ޕޮލިސް ސާޖަންޓް އިސްމާޢީލް ޝުޖާއު
މ.ސްޕޮޓްލައިޓް

        ލިޔުމާއި ކުރެހުމާއި ފަރުމާކުރުމުގެ ފަންނުގައި އިސްމާޢީލް ޝުޖާޢަކީ މިއަދު ވަރަށްކުރީ ސަފުގައި ހުންނެވި ބޭފުޅެކެވެ. މިކަމުގެ ޝައުޤުވެރިކަން އޭނާގެ ހިތްޕުޅުގައި އުފެދުނީ މަދްރަސީ ދައުރުން ފެށިގެންނެވެ. އެހިސާބުން ފެށިގެން ކުރެހުމުގެ މުބާރާތްތަކުން ތަފާތު އެތައް ވަނަތަކެއް އޭނާވަނީ ރާއްޖޭގައާއި ރާއްޖޭން ބޭރުގައި ހޯއްދަވާފައެވެ. އިންޑިއާގައި ކިޔަވާ ވިދާޅުވާން ހުންނެވިއިރު، އޯލް އިންޑިއާ ކެމަލް ކަލަރ ކޮންޓެސްޓުން 1993 ވަނަ އަހަރު 1 ވަނަ ހޯއްދެވުމާއި، މަނާމް ޓްރޮފީ އާޓްސް އެންޑް ސްޕޯޓްސް ފެސްޓިވަލްގައި ފަންސުރު ކުރެހުމުން މުޅި ޓްރިވެންޑްރަމުން 1 ވަނަ ހޯއްދެވުމާއި، ޖަޔަސްރީ ޔޫތު ފެސްޓިވަލްގައި ފަންސުރު ކުރެހުމާއި، ފެންކުލައިން ކުރެހުމުން 1992 ވަނަ އަހަރާއި 1993 ވަނަ އަހަރު 1 ވަނަ ހޯއްދެވުމާއި، އަދި ސްކޫލް ޔޫތު ފެސްޓިވަލްގައި ކުރެހުމާއި ޕެއިންޓިންގއިން 1993 ވަނަ އަހަރާއި 1994 ވަނަ އަހަރު މުޅި ޓްރިވެންޑްރަމުން 1 ވަނަ ހޯއްދެވުން ހިމެނެއެވެ. މީގެއިތުރުން، 1991 ވަނަ އަހަރު މާލޭގައި އޮތް ފޯރަމް އޮފް ރައިޓަރސް އޮން އެންވަޔަރަންމަންޓްގެ ކުރެހުމުގެ މުބާރާތުންވެސް 1 ވަނަ ހޯއްދަވާފައިވެއެވެ.

      ކުރެހުމުގެ ފަންނުގައި މިއަދު އޭނާ ވަނީ ތަފާތު އެތައް ހަރުފަތްތަކެއް ގިރާކުރައްވާފައެވެ. ފަންސުރު ކުލައާއި، ފެންކުލައާއި، ތެޔޮ ކުލައިން ކުރެއްސެވުމާއި، ކޮމްޕިއުޓަރުން ފަސޭހަކަމާއެކު ތަފާތު ކުރެހުންތައް ކުރެއްސެވުމަކީ، މިރޮނގުގައި އޭނާ ހޯއްދަވާފައިވާ މޮޅު ހުނަރު ފެނިގެންދާ ކަމެކެވެ. މީގެއިތުރުން، ތަފާތު އެތައް ލޯގޯތަކަކާއި، އެކިވައްތަރުގެ ކާޑުތައް ފަރުމާކުރެއްވުމާއި، އެކި ފޮތްތަކުގެ ބޭރުގަނޑު ޑިޒައިން ކުރެއްވުމާއި، ބައެއް ފްލޯޓްތައްވެސް އޭނާ ވަނީ ފަރުމާކޮށްދެއްވާފައެވެ. ޝުޖާޢަށް ލިބިވަޑައިގެންފައިވާ ކުރެހުމުގެ މި ހުނަރު، އެތައް ބަޔަކަށް އޭނާ ގެންދަވަނީ ދަސްކޮށްދެއްވަމުންނެވެ. އޭނާ ހިންގަވާ ކޯސްތަކުގެ ތެރޭގައި، ޑްރޯއިންގ އެންޑް ޕެއިންޓިންގ، ޕޯޓްރެއިޓް ޑްރޯއިންގ އަދި އާޓް އެންޑް ފެބްރިކް ޕެއިންޓިންގ ކޯސްތައް ހިމެނެއެވެ.

     ޝުޖާޢު ފާހަގަކުރެވިފައިވާ އަނެއް ރޮނގަކީ، އުކާލާ ތަކެތިން އެކި ހަދިޔާތައް އުފެއްދެވުމުގެ ރޮނގެވެ. މިތަކެތި އޭނާ ތައްޔާރުކުރައްވަނީ، އެއްވެސް މެޝިނަރީއެއް ބޭނުންނުކުރައްވައި، އަމިއްލަ އަތުންނެވެ. މިގޮތުން، ހަދިޔާއަށްދޭ ތަފާތު ބާވަތްތަކުގެ ތަކެތި، ބޮއްޔާއި، ގަސްގަހުގެ މުލާއި، އުކާލާފައި ހުންނަ ފިލާކޮޅުކޮޅު ބޭނުންކުރައްވައިގެން އޭނާވަނީ ހައްދަވާފައެވެ. ޝުޖާޢަށްވަނީ 2006 ވަނަ އަހަރު ޒުވާނުންގެ ޤައުމީ އިނާމުވެސް ލިބިވަޑައިގެންފައެވެ. 

      އިސްމާޢީލް ޝުޖާޢު މިއަދު ހުންނެވީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސާޖެންޓެއްގެ ރޭންކުގައެވެ. ޕޮލިހުގެ ވަޒީފާގައި އޭނާ އުޅުއްވުމަކީ، އޭނާގެ މިމަސައްކަތަށް އެއްވެސްކަހަލަ ހުރަހެއް އެޅޭނެ ކަމެއް ކަމަކަށް އޭނާ ދެކެވަޑައެއްނުގަންނަވައެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، މިއީވެސް އޭނާގެ ހުނަރު ތަރައްޤީ ކުރުމަށް އޭނާއަށް ލިބިވަޑައިގެންނެވި ވަރަށް ރަނގަޅު ފުރްޞަތެކެވެ.