އަލްފާޟިލް ނިޒާރު އިބްރާހީމް
ވ. ތިނަދޫ/ ހޮނޑައިދޫގެ ގ.ގްރީންހައުސް

      ނިޒާރު އިބްރާހީމްގެ ނަމަކީ ރާއްޖޭގެ ކުޅިވަރުގައި ޚާއްޞަކޮށް، ވޮލީގައި ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވިފައިވާ ނަމެކެވެ. މެދުނުކެނޑި ވޮލީ ކުޅުއްވާތާ 19 އަހަރަށްވުރެ ގިނަ ދުވަސްވީއިރު، މިރޮނގުގައި ވަރަށް ގިނަ ކާމިޔާބީތައް އޭނާވަނީ ޙާޞިިލު ކުރައްވާފައެވެ. ނިޒާރު ފާހަގަކުރެވިފައިވަނީ، ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެކިއެކި ވޮލީ މުބާރާތްތަކުގައި އެއްކުޅުންތެރިއަކު އެންމެގިނަ ޢަދަދަކަށް ވޮލީގެ އެކި ވަނަތައް ޙާޞިލުކުރި ކުޅުންތެރިޔާގެ ގޮތުގައެވެ. 

      ވޮލީބޯލް އެސޯސިއޭޝަނުން ބޭއްވެވި 8 ވަނަ، 9 ވަނަ، 10 ވަނަ، 11 ވަނަ، 12 ވަނަ އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޜަންގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާ ވަނީ ހޯއްދަވާފައެވެ. އަދި މިމުބާރާތްތަކުގެ އެހެން ބައެއް މަގާމުތައްވެސް އޭނާވަނީ ޙާޞިލު ކުރައްވާފައެވެ. އެންމެ މޮޅު ސާވަރުގެ މަގާމާއި، އެންމެ މޮޅު ސްޕައިކަރުގެ މަގާމާއި، އެންމެ މޮޅު ޑިގަރގެ މަގާމު ހިމެނެއެވެ. ޤައުމީ މުބާރާތްތަކަށް ބަލާއިރުވެސް ނިޒާރުގެ ކާމިޔާބީތައް މަދެއް ނޫނެވެ. 34 ވަނަ ޤައުމީ ވޮލީބޯޅަ މުބާރާތާއި، 35 ވަނަ ޤައުމީ ވޮލީ މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދިއިރު، ޤައުމީ މުބާރާތްތަކުގެވެސް ތަފާތު މަގާމުތައް ހޯއްދަވާފައިވެއެވެ. މިގޮތުން އެންމެ މޮޅު ރިސީވަރުގެ މަގާމާއި، އެންމެ މޮޅު ސްޕައިކަރުގެ މަގާމާއި، އެންމެ މޮޅު ޑިގަރގެ މަގާމު، އެކިއަހަރުތަކުގައި ލިބިވަޑައިގެންފައިވެއެވެ. އަދި ރިޒޯޓް ވޮލީ މުބާރާތްތަކުންނާއި، ކުންފުނިތަކުގެ މެދުގައި ބޭއްވުނު ވޮލީ މުބާރާތްތަކާއި، ޔޫތުކަޕް މުބާރާތުން ތަފާތު މަގާމުތައް ވަނީ ޙާޞިލު ކުރައްވާފައެވެ. އެކި ކްލަބްތަކަށް ޤައުމީތަށި މިލްކުކޮށްދެއްވުމުގައިވެސް ނިޒާރުގެ ޙަޤީޤީ ބައިވެރިވުން އަތޮޅުތަކަށްވެސް ކުޑައެއް ނޫނެވެ. 

      ރާއްޖޭގެ އެކި ކްލަބްތަކަށް ވޮލީބޯޅަ މުބާރާތްތަކުގެ ތަށި މިލްކުވެގެންދިޔައިރު، އެ ތަށި މިލްކުކޮށްދިނުމުގައިވެސް ނިޒާރުގެ ޙިއްޞާ ވަރަށް ބޮޑެވެ. ދުވަހު ނޫސް ހަވީރުން ހޮވާ އެންމެމޮޅު ވޮލީ ކުޅުންތެރިޔާގެ މަގާމު، 4 އަހަރު އާދެ! 2001، 2003، 2004 އަދި 2007 ވަނަ އަހަަރު ހޯއްދަވާފައިވަނީވެސް ނިޒާރެވެ.

      ނިޒާރަކީ 1999 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާ ދެމެދު ރާއްޖޭގެ ޤައުމީ ވޮލީ ޓީމުގައި ހިމެނުނު މަދު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އެހެން ނަމަވެސް، މިއަދު ޤައުމީ ޓީމުން އޭނާ ވަކިވެވަޑައިގެންފައިވަނީ، އެފުރްޞަތު މިއަދުގެ ޒުވާން ކުޅުންތެރިންނަށް ހޯއްދަވައިދެއްވުމުގެ މަޤްޞަދުގައެވެ. އަދި ޤައުމީ ޓީމުގައި ކުޅުމުގެ ޢުމުރަށްވުރެ އޭނާގެ ޢުމުރު ތަންކޮޅެއް ދޮށިވެއްޖެ ކަމަށް އަމިއްލަފުޅަށް ގަބޫލުފުޅު ކުރައްވައިގެންނެވެ. ނިޒާރަކީ، މާލެއާއި އަތޮޅުތަކުގައި ގިނަ ޢަދަދެއްގެ ކޯޗިން ޕްރޮގްރާމްތައް ހިންގަވައިދެއްވާފައިވާ ބޭފުޅެކެވެ. އަދި މިހާރުވެސް އެމަސައްކަތް އޭނާ ގެންދަވަނީ ކުރައްވަމުންނެވެ. ވޮލީބޯލް އެސޯސިއޭޝަނުން ކުޑަކުދިންނަށް ހިންގަވާ މިނީ ވޮލީ ޕްރޮގްރާމްތަކުގައިވެސް އެކިފަހަރުމަތިން ނިޒާރު ވަނީ އެހީތެރިވެދެއްވާފައެވެ. އަދި ރަށުފެންވަރުގައިވެސް އެކި މުބާރާތްތައް ވަނީ ހިންގަވާފައެވެ.