ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމުޢިއްޔާއަކީ، ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި ހއ.އިހަވަންދޫގެ ތަރައްޤީއަށާއި، ކުރިއެރުމަށާއި، ރަށުގެ އިޖުތިމާޢީ ހާލަތު ރަނގަޅުކުރުމަށް ރައްޔިތުންނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އަދި ކުރަމުންދާ ނަމޫނާ ޖަމުޢިއްޔާއެކެވެ. 1996 ވަނަ އަހަރު، ހއ.އިހަވަންދޫ ސަބްދެލިގޭ އަލްފާޟިލް މުޙައްމަދު ޢަބްދުﷲ އާއި، ހެންވޭރު ރިވޯޑު އަލްމަރްޙޫމް ޙުސައިން ޒުހައިރުގެ މުއައްސިސްކަމުގެ ދަށުން އުފެދިގެން ދިޔަ "އިމަގު" ޖަމުޢިއްޔާ ވުޖޫދުވީ، މަސްވެރި އާއިލާތަކަށް ޚިދުމަތްކޮށް މަސްވެރި އާއިލާތައް ބާރުވެރިކުރުވުމާއެކު، މަސްވެރިންގެ ލާބަޔާއި މަންފާއަށް ޚިދުމަތްކުރުމުގެ މަޤުޞަދުގައެވެ.

360 އަށްވުރެ ގިނަ މެންބަރުން ހިމެނޭ އިމަގު ޖަމުޢިއްޔާއިންވަނީ، އިހަވަންދޫގެ ޢުމްރާނީ ތަރައްޤީއަށާއި، މީހުން ބިނާކުރުމަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި ކުރީ ސަފުގައި ޙަރަކާތްތެރި ވެފައެވެ. އެ ޖަމުޢިއްޔާއަކީ، ޒުވާނުން ބިނާކުރުމަށް ޒަމާނާ އެއްގޮތަށް ހިންގުމުގެ ނިޒާމަށް ބަދަލުތައް ގެނެސްގެން ކުރިއަށްދާ ޖަމުޢިއްޔާއެކެވެ. މިގޮތުން، ޖަމުޢިއްޔާގެ ހިންގުން ހަރުދަނާކުރުމަށާއި މީހުން ބިނާކޮށް، އިސްވާރުން އުފެއްދުމުގެ މަޤްޞަދުގައި ޖަމުޢިއްޔާ މިހާރު ހިންގަމުން ގެންދަނީ 5 ގޮތްޕެއް އުފައްދައިގެން ގޮފިތަކުގެ އިސްވާރުން ބާރުވެރި ކޮށްގެންނެވެ. މީގެއިތުރުން، "އިމަގު" ގެ ބެލެނިވެރިކަމުގެ ދަށުން ކޮމިއުނިޓީ ސްކައުޓް ގުރޫޕެއް ހިންގަމުން ގެންދެއެވެ. މިއީ، އަތޮޅު ތެރޭގެ ރަށެއްގައި ހިންގާ ހަމައެކަނި ކޮމިއުނިޓީ ސްކައުޓް ގުރޫޕުކަން ފާހަގަކޮށްލެވެއެވެ.

"އިމަގު" ގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ، އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ ގޮތުން ކުރިއަށް ގެންދާ "އިމަގު މަދަދު" ޕްރޮގުރާމެވެ. ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއެކު މިހާތަނަށްވަނީ، ތިން ބޭފުޅެއްގެ ބޭސްފަރުވާއަށް ތިން ލައްކައަށްވުރެ ގިނަ ދިވެހި ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެއިތުރުން، އޯލެވެލްއާއި، އޭލެވެލް އިމްތިޙާނަށް ދަރިވަރުން ތައްޔާރުކުރުމަށް ސްކޫލުތަކަށް އެހީތެރިވުމުގެ ގޮތުން، މާސްޓަރސް ފެންވަރުގެ 20 މުދަރިއްސުން ހިމެނޭ، އިމަގު ޓީޗަރސް ޕޫލުން ހިންގާ "އިމަގު މަންސަފާ" ޕްރޮގުރާމް، ރާއްޖޭގެ ހުރިހާ ރަށަކަށް ފުރުސަތު ހުޅުވައިލައިގެން ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ. ހަމައެހެންމެ، ޤާނޫނީ އެހީތެރިކަން ބޭނުންވާ އިހަވަންދޫގެ ރަށްވެހިންނަށް ހިލޭ
އެ ޚިދުމަތް ފޯރުކޮށްދިނުމަށް، އިމަގާ ގުޅިފައިވާ ލޯ ފާރމްތަކުގެ ޕޫލުން ކުރިޔަށް ގެންދާ "އިމަގު އުންސިއްލަ" ޕްރޮގުރާމަކީ ވެސް ފާހަގަކޮށްލެވޭ ޚިދުމަތެކެވެ.

"އިމަގު" ކުޅިވަރުގެ ގޮފީގެ ފަރާތުން، "އިމަގު ސްޕޯޓްސް އެކެޑަމީ"ގެ ނަމުގައި "އަދު މާދަމާއަށް" މި ޝިޢާރުގެ ދަށުން އިހަވަންދޫގައި، ކުޅިވަރުގެ ހުނަރު ތަރައްޤީކޮށް ކުރިއެރުވުމަށް މެދުނުކެނޑި ދަނީ ތަފާތު މުބާރާތްތަކާއި ތަމްރީނު ކުރުމުގެ ހަރަކާތްތައް ރާވައި ހިންގަމުންނެވެ. މިގޮތުން، އަންހެނުންނަށް އަމާޒުކޮށްގެން މިހާތަނަށް 13 ވޮލީ މުބާރާތް ބާއްވައިފައިވާއިރު، ޒުވާނުންނަށް އަމާޒުކޮށްގެން
10 ފުޓުބޯޅަ މުބާރާތެއް ބާއްވައިފައި ވެއެވެ. މީގެއިތުރުން، ޤައުމީ ވޮލީ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޜަންގެ މުބާރާތްތަކުގައި އެ ޖަމުޢިއްޔާގެ ޓީމުތައް ވާދަކޮށް ޤައުމީ ފެންވަރާއި އަތޮޅާއި ޒޯން ފެންވަރުގައި ތަފާތު ކާމިޔާބީތައް ހޯދައިފައި ވެއެވެ.

2009 ވަނަ އަހަރުން ފެށިގެން އެ ޖަމުޢިއްޔާއިން ދަނީ އިޖުތިމާޢީ ޚިދުމަތްތެރީންގެ އަގުވަޒަންކުރުމަށް "އިމަގު އިޖުތިމާޢީ ޚިދުމަތުގެ ޝަރަފު" ގެ ނަމުގައި ކޮންމެ ތިން އަހަރުން އެއް އަހަރު އަގުވަޒަންކުރުމުގެ ހަފުލާތައް ބާއްވަމުންނެވެ. މިހާތަނަށް 4 ހަފުލާއެއް ބާއްވައި 39 ބޭފުޅުންނަށް އިޖުތިމާޢީ ޚިދުމަތުގެ ޝަރަފު އަރުވައިފައި ވެއެވެ. މީގެއިތުރުން، މަސްވެރިންގެ އަގުވަޒަންކުރުމާއެކު ޒުވާން މަސްވެރިން އެ ދާއިރާއަށް ނެރުމަށް 2009 ވަނަ އަހަރުން ފެށިގެން، ކޮންމެ 5 އަހަރުން އެއް އަހަރު "އިމަގު މަސްވެރިކަމުގެ އެވޯޑު" ގެ ނަމުގައިވެސް ދަނީ ޚާއްޞަ ހަފުލާތައް ބާއްވަމުންނެވެ. މިހާތަނަށް 11 މަސްވެރިއަކަށް ވަނީ އެވޯޑު ދީފައެވެ.

ކޮންމެ އަހަރަކު ރަމަޟާން މަހާ ދިމާކޮށް މިސްކިތްތައް މަރާމާތު ކުރުމާއި، އާބާތުރަ ފިލުވުމަށްޓަކައި ޚާއްޞަ ޕްރޮގުރާމެއް އެ ޖަމުޢިއްޔާއިން ރާވައި ހިންގައެވެ. މިގޮތުން، އިހަވަންދޫގެ ދެ މިސްކިތް ކަމަށްވާ މަސްޖިދުއްތައުބާއާއި، މަސްޖިދުއްނަޞްރު، އެއަރކަންޑިޝަން ކުރުމާއި، އެ ދެ މިސްކިތުގައި ކާޕެޓު އެޅުމުގެ މަސައްކަތްތައް ކޮށްފައިވަނީ އެ ޖަމުޢިއްޔާއިންނެވެ.

އިމަގުން އިސްވެ ތަފާތު ކޯސްތަކާއި މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައި ވެއެވެ. މިގޮތުން، ބޮޑުބެރު ޖަހަން ދަސްކޮށްދޭ ކޯސްތަކާއި، ލިޔެލާ ޖަހަން ދަސްކޮށްދޭ ކޯސްތަކާއި، އަދަބީ، ދީނީ، ޢިލްމީ މުބާރާތްތައް ހިންގައިފައި ވެއެވެ. އަދި ފަހަން ދަސްކޮށްދޭ ކޯސްތަކާއި، ކޭކު އަޅަން ދަސްކޮށްދޭ ކޯސްތަކާއި، އިލެކްޓްރިކް ވަޔަރިންގ ކޯސްތަކާއި، ނިޔަމި ކަމުގެ ކޯސްތައް ހިލޭ ސާބަހަށް އެ ޖަމުޢިއްޔާއިން ވަނީ ހިންގައިފައެވެ. އަދި ފަޔަރ ފައިޓިންގ ޕްރޮގުރާމުތަކާއި ފަސްޓް އެއިޑް ޓްރެއިނިންގ ޕްރޮގުރާމުތައް ރާވައި ހިންގައިފައި ވެއެވެ. މީގެއިތުރުން، ފެނުގައި ގަސްއިންދައި ހައްދާނެ ގޮތުގެ ކޯސްތައް ވެސް، އެ ޖަމުޢިއްޔާއިން ކުރިއަށް ގެންގޮސްފައި ވެއެވެ.

އެ ޖަމުޢިއްޔާއިން ހިންގައިފައިވާ ހަރަކާތްތަކުގެ ތެރެއިން މުޅި ރާއްޖޭގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނު އެއްކަމަކީ، 2016 ވަނަ އަހަރު އެ ޖަމުޢިއްޔާގެ 20 ވަނަ އަހަރީ ދުވަހުގެ އިޙުތިފާލުތަކުގައި ބައިވެރިވުމަށާއި ބޮޑު ޢީދުގެ ހަރަކާތްތަކަށް އަވަށްޓެރި މަލިކުން 26 މެންބަރުންގެ ވަފުދެއް ގެނެސް ކުރިއަށް ގެންދިޔަ ހަރަކާތްތަކެވެ. މީގެއިތުރުން، އެ ޖަމުޢިއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ އެންމެ ފާހަގަކޮށްލެވޭ އަނެއް ހަރަކާތަކީ، ހދ.މަކުނުދޫ ޒުވާނުންގެ ޖަމުޢިއްޔާގެ ދަޢުވަތަކަށް އެރަށުގެ ކަނޑުތޮށި ލައިދިނުމުގެ މަސައްކަތް ކުރުމަށް 1996 ވަނަ އަހަރު، އެ ޖަމުޢިއްޔާގެ 200 އަށްވުރެ ގިނަ މެންބަރުން އެ ރަށަށް ދަތުރުކުރައްވައި، ހިލޭ ސާބަހަށް ކޮށްދެއްވި އާދަޔާ ޚިލާފު އަގުހުރި ބުރަ މަސައްކަތެވެ.

"އިމަގު" ޖަމުޢިއްޔާއިން ކުރަމުން ގެންދާ މަސައްކަތުގެ އަގުވަޒަންކޮށް، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ދެއްވާ "ތިލަ އުތުރު އުއްތަމަ އަރުތަވެރި އިނާމު" ގެ އަތޮޅުގެ އެންމެ ޚިދުމަތްތެރި ޖަމުޢިއްޔާގެ އެވޯޑު 2014 ވަނަ އަހަރު އެ ޖަމުޢިއްޔާއަށް ލިބިފައި ވެއެވެ. މި އަހަރަކީ، އެ ޖަމުޢިއްޔާގެ އިޖުތިމާޢީ ޚިދުމަތަށް 25 އަހަރު ފުރޭ ރިހިޔޫބީލް އަހަރެވެ.