އަލްފާޟިލް އަރުޝަދު އަޝްރަފް
ހުސްނުހީނާގެ ހއ. ހޯރަފުށި

އަރުޝަދު އަޝްރަފަކީ، 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ތަފާތު ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ކުލަބް، އެސޯސިއޭޝަންތަކުން ހިންގާ އެކިއެކި ޙަރަކާތްތަކުގައި މެދުކެނޑުމެއްނެތި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން، އަރުޝަދު ހިލޭސާބަހަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، ރަށު ފެންވަރުގައި ހިންގޭ އިޖުތިމާޢީ ޙަރަކާތްތަކާއި، ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމްތަކާއި، ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، ޢީދުފަދަ މުނާސަބަތުތައް ފާހަގަކުރުމުގެ ޙަރަކާތްތަކުގެ އިތުރުން، ކާރިސާތަކުން ލިބޭ ގެއްލުންތައް ފޫބެއްދުމަށް ހިންގޭ އެކިއެކި ޕްރޮގްރާމްތަކުގައި އަރުޝަދު ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. މީގެއިތުރުން، ބޭސްފަރުވާގެ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފައިސާގެގޮތުން އެހީވުމަށް ހިންގޭ ޕްރޮގްރާމްތަކާއި، ތިމާވެށީގެ ޕްރޮގްރާމްތަކާއި، ކުޅިވަރުގެ ހަރަކާތްތަކާއި، ކުޅިވަރު މުބާރާތްތައް އިންތިޒާމުކޮށް، ކުޅިވަރު ޓީމުތައް މެނޭޖް ކުރެއްވުމާއި، ސަގާފީ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމާއި، އެ ދާއިރާތަކުން މީހުން ބިނާކުރެއްވުމަކީވެސް އަރުޝަދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

އަރުޝަދުގެ އުފަން ރަށް، ހއ.ހޯރަފުށީގައި އުފައްދައިފައިވާ ހޯރަފުށީ އެޑްވާންސްމަންޓް ސޮސައިޓީ (ހޭޒް)ގެ ރައީސްކަމާއި، ނައިބު ރައީސްކަމުގެ މަގާމު އަރުޝަދު ވަނީ ފުރުއްވައިފައެވެ. އަދި ތަފާތު ގިނަ އިޖުތިމާޢީ ޙަރަކާތްތައް، ރަށު ފެންވަރުގައްޔާއި، އަތޮޅު ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައި ވަނީ ހިންގަވައިފައެވެ. މީގެތެރޭގައި، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިންގ އޮތޯރިޓީ (ޓިވެޓް) އާއެކު، މުޅި ރާއްޖެއަށް ހުޅުވައިލައިގެން ބޭއްވުނު ހުނަރު ޕްރޮގްރާމްގެ ތެރެއިން ލިޔެލާ ޖެހުމާއި، ވެލްޑިންގ ކުރުމާއި، މިނޫންވެސް އާމްދަނީ ލިބޭފަދަ ބައެއް މަސައްކަތްތަކުގެ ތަމްރީނު، ޒުވާނުންނަށް ހޯއްދަވައިދެއްވުމަށް ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ. ހޯރަފުށީ ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ (ހައިޑްސް) ގެ އިސް މެންބަރެއްގެ ގޮތުން، މީހުން ބިނާކުރެއްވުމުގެ ޕްރޮގްރާމްތައްވެސް އަރުޝަދު ވަނީ ހިންގަވައިފައެވެ. އަދި ހޯރަފުށީގައި އެކިއެކި މުނާސަބަތުތަކާ ގުޅިގެން ހިންގޭ ޕްރޮގްރާމްތަކުގައި ހިލޭސާބަހަށް މަސައްކަތް ކުރާނެ ޒުވާނުން އަރުޝަދު ވަނީ ތަމްރީނުކޮށްދެއްވައިފައެވެ.

ކޯވިޑް-19 ބަލީގެ މަޢުލޫމާތު ދުރާލައި ޢާންމުންނަށް ދެއްވުމަށްޓަކައި ހޯރަފުށްޓާއި، އުލިގަމާއި، ތުރާކުނުގައި "ހައިޑްސް" އިން ހިލޭސާބަހަށް ނަގައިދިން އެކިއެކި ސެޝަންތައް އިންތިޒާމުކުރެއްވުމުގައި އަރުޝަދު މަސައްކަތްކުރެއްވިއެވެ. އަދި މީގެ އިތުރުން، އެފް.ސީ. ފްރިގޭޓަރސްއާއި، ބާވީސް ސްޕޯޓްސް ކުލަބާއި، ކުލަބު ގްރީން ސްޓްރީޓްއާއި، ބުރު ސްޕޯޓްސް ކުލަބާއެކު ހިލޭސާބަހަށް މަސައްކަތް ކޮށްދެއްވައިފައި ވެއެވެ. މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަނާއެކު ޒުވާނުންގެ ތަފާތު ޕްރޮގްރާމްތައް، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގުމުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ.

ރާއްޖޭގައި މެންބަރުން އެންމެ ގިނަ އަދި ޙަރަކާތްތެރި މަދަނީ ޖަމުޢިއްޔާކަމަށްވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ހިލޭސާބަހަށް މަސައްކަތްކުރާނެ ލީޑަރުން ބިނާކުރުމަށް ކުރެވުނު މަސައްކަތްތަކުގައި، އަރުޝަދު ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ތަފާތު ސެޝަންތައް ނަންގަވައިދެއްވައިފައި ވެއެވެ. މީގެއިތުރުން، "އެމް.އެން.ޔޫ. ދަރިވަރުންގެ ޔޫނިއަން" ގެ ރައީސްކަން، 2018 ވަނަ އަހަރު ކުރައްވައި، އެ ޖަމުޢިއްޔާގެ އެޑްވައިޒަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި އެ ޖަމުޢިއްޔާގެ ރައީސްކަމުގެ ދައުރުގައި "ލީޑަރސް ގްރޫޕް" ގެ ނަމުގައި އިސްވާރުންގެ ގްރޫޕެއް އުފައްދަވައި، އަރުޝަދު ވަނީ މިއަދާ ހަމައަށް ދެހާހަށްވުރެ ގިނަ އިސްވާރުން ތަމްރީނުކޮށްދެއްވައިފައެވެ. ބައިނަލްއަޤްވާމީ އެކިއެކި ޙަރަކާތްތަކުގައި ދިވެހިރާއްޖެއާއި ޤައުމީ ޔުނިވަރސިޓީ ތަމްސީލު ކުރުމަށް ލިބޭ ފުރުސަތުތަކުގައިވެސް އަރުޝަދު ބައިވެރިވެވަޑައިގެންފައި ވެއެވެ.

މުޅި ރާއްޖެއަށް އަމާޒުކޮށްގެން ޒުވާން ލީޑަރުން ބިނާކުރުމަށް 2015 ވަނަ އަހަރު މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އެކުލަވައިލެއްވި "ޔޫތު ލީޑަރސް ނެޓްވަރކް" ތަމްސީލު ކުރައްވާ މެންބަރެއްގެ ގޮތުން މަސައްކަތް ކުރައްވައި، އެ ނެޓްވާރކްގެ ރައީސްކަމާއި، ސްޕޯކްސްޕަރސަން ކަންވެސް އަރުޝަދުވަނީ ކުރައްވާފައެވެ. މި ނެޓްވާރކްގެ ތެރެއިން ލީޑަރޝިޕް ސެޝަންތައްވެސް އަރުޝަދު ނަންގަވައިދެއްވައިފައިވެއެވެ.

މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19 އާ ގުޅިގެން ރާއްޖެ ފުރަބަންދުކުރަން ޖެހުނު ޙާލަތުގައި ދިމާވި އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށް "އެމް.އެން.ޔޫ. ދަރިވަރުންގެ ޔޫނިއަން" ގެ ފަރާތުން އެކުލަވައިލި ހިލޭސާބަހަށް މަސައްކަތްކުރާ ޓީމުގައި ލީޑަރެއްގެ ދައުރު އަރުޝަދު އަދާކުރައްވައިފައި ވެއެވެ. އަދި މި މަސައްކަތަށް ޒުވާނުން ނެރުއްވުމުގައްޔާއި، މިފަދަ މަސައްކަތްތަކުގައި ބައިވެރިވުމުގެ މުހިންމުކަން ޒުވާނުންނަށް އަންގަވައިދެއްވައި، ހިލޭސާބަހަށް މަސައްކަތް ކުރާނެ އެތައް ޒުވާނުންނެއް، ނޭޝަނަލް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރަށް ތަމްރީނުކޮށްދެއްވުމުގައި، އަރުޝަދުގެ ހިއްސާ ވަރަށްބޮޑެވެ.

ޤައުމިއްޔަތަށް ލޯބި ޖެއްސުމާއި، ޤައުމީ ޙަރަކާތްތަކުގައި ހިލޭސާބަހަށް މަސައްކަތް ކުރާނެ މީހުން ބިނާކުރެއްވުމުގައި، 2015 ވަނަ އަހަރުން ފެށިގެން އަރުޝަދު ގެންދަވަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން، މިނިވަން 50 ގެ ޙަރަކާތްތަކުގެ ތެރެއިން، މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް ޚާއްޞަ ކުރެވުނު "ވަން ނޭޝަން ލައިޓް" ޙަރަކާތަށް 300 އަށްވުރެ ގިނަ ދަރިވަރުން ހޯއްދަވައިދެއްވައި، މި ޙަރަކާތް ރާވައި ހިންގުމުގައި ހިލޭސާބަހަށް އަރުޝަދު މަސައްކަތް ކުރައްވައިފައި ވެއެވެ.