އަލްފާޟިލް ޢަބްދުﷲ ޖަމީލް
ވައްވަރުގެ ޅ. ނައިފަރު

ޢަބްދުﷲ ޖަމީލަކީ، މަދްރަސީ ދައުރުން ފެށިގެން ދިވެހިބަހަށް ޚާއްޞަ ޝައުޤުވެރިކަމެއް ބަހައްޓަވަމުން ގެންދެވި ބޭފުޅެކެވެ. ކިޔަވައިދެއްވަން ފެށްޓެވީ 1998 ވަނަ އަހަރު، ސާނަވީ މުދައްރިސް ކަމުގެ ސެޓްފިކެޓު ހާސިލު ކުރެއްވި ހިސާބުންނެވެ. ދިވެހިބަސް އުނގަންނައި ދެއްވަން ފެށްޓެވީ 1999 ވަނަ އަހަރުގެ ޖަނަވަރީ މަހު މަދްރަސަތުލް އިފްތިތާޙާ ގުޅިވަޑައިގެންނެވި ހިސާބުންނެވެ. އޭރުއްސުރެ ފެށިގެން އެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 22 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ދިވެހިބަސް ކިޔަވައިދެއްވުމުގައި ގިނަ ދުވަސް ހޭދަކުރެއްވީ، ރާއްޖެތެރޭގައި ހުރި އެންމެ ގިނަދުވަސްވީ މަދްރަސާ ކަމުގައިވާ މަދްރަސަތުލް އިފްތިތާޙުގައެވެ. އެ މަދަރުސާގައި ޘާނަވީ މުދައްރިސެއްގެ ގޮތުގައި 12 އަހަރު ޚިދުމަތް ކުރެއްވިއެވެ.

ދިވެހި ބަހުގެ ރޮނގުން މަތީ ތަޢުލީމު ހާސިލު ކުރެއްވުމަށް ޢަބްދުﷲ ޖަމީލް 2007 ވަނަ އަހަރު މާލެ ވަޑައިގެން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ދިވެހިބަހުގެ ރޮނގުން ބެޗްލަރޒް ޑިގްރީއާއި، ދިވެހިބަހާއި ޘަޤާފަތުގެ ދާއިރާއިން މާސްޓަރޒް ޑިގްރީ، އަދި ވިލާ ކޮލެޖުން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިންގ ފުރިހަމަ ކުރައްވައިފައި ވެއެވެ.

މަތީ ތަޢުލީމު ހާސިލު ކުރައްވަމުން ގެންދެވިއިރު، މާލޭ އިންގްލިޝް ސްކޫލްގައްޔާއި، އަޙްމަދިއްޔާ ސްކޫލްގައްޔާއި، ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގައި ޢަބްދުﷲ ޖަމީލް، ދިވެހިބަސް ކިޔަވައިދެއްވަމުން ގެންދެވިއެވެ. 2010 ވަނަ އަހަރު ވިލާ އިންޓަރނޭޝަނަލް ހައިސްކޫލް އުފެދުމާއެކު، ކިޔަވައިދެއްވަމުން ގެންދެވީ އެ ސްކޫލްގައެވެ. އޭރު އެ ސްކޫލްގެ ދަރިވަރުން އަދަބީ ތަފާތު މުބާރާތްތަކަށް ތައްޔާރުކުރައްވައި، ސްކޫލަށް ގިނަ ކާމިޔާބީތަކެއް ހޯއްދަވައިދެއްވިއެވެ. މި މުއްދަތުގައި، ވިލާ އިންޓަރނޭޝަނަލް ހައިސްކޫލްގެ އިތުރުން، ވިލާ ކޮލެޖުގައިވެސް ޖަމީލު ދިވެހިބަސް ކިޔަވައިދެއްވިއެވެ. ވިލާ ކޮލެޖުން ހިންގާ އެކި ކޯސްތަކުގައި ދިވެހިބަހާއި، މޯލްޑިވިއަން ސްޓަޑީޒް ކިޔަވައިދެއްވުމުގައި ހަތަރު އަހަރު ހޭދަކުރައްވައި، ފަސްހާހަށްވުރެ ގިނަ ދަރިވަރުން ތަމްރީނު ކުރައްވައިފައިވެއެވެ.

ބަސް ކިޔަވައިދެއްވުމުގެ ދާއިރާއިން ޢަބްދުﷲ ޖަމީލް އެންމެބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ، ބަސް ކިޔަވައިދޭ މުދައްރިސުން ތަމްރީނު ކުރެއްވުމަށް ކުރައްވާ މަސައްކަތްތަކެވެ. އެގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ އޯޕަން ލަރނިންގގައި ޕާޓްޓައިމް މުދައްރިސެއްގެ ގޮތުން މަސައްކަތް ކުރައްވައި، ގިނަ ޢަދަދެއްގެ މުދައްރިސުންނަށް ކިޔަވައިދެއްވައިފައިވެއެވެ. އަދި އަތޮޅުތަކަށް ވަޑައިގެން، ގިނަ ކޯސްތަކެއްގައި އެކި މޮޑިއުލްތައް ނަންގަވައިދެއްވައިފައިވެއެވެ. ކިޔަވައިދެއްވުމުގެ އިތުރުން، ޤައުމީ މަންހަޖުގައި މިހާރު ކިޔަވައިދެމުންގެންދާ މުޤައްރަރުތައް ލިޔުއްވުމުގައިވެސް ޖަމީލު ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. މިގޮތުން، ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 5ގެ ދިވެހި މުޤައްރަރާއި، ކީ ސްޓޭޖް 4 އަދި 5 ގެ އަދަބިއްޔާތުގެ މުޤައްރަރު ފަރުމާކުރެއްވުމުގައި ޖަމީލުވަނީ، އިސް ދައުރެއް އަދާކުރައްވައިފައެވެ.

ޢަބްދުﷲ ޖަމީލަކީ، ޤައުމީ އަދަބީ މުބާރާތްތަކުގައި ފަނޑިޔާރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ޤައުމީ މަޒުމޫނު ލިޔުމުގެ މުބާރާތްތަކާއި، ޤައުމީ ވާހަކަ ލިޔުމުގެ މުބާރާތްތަކާއި، ޤައުމީ ވާހަކަ ދެއްކުމުގެ މުބާރާތްތައް ހިމެނެއެވެ. އަދި ޖަމީލަކީ ދިވެހިބަހާމެދު ނޫސްވެރިން ހޭލުންތެރިކުރުވުމަށްވެސް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ޤައުމީ އިމްތިޙާނު ކަރުދާސްތައް މާކު ކުރެއްވުމުގައްޔާއި، ޕަބްލިކް ސަރވިސް މީޑިއާގައި، ދިވެހިބަހުގެ ކޮންސަލްޓަންޓެއްގެ ގޮތުންވެސް ޚިދުމަތް ކުރައްވައިފައިވެއެވެ. އެ މުއްދަތުގައި ޕީ.އެސް.އެމް.ގެ ގިނަ ޢަދަދެއްގެ މުވައްޒަފުންނަށް ދިވެހި ބަސް ބޭނުންކުރާނެގޮތުގެ ހަމަތަކާއި އުސޫލުތައް ދަސްކޮށްދެއްވައިފައިވެއެވެ.

ދިވެހިބަސް އުނގަންނައިދެއްވުމުގެ ސިލްސިލާގެ ތެރެއިން، ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓްގެ ފަރާތުން ސަރުކާރުގެ މުވައްޒަފުންނަށް ހިންގަވާ ދިވެހިބަހުގެ ތަމްރީނު ޕްރޮގްރާމްތަކުގައި މިހާރުވެސް ޖަމީލު ކިޔަވައިދެއްވަމުން ގެންދަވައެވެ. މީގެއިތުރުން، އެކިއެކި އޮފީސްތަކުން އެދިވަޑައިގަތުމުން އެތަންތާނގެ މުވައްޒަފުންނަށްވެސް ދިވެހި ބަހާބެހޭ ތަފާތު ތަމްރީނު ޕްރޮގްރާމް ތަކާއި މަސައްކަތު ބައްދަލުވުންތައްވެސް ހިންގަވައިދެއްވަމުން ގެންދަވައެވެ. މާލެއާއި، ރަށްރަށުގެ ވަރަށް ގިނަ ސްކޫލްތަކަށް ވަޑައިގެން ޤައުމީ އިމްތިޙާނުތައް ކަމަށްވާ އެޗް.އެސް.ސީ. އިމްތިޙާނާއި، އެސް.އެސް.ސީ. އިމްތިޙާނުގެ މުޤައްރަރަށް ދަރިވަރުން ފަރިތަކުރުވުމުގެ ތަފާތު ގިނަ ކޭމްޕްތައް ކާމިޔާބުކަމާއެކު ވަނީ ހިންގަވައިދެއްވައިފައެވެ.

ޖަމީލަކީ ބަސް ދިރާސާ ކުރައްވައި، އެ ދިރާސާގެ އަލީގައި ތަފާޒު މަޒުމޫނުތައް ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ދިވެހި ބަހުގެ ތަފާތު މައްސަލަތަކުގެ މައްޗަށް ބިނާކުރައްވައި ލިޔުއްވާ މަޒުމޫނުތައް، ދުވަހުނޫސްތަކުގައި ޝާއިޢު ކުރެއްވުމުގެ އިތުރުން، އަމިއްލަފުޅު ފޭސްބުކް ޕޭޖުގައްޔާއި، ބަހުގެ އޮޅިތަކުގައިވެސް ލިޔުއްވަމުން ގެންދަވައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒްގެ ޑިޕާޓްމަންޓް އޮފް ލޭންގުއޭޖް އެންޑް ހިއުމެނިޓީޒްގެ ހެޑް އޮފް ޑިޕާޓްމަންޓުގެ މަގާމުގައި މިހާރު ހުންނެވި ޢަބްދުﷲ ޖަމީލުގެ އަރިހުން ދަރިވަރުވެފައިވާ ދަރިވަރަކު ނެތް ރަށެއް ނުވަތަ އޮފީހެއް ނުހުންނާނެ ކަމުގައި ޖަމީލު ވިދާޅުވެއެވެ.