އަލްފާޟިލް މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
ސ.ފޭދޫ/ ސުތުލިމާގެ

        މުޙައްމަދު ސަޢީދު މޫސާ ވަޖުދީގެ ލިޔުއްވުންތައް، އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ ފެނިގެން ދިޔައީ، 1984 ވަނަ އަހަރު ނެރެން ފެށި "ޒުވާނުންގެ ޙަރަކާތް" މި ނޫހުންނެވެ. "ހަވީރު" ނޫހާ ވަޖުދީ ގުޅިވަޑައިގަތީ 1985 ވަނަ އަހަރުއެވެ. "ހަވީރު" ނޫހުގައިވެސް ފުރަތަމަ ލިޔުއްވަން ފެށްޓެވީ، ކުޅިވަރު ޚަބަރުތަކާއި ރިޕޯޓުތަކެވެ. އެހެންކަމުން، ވަޖުދީއަށް މިދާއިރާއަށް ވެދެވަޑައިގެންނެވުނީ، ކުޅިވަރުގެ އެކި ޚަބަރުތައް ލިޔުއްވާ ލިޔުންތެރިއެއްގެގޮތުންކަމަށް ދެންނެވިދާނެއެވެ.

      ރާއްޖޭގެ މިހާރުގެ ނޫސްތަކުގައި ލިޔަމުންދާގޮތަށް، ކުޅިވަރު ޚަބަރުތައް ފުރަތަމަ ލިޔެ ތަޢާރުފް ކުރެއްވި ބޭފުޅަކީ ވަޖުދީކަމަށް އޭނާ ވިދާޅުވެއެވެ. ވަޖުދީ "ހަވީރު" ނޫހުގެ އެކްޓިންގ އެޑިޓަރެއްގެ ގޮތުން ނޫސް ހިންގުމުގެ މަސައްކަތް، ހަވީރުގެ މެނޭޖްމެންޓުން އޭނާއާ ޙަވާލުކުރެއްވީ 1988 ވަނަ އަހަރުއެވެ.

     ވަޖުދީގެ މަސްއޫލުވެރިކަމުގެ ދަށުން 1990 ވަނަ އަހަރު ނެރެން ފެށުނު ހަފްތާ މަޖައްލާ "ހުކުރު" އަކީ ސިޔާސީ ހޭލުންތެރިކަން އުފައްދައި، ރާއްޖޭގައި ހަރުދަނާ ޤާނޫނުއަސާސީއެއް އެކުލަވާލައި، ފުރިހަމަ ޑިމޮކްރަސީ ވެރިކަމެއް ޤާއިމުކޮށް، ރައްޔިތުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށްހިތައި، ހެވާއި ލާބައަށް މަސައްކަތް ކުރުމަށް ސަރުކާރަށް ގޮވާލައި އެކި ލިޔުންތައް ޝާއިޢުކުރަމުން ގެންދިޔަ މަޖައްލާއެކެވެ. އަދި ރާއްޖޭގެ ކުރީގެ ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރަށް، މި ޤައުމުން ލިބިވަޑައިގަންނަވަންޖެހޭ ޙައްޤު މަގާމު ހޯއްދަވައިދެއްވުމަށް، މި މަޖައްލާ މެދުވެރިކުރައްވައި އޭނާ ކުރެއްވި މަސައްކަތްތައް ވަރަށް ފުރިހަމައަށް ކާމިޔާބު ކުރެއްވުނުކަމަށް ވަޖުދީ ދެކެވަޑައިގަންނަވައެވެ. މި ވޭތުވެދިޔަ އަހަރުތަކުގައި އޭނާ ލިޔުއްވި އެކިއެކި ލިޔުއްވުންތަކާ ގުޅިގެން އެތައް ފަހަރަކު ޖަލުގައި ހައްޔަރުކުރައްވައި، ތަފާތު އަދަބުތައް ލިބިވަޑައިގެންފައިވެއެވެ.

       ވަޖުދީ "ހަވީރު" ނޫހަށް މިހާރު ޚިދްމަތް ކުރައްވަމުން ގެންދަވަނީ، އޭނާގެ އުފަން އަތޮޅު، އައްޑުއަތޮޅުގައި ހުންނަވައިގެންނެވެ. އައްޑުއަތޮޅުގައި ނެރުނު "މާވަސް" މަޖައްލާއަށް ލިޔުއްވައި، އެސިސްޓެންޓް އެޑިޓަރުކަން ކުރެއްވިއެވެ. ހަވީރު އައްޑޫ ބިއުރޯއިން ނެރުނު "ހަވީރު ދެކުނު" ނެރުއްވުމާއި، "ހުވާސް" މަޖައްލާ ލިޔުއްވުމާއި، އެ މަޖައްލާގެ އެކްޓިންގ އެޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެއެވެ. އަދި ނޫސްވެރިން ތަމްރީނު ކުރެއްވުމުގެ ކޯސްތައް، އައްޑުއަތޮޅުގައާއި ފުވައްމުލަކުގައިވެސް ވަޖުދީ ވަނީ ހިންގަވާފައެވެ.

      ވަޖުދީއަކީ، ބައެއް ފޮތްތައް ޝާއިޢު ކުރައްވާފައިވާ ބޭފުޅެކެވެ. މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޕެލޭއާ ބެހޭގޮތުންނާއި، ޢިރާޤުގެ ކުރީގެ ރައީސް ޞައްދާމް ޙުސައިންގެ ވެރިކަމާއި އޭނާގެ ޙަޔާތާ ބެހޭގޮތުން ފޮތެއް ނެރުއްވާފައިވެއެވެ. އަދި ތަރުޖަމާ ކުރައްވައިގެން ދިގު 10 ވާހަކަ ފޮތް ނެރުއްވާފައިވެއެވެ.

      ހިތްވަރުދިނުމުގެ ޤައުމީ އިނާމެއް، މިއަދު ވަޖުދީއަށް ލިިބިވަޑައިގަންނަވާއިރު އޭނާގެ ޢަޒުމަކީ، ނޫސްވެރިކަމަކީ ޒިންމާދާރު މަސައްކަތެއް ކަމަށް ބައްލަވައިގެން، ކުރިމަގުގައިވެސް މިދާއިރާގައި އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވުމެވެ.