އަލްފާޟިލް އިބްރާހީމް މުޙައްމަދު
ހ. ސްނޯޕީކް

އިބްރާހީމް މުޙައްމަދަކީ، ވޭތުވެދިޔަ 28 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގައި ބާސްކެޓް ބޯޅަ ދިރުވައި އާލާކޮށް ކުރިއެރުވުމުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވައިފައިވާ މިހާރުވެސް އެޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ނ. މިލަދުއަށް އުފަން އިބްރާހީމް މުޙައްމަދުގެ ހިތްޕުޅުގައި ބާސްކެޓްބޯޅައަށް ޝައުޤުވެރިކަން އުފެދުނީ 1993 ވަނަ އަހަރު، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގައި ޚިދުމަތް ކުރައްވަން ފެށްޓެވި ހިސާބުންނެވެ. އިބްރާހީމް މުޙައްމަދަކީ، ސިފައިންގޭގެ ބާސްކެޓް ޓީމު، ޑީ.އެސް.ސީ.ގެ މުހިންމު ކުޅުންތެރިއެކެވެ. އަދި ގިނަ މުބާރާތްތަކެއްގައި އެ ޓީމުގެ ކެޕްޓަންކަންވެސް ކުރެއްވިއެވެ.

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި، ޑީ.އެސް.ސީ.ގެ ޓީމުގައި ހިމެނިވަޑައިގެން، ކުޅުއްވި ގިނަ މުބާރާތްތަކުގައި އެންމެ މޮޅު އެއް ކުޅުންތެރިއެއްގެ ގޮތުގައި އިބްރާހީމް މުޙައްމަދު ފާހަގަ ކުރެވިފައި ވެއެވެ. އަދި އެއްވަނަ އެމް.ޑީ.އޭ. އިންޓަރނޭޝަނަލް ބާސްކެޓް ބޯޅަ މުބާރާތުގައި އިބްރާހީމް މުޙައްމަދު ދެއްކެވި މޮޅު ކުޅުމާއެކު، މުބާރާތުގެ ރަނަރއަޕްކަން، ޑީ.އެސް.ސީ. ޓީމު ހާސިލުކުރިއެވެ.

އިބްރާހީމް މުޙައްމަދު ހޯއްދަވަމުން ގެންދެވި ކާމިޔާބީތަކުގެ ނަތީޖާއެއްގެގޮތުން، 2005 ވަނަ އަހަރު ޤައުމީ ބާސްކެޓް ސްކޮޑްގައި އިބްރާހީމް މުޙައްމަދު ހިމެނިވަޑައިގަތެވެ. އަދި އެ އަހަރު ސަޢޫދީ ޢަރަބިއްޔާގައި ބޭއްވުނު ފުރަތަމަ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި ބައިވެރިވި ރާއްޖޭގެ ޤައުމީ ޓީމުން ޖާގަ ކަށަވަރުކުރެއްވިއެވެ.

އިބްރާހީމް މުޙައްމަދު، ސިފައިންގެ ޚިދުމަތުން ވަކިވެވަޑައިގަތުމަށްފަހުގައިވެސް ބާސްކެޓް ކުޅުއްވުން ހުއްޓަވައެއް ނުލައްވައެވެ. މިގޮތުން، ރެޑްލައިން ކުލަބާ ގުޅިވަޑައިގެން، އެޓީމުގެ ކެޕްޓަންކަން ކުރެއްވިއެވެ. އަދި ރާއްޖޭގެ ބާސްކެޓް ބޯޅައިގައި އެންމެ ޝަރަފުވެރި ކާމިޔާބީތަކެއް ހޯދި އެއް ޓީމު ކަމަށްވާ އާރު.އެލް.ސީ، ފުރަތަމަ ޑިވިޜަނުން އަލަށް ޖާގަހޯދީ، އިބްރާހީމް މުޙައްމަދުގެ ކެޕްޓަން ކަމުގައި ދެވަނަ ޑިވިޜަންގައި ވާދަކޮށް، ޗެމްޕިއަންކަން ހޯދައިގެންނެވެ. އޭގެ ފަހުން އިބްރާހީމް މުޙައްމަދު ކުޅުން ހުއްޓަވައިލެއްވުމަށްފަހު، ބާސްކެޓް ބޯޅަ ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ފެށްޓެވިއެވެ. މިގޮތުން، ކޯޗިންގ ކޯސްތަކާއި، ޓޭބަލް އޮފިޝަލްކަމުގެ ތަމްރީނުތައްވެސް ފުރިހަމަކުރެއްވިއެވެ.

ބާސްކެޓް ބޯޅައިގައި އިބްރާހީމް މުޙައްމަދު ފާހަގަވެގެން ދިޔައީ، ކުޅަދާނަ މެނޭޖަރެއްގެ ގޮތުގައެވެ. އާރު.އެލް.ސީ. އިން ގިނަ މުބާރާތްތަކެއްގެ ޗެމްޕިއަންކަން، ހޯދަމުން ގެންދިޔައިރު، ކުލަބުގެ މެނޭޖަރުކަން، އެކިފަހަރުމަތިން ކުރެއްވިއެވެ. އަދި ރާއްޖޭގެ ޤައުމީ ފިރިހެން ސީނިއަރ ބާސްކެޓް ބޯޅަ ޓީމުގެ މެނޭޖަރުކަންވެސް ކުރެއްވިއެވެ. ދެކުނު ކޮރެއާއަށާއި، އިންޑިއާއަށާއި، ބަންގްލަދޭޝްއަށް ދިޔަ ޤައުމީ ބާސްކެޓް ބޯޅަ ޓީމާއެކު، މެނޭޖަރެއްގެ ގޮތުން ވަޑައިގަތީވެސް އިބްރާހީމް މުޙައްމަދެވެ.

އިބްރާހީމް މުޙައްމަދަކީ، ބާސްކެޓް ބޯޅަ ކުރިއެރުވުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެކެވެ. ދިވެހި ބާސްކެޓް ބޯޅައިގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ބޭރުގެ ފަންނީ މާހިރުންގެ އެހީތެރިކަން ހޯއްދަވައިދެއްވިއެވެ. މީގެއިތުރުން، ބިދޭސީ ކުޅުންތެރިންނާއި ކޯޗުން ރާއްޖޭގެ މުބާރާތްތަކަށް ޕްރޮފެޝަނަލުންގެ ގޮތުގައި ގެންނަން ފެށުމުގައި، އިބްރާހީމް މުޙައްމަދު އަދާކުރެއްވި ދައުރު ޚާއްޞަގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ.

ޒުވާން ކުޅުންތެރިން ބާސްކެޓް ބޯޅައިގައި ކުރިއަށް ދިޔުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން އިބްރާހީމް މުޙައްމަދުގެ އެހީތެރިކަން ޒުވާން ޓީމުތަކަށް ދެއްވައިފައިވެއެވެ. އަދި އިބްރާހީމް މުޙައްމަދުގެ މޭސްތިރިކަމުގައި ގިނަ ޓީމުތަކެއް ވުޖޫދަށް ނެރުއްވިއެވެ. މިގޮތުން، ރާއްޖޭގެ މިހާރުގެ ބާސްކެޓް ޗެމްޕިއަން ޓީމު، ކިންގ ބާސްކެޓްބޯލް ކުލަބާއި، އެ ޓީމުގެ ތެރެއިން އުފެދުނު ރޯޔަލްސް ބާސްކެޓްބޯލް ކުލަބުގެ މުއައްސިސަކީވެސް އިބްރާހީމް މުޙައްމަދެވެ.

ކިންގ ބާސްކެޓްބޯލް ކުލަބު އުފެއްދުމުގެ ތެރެއިން އިބްރާހީމް މުޙައްމަދު ވަނީ ރާއްޖޭގެ ބާސްކެޓްބޯޅައަށް ޕްރޮފެޝަނަލް ކަންތައްތަކެއް ތަޢާރުފުކޮށްދެއްވައިފައެވެ. މިގޮތުން، ޓީމުގެ ހުރިހާ ކުޅުންތެރިންނާ ކޮންޓްރެކްޓް ހައްދަވައި، މުސާރަ ދެއްވުމުގެ އިތުރުން، ފިލިޕީންސްގެ ކޯޗުންގެ އިރުޝާދާ އެކީގައި ބައިނަލްއަޤްވާމީ އެކެޑަމީތަކާއި، ބާސްކެޓްބޯޅަ އެޖެންސީތަކާ ގުޅުން ބަދަހިކުރައްވައި، ކުޅުންތެރިންގެ އިންޝުއަރެންސާއި ބޭސްފަރުވާގެ ކަންތައްތައް، ކިންގ ބާސްކެޓްބޯލް ކުލަބުން ހަމަޖައްސަމުން ގެންދާކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެއިތުރުން، ޒުވާން ކުޅުންތެރިން، ކޮންޓްރެކްޓެއްގެ ދަށުން ތަމްރީނު ކުރުމުގެ ހުރިހާ ކަމެއް، ކުލަބުން ހަމަޖެއްސުމުގެ އުސޫލުވެސް ތަޢާރުފު ކުރެއްވީ އިބްރާހީމް މުޙައްމަދެވެ.