އަލްޙާފިޡާ ލަޠީފާ އަޙްމަދު
މާރވުލެސް ސ. ހިތަދޫ

އަލްޙާފިޡާ ލަޠީފާ އަޙްމަދަކީ، ތުއްޕުޅުއިރުއްސުރެ ފެށިގެން ކީރިތި ޤުރްއާނަށް ވަރަށްބޮޑު ޝައުޤުވެރިކަމެއް ދެއްވަމުން ގެންދެވި ބޭފުޅެކެވެ. އުމުރުން 9 އަހަރުގައި ކީރިތި ޤުރްއާން ހިތުދަސްކުރައްވަން ފަށްޓަވައި، އުމުރުން 12 އަހަރުގައި ޙާފިޡުކަމުގެ ސަނަދު ހާސިލު ކުރެއްވިއެވެ.

ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމުދޭ ތިން މަދަރުސާގެ ތެރޭގައި ހިމެނޭ އައްޑުއަތޮޅު ހިތަދޫ އަލްމަދްރަސަތުލް އިސްލާމިއްޔާއިން އިބްތިދާއީ ތަޢުލީމު ނިންމަވައި، އޭގެފަހުން މިދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވައި، މިހާރު ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ މުދައްރިސެއްގެ ގޮތުން ޚިދުމަތް ކުރައްވަމުން ގެންދަވާ ލަޠީފާ އަޙްމަދު، ކީރިތި ޤުރްއާން ކިޔަވައިދެއްވުމުގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 18 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. މިހިސާބަށް ވަޑައިގެންނެވިއިރު ޤުރްއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ރޮނގުން ގިނަ ކާމިޔާބީތަކެއް ލަޠީފާ ވަނީ ހާސިލު ކުރައްވައިފައެވެ. މިގޮތުން، ޤިރާއަތު އެޑްވާންސްޑް ސެޓްފިކެޓާއި، ޤުރްއާން މުދައްރިސް ކަމުގެ ޑިޕްލޮމާ ސެޓްފިކެޓާއި، ބެޗްލަރ އޮފް ޓީޗިންގ ވިތު އޮނަރސް ޑިގްރީއާއި، ޤިރާއަތުގެ ރޮނގުން މާސްޓަރޒް ޑިގްރީ ވަނީ ހާސިލު ކުރައްވައިފައެވެ. މިއީ، މިރޮނގުން މިހާރު ރާއްޖޭގައި ދެވެންއޮތް އެންމެ މަތީ ހަރުފަތެވެ.

އަލްޙާފިޡާ ލަޠީފާ އަޙްމަދަކީ، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ އެކިއެކި ކޯސްތަކުގައި ކިޔަވައިދިނުމަށް ކޮންމެ ލެވެލްއަކަށް ޚާއްޞަކޮށްގެން އެކުލަވައިލައިފައިވާ "ތަޖުވީދުގެ އަތްމަތީ ފޮތް" ތައްޔާރު ކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. އަދި އެ މަރުކަޒުގެ އެކެޑެމިކް ކޮމިޓީގައިވެސް ލަޠީފާ ޚިދުމަތް ކުރައްވަމުން ގެންދަވައެވެ. ލަޠީފާއަކީ، ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކުގައި ބައިވެރިވާ ދަރިވަރުން، މުބާރާތަށް ތައްޔާރު ކުރެއްވުމަށްވެސް މުހިންމު މަސައްކަތްޕުޅުތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ.

ރާއްޖޭގައި މިހާތަނަށް ބޭއްވުނު ޤުރްއާން ކިޔެވުމުގެ ބައެއް މުބާރާތްތަކުގައި ލަޠީފާ ވަނީ ފަނޑިޔާރުކަން ކޮށްދެއްވައިފައެވެ. މިގޮތުން، ސްކޫލް މަދަރުސާތަކުގެ މެދުގައި ބާއްވަވަމުން ގެންދަވާ ޤުރްއާން މުބާރާތްތަކުގައްޔާއި، ރަމަޟާންމަހަށް ޚާއްޞަ ކުރައްވައިގެން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމު ކުރައްވައިގެން އޮފީސްތަކުގެ މެދުގައި ބާއްވަވަމުން ގެންދަވާ ޤުރްއާން މުބާރާތްތަކުގައްޔާއި، ސަރުކާރުގެ އެކި ކުންފުނިތަކުން ބާއްވަވަމުން ގެންދަވާ ޤުރްއާން މުބާރާތްތަކުގައްޔާއި، ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކުގައިވެސް ފަނޑިޔާރުކަން ކޮށްދެއްވައިފައި ވެއެވެ.

ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާއިން ހިލޭސާބަހަށްވެސް ލަޠީފާވަނީ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އަދި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ މުދައްރިސެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެ ދާއިރާއިން ލިބިވަޑައިގަންނަވާ ތަޖުރިބާ، ޢާންމުންނަށް ފޯރުއްވައި ދެއްވަމުން ގެންދަވައެވެ. މިގޮތުން، ކީރިތި ޤުރްއާން ހިތުދަސްކޮށްދެއްވުމުގެ ގޮތުން އޮންލައިންކޮށް ކިޔަވައިދެއްވައި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންނަށް ބައިވެރިވެ އުނގެނުމުގެ ފުރުސަތު ފަހިކޮށްދެއްވަމުން ގެންދަވައެވެ.

މީގެއިތުރުން، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހިތުދަސްކުރާ ޕްރޮގްރާމުގައްޔާއި، ޤިރާއަތުގެ ކޯސްތަކުގައި ފަންނީ ލަފާ ދެއްވައި، އެ ޕްރޮގްރާމުތައް ރާވައި ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤުރްއާން ހިތުދަސްކޮށްދޭ ކުލާސްތަކުގައްޔާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓިގެ އެކިއެކި ކޯސްތަކުގައި، ޤުރްއާނާއި ތަޖުވީދުވެސް ކިޔަވައިދެއްވައިފައި ވެއެވެ. ގަލޮޅު މަދަރުސާގައި ހިންގަމުން ގެންދާ ޤުރްއާން ކޯސްތައް ރާވައި ހިންގުމުގައި، ލަޠީފާ މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވައެވެ. މީގެ އިތުރުން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ކީސްޓޭޖް 1 ގެ މުޤައްރަރު އިޞްލާޙު ކުރެއްވުމުގައިވެސް ޢަމަލީގޮތުން ލަޠީފާ ބައިވެރިވެވަޑައިގެންނެވިއެވެ.

އަލްޙާފިޡާ ލަޠީފާ އަޙްމަދުގެ އުންމީދަކީ، މި ދާއިރާއިން ހާސިލު ކުރެވެން އޮތް އެންމެމަތީ ވަނައެއް ހާސިލު ކުރެއްވުމެވެ. އަދި ކީރިތި ޤުރްއާން ކިޔަވައިދެއްވުމަށާއި، ހިތުދަސްކޮށްދެއްވުމަށް މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިތުރަށް ފުޅާކުރެއްވުމެވެ.