކުރައްވާ ކޮންމެ ކަމެއް ވަރަށް ފަރުވާތެރިކަމާއި ޒިންމާދާރުކަމާއެކު ކުރައްވާ ބޭފުޅެކެވެ. އަދި މުވައްޒަފުންނާ ވަރަށް ގާތް ގުޅުމެއް ބެހެއްޓެވި، ހުރިހާ މުވައްޒަފުންގެވެސް އިޙްތިރާމު ހޯއްދެވި، ހިތްހެޔޮ އޯގާތެރި ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގޭގެ ފަރާތުން ބާއްވަވާ އެކިއެކި ރަސްމިއްޔާތުތަކާއި ބައްދަލުވުންތަކުގައި ބާއްވަވާ ފަރީއްކޮޅުތަކުގެ އެންމެހައި ކަންކަން ބެލެހެއްޓެވުމުގައްޔާއި، މިނޫނަސް އެހެނިހެން ބައްދަލުވުންތަކުގެ ފަރީއްކޮޅުތައް އިންތިޒާމު ކުރުމުގައިވެސް ވަރަށް އިސް ދައުރެއް އަދާކުރައްވަމުން ގެންދެވިއެވެ.

މުލީއާގެއަށް 100 އަހަރު ފުރުން ފާހަގަކުރެއްވުމުގެ ގޮތުން، މުލީއާގެއަށް މެދުކެނޑުމެއްނެތި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް ދެއްވި ހަނދާނީ ފިލާ ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައިވެސް އިބްރާހީމް ޙަލީމް ހިމެނިވަޑައިގަންނަވައެވެ.