ޑޮކްޓަރ ޙާމިދު ރަޝީދު
މއ. އެވޭލާގެ

ޑޮކްޓަރ ޙާމިދު ރަޝީދަކީ، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ވަރަށްދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ރާއްޖެއިން ބޭރުން ކިޔަވައި ވިދާޅުވެގެން ރާއްޖޭގައި ފުރަތަމަ ޚިދުމަތް ކުރައްވަން ފެށްޓެވި ދިވެހި ޑޮކްޓަރުންގެ އެންމެ ކުރީ ސަފުގައި ޙާމިދު ރަޝީދު ހިމެނިވަޑައިގަންނަވައެވެ.

ކިޔަވައިވިދާޅުވެގެން ރާއްޖެއަށް ވަޑައިގެން އޭރުގެ ގަވަރންމަންޓް ހޮސްޕިޓަލް (ފަހުން ސެންޓްރަލް ހޮސްޕިޓަލް)ގެ ޑޮކްޓަރެއްގެ ވަޒީފާގައި 1977 ވަނަ އަހަރު ޚިދުމަތް ކުރައްވަން ފެށްޓެވި ޑޮކްޓަރ ޙާމިދު ރަޝީދަށް އޭރު ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތައް ވަރަށްގިނައެވެ. ހޮސްޕިޓަލުގައި އޭރު ޚިދުމަތް ކުރައްވަމުން ގެންދެވި މަދު ޑޮކްޓަރުންނާއި، ނަރުހުންނާއި، ޞިއްޙީ އެހީތެރިންނާއެކު، ކުރިމަތިވެވަޑައިގެންނެވި ކަންކަން ޙައްލު ކުރައްވައި، ފަރުވާ ދެއްވުމުގައި ދުވާލާއި ރޭގަނޑުގެ ގިނަ ވަގުތުތަކެއް ހޭދަކުރެއްވީ ހޮސްޕިޓަލުގައެވެ. ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުންވެސް އޭރު ނެތުމުން ދިމާވި ދަތިތައް ގިނަވިޔަސް، ދިމާވާ ކަންކަން ޙައްލުކުރުމުގައި އޭރު ތިއްބެވި ހުރިހާ ޑޮކްޓަރުންވެސް މަސައްކަތް ކުރައްވަމުން ގެންދެވީ ވަރަށް ބޮޑަށް ގުޅިގެންނެވެ.

ރާއްޖޭގައި އޭރު އުޅުނު ގައިންގަޔަށްއަރާ ނުރައްކާތެރި ބަލިތައް ކޮންޓްރޯލް ކުރައްވައި، އެފަދަ ބަލިތައް ރާއްޖެއިން ނައްތައިލުމުގެ ގިނަ މަސައްކަތްތަކެއްގައި ޑޮކްޓަރ ޙާމިދު ރަޝީދު ޢަމަލީގޮތުން އުޅުއްވިއެވެ. މެލޭރިޔާއާއި، ކޮލެރާއާއި، ޝިގެއްލާ އަދި ޑެންގޫ އެޕިޑެމިކް ކޮންޓްރޯލްކޮށް ނައްތާލުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. ސަރވޭ ދަތުރުތަކުގައި ރާއްޖޭގެ ރަށްރަށަށް ގިނަ ދަތުރުތަކެއް ކުރެއްވިއެވެ. ރަށްރަށުގައި ތިބި ބަލިމީހުންގެ ހާލު ބައްލަވައި ފަރުވާ ދެއްވިއެވެ. ބަލިމީހުންނާއި ރަށްރަށުގެ ރައްޔިތުން، ޞިއްޙީ ކަންކަމަށް ހޭލުންތެރި ކުރެއްވުމުގެ ގިނަ މަސައްކަތްތަކެއްވެސް ކުރެއްވިއެވެ. ރަށްރަށަށް ކުރެއްވި ދަތުރުތަކުން ލިބިވަޑައިގެންނެވި މަޢުލޫމާތުތަކުގެ އަލީގައި ސަރވޭ ރިޕޯޓުތައް ތައްޔާރުކުރައްވައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅުއްވައި، ޢަމަލީގޮތުން މަސައްކަތް ކުރެއްވިއެވެ. މީގެ އިތުރުން، ހެލްތު މާސްޓަރ ޕްލޭން ހެދުމުގައިވެސް ސަރުކާރުގެ އިދާރާތަކާއެކު މަސައްކަތް ކުރެއްވިއެވެ.

ޞިއްޙީ ދާއިރާގެ ޚިދުމަތުގައި މިހާރުވެސް ދެމިހުންނެވި ޑޮކްޓަރ ޙާމިދު ރަޝީދަކީ، އެ ދާއިރާގެ ގިނަ ޚިދުމަތްތަކެއް ތަރައްޤީ ކުރެއްވުމުގައްޔާއި، އާ ކަންތައްތައް ތަޢާރުފު ކުރެއްވުމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްމެއެވެ. އެކަމާބެހޭ ރިޕޯޓުތައް ތައްޔާރުކުރައްވައި، މިނިސްޓްރީ އޮފް ހެލްތާއެކު ގިނަ މަސައްކަތްތަކެއް ކުރެއްވި މުޝީރެކެވެ. ކ.ހިންމަފުށީގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ޤާއިމުކުރެއްވުމަށް މަސައްކަތް ކުރެއްވިއެވެ. މަސްތުވާތަކެއްޗާބެހޭ ޤާނޫނު އެކުލަވައިލެއްވުމުގައި، ހެލްތު މިނިސްޓްރީގެ ފޯކަލް ޕޮއިންޓުގެ ގޮތުގައި ޙާމިދު ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ޑޮކްޓަރ ޙާމިދު ރަޝީދަކީ، އޮޕަރޭޝަނަށް ޚާއްޞަ ޑޮކްޓަރެކެވެ. ގިނަ ދުވަސްތަކެއް ވަންދެން، ސެންޓްރަލް ހޮސްޕިޓަލްގައްޔާއި، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ގިނަ އޮޕަރޭޝަންތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ރާއްޖޭގެ ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކުގައި ޚިތާނުކުރުމުގެ މަސައްކަތް ފުރަތަމަ ފެށްޓެވި ބޭފުޅަކީ، ޑޮކްޓަރ ޙާމިދު ރަޝީދެވެ. ކުދިން ޚިތާނު ކުރުމުގައި ދިމާވާ ނުރައްކާތެރި ކަންކަން ޙައްލުކުރައްވައި ރައްކާތެރިކަމާއެކު އެކަން ކުރެއްވުމަށް ބާރުއެޅުއްވުމުގެ މަޤްޞަދުގައި ފެށްޓެވި އެ މަސައްކަތް، ޞިއްޙީ ޚިދުމަތްދޭ ގިނަ މަރުކަޒުތަކުގައި ވަރަށް ކާމިޔާބުކަމާއެކު މިހާރު ކުރެވެމުންދެއެވެ. މާލެއާއި އަތޮޅުތަކުގައެވެ. މިކަމުގައި ޑޮކްޓަރ ޙާމިދު ރަޝީދު އަދާކުރެއްވި ދައުރު، ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. ޑޮކްޓަރ ޙާމިދު ރަޝީދު ޚިތާނު ކުރެއްވި ކުދިންގެ އަދަދުވެސް އަންދާޒާކޮށްލައްވަން ދަތިފުޅެވެ.

ރާއްޖޭގައި ފެތުރުނު ކޮލެރާގެ ނުރައްކާތެރި ވަބާ ރާއްޖެއިން ނައްތައިލުމަށް ތ.އަތޮޅުގައި ޑޮކްޓަރ ޙާމިދު ރަޝީދު ކުރެއްވި މަސައްކަތުން، ތ.އަތޮޅަކީ އެންމެ ފުރަތަމަ ކޮލެރާއިން ސަލާމަތްވެ، ކޮލެރާ ނައްތާލެވުނު އަތޮޅު ކަމުގައިވިއެވެ. މިއީ، މި ދާއިރާއިން ޑޮކްޓަރ ޙާމިދު ރަޝީދަށް ލިބިވަޑައިގެންފައިވާ ކާމިޔާބީތަކުގެ ތެރެއިން ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކާމިޔާބީއެކެވެ.

ޑޮކްޓަރ ޙާމިދު ރަޝީދުގެ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި، 3 ނޮވެންބަރު ގައި ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލައިގައި ޒަޚަމްވެގެން ސެންޓްރަލް ހޮސްޕިޓަލަށް ގެންދެވުނު މީހުންނަށް ފަރުވާ ދެއްވުމުގައި ވަރަށް ފަރުވާތެރިކަމާއެކު މަސައްކަތް ކުރައްވައި، އެ މަސައްކަތުގައި ހުއްޓުމެއްނެތި 48 ގަޑިއިރު ޚިދުމަތުގައި ދެމިހުންނެވިކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. އެ ޙަމަލައިގައި ޒަޚަމްވި މީހުންނަށް ފަރުވާދެއްވުމުގައި އެންމެންނާ ގުޅިގެން މަސައްކަތް ކުރައްވައި، ކަންކަން ރާއްވަވައި އިންތިޒާމު ކުރެއްވުމުގައި އިސް ބޭފުޅެއްގެ ގޮތުން މަސައްކަތް ކުރެއްވިއެވެ. އެއްވެސް މީހެއްގެ އިހުމާލުން ފަރުވާއެއް ނުދެވި މީހަކު ދޫކޮށްލެވިފައި ނުވާނެ ކަމުގެ ޔަޤީންކަން ޑޮކްޓަރ ޙާމިދު ދެއްވައެވެ.

ޑޮކްޓަރ ޙާމިދު ރަޝީދަކީ، ޞިއްޙީ ދާއިރާގެ ގިނަ ޚިދުމަތްތަކެއް ހިލޭސާބަހަށްވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުގައްޔާއި، ރީޖަނަލް ހޮސްޕިޓަލްތަކުގައި ޞީއްޙީ އިންތިޒާމުތައް ރަނގަޅު ކުރައްވައި ވަސީލަތްތައް ޤާއިމުކޮށް ތަރައްޤީ ކުރުމުގައި، ޢަމަލީގޮތުން މަސައްކަތް ކުރެއްވުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރައްވައިފައިވާ ބޭފުޅެކެވެ.

ޑޮކްޓަރ ޙާމިދު ރަޝީދަކީ، ސްޕޯޓްސް މެޑިސިންއަށްވެސް ޚާއްޞަވެފައިވާ ބޭފުޅެކެވެ. ކުޅިވަރު ކުޅުމުގައި ކުޅުންތެރިންނަށް ލިބޭ އަނިޔާތަކަށް ރާއްޖޭގައި ފަރުވާދެއްވަން ފުރަތަމަ ފެށްޓެވި ޑޮކްޓަރަކީ، ޙާމިދު ރަޝީދެވެ. މިގޮތުން، ޤައުމީ ފުޓްބޯޅަ ޓީމުގެ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައި، ސްޕޯޓްސް މެޑިކަލް ފެސިލިޓީއާއި، ސްޕޯޓްސް މެޑިކަލް ލެބޯރެޓަރީ ތަރައްޤީ ކުރެއްވުމަށް ލަފަޔާއި އިރުޝާދު ދެއްވިއެވެ.

ޑޮކްޓަރ ޙާމިދު ރަޝީދު އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، ގަވަރންމަންޓް ހޮސްޕިޓަލާއި، ސެންޓްރަލް ހޮސްޕިޓަލްގެ މެޑިކަލް އޮފިސަރެއްގެ މަގާމާއި، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، މުލީ ރީޖަނަލް ހޮސްޕިޓަލާއި، ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މެޑިކަލް އޮފިސަރުގެ މަގާމާއި، ސެންޓްރަލް ހޮސްޕިޓަލްގެ ރެޖިސްޓްރާރ އިން ސަރޖަރީގެ މަގާމާއި، އައި.ޖީ.އެމް.އެޗް.ގެ ސީނިއަރ ރެޖިސްޓްރާރ އިން ސަރޖަރީގެ މަގާމާއި، އެޑްވައިޒަރުގެ މަގާމު ހިމެނެއެވެ. މީގެ އިތުރުން، މިނިސްޓްރީ އޮފް ހެލްތުގެ މެޑިކަލް ޑައިރެކްޓަރު ކަމާއި، ފާރމަސޫޓިކަލް ބޯޑުގެ ޗެއަރމަން ކަމާއި، މިނިސްޓްރީ އޮފް ހެލްތުގެ ފޯކަލް ޕޮއިންޓް ފޮރ އެއަރޕޯޓް އިމަރޖެންސީގެ މަގާމު ހިމެނެއެވެ. ޑިޒާސްޓަރ މެނޭޖްމެންޓާއި، ޓީ.ބީ ކްލިނިކާއި، ލެޕްރަސީ ކްލިނިކް ބެލެހެއްޓެވުންވެސް ޙާމިދުގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެއެވެ.

ޑޮކްޓަރ ޙާމިދު ރަޝީދު، ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހުވެސް އޭނާގެ އަމިއްލަފުޅު ކްލިނިކާއި، ގޭގައި ބަލިމީހުންނަށް ފަރުވާ ދެއްވުމުގެ ޚިދުމަތް، މެދުކަނޑުއްވައި ނުލައްވައި ކުރިއަށް ގެންދެވިއެވެ. އަދި ކުދިން ޚިތާނުކުރައްވައި، ބަލިމީހުން ބެލުމުގެ ކޭމްޕްތައް، މާލެއާއި އަތޮޅުތަކުގައި ދޭތެރެ ދޭތެރެއިން ކުރިއަށް ގެންދެވިއެވެ.

ޑޮކްޓަރ ޙާމިދު ރަޝީދު، ޞިއްޙީ ދާއިރާގައި ކުރެއްވި ޚިދުމަތްތަކުގެ އަގު، އެ މުއައްސަސާތަކުން ވަނީ ވަޒަން ކުރައްވައިފައެވެ. 30 އަހަރަށްވުރެ ގިނަދުވަހު ޞިއްޙީ ދާއިރާއަށް ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަން ކުރައްވައި، މިނިސްޓްރީ އޮފް ހެލްތުން ދެއްވި ހަނދާނީ ފިލައާއި، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި 20 އަހަރަށްވުރެ ގިނަދުވަހު ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަން ކުރައްވައި، އެތާނގެ މެނޭޖްމަންޓާއި، މުވައްޒަފުންގެ ފަރާތުން ދެއްވި ހަނދާނީ ފިލައާއި، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއާ ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލައިގެ ތެރޭގައި ކޮށްދެއްވި ޤައުމީ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދެއްވި ޝަރަފުގެ ހަނދާނީ ލިޔުން ލިބިވަޑައިގެންފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެ އިތުރުން، އެކިއެކި ފަރާތްތަކުންވެސް ޑޮކްޓަރ ޙާމިދު ރަޝީދުގެ ޚިދުމަތްތަކުގެ އަގުވަޒަން ކުރައްވައި ދެއްވައިފައިވާ ހިތްވަރާއި ޝަރަފުވެސް ހިމެނެއެވެ.