ޑޮކްޓަރ ވިސާލު މޫސާ
އަންނާރުގަސްދޮށުގެ ކ. ކާށިދޫ

މި އިނާމު މި އެރުވެނީ، ބްރޫނާއީ ދާރުއްސަލާމުގެ ޔުނިވަރސިޓީ ބްރޫނާއީ ދާރުއްސަލާމުން 2020 ވަނަ އަހަރު ޑޮކްޓަރ އޮފް ފިލޯސޮފީ އިން އެޑިޔުކޭޝަން ހާސިލު ކުރައްވައިފައިވާތީއާއި، ޕީ.އެޗްޑީ. އަށް ކުރެއްވި ދިރާސާގެ އެކި ބައިތައް، ބައިނަލްއަޤްވާމީ ޖަރނަލްތަކެއްގައި ޝާއިޢު ކުރައްވައިފައިވާތީއެވެ.

ޑޮކްޓަރ ވިސާލު މޫސާ ޕީ.އެޗް.ޑީ. ހާސިލުކުރެއްވުމަށް ދިރާސާ ކުރައްވައިފައިވަނީ، މުދައްރިސުންގެ "ޕްރޮފެޝަނަލް ލަރނިންގ ކޮމިއުނިޓީ" ނުވަތަ މުދައްރިސްކަމުގެ ފަންނާ ގުޅޭގޮތުން އެކުގައި އުނގެނުމުގެ ސަބަބުން "ކަލެކްޓިވް އެފިކަސީ" ނުވަތަ ވަކި އަމާޒެއް ހާސިލު ކުރުމަށް ކުރަންޖެހޭ ކަންކަން އެކުގައި ކުރެވިދާނެ ކަމަށް ދެކޭ ދެކުމަށް އަންނަ ބަދަލު ދެނެގަތުމުގެ މައްޗަށެވެ. މި ދިރާސާގައި ބައިވެރިކޮށްފައިވަނީ ބްރޫނާއީ ދާރުއްސަލާމުގެ ޕްރައިމަރީ ސްކޫލްތަކުގައި އިނގިރޭސި މާއްދާ ކިޔަވައިދެމުން ގެންދިޔަ 241 މުދައްރިސުންނެވެ. މި ދިރާސާއިން އެނގިގެންދިޔައީ، ޕްރޮފެޝަނަލް ލަރނިންގ ކޮމިއުނިޓީއެއްގެ ގޮތުގައި މުދައްރިސުން މަސައްކަތް ކުރުމުން، މުދައްރިސުންގެ ކަލެކްޓިވް އެފިކަސީއަށް ހެޔޮ ބަދަލެއް އަންނަކަމެވެ. ހަމައެއާއެކު، އެހީތެރި ލީޑަރޝިޕަކާއި، ފަހި މަސައްކަތުގެ ވެށްޓެއް އޮތުމަކީވެސް މުދައްރިސުންގެ ފަންނީ އުނގެނުމަށް މުހިއްމު ކަމެއް ކަމުގައި މި ދިރާސާއިން ހޯދިފައިވެއެވެ.

ޑޮކްޓަރ ވިސާލު މޫސާ ޕީ.އެޗް.ޑީ. ތީސީސްއަށް ކުރެއްވި ދިރާސާގެ އަލީގައި، ތިން ޖަރނަލް އާޓިކަލެއް ވަނީ ބައިނަލްއަޤްވާމީ ޖަރނަލްތަކުގައި ޝާއިޢުކޮށްފައެވެ.

ޑޮކްޓަރ ވިސާލު މޫސާ މިހާރު ހުންނެވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ ރިސަރޗް އެންޑް ޕަބްލިކޭޝަންގައި ސީނިއަރ ލެކްޗަރަރއެއްގެ މަގާމުގައެވެ.