އަލްޙާފިޡާ ޢާއިޝަތު ޠޫލާ އަންވަރު
ހުވާސް ށ. މިލަންދޫ

ޕްރީސްކޫލްގައި އުޅުއްވިއިރުން ފެށިގެން ކީރިތި ޤުރްއާން ކިޔެވުމުގެ އެކި މުބާރާތްތަކުގައި ބައިވެރިވެ ވާދަކުރައްވަމުން ގެންދެވުމުގެ ސަބަބުން، ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމަށް ޢާއިޝަތު ޠޫލާ ޝައުޤުވެރިވެވަޑައިގަތެވެ. ޤުރްއާން ކިޔަވަމުން ގެންދެވީ، ރަށުގައި ހިންގާ ކްލާހެއް ކަމަށްވާ "ޢަފާފު ޤުރްއާން ކްލާސް" ގައެވެ. އެ ކްލާހުގެ ޙިފްޡު ގޮފީގައި ބައިވެރިވެވަޑައިގެން، 2018 ވަނަ އަހަރު ޙިފްޡު ކުރެއްވުމުގެ މަސައްކަތް ފެށްޓެވިއެވެ. ޢާންމުގޮތެއްގައި، ޤުރްއާން ހިތުދަސްކުރައްވަނީ، ކޮންމެ ދުވަހަކު ހަވީރާއި ރޭގަނޑުގެ ވަގުތުތަކުގައެވެ. ކީރިތި ޤުރްއާން ހިތުދަސް ކުރައްވައި ނިންމެވީ 2020 ވަނަ އަހަރުއެވެ. އޭރު ޢާއިޝަތު ޠޫލާގެ އުމުރަކީ 19 އަހަރެވެ. ކީރިތި ޤުރްއާން މުރާޖަޢާ ކުރެއްވުމުގައި، ހޭދަކުރެއްވި އަހަރެއްހާ ދުވަހުގެ ތެރޭގައި، ކޮންމެ ދުވަހަކުވެސް ގާތްގަނޑަކަށް 6 ގަޑިއެއްހާއިރު އެކަމަށް ހޭދަކުރެއްވިއެވެ.