އަލްފާޟިލާ ފާޠިމަތު ސާލިޔާ
ވާރޭވިލާ ހދ. ނޭކުރެންދޫ

ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ފާޠިމަތު ސާލިޔާއަކީ، ރާއްޖޭގައި ބޭއްވޭ އަންހެނުންގެ ފުޓްބޯޅަ މުބާރާތްތަކުގައްޔާއި، ފުޓްސެލް މުބާރާތްތަކުގައި އެންމެ ފާހަގަކުރެވޭ، އެންމެ ހުނަރުވެރި އެއް ކުޅުންތެރިއެވެ. މަދްރަސީ ދައުރުގައި ފުޓްބޯޅަ ކުޅުއްވުމަށްފަހު، އޮފީސްތަކުގެ ޓީމުތަކަށް ކުޅުއްވަން ފެށްޓެވީ 2007 ވަނަ އަހަރުއެވެ. މިގޮތުން، އިންޓަރ އޮފީސް ވިމެންސް ފުޓްބޯޅަ މުބާރާތްތަކުގައި ގިނަ މެޗުތަކެއް ކުޅުއްވުމުގެ އިތުރުން، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ފުޓްބޯޅަ މުބާރާތްތަކުގައްޔާއި، ރަޙްމަތްތެރި ކަމުގެ ފުޓްބޯޅަ މެޗުތަކުގައި ސާލިޔާ ވަނީ ރާއްޖެ ތަމްސީލުކޮށްދެއްވައިފައެވެ. އަދި ފާއިތުވެދިޔަ 13 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ޤައުމީ ޓީމަށާއި، މާލެއާއި އަތޮޅުތަކުގެ ކުލަބުތަކަށް ގިނަ މެޗުތަކެއް ކުޅުއްވައި ކާމިޔާބީތައް ހޯއްދަވައި ދެއްވާފައި ވެއެވެ.

ރާއްޖޭގެ ޤައުމީ އަންހެން ފުޓްބޯޅަ ޓީމުގައި ސާލިޔާ ހިމެނިވަޑައިގެން، 30 އަށްވުރެ ގިނަ މެޗު ކުޅުއްވައި، ގިނަ ގޯލުތަކެއް ޖައްސަވައިދެއްވައިފައި ވެއެވެ. 2012 ވަނަ އަހަރު ބައިނަލްއަޤްވާމީ މުބާރާތެއްގައި ފުރަތަމަފަހަރަށް ދިވެހިރާއްޖޭގެ ޤައުމީ އަންހެން ފުޓްބޯޅަ ޓީމު ބައިވެރިވެ، ކުވައިތުގެ ޓީމާ ވާދަކޮށް ކުޅެ މޮޅުވި ތާރީޚީ މެޗުގައި ސާލިޔާ ދެ ގޯލު ޖައްސަވައިފައި ވެއެވެ. އަދި 2019 ވަނަ އަހަރު ބޭއްވި 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި، އަންހެން ފުޓްބޯޅަ އިވެންޓުން ރާއްޖެ ހޯދި ފުރަތަމަ ބްރޯންޒް މެޑެލް ހޯދައިފައިވަނީ ސާލިޔާގެ ކެޕްޓަންކަމުގެ ދަށުގައެވެ.

ރާއްޖޭގެ ޤައުމީ އަންހެން ފުޓްބޯޅަ ޓީމުގައި ސާލިޔާ ހިމެނިވަޑައިގަތީ، 2007 ވަނަ އަހަރު، އުމުރުން 16 އަހަރުގައެވެ. އޭރު ސާލިޔާއަކީ، ޓީމުގައި ހުރި އެންމެ ހަގު ކުޅުންތެރިޔާއެވެ. 2012 ވަނަ އަހަރު ސާލިޔާ ވަނީ، ޤައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ވައިސް ކެޕްޓަންކަން ކުރައްވައިފައެވެ. އަދި 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު، ޤައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން ކުރެއްވީ ސާލިޔާއެވެ.

އަންހެނުންގެ ފުޓްބޯޅައިގައި، ސާލިޔާގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތަކަކީ، އެފް.އޭ.އެމް. އިން ހޮވާ އަހަރުގެ އެންމެމޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު 2009، 2010 އަދި 2013، މި ތިން އަހަރު ހޯއްދަވައިފައި ވުމެވެ. މީގެއިތުރުން، އެކިއެކި މުބާރާތްތަކުގައި 200 އަށްވުރެ ގިނަ މެޗު ކުޅުއްވައި، 75 އަށްވުރެ ގިނަ މެޗުގެ ކުއީން އޮފް ދަ މެޗުގެ މަގާމު ހާސިލު ކުރައްވައިފައި ވެއެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު، 30 ފަހަރަށްވުރެ ގިނަފަހަރު ހޯއްދަވައި، މުބާރާތުގެ އެންމެގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު 20 ފަހަރު އަދި ފެއަރޕްލޭ ކުޅުންތެރިޔާގެ މަގާމު 5 ފަހަރު ހޯއްދަވައިފައިވެއެވެ. ފުޓްސެލްގެ ގިނަ މުބާރާތްތަކެއްގެ އެންމެމޮޅު 5 ކުޅުންތެރިންގެ ތެރޭގައިވެސް، ސާލިޔާ ހިމެނިވަޑައިގެންފައި ވެއެވެ.

ރާއްޖޭގެ އަންހެން ފުޓްބޯޅައާއި، ފުޓްސެލްގައި ސާލިޔާއަކީ، ކާމިޔާބު ކެޕްޓަނެކެވެ. ޤައުމީ ޓީމަށް ކުޅުއްވަމުން ހޯއްދެވި ކާމިޔާބީތަކުގެ އިތުރުން، މިހާރުވެސް ކުޅުއްވަމުން ގެންދަވާ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފުޓްސެލް ޓީމަށް 4 ފަހަރު ޗެމްޕިއަންކަމާއި، 2 ފަހަރު ރަނަރއަޕްކަން ހޯއްދަވައިދެއްވައިފައި ވެއެވެ. އަދި ސާލިޔާގެ ކެޕްޓަންކަމުގެ ދަށުން ބީ.ޖީ. ސްޕޯޓްސްއަށާއި، ޑަބްލިޔޫ.އެފް.ސީ. ފުޓްސެލް ޓީމަށްވެސް ޗެމްޕިއަންކަން ހޯއްދަވައިދެއްވައިފައި ވެއެވެ. މީގެއިތުރުން 2005 ވަނަ އަހަރު އެފް.އޭ.އެމް. ވިމެންސް ކަޕްގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ޗެމްޕިއަންކަން ހޯއްދަވައިދެއްވުމުގައި ސާލިޔާގެ ހިއްސާ ބޮޑުކަން ފާހަގަކޮށްލަން ޖެހެއެވެ.

ފުޓްބޯޅަ ކުޅުއްވުމުގެ އިތުރުން، ރާއްޖޭގައި އަންހެނުންގެ ފުޓްބޯޅަ ކުރިއެރުވުމަށްވެސް ސާލިޔާ ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ރަށްރަށުގެ ކުދިން މި ކުޅިވަރަށް ނެރުއްވުމުގެގޮތުން އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީއާއި، ޅ.ނައިފަރާއި، ޅ.ކުރެންދުއާއި، ބ.އޭދަފުށްޓާއި، ބ.ގޮއިދޫގައި ކުދިންނަށް ތަމްރީނު ދެއްވައި މެޗުތައް ކުޅުއްވައިފައި ވެއެވެ. މީގެއިތުރުން، ރާއްޖޭގައި ރަޖިސްޓަރީ ކުރެވުނު ފުރަތަމަ އަންހެން ފުޓްބޯޅަ ކުލަބް ނުވަތަ "ވިމެންސް ފުޓްބޯޅަ ކުލަބް" (ޑަބްލިޔޫ.އެފް.ސީ.) އުފެއްދެވުމުގައިވެސް ސާލިޔާ އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ. ސާލިޔާއަކީ މިހާރުވެސް، އެ ކުލަބުގެ ސްޓިއަރިންގ ކޮމިޓީގެ މެންބަރެކެވެ.

ކުޑަކުދިންނަށް ފުޓްބޯޅަ ދަސްކޮށްދެއްވުމުގެ އިތުރުން، ޑަބްލިޔޫ.އެފް.ސީ. އެކެޑަމީގައި ސާލިޔާ ގެންދަވަނީ، ކޯޗެއްގެ ގޮތުގައި ހިލޭސާބަހަށް މަސައްކަތް ކުރައްވަމުންނެވެ. ހަމައެއާއެކު، ބައެއް ސްކޫލްތަކުގައި ބާއްވާ އަންހެންކުދިންގެ ފުޓްބޯޅަ މުބާރާތްތަކުގައި، އެ ސްކޫލްތަކުގެ ޓީމުތަކަށް ސާލިޔާ ކޯޗުކަން ކޮށްދެއްވަމުން ގެންދަވައެވެ. މީގެ އިތުރުން، 2013 ވަނަ އަހަރު ހިރިޔާ ސްކޫލްގެ އިންޓަރހައުސް ފުޓްބޯޅަ މުބާރާތުގައި ކޯޗުކަން ކޮށްދެއްވައި، އެ ޓީމަށް ޗެމްޕިއަންކަން ހޯއްދަވައިދެއްވައި، އެ މުބާރާތުގެ އެންމެމޮޅު ކޯޗުގެ މަގާމު ސާލިޔާ ހާސިލު ކުރައްވައިފައި ވެއެވެ.

ސާލިޔާވަނީ ސްރީލަންކަން ފުޓްބޯލް އެސޯސިއޭޝަނުން ހިންގި ރީޖަނަލް ވިމެންސް ފުޓްބޯލް ކޯޗިންގ ކޯސް، 2010 ވަނަ އަހަރު ފުރިހަމަކުރައްވައިފައެވެ. އަދި ވިމެންސް ފުޓްބޯލް ކޯޗިންގ ކޯސް، ސީ ލައިސަންސްވެސް ހޯއްދަވައިފައެވެ.