އަލްފާޟިލާ ފާޠިމަތު ނަހުލާ
މއ.ކަބީލާގެ

         ފިލްމް އުފެއްދުމާއި ފިލްމް ޑައިރެކްޓް ކުރުމުގެ މަސައްކަތަށް ނަހުލާގެ ހިތްޕުޅުގައި ޝައުޤުވެރިކަން އުފެދުމުގެ އަޞްލަކީ، އޭނާ ލިޔުއްވާފައިވާ ވާހަކަތައް، އޭގެ އަސަރާއެކު ފިލްމެއްގެ ސިފައިގައި ޢާންމުންނަށް ގެނެސްދެއްވުމަށް ބޭނުންފުޅުވިކަމެވެ.

         ނަހުލާ ފިލްމު ޑައިރެކްޓް ކުރެއްވުމުގެ މަސައްކަތުގެ ދާއިރާއަށް ވެދެވަޑައިގަތީވެސް 1998 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުން މަސައްކަތް ކުރެއްވީ، ކޮރޯނާ ޕްރެސްއިން އުފެއްދި ދިވެހި ފިލްމް "ލައިލާ" ގައެވެ. އެއަށްފަހު ނަހުލާ ފުރަތަމަ ޑައިރެކްޓް ކުރި ދިވެހި ފިލްމު "ފަހުނޭވާ" ވަނީ 2000 ވަނަ އަހަރު ޢާންމުންނާ ހިސާބަށް ގެނެސްދެއްވާފައެވެ. އޭގެފަހުން އޭނާ މަސައްކަތް ކޮށްދެއްވަމުން ގެންދެވީ، މާޕާއަށެވެ. މާޕާއިން އުފެއްދި ފިލްމް "ނާއުއްމީދު" އާއި، "ކަލާޔާނުލާ" އާއި، "ޒުލޭޚާ" އާއި، 2008 ވަނަ އަހަރު، ދަ ކްރިސްޓަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އުފެއްދި "ޔޫސުފް" އަކީ، ނަހުލާ ޑައިރެކްޓް ކުރައްވައި ސްކްރީންޕްލޭ ލިޔުއްވި ފިލްމުތަކެވެ. އަދި 2002 ވަނަ އަހަރު ނުކުތް "ލޯބި ނުވެވުނުނަމަ" މިފިލްމުގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުން މަސައްކަތް ކުރައްވައި، ސްކްރީން ޕްލޭ ލިޔުއްވީވެސް ނަހުލާއެވެ.

      ނަހުލާގެ ފިލްމްތަކަކީ، އަޅުގަނޑުމެން ވަރަށް ގިނަ ބައެއްގެ ތަރުޙީބުވެސް ލިބިގެންދާ ފިލްމުތަކެކެވެ. އެކަން އެނގިގެންދަނީ އޭނާގެ ފިލްމުތައް ބަލާ މީހުންގެ އަދަދު ގިނަކަމުންނެވެ. ނަހުލާގެ ފިލްމުތައް ރާއްޖޭގެ ގިނަ އަތޮޅެއްގައިވަނީ ދައްކާފައެވެ. މިއަހަރު އިންޑިޔާގެ ގޯއާގައި ބޭއްވި "ސާފް ފިލްމް ފެސްޓިވަލް"ގައި ނަހުލާގެ ފިލްމު "ޔޫސުފް" ބައިވެރިކުރައްވައި، އެ ފެސްޓިވަލް ހުޅުވައިދިން ފިލްމަކަށް، އެ ފިލްމުވުމުގެ ފަޚްރުވެސް ނަހުލާއަށްވަނީ ލިބިވަޑައިގެންފައެވެ. 

      ނަހުލާއަކީ އޭނާ ލިޔުއްވި ވާހަކަތަކަށް ވަރަށްގިނަ ޑްރާމާތައްވެސް އުފައްދަވާފައިވާ ބޭފުޅެކެވެ. ޓެލެވިޜަން މޯލްޑިވްސްއިން އުފެއްދި "އޮޔާދިޔަ ޙަޔާތް" އާއި، "ކުޅޭބޭބެ" އާއި، "އެދުވަސް އެނބުރި އަންނާނެނަމަ" އާއި، "ކަލާގެ ޙައްޤުގައި" މިޑްރާމާތައް ޑައިރެކްޓް ކުރެއްވީވެސް ނަހުލާއެވެ. މީގެއިތުރުން 2007 ވަނަ އަހަރުގެ ރަމަޟާންމަހު ޓެލެވިޜަން މޯލްޑިވްސްއިން ދެއްކި "ސޫރަ" ޑްރާމާގެ ޑައިރެކްޝަން މަސައްކަތުގައި ނަހުލާވަނީ ޙަރަކާތްތެރިވެވަޑައިގެންފައެވެ.

      ނަހުލާގެ ފިލްމްތަކުންނާއި ޑްރާމާތަކުން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ، މުޖްތަމަޢުގައި ހިނގާ އެކިކަންކަމަށާއި، އިޖްތިމާޢީ ބައެއް މައްސަލަތަކަށް އޭނާގެ ފިލްމުތަކާއި ޑްރާމާތައް ބިނާކުރައްވާ ކަމެވެ. ކުރީގެ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި، ޔޫ.އެން.އެފް.ޕީ.އޭ އާ ގުޅިގެން އުފެއްދި ޑްރާމާ ސީރީސްތަކަށް ސޯޝަލް މެސެޖް އެކުލެވޭ ގޮތަށް ސްކްރިޕްޓް ލިޔެދެއްވާފައިވެއެވެ. މީގެއިތުރުން، ކެއަރ ސޮސައިޓީން، ނުކުޅެދޭ ކުދިންނަށް ފައިސާ ހޯދުމަށްޓަކައި ނަހުލާގެ 4 ފިލްމު ހިލޭ ދައްކަވައިދެއްވާފައިވެއެވެ. އަދި 1998 ވަނަ އަހަރު ލިޔުންތެރިކަމުގެ ދާއިރާއިން ވާހަކަ ލިޔުމުގެ ރޮނގުން ޢާންމު ޚިދްމަތުގެ ހިތްވަރުދިނުމުގެ އިނާމު ނަހުލާއަށް ވަނީ ލިބިވަޑައިގެންފައެވެ.