އަލްފާޟިލް އިބްރާހީމް ޒަކީ
ގ. އޮނުހިރި

އިބްރާހީމް ޒަކީ، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1965 ވަނަ އަހަރުގެ މާރިޗު މަހުގެ 28 ވަނަ ދުވަހުއެވެ. ޚިދުމަތަށް ނުކުމެވަޑައިގަތީ، ވުޒާރަތުލް މަޢާރިފުގެ ޕިޔޯނެއްގެ ވަޒީފާއިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގޭގައި 36 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިބްރާހީމް ޒަކީ ވަނީ ޚިދުމަތް ކުރައްވައިފައެވެ. މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ރަސްމީ ގެ، ހިލާލީގޭގައެވެ. ހިލާލީގޭގެ ވަޒީފާގައި އުޅުއްވާތާ މިހާރު ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ރިޔާސީ ގަނޑުވަރުގައި ޚިދުމަތް ކުރެއްވިއިރު، ރައީސުލްޖުމްހޫރިއްޔާގެ ފަރީއްކޮޅު ބެލެހެއްޓެވުމާބެހޭ އެންމެހައި ކަންތައް ކުރައްވަމުން ގެންދެވި އެއް ބޭފުޅަކީ އިބްރާހީމް ޒަކީއެވެ. އަދި އޭރު ރާއްޖެއަށް ޒިޔާރަތް ކުރެއްވި ބޭރު ޤައުމުތަކުގެ ވެރިންގެ ޝަރަފުގައި މުލީއާގޭގައި ބޭއްވެވި އެކިއެކި ފަރީއްކޮޅުގެ ކަންތައް އިންތިޒާމު ކުރެއްވުމުގައިވެސް މުހިންމު ދައުރެއް ޒަކީ އަދާކުރެއްވިއެވެ. އެގޮތުން، އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބަތު II ވަނަ، 1972 ވަނަ އަހަރުގެ މާރިޗު މަހުގެ 13 ވަނަ ދުވަހު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައްޔާއި، މެލޭޝިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަހާތީރު މުޙައްމަދު، 1983 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ބޭއްވެވި ފަރީއްކޮޅާއި، އެހެނިހެން ކަންތައް އިންތިޒާމު ކުރެއްވުމުގައިވެސް ވަރަށް އިސްކޮށް ޒަކީ އުޅުއްވިއެވެ.

ޤައުމެއްގެ ރައީސެއްގެ ފަރީއްކޮޅު ބެލެހެއްޓެވުމާބެހޭ އެންމެހައި ކަންކަން ކުރެއްވުމަކީ، ވަރަށް ޒިންމާދާރުކަމާއެކު އަދާކުރައްވަންޖެހޭ ވަޒީފާއެކެވެ. އެހެންކަމުން، ޒަކީ އެކަން ކުރައްވަމުން ގެންދެވީ، އެއީ ވަރަށް މުހިންމު ޒިންމާއެއްކަން ދެކެވަޑައިގެން ފަރުވާތެރިކަމާއެކުގައެވެ.

މިހާރު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ރަސްމީ ގޭގައި އިބްރާހީމް ޒަކީ ޚިދުމަތް ކުރައްވަމުން ގެންދަވާއިރު، ކުރައްވާ އެންމެ މުހިންމު އެއް މަސައްކަތަކީ، ހައުސް ކީޕިންގގެ މަސައްކަތްތައް ރާއްވަވައި ހިންގެވުމެވެ. މިގޮތުން، ހައުސްހޯލްޑުގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ކުރިއެރުވުމަށްޓަކައި އިރުޝާދު ދެއްވައި، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބައްލަވަމުން ގެންދަވައެވެ. އަދި އެކިއެކި ރަސްމިއްޔާތުތައް އިންތިޒާމު ކުރެއްވުމާއި، ރާއްވަވައި ހިންގެވުމުގައިވެސް އިސް ދައުރެއް އަދާކުރައްވައެވެ.

އިބްރާހީމް ޒަކީ، ރިޔާސީ ގަނޑުވަރުގައި އަދާކުރައްވައިފައިވާ ވަޒީފާތަކުގެ ތެރޭގައި، އެތާނގެ ޕިޔޯނުކަމާއި، 1 ނަންބަރު ޕިޔޯނުކަމާއި، ސަރުދާރުކަމާއި، ފަރީއްކޮޅު ބަހައްޓާކަމާއި، ޖެނެރަލް ސަރވިސަސް އޮފިސަރުކަމާއި، ޖެނެރަލް ސަރވިސަސް ސުޕަވައިޒަރުކަމާއި، ސީނިއަރ ސުޕަވައިޒަރު ކަމާއި، ސީނިއަރ ސުޕަވައިޒަރ، ކޮންސަލްޓަންސީ ކަމުގެ މަގާމު ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ރަސްމީ ގޭގައި މިހާރު ހުންނެވި ސީނިއަރ ސުޕަވައިޒަރ، ކޮންސަލްޓަންސީގެ މަގާމު ފުރުއްވަމުން ގެންދަވަނީ 2019 ޖަނަވަރީ 7 ވަނަ ދުވަހުން ފެށިގެންނެވެ.

މުލީއާގެއަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި، މުލީއާގެއަށް އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ މުވައްޒަފުންނަށް ދެއްވި ހަނދާނީ ފިލާ، އިބްރާހީމް ޒަކީއަށް ވަނީ ލިބިވަޑައިގެންފައެވެ.