އަލްޙާފިޡް މުޙައްމަދު މިތްޔާޙް ސަލްމާން
ހެވަންލީޑް ގދ. ތިނަދޫ

ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގެ ޝައުޤުވެރިކަން އުފެދުނީ، މިތްޔާޙްގެ ޢާއިލާގެ ހަތަރު ބޭފުޅުންނަށް، ކީރިތި ޤުރްއާން ހިތުދަސްކޮށްދެއްވުމަށް، ބައްޕަ ކުރެއްވި މަސައްކަތުންނެވެ. ޤުރްއާން ހިތުދަސްކުރެއްވުމަށް ވަކި ޚާއްޞަ ގަޑިއެއް ނޯވެއެވެ. ފުރަތަމަ 14 ފޮތް ހިތުން ކިޔައިދެއްވީ ކީރިތި ޤުރްއާނާބެހޭ މަރުކަޒަށެވެ. ދިމާވި ސަބަބަކާހުރެ ރަށަށް ބަދަލުވެވަޑައިގަންނަވަން ޖެހިވަޑައިގަތުމުން، ބާކީ އޮތް 16 ފޮތް ދަސްކުރައްވައި ނިންމެވީ ރަށުގައި ހުންނަވައިގެން، މައިންބަފައިންގެ އިރުޝާދާ އެކުގައެވެ. ޤުރްއާން ހިތުދަސްކުރައްވައި ނިންމެވީ 1 އަހަރާއި 8 މަހުންނެވެ. މިކަމަށް މަގު ދައްކަވައި، ޤުރްއާނަށް ލޯބި ޖެއްސުމަށް މަންމައާއި ބައްޕަ ކުރެއްވި މަސައްކަތް މިތްޔާޙް ވަރަށް ބޮޑަށް ފާހަގަކުރައްވައެވެ. އަދި އުސްތާޛުން ބެހެއްޓެވި ގާތްކަމާއި، ދެއްވި ހިތްވަރަށް މިތްޔާޙް ޝުކުރު އަދާކުރައްވައެވެ.