ޑޮކްޓަރ މުޙައްމަދު ކިނާނަތު
މއ. ބޮޑުދަހަރާގެ

ޑޮކްޓަރ މުޙައްމަދު ކިނާނަތަކީ، މުވާޞަލާތާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މިހާތަނަށް ވަރަށްގިނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ އަދި މިހާރުވެސް އެ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ.

ޑޮކްޓަރ މުޙައްމަދު ކިނާނަތު، ޕީ.އެޗް.ޑީ. ހާސިލު ކުރެއްވީ، ނިއުޒީލެންޑްގެ ވިކްޓޯރިއާ ޔުނިވަރސިޓީ އޮފް ވެލިންގޓަން އިން "އިންފޮމޭޝަން ސިސްޓަމްސް" ގެ ރޮނގުންނެވެ. އަދި އީ-ކޮމާސްގެ ރޮނގުން މާސްޓަރޒް ހާސިލު ކުރެއްވީ، އޮސްޓްރޭލިއާގެ ގްރެފިކް ޔުނިވަރސިޓީއިންނެވެ. މާސްޓަރޒްއަށް ކިޔަވައިވިދާޅުވަމުން ގެންދެވިއިރު ކުރެއްވި ހިތްވަރާއި، އާދަޔާ ޚިލާފު މަސައްކަތްތައް ފާހަގަކުރައްވައި، އޮސްޓްރޭލިއާގެ ގްރެފިކް ޔުނިވަރސިޓީއިން ވަނީ "ގްރެފިކް އެވޯޑް އޮފް އެކެޑަމިކް އެކްސެލެންސް-2004" އެވޯޑު ދެއްވައިފައެވެ. އަދި މާސްޓަރޒް ފުރިހަމަކުރައްވައި ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި، ވިލާ ފައުންޑޭޝަނުން 2007 ވަނަ އަހަރު ވަނީ "ޤާސިމް އިބްރާހީމް އެވޯޑް ފޮރ އެކެޑަމިކް އެކްސެލެންސް" ދެއްވައިފައެވެ.

ޑޮކްޓަރ މުޙައްމަދު ކިނާނަތަކީ، ޢިލްމީ ދިރާސާތައް ކުރައްވައި، ދަރިވަރުންނަށް އުނގަންނައިދެއްވުމުގައި ފަޚްރުވެރި ތާރީޚެއް އޮތް ބޭފުޅެކެވެ. މިގޮތުން، ދިވެހިރާއްޖޭގައި މަތީ ތަޢުލީމުދޭ މަރުކަޒުތަކުގައި، 27 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަނީ ކިޔަވައިދެއްވައިފައެވެ. މީގެތެރޭގައި، މަތީ ތަޢުލީމުގެ ދާއިރާ ކުރިއެރުވުމާއި، ތަމްރީނު ދިނުމާއި، އެކިއެކި ދިރާސާތައް ކުރެއްވުން ހިމެނެއެވެ. އައި.ސީ.ޓީ. އަދި ކޮމްޕިއުޓަރ ސޮފްޓްވެއަރ އެޕްލިކޭޝަންސްގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 33 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. އައި.ސީ.ޓީ.އާއި، ކޮމްޕިއުޓަރ އެޕްލިކޭޝަންސް ތަރައްޤީ ކުރެއްވުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ކިނާނަތު ވަނީ ކުރައްވައިފައެވެ. ސޮފްޓްވެއަރ އުފެއްދެވުމާއި، ސޮފްޓްވެއަރ އެޕްލިކޭޝަންސްތައް ތަރައްޤީ ކުރައްވައި އަދި ވަރަށްގިނަ، ބޮޑެތި ސޮފްޓްވެއަރ ޕްރޮޖެކްޓްތަކުގެ ކޮންސަލްޓަންޓެއްގެ ދައުރުވެސް ކިނާނަތު އަދާކުރައްވައިފައިވެއެވެ.

ޑޮކްޓަރ މުޙައްމަދު ކިނާނަތު، އެކިއެކި ލެކްޗަރތައް ދެއްވައިފައިވާ ތަންތާނގެ ތެރޭގައި، ނިއުޒީލެންޑްގެ ވިކްޓޯރިއާ ޔުނިވަރސިޓީ އޮފް ވެލިންގޓަނާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، ވިލާ ކޮލެޖާއި، މެޕްސް ކޮލެޖްފަދަ ތަންތަން ހިމެނެއެވެ. އެ މަރުކަޒުތަކުގައި ދިހަހާހަށްވުރެ ގިނަ ދަރިވަރުންނަށް އެކި ރޮނގުރޮނގުން ތަމްރީނުތައް ދެއްވައިފައި ވެއެވެ. މީގެތެރޭގައި، އިންފޮމޭޝަން ޓެކްނޮލޮޖީއާއި، އިންފޮމޭޝަން ސިސްޓަމްސް، އީ-ބިޒްނަސްއާއި، އީ-ކޮމާސް އަދި އެޑިޔުކޭޝަންފަދަ ދާއިރާތައް ހިމެނެއެވެ.

ޑޮކްޓަރ މުޙައްމަދު ކިނާނަތުގެ ޢިލްމީ މަސައްކަތްތައް ފެށިގެން އައީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަޒީފާ އަދާކުރައްވަމުން ގެންދެވި ދުވަސްވަރުއެވެ. އެ އޮފީހުގައި ޚިދުމަތް ކުރެއްވިއިރު، ސަރުކާރު މުވައްޒަފުންގެ "އެމްޕްލޯއީ މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް" ތައްޔާރުކުރެއްވުމުގައިވެސް މުހިންމު ދައުރެއް އަދާކުރައްވައިފައިވެއެވެ.

އިންފޮމޭޝަން ޓެކްނޮލޮޖީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި، ދިވެހިރާއްޖޭގައި ހުންނަ ޔުނިސެފް މޯލްޑިވްސްގެ އޮފީހުގައި، ދެ އަހަރަށްވުރެ ގިނަދުވަހު، ޑޮކްޓަރ ކިނާނަތު މަސައްކަތް ކުރައްވައިފައިވެއެވެ. ޑޮކްޓަރ ކިނާނަތަކީ، ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީގެ ޑީންގެ މަގާމު ފުރުއްވައިފައިވާ، މިހާރު ވިލާ ކޮލެޖުގެ ރެކްޓަރސް އޮފީހުގެ ޑައިރެކްޓަރެވެ. ވިލާ ކޮލެޖުގެ ސީނިއަރ މެނޭޖްމަންޓުގައި މަސައްކަތް ކުރައްވާތާ މިހާރު 10 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ވިލާ ކޮލެޖުގެ ސްޓޫޑެންޓް އިންފޮމޭޝަން ސިސްޓަމް ތަރައްޤީ ކުރެއްވުމުގެ ޕްރޮޖެކްޓްގައްޔާއި، ވިލާ ކޮލެޖުގެ ލަރނިންގ މެނޭޖްމަންޓް ސިސްޓަމް ތަރައްޤީ ކުރެއްވުމުގައްޔާއި، ސޮފްޓްވެއަރ ފަރުމާ ކުރުމާއި، އިތުރަށް ތަރައްޤީ ކުރުމުގެ ޕްރޮޖެކްޓްގެ އިސް ބޭފުޅަކީވެސް ޑޮކްޓަރ މުޙައްމަދު ކިނާނަތެވެ.

ޑޮކްޓަރ ކިނާނަތަކީ، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކަށްވެސް ކޮންސަލްޓަންސީގެ ޚިދުމަތް ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މީގެތެރޭގައި، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ އިންޑިޕެންޑެންޓް އިންފޮމޭޝަން ޓެކްނޮލޮޖީ ކޮންސަލްޓަންޓެއްގެ ގޮތުން 1 އަހަރު ދުވަހަށް ޚިދުމަތް ދެއްވުމާއި، މި ޕްރޮޖެކްޓް ނިމެންދެން ހިލޭ ކޮންސަލްޓެންސީ ދެއްވުމާއި، މެޑިފްލެކްސް ޕްރައިވެޓް ލިމިޓެޑުގެ ކްލިނިކަލް މެނޭޖްމަންޓް އެންޑް އިންފޮމޭޝަން ސިސްޓަމާއި، ލެބޯރެޓަރީ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމާ ބެހޭގޮތުން ކޮންސަލްޓަންސީ ދެއްވުމާއި، ކުރީގެ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ ޓްރޭނިންގ މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް ސޮފްޓްވެއަރ މަސައްކަތުގައި ކޮންސަލްޓަންސީ ދެއްވުން ހިމެނެއެވެ. މިހާރު ޢަމަލުކުރަމުންގެންދާ ޤާނޫނުއަސާސީގެ ދަށުން ރާއްޖޭގައި ފުރަތަމަ ބޭއްވުނު ޕާލަމެންޓަރީ އިންތިޚާބުގައި ބޭނުންކުރުމަށް ކޮމްޕިއުޓަރ ސޮފްޓްވެއަރ އެޕްލިކޭޝަނެއް ތަރައްޤީކޮށްދެއްވައި، ސަރުކާރުގެ އޮފީސްތަކާއި، އަމިއްލަ ފަރާތްތަކުގެ އިންފޮމޭޝަން ޓެކްނޮލޮޖީއާއި، ބިޒްނަސް ޕްރޮގްރާމްތަކުގައި ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައި ވެއެވެ.

ޑޮކްޓަރ ކިނާނަތަކީ، ވަރަށްގިނަ ދަރިވަރުންނަށާއި، ކޮލެޖް ޔުނިވަރސިޓީތަކާއި، ސަރުކާރުގެ އޮފީސްތަކުން ހިންގާ ކޯސްތަކާއި، ތަމްރީނު ޕްރޮގްރާމް ތަކުގައި، ހިލޭސާބަހަށްވެސް މަސައްކަތް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނާއި، ވިލާ ކޮލެޖާއި، އައި.ސީ.ޓީ.އާއި ބިޒްނަސްއާ ގުޅުންހުރި ކޯސްތައް ފުރިހަމަކުރާ ދަރިވަރުންނަށް ޑިސަރޓޭޝަންއާއި، އެސައިންމަންޓްތައް ހެދުމުގައި އެހީތެރިވެދެއްވުމާއި، ހިލޭ ގައިޑެންސް ދެއްވުން ހިމެނެއެވެ.