އަަލްފާޟިލް މައްލާ ޅަތުއްތު
ހ. ސާވަން

ކުޅިވަރުގެ ދާއިރާއިން މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހާސިލު ކުރައްވާ އަލްފާޟިލް މައްލާ ޅަތުއްތަކީ، ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ޚާއްޞަކޮށް، ފުޓްބޯޅައިގެ މައިދާނުގައި ވަރަށް މަޝްހޫރު ނަމެކެވެ. ރާއްޖޭގެ ފުޓްބޯޅަ ރެފްރީންގެ ވާހަކަ ދައްކާނަމަ، އެ ލިސްޓުގެ އެންމެ ކުރީގައި ހިމެނިވަޑައިގަންނަވާނެއެވެ.

ދިވެހިރާއްޖޭގައި ފުޓްބޯޅަ ރެފްރީކަން، އެންމެމަތީ ފަންތީގައި، ދިގު މުއްދަތެއްގައި ކުރައްވައި، ވަކިން ޚާއްޞަކޮށް، ފުޓްބޯޅަ ރެފްރީން ތަމްރީނު ކުރައްވައި އުފެއްދެވުމަށް މައްލާ ޅަތުއްތު ގިނަގުނަ އަދި ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައި ވެއެވެ. ފުޓްބޯޅަ ކުޅުއްވަން ފެށްޓެވީ މަދަރުސީ ދައުރުގައެވެ. އޭގެފަހުން 1969 ވަނަ އަހަރުން ފެށިގެން ޤައުމީ ފެންވަރުގައި ކުޅުއްވަން ފެށްޓެވިއެވެ. މިގޮތުން މާލޭ ޓެނިސް ކުލަބަށާއި އަދި ފަހުން މޫން ސްޕޯޓްސް ކުލަބަށް ފުލްބެކްގެ މަގާމުގައި ޤައުމީ ފުޓްބޯޅަ މުބާރާތްތަކުގައި މައްލާ ޅަތުއްތު ކުޅުއްވިއެވެ. ހަމައެއާއެކު، 1969 ވަނަ އަހަރުން ފެށިގެން ރެފްރީއެއްގެ ގޮތުގައިވެސް ދަނޑަށް ނުކުންނަވަން ފެށްޓެވިއެވެ.

ރައީސް އިބްރާހީމް ނާޞިރުގެ ނިންމެވުމަކަށް، 1970 ވަނަ އަހަރު ފުރަތަމަ ފަހަރަށް މާލެއިން ބޭރުގައި ބޭއްވި ޤައުމީ ފުޓްބޯޅަ މުބާރާތް ބޭއްވުނީ ސ.ހިތަދޫގައެވެ. ފައިނަލް މެޗާއެކު، އެ މުބާރާތުގެ 11 މެޗެއްގައި މައްލާ ޅަތުއްތު ރެފްރީކަން ކުރެއްވިއެވެ. އަދި އޭގެފަހުން ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ރިޔާސަތުގައި ބާއްވަވަން ފެށްޓެވި އަތޮޅު ފުޓްބޯޅަ މުބާރާތްތަކުގައި ރެފްރީކަން ކުރެއްވުމަށް ރާއްޖޭގެ އުތުރާއި ދެކުނަށް މައްލާ ޅަތުއްތު ދަތުރުކުރައްވައިފައިވެއެވެ. މިގޮތުން، ހއ.ދިއްދުއާއި، ހދ.ކުޅުދުއްފުށްޓާއި، ނ.ވެލިދުއާއި، ކ.ހުރައާއި، ވ.ފެލިދުއާއި، ދ.ކުޑަހުވަދުއާއި، ގދ.ތިނަދުއާއި، ޏ.ފުވައްމުލަކުގައި އެކި އަހަރުތަކުގައި ބޭއްވި އަތޮޅު ފުޓްބޯޅަ މުބާރާތްތަކުގައި ރެފްރީކަން ކުރެއްވިއެވެ. މައްލާ ޅަތުއްތު ވަނީ 1969 އިން ފެށިގެން 1995 އަށް، މެދުނުކެނޑި 26 އަހަރު ރާއްޖޭގެ ހުރިހާ ޑިވިޜަނެއްގެ ފުޓްބޯޅަ މުބާރާތްތަކުގައި ރެފްރީކަން ކުރައްވައިފައެވެ.

ބައިނަލްއަޤްވާމީ ފުޓްބޯޅަ ރެފްރީކަން ނުވަތަ ފީފާ ބެޖް އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ދިވެހި ދެ ރެފްރީންގެ ތެރެއިން އެއް ރެފްރީއަށް ވެވަޑައިގަތުމުގެ ޝަރަފުގެ އިތުރުން، ފީފާގެ ބެޖު ޖައްސަވައިގެން، ރާއްޖޭގައި އެންމެ ފުރަތަމަ ރެފްރީކަން ކުރެއްވުމުގެ ޝަރަފުވެސް 1990 ގައި މައްލާ ޅަތުއްތުއަށް ލިބިވަޑައިގެންފައިވެއެވެ. އަދި ފީފާ ރެފްރީއެއްގެ ގޮތުން، 1990 އިން 1993 އަށް ބައިނަލްއަޤްވާމީ އެތައް މެޗެއްގައި ރެފްރީކަން ކުރެއްވިއެވެ. މީގެތެރޭގައި، 1985 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި އޭޝިއަން ކުލަބް ޗެމްޕިއަންޝިޕްގައްޔާއި، 1991 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި ފަސްވަނަ ސާފް ގޭމްސްގައި މައްލާ ޅަތުއްތު ރެފްރީކަން ކުރެއްވިއެވެ. އަދި ސްރީލަންކާގެ ފުރަތަމަ ޑިވިޜަންގެ ފުޓްބޯޅަ މުބާރާތްތަކުގައި 1984 ވަނަ އަހަރާއި 1985 ވަނަ އަހަރު ރެފްރީކަން ކުރެއްވިއެވެ. 1995 ވަނަ އަހަރު ރެފްރީކަން ކުރެއްވުން މައްލާ ޅަތުއްތު ރަސްމީކޮށް ހުއްޓަވައިލެއްވީ، އޭރު ފީފާ ބެޖު ލިބޭ އުމުރު ހަމަވުމުންނެވެ.

މައްލާ ޅަތުއްތު ވަނީ ފީފާއާއި، އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭ.އެފް.ސީ.)ގެ ރެފްރީން ތަމްރީނު ކޯސްތައް، ރާއްޖޭގެ އިތުރުން، އިނގިރޭސިވިލާތާއި، މެލޭޝިޔާއާއި، ސިންގަޕޫރާއި، ތައިލެންޑާއި، ސްރީލަންކާއިން ފުރިހަމަކުރައްވައިފައެވެ. އަދި އިންޓަރނޭޝަނަލް ރެފްރީ އިންސްޓްރަކްޓަރސް ކޯސްތައްވެސް ވަނީ ފުރިހަމަކުރައްވައިފައެވެ. މިގޮތުން، ފީފާއާއި، އޭ.އެފް.ސީ. ރެފްރީ އިންސްޓްރަކްޓަރސް ކޯހެއް އެންމެފަހުން ފުރިހަމަކުރެއްވީ، ޖުލައި 2020 ގައެވެ.

ރެފްރީކަން ކުރައްވަމުންވެސް މައްލާ ޅަތުއްތު އެންމެބޮޑު ޝައުޤުވެރިކަމަކާއި އިސްކަމެއް ދެއްވީ، ދިވެހި ރެފްރީން އުފައްދަވައި ތަމްރީނު ކުރެއްވުމަށެވެ. ދިވެހި ފުޓްބޯޅަ ރެފްރީން އުފައްދަވައި ތަމްރީނު ކުރެއްވުމަށް 1975 ފެށިގެން 46 އަހަރު ދުވަހު ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރައްވައިފައެވެ. އަދި މިހާރުވެސް ކުރައްވަމުން ގެންދަވައެވެ. ރެފްރީން ތަމްރީނުކުރާ ކޯސްތައް، މާލޭގެ އިތުރުން، ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގެންވެސް ހިންގަވައިފައި ވެއެވެ. މިގޮތުން، ސ.ހިތަދުއާއި، ސ.މަރަދޫއާއި، ސ.ފޭދުއާއި، ޏ.ފުވައްމުލަކާއި، ލ.ފޮނަދުއާއި، ނ.ވެލިދުއާއި، ހދ.ކުޅުދުއްފުށްޓާއި، ހއ.ދިއްދޫގައި ކޯސްތައް ހިންގަވައިފައި ވެއެވެ. ރާއްޖޭގައި މިހާރު ތިބި ފީފާ ރެފްރީންނާއި، ސީނިއަރ ރެފްރީންނަކީ މައްލާ ޅަތުއްތުގެ ދަރިވަރުންނެވެ. މީގެއިތުރުން، ދިވެހި އަންހެން ފުޓްބޯޅަ ރެފްރީން އުފައްދައި ތަމްރީނު ކުރުމަށް، ރާއްޖޭގައި ފުރަތަމަފަހަރަށް، 2019 ވަނަ އަހަރު މަސައްކަތް ފެށްޓެވީވެސް މައްލާ ޅަތުއްތުއެވެ. މިގޮތުން، މިހާތަނަށް 21 އަންހެން ކުދިންނަށް ކިޔަވައިދެއްވައި، 11 ރެފްރީން ދަނޑަށް ނެރުއްވައިފައިވެއެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް.) އިން ރާވައި ހިންގާ، ޤައުމީ ފެންވަރުގެ ހުރިހާ ފުޓްބޯޅަ މުބާރާތެއްގައި ރެފްރީންގެ ރެފްރީކަން ވަޒަންކުރެއްވުމުގެ މަސައްކަތް މިހާރުވެސް މައްލާ ޅަތުއްތު ކުރައްވައެވެ. އަދި ރެފްރީންނަށް ކިޔަވައިވެސް ދެއްވައެވެ.

މައްލާ ޅަތުއްތުއަކީ ރެފްރީކަން ކުރެއްވުމުގައިވެސް ގިނަ ތަޖުރިބާތަކެއް ހާސިލު ކުރައްވައިފައިވާ އަދި އެ ރޮނގުން ރީތި ނަމޫނާއެއް ދައްކަވައިފައިވާ ބޭފުޅެކެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އެންމެ ގަދަވެގެންދިޔަ ދުވަސްވަރު، ގިނަ މެޗުތަކެއްގައި ރެފްރީކަން ކުރެއްވިއެވެ. ކުއްލިއަކަށް މެޗެއްގެ ރެފްރީއަކަށް ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ޙާލަތްތަކުގައިވެސް އެއްވެސް ޢުޒުރެއްނެތި، ރެފްރީކަން ކޮށްދެއްވައިފައިވެއެވެ. ފުޓްބޯޅަ ރެފްރީންގެ ނިންމުންތަކަކީ، އެންމެންނަށް ބަލައިގަނެވޭނެ، ޚާއްޞަކޮށް، އެ ކްލަބަކަށް ސަޕޯޓްކުރާ ބަޔަކަށް، ގިނަފަހަރަށް އެއްބަސްވެވޭ ނިންމުމަކަށް ނުވަތަ ނިންމުންތަކަކަށް ނުވެއެވެ. އެހެންނަމަވެސް، އެކަން އަބަދުވެސް ހިތްޕުޅުގައި ބާއްވަވައިގެން، ކޮންމެ މެޗެއްގައިވެސް ނިންމަވަންޖެހޭ ނިންމެވުންތައް، މައްލާ ޅަތުއްތު ނިންމަވަމުން ގެންދެވީ، ވަރަށް ކެރިވަޑައިގެން، އެއްވެސް ޖެހިލުންވުމެއްނެތިއެވެ.

ރާއްޖޭގެ ފުޓްބޯޅަ ރެފްރީންގެ ބެޖެއް، އެންމެ ފުރަތަމަ 1969 ގައި، ފަރުމާކުރެއްވީ މައްލާ ޅަތުއްތުއެވެ. އަދި އޭގެފަހުންވެސް ރެފްރީންގެ ހުރިހާ ބެޖެއް ފަރުމާ ކުރެއްވީ މައްލާ ޅަތުއްތުއެވެ. 1982 ވަނަ އަހަރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް.) އުފެދުމުން، އެ އެސޯސިއޭޝަންގެ ލޯގޯ ފަރުމާކުރެއްވީވެސް މައްލާ ޅަތުއްތު އެވެ.

އެފް.އޭ.އެމް.ގެ އެންމެ ފުރަތަމަ ޖެނެރަލް ސެކްރެޓެރީގެ މަގާމު އަދާކުރެއްވީވެސް މައްލާ ޅަތުއްތު އެވެ. އޭގެ ފަހުން، އެފް.އޭ.އެމް.ގެ ރެފްރީޒް ކޮމިޓީގެ ސެކްރެޓަރީކަމާއި، ވައިސް ޗެއަރމަންކަމާއި، ޗެއަރމަންކަންވެސް ކުރެއްވިއެވެ. 2019 ޖުލައި 31 އިން ފެށިގެން މައްލާ ޅަތުއްތު ގެންދަވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޕްރެޒިޑެންޓްގެ އެޑްވައިޒަރުގެ މަގާމު އަދާކުރައްވަމުންނެވެ.

ދިވެހި ފުޓްބޯޅައަށް މައްލާ ޅަތުއްތު ކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން 1990 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، މައްލާ ޅަތުއްތުއަށް ވަނީ ދެއްވާފައެވެ. އަދި 2018 ވަނަ އަހަރު، އެފް.އޭ.އެމް.ގެ "ޕްރެޒިޑެންޝަލް އެވޯޑް" ވެސް ވަނީ ލިބިވަޑައިގެންފައެވެ.

ވަރުބަލިވުމެއްނެތި، ދިވެހި ކުޅިވަރުގެ ތަރައްޤީއަށް މައްލާ ޅަތުއްތު ވަނީ 52 އަހަރު އަގުހުރި ޚިދުމަތްތަކެއް ކުރައްވައިފައެވެ. އަދި މިހާރުވެސް ހުންނެވީ ޚިދުމަތް ކުރެއްވުމުގައެވެ.