އަލްފާޟިލާ ފާޠިމަތު ޝިފާ މޫސާދީދީ
ސަރާސަރުގެއާގެ ސ. ހިތަދޫ

ފާޠިމަތު ޝިފާ މޫސާދީދީ މަސައްކަތްތެރިކަމުގެ ދާއިރާއިން ކުރައްވާ އެންމެ މުހިންމު މަސައްކަތަކީ، ކޭކު އަޅުއްވައި ކޭކު ޒީނަތްތެރި ކުރެއްވުމުގެ މަސައްކަތެވެ. މި މަސައްކަތް މީގެ 16 އަހަރު ކުރިން ފެށްޓެވިއިރު، ފުރަތަމަ ދުވަހުވެސް ޢަޒުމެއްގެ ގޮތުގައި ކަނޑައެޅުއްވީ، ދިރިއުޅުމުގައި އެހެން މީހަކަށް ބަރޯސާނުވެ، އަމިއްލަ ފައިމައްޗަށް ތެދުވެވަޑައިގެން، އެ މަސައްކަތުގައި ދެމިހުންނެވުމަށެވެ.

ކޭކު އެޅުއްވުމާއި، ކޭކު ޒީނަތްތެރިކުރެއްވުމުގެ މަސައްކަތުގެ ތެރެއަށް ޝިފާ ވެދެވަޑައިގަތީ 1999 ވަނަ އަހަރު ސ.ހިތަދޫގައި ބޭއްވި ބޭސިކް ކޭކް ޑެކަރޭޓިންގ ކޯސް ފުރިހަމަ ކުރެއްވުމަށްފަހު، މި މަސައްކަތަށް ޝައުޤުވެރިކަން އުފެދި، އިތުރަށް ދަސްކުރައްވައި އާމްދަނީ ހޯއްދެވުމުގެ ނިޔަތުގައެވެ. އަދި 2006 ވަނަ އަހަރު، ޝުގަރ ފްލާވަރ އަދި ވެޑިންގ ކޭކު ކޯހެއް ފުރިހަމަ ކުރެއްވިއެވެ. މި މަސައްކަތް ފެށިގެން އައީ، ގޭގައި ވަރަށް އާދައިގެ ގޮތަކަށެވެ. މިގޮތުން އެންމެ ފުރަތަމަ ފާހަގަކޮށްލެވޭ ކަހަލަ ކޭކެއް ޝިފާ ހެއްދެވީ ޢާއިލާގެ ބޭފުޅެއްގެ ކައިވެނީގެ ޙަފްލާއަކަށެވެ. ޝިފާ ހެއްދެވި އެ ކޭކު ޒީނަތްތެރި ކުރައްވައިފައިވާ ގޮތުން ގިނަ ބައެއްގެ ތަޢުރީފު ޝިފާއަށް ލިބުނެވެ. އޭގެފަހުން ވިޔަފާރީގެ ގޮތުން މި މަސައްކަތް ކުރައްވަން ފެށްޓެވީއެވެ. އަދި މި މަސައްކަތް ތަރައްޤީކޮށް ފުޅާކުރައްވަމުން ގެންދެވީ ވަރަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަމާ އެކުގައެވެ. މި މަސައްކަތުގައި ކުރިއަށް ވަޑައިގަތުމަށް ލިބިވަޑައިގެންނެވި އެންމެބޮޑު ހިތްވަރަކީ، ޢާއިލާގެ ބޭފުޅުންނާއި، ރައްޓެހިންގެ އެހީތެރިކަމާއި އެއްބާރުލެއްވުމާއެކު، ކަސްޓަމަރުންގެ ފަރާތުން ލިބެމުންދިޔަ ތަޢުރީފެވެ. އަދި އެއްބަޔަކު ތަކުރާރުކޮށް ކޭކަށް އޯޑަރު ދެމުން ގެންދިޔުމުގެ ސަބަބުން ކުރިއަށް ވަޑައިގަތުމަށް އިތުރު ހިތްވަރަކާއި ހިތްހަމަޖެހުން ޝިފާއަށް ލިބިވަޑައިގަތެވެ. އޯޑަރުތައް ގިނަވެ، ކަސްޓަމަރުން ގިނަވުމުގެ ސަބަބުން ގޭގައި މި މަސައްކަތް ކުރުމަށް ދަތިފުޅުވިއެވެ. ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ކޭކަށް އޯޑަރު ދިނުމަށާއި، އެކި ރަހަތަކުގެ ކޭކު ވަގުތުން ގަންނަން ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމުގެގޮތުން 2016 ވަނަ އަހަރު "ފްރުޓީ މެލޯ ކޭކްސް" ގެ ނަމުގައި މާލޭގައި ފިހާރައެއް ހުޅުއްވައި އެތަނުން ޚިދުމަތް ދެއްވަން ފެށްޓެވިއެވެ.

ކޭކު އެޅުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ޝިފާއަށް އެންމެ ފާހަގަކުރެއްވުނު އެއްކަމަކީ، ކޭކުއަޅަން ބޭނުންކުރާ ތަކެއްޗާއި، ކޭކު ޒީނަތްތެރިކުރަން ބޭނުންވާ އެއްޗެއްސާއި، ކުޑަކުދިންގެ ޕާޓީތައް ޒީނަތްތެރިކުރުމަށް ބޭނުންވާ ތަކެތި ރާއްޖެއިން ލިބެން ނެތްކަމެވެ. އަދި އެކަމަށް ޙައްލެއް ގެންނެވުމުގެ ގޮތުން، އަމިއްލަ ބޭނުމަށާއި، މި މަސައްކަތްކުރާ އެހެން މީހުންނަށް ފަސޭހަ ކަމާއެކު ހެޔޮ އަގެއްގައި ކޭކާއި، ކޭކު ޒީނަތްތެރި ކުރުމަށް ބޭނުންވާ ހުރިހާ އެއްޗެތި ހެޔޮ އަގެއްގައި ލިބޭނެ މަގު ފަހިކޮށްދެއްވުމަށްޓަކައި 2019 ވަނަ އަހަރު "ފްރުޓީ މެލޯ ކޭކްސް-2"ގެ ނަމުގައި ދެވަނަ ފިހާރައެއް މާލޭގައި ހުޅުއްވިއެވެ.

"ފްރުޓީ މެލޯ ކޭކްސް" އިން ދޭ ޚިދުމަތްތަކުގެ ތެރޭގައި، ހުރިހާ މުނާސަބަތަކާ ގުޅޭ ގޮތަށް ތަފާތު ފަރުމާތަކަށް އޯޑަރު ދިނުމުން ކޭކު އަޅައި ޒީނަތްތެރިކޮށްދިނުމާއި، ޕާޓީތަކުގެ ޑެޒަޓް ޓޭބަލް ތައްޔާރުކޮށް ޒީނަތްތެރިކޮށްދިނުންފަދަ ކަންތައްތައް ހިމެނެއެވެ. އަދި ރީތި ފަރުމާތަކުގެ އެކި ރަހަތަކުގެ ކޭކު ވަގުތުން ގަންނަން ލިބެން ހުރުމާއެކު، އަމިއްލަފުޅަށް ޕާޓީ ޒީނަތްތެރިކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ތަފާތު ވައްތަރުގެ ޑެޒަޓްސްއާއި، ކޭކު ޓޮޕާރސްއާއި، ކޭކު ޓޯއިސްއާއި، ބެނަރ ފަދަ ތަކެތި "ފްރުޓީ މެލޯ ކޭކްސް" ފިހާރައިން ލިބޭނެ އިންތިޒާމު ހަމަޖެހިފައި ވެއެވެ.

މަސައްކަތުގައި ގިނަ ވަގުތު އުޅުއްވަން ޖެހިވަޑައިގަތުމާއި، މަސައްކަތުގެ ބުރަކަމުން ކޭކު އެޅުމުގެ މާގިނަ މުބާރާތްތަކެއްގައި ޝިފާއަށް ބައިވެރިވެވަޑައެއް ނުގެންނެވެއެވެ. ނަމަވެސް، 2008 ވަނަ އަހަރު ބޭއްވި ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި ބައިވެރިވެވަޑައިގެން "އޮން ދަ ސްޕޮޓް ކޭކު ޑެކަރޭޓް ކުރުމުގެ ކެޓަގަރީ" އިން ދެވަނައާއި، 2017 ވަނަ އަހަރު ބޭއްވި "ހީވާގި ކަނބަލުން"ގެ މަޢުރަޒުން ތަފާތު ފަރުމާތަކަށް ކޭކު އެޅުމުގެ ދާއިރާއިން ތިންވަނަ ހާސިލު ކުރައްވައިފައި ވެއެވެ.

ރާއްޖޭގައި ޤައުމީ ފެންވަރުގައި ބާއްވާ ބައެއް ޙަފްލާތަކަށާއި، ކުންފުނިތަކުން ބާއްވާ އެކިއެކި ޙަފްލާތަކަށް ޝިފާ ކޭކު އަޅުއްވައި ޒީނަތްތެރިކޮށްދެއްވައެވެ. މިގޮތުން، 2015 ވަނަ އަހަރު، ރައިވެރިޔާ ޕާކު ހުޅުވުމުގެ ރަސްމިއްޔާތަށް ތައްޔާރުކުރެއްވި 10 ފޫޓު 2 ފޫޓުގެ ކޭކާއި، 2015 ވަނަ އަހަރު އާޓިފިޝަލް ބީޗްގައި ބޭއްވި ކުޑަކުދިންގެ ހަވީރަށް ތައްޔާރުކޮށްދެއްވި 4 ފޫޓު 4 ފޫޓުގެ ކޭކާއި، 2017 ވަނަ އަހަރު ރަސްފަންނު ހުޅުވުމުގެ ރަސްމިއްޔާތަށް އަޅުއްވައި ޒީނަތްތެރިކުރެއްވި 12 ފޫޓު 2 ފޫޓުގެ ކޭކަކީ، ޝިފާގެ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ.

ޝިފާވަނީ، ކޭކުއަޅަން ދަސްކުރަން ބޭނުންވާ ބައެއް ދަރިވަރުންނަށް ހިލޭސާބަހަށް މަސައްކަތް ދަސްކޮށްދެއްވައިފައެވެ. މިގޮތުން، ސްކޫލްތަކުގެ ކުދިންނަށް ބޭސިކް ކޭކު ޑެކަރޭޝަންގެ ކުރު މުއްދަތުގެ ކޯސްތައް ހިންގަވައިދެއްވައިފައި ވެއެވެ. މީގެތެރޭގައި،2015 ވަނަ އަހަރު ހިންގެވި ބޭކިންގ އެންޑް ޑެކަރޭޝަންގެ ކޯސް 1 އާއި، ކޯސް 2 ހިމެނެއެވެ. މި ދެ ކޯހުގައި 7 ފްލޭވަރއެއްގެ ކޭކުއަޅަން ދަސްކޮށްދެއްވިއެވެ.

މަސައްކަތްތެރިކަމުގެ ރޮނގުން މި އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ޝިފާއަށް ލިބިވަޑައިގަތުމަކީ، މި ރޮނގުން އިތުރަށް ކުރިއަށް ވަޑައިގަތުމަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު ހިތްވަރެއް ކަމަށް ޝިފާ ދެކެވަޑައިގަންނަވައެވެ.