ލެފްޓިނަންޓް (ރިޓަޔަރޑް) ޢުމަރު މުޙައްމަދު (ސިއްކަ ކުޑަދޮންމަނިކު)
މ. ގިނަވެލި

ލެފްޓިނަންޓް (ރިޓަޔަރޑް) ޢުމަރު މުޙައްމަދު (ސިއްކަ ކުޑަދޮންމަނިކު) އަކީ، 1959 ވަނަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު، 51 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު، 2009 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހު، ދިވެހި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފައިވާ ބޭފުޅެކެވެ. އެމް.އެން.ޑީ.އެފް.ގެ ޕްރައިވެޓް ކަމާއި، ލާންސްކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓްކަމުގެ ރޭންކުގައި، ޢުމަރު މުޙައްމަދު ވަނީ ޚިދުމަތް ކުރައްވައިފައެވެ. ސިފައިންގެ ޚިދުމަތުގައި ހޭދަކުރެއްވި މި ދިގު މުއްދަތުގައި، ސިފައިންގެ ތަފާތު ދާއިރާތަކުގައި ޚިދުމަތް ކުރައްވައިފައިވެއެވެ.

ލެފްޓިނަންޓް (ރިޓަޔަރޑް) ޢުމަރު މުޙައްމަދު، އެ މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި، ސިލްވަރ ކްރެސްޓްގައި، ޅ. އަތޮޅު ބޭރު ކަނޑު ޕެޓްރޯލް ކުރެއްވުމުގައްޔާއި، ގޯލްޑަން ރޭގައި، ހއ. އަތޮޅު ބޭރު ކަނޑު ޕެޓްރޯލް ކުރެއްވުމުގައި ޙަރަކާތްތެރިވެވަޑައިގަތުން ހިމެނެއެވެ. އަދި 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލައިގައި، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ކުރެއްވި ހިތްވަރުގަދަ މަސައްކަތްޕުޅާއި، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި، ދިވެހި ސިފައިން އިސްނަގައިގެން ކުރި އެންމެހައި މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި އެމެރިކާ ސިފައިންގެ 12 މީހުންގެ ޓީމަކާއި، ދިވެހި ސިފައިންގެ 12 މީހުންގެ ޓީމަކުން މަސައްކަތް ކޮށްގެން ކ.ގުރައިދޫގައި އިމާރާތެއް ކުރުމަށްޓަކައި ރެޔާއި ދުވާލު ވަރަށް ބުރަކޮށް މަސައްކަތްކޮށް، 4 ހަފްތާގެ ތެރޭގައި މަސައްކަތް ފުރިހަމައަށް ނިންމައިލިއިރު އެކަން ހިންގެވުމުގެ އިސް ބޭފުޅަކަށް ހުންނެވީ ޢުމަރު މުޙައްމަދެވެ. 

ލެފްޓިނަންޓް (ރިޓަޔަރޑް) ޢުމަރު މުޙައްމަދު، ސިފައިންގެ މެޑިކަލް ސަރވިސްގައި މަސައްކަތް ކުރެއްވިއިރު، ޙަވާލުކުރެއްވި ކޮންމެ މަސައްކަތެއްވެސް ފަސްޖެހުމެއްނެތި، ފަރުވާތެރިކަމާއެކު ކުރެއްވިއެވެ. އަދި ވަރަށް އިތުބާރު ކުރެއްވޭ ބޭފުޅެއްގެ ގޮތުގައިވެސް ވަނީ ފާހަގަކުރެވިފައެވެ.

ސިފައިންގޭގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން ލިބިވަޑައިގެންނެވި ޝަރަފުގެ މެޑެއްޔާއި ކުލަތަކުގެ ތެރޭގައި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެއްޔާއި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، 3 ނޮވެންބަރުގެ މެޑެއްޔާއި، ސައްތައިގެ މެޑެލް ހިމެނެއެވެ. ލިބިވަޑައިގެންނެވި ޝަރަފުގެ ކުލަތަކުގެ ތެރޭގައި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، އިޚްލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަދި އަޚްލާޤީ ކުލަ، ތިންފަހަރަށް ހޯއްދަވައިފައިވެއެވެ.