އަލްފާޟިލް ޙަސަން ލަބީބް
ކެމީ ސ. ހިތަދޫ

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ އަލްފާޟިލް ޙަސަން ލަބީބަކީ، ދިވެހިބަހާއި އަދަބިއްޔާތަށް ޚާއްޞަކޮށް، ޅެންވެރިކަމުގެ ދާއިރާއިން ވަރަށްގިނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ.

ޅެންވެރިކަމުގެ ދާއިރާގައި ޙަސަން ލަބީބު ޚިދުމަތް ކުރައްވަން ފެށްޓެވީ 1960 ވަނަ އަހަރުއެވެ. އެއީ ސ. ހިތަދޫ ޙުސައިނިއްޔާ ސްކޫލްގައި ކިޔަވައިވިދާޅުވާން އުޅުއްވި ދުވަސްވަރުއެވެ. އެހިސާބުން ފެށިގެން މިއަދާ ހަމަޔަށްވެސް މެދުކެނޑުމެއްނެތި ޅެންވެރިކަމުގެ ރޮނގުން ގެންދަވަނީ ތަފާތު ޚިދުމަތްތައް ކުރައްވަމުންނެވެ.

ޙަސަން ލަބީބަކީ، ޅެންވެރިކަމުގެ އެކިއެކި މުބާރާތްތަކުގައިވެސް ބައިވެރިވެވަޑައިގެން ފާހަގަކުރެވޭ ކާމިޔާބީތަކެއް ހޯއްދަވައިފައިވާ ބޭފުޅެކެވެ. މިގޮތުން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 1989 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު މާލޭގައި ބޭއްވި މުބާރާތުގައި، އެ މުބާރާތަށް އައްޑުއަތޮޅުން ވަޑައިގެންނެވި މަންދޫބެއްގެ ހައިސިއްޔަތުން ޙަސަން ލަބީބު ބައިވެރިވެވަޑައިގެން، ވަގުތުން ޅެން ހެދުމުގެ ރޮނގުން 3 ވަނަ ހޯއްދެވިއެވެ. އަދި ޤައުމީ ޅެން ހެދުމުގެ މުބާރާތުން 2 ވަނަވެސް ހޯއްދަވައިފައި ވެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ އަޑުން އިންތިޒާމު ކުރައްވައިގެން 1999 ވަނަ އަހަރު ބޭއްވި އަތޮޅު މަދަރުސާތަކުގެ ލަވަ މުބާރާތުގެ ޅެންވެރިކަމުގެ ބައިން 1 ވަނައާއި، 2000 ވަނަ އަހަރު ބޭއްވި މުބާރާތުން ޅެންވެރިކަމުގެ ބައިން 1 ވަނައާއި 3 ވަނަ ހާސިލު ކުރެއްވިއެވެ. އަދި 2001 ވަނަ އަހަރާއި، 2002 ވަނަ އަހަރު ބޭއްވި އަތޮޅު މަދަރުސާ ކުދިންގެ ލަވަ މުބާރާތުންވެސް 3 ވަނަ ހާސިލު ކުރެއްވިއެވެ.

ޅެންވެރިކަމުގެ ފަންނު ދިރުވައި އާލާކުރުމަށް ޤައުމީ ފެންވަރުގައި މަސައްކަތް ކުރެއްވުމަކީ، މާ ކުރިއްސުރެ ޙަސަން ލަބީބު ކުރައްވަމުން ގެންދެވި އުންމީދެކެވެ. މިގޮތުން، މި އަހަރުގެ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހު "ޝާޢިރުންގެ ވާދީ"ގެ ނަމުގައި ޖަމުޢިއްޔާއެއް ރަޖިސްޓަރީ ކުރައްވައިފައި ވެއެވެ. އެ ޖަމުޢިއްޔާގެ މަސައްކަތް ފެށްޓެވުމުގެ ގޮތުން އައްޑުއަތޮޅު ހުޅުދޫމީދޫގައި މި އަހަރުގެ އެޕްރީލް މަހުގެ ކުރީކޮޅު ޅެންވެރިކަމުގެ ކޯހެއް އޮންލައިންކޮށް ހިންގަވައިފައި ވެއެވެ. އަދި ކޮންމެ މަހަކު އެއްފަހަރު، ޖަމުޢިއްޔާގެ މެންބަރުންގެ ތެރެއިން ޅެމުގެ ބާވަތްތައް އެންމެ ގިނައިން ހުށަހަޅާ ފަރާތަކަށާއި، އެންމެ ފެންވަރު ރަނގަޅު ޅެންތައް ހުށަހަޅާ ފަރާތަކަށް ފައިސާގެ އިނާމުވެސް ޙަސަން ލަބީބު ދެއްވަމުން ގެންދަވައެވެ. "ޝާޢިރުންގެ ވާދީ" ޖަމުޢިއްޔާގެ މެންބަރުންގެ ގޮތުގައި މިހާރު 100 އަށްވުރެ ގިނަ މެންބަރުން އެބަތިއްބެވެ.

އައްޑޫސިޓީގައި ޅެންވެރިކަން ކުރިއެރުވުމުގެ ގޮތުން ފުޅާ ދާއިރާއެއްގައި ޅެންވެރިކަމުގެ ކޯސްތައް ޙަސަން ލަބީބު ވަނީ ހިންގަވައިފައެވެ. އޭގެތެރޭގައި، އައްޑުއަތޮޅު ހިތަދޫގައި 9 ކޯހާއި، މަރަދޫގައި 2 ކޯހާއި، ފޭދޫގައި 2 ކޯހާއި، ހުޅުދޫމީދޫގައި 2 ކޯހާއި މަރަދޫފޭދޫގައި، ކޯހެއް ހިންގަވައިފައި ވެއެވެ. މި ކޯސްތަކުގައި ޒުވާނުންނަށާއި، ސްކޫލްތަކުގެ ދަރިވަރުންނަށް ޅެންވެރިކަމުގެ ފަންނު ދަސްކޮށްދެއްވައިފައި ވެއެވެ.

"ޅެންވެރިކަމުގެ އަލި" މުޅި ރާއްޖެއަށް ފޯރުކޮށްދެއްވުމުގެ މަޤްޞަދުގައި ދިވެހިބަހުގެ އެކެޑަމީން އައްޑޫސިޓީގައި ހިންގެވި ކޯސްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ހުޅުދޫމީދޫގައި ހިންގެވި ކޯހުގައި ކިޔަވައިދެއްވީވެސް ޙަސަން ލަބީބެވެ. އަދި އޭގެ ދެވަނަ ބުރުގައި ހިތަދުއާއި، ހިތަދުއާ ގުޅިފައިވާ ހުރިހާ ރަށެއްގެ ސްކޫލްތަކުގެ ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުންނަށް ޅެންވެރިކަމުގެ ފަންނު ދަސްކޮށްދެއްވައިފައި ވެއެވެ.

ޙަސަން ލަބީބަކީ ދިވެހި ޅެންވެރިކަން ކުރިއެރުވުމަށް އުފައްދަވައިފައިވާ މަންސައެއް ކަމުގައިވާ "ޅެންވެރިންގެ ބަހާރު" ގެ އެއް މުޝީރުވެސް މެއެވެ. ހަމައެހެންމެ، ޅެންވެރިންގެ ބަހާރަށް ޚިދުމަތް ކުރައްވާ ކުޅަދާނަ ޅެންވެރިއެކެވެ. "ޅެންވެރިކަމުގެ އަލި މުޅި ރާއްޖެއަށް" މި ޝިޢާރުގެ ދަށުން ދިވެހިބަހުގެ އެކެޑަމީން ކުރިއަށް ގެންދަވާ ޅެންވެރިކަން ކިޔަވައިދެއްވައި، މީހުން ބިނާކުރުމުގެ ޚާއްޞަ ޕްރޮގްރާމުގައި،
ޙަސަން ލަބީބު ވަނީ ބުރަ މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ.

މި ޝިޢާރުގެ ދަށުން 2016 ވަނަ އަހަރު ދިވެހިބަހުގެ އެކެޑަމީން އިންތިޒާމު ކުރައްވައިގެން އައްޑުއަތޮޅުގައި ބޭއްވި ޅެން ހަދަން ދަސްކޮށްދޭ ކޯހުގައި އެއްވެސް އުޖޫރައަކާ ނުލައި ހުޅުދޫމީދުއާއި ހިތަދޫ ސްކޫލްގެ ދަރިވަރުންނަށް ކިޔަވައިދެއްވައިފައި ވެއެވެ. އަދި 2019 ވަނަ އަހަރު އެ އަތޮޅު ހުޅުދޫމީދުއާއި، ހިތަދޫ ނޫރާނީ ސްކޫލާއި، ހިތަދޫ ސްކޫލާއި، މަރަދޫ ސްކޫލާއި، މަރަދޫފޭދޫ ސްކޫލާއި، ފޭދޫ ސްކޫލާއި، ޝަރަފުއްދީން ސްކޫލާއި، އައްޑޫ ހައިސްކޫލްގެ ދަރިވަރުންގެ ތެރެއިން 90 އަށްވުރެ ގިނަ ދަރިވަރުން ތަމްރީނު ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ބަހާއި އަދަބު ކުރިއަރުވައި ތަރައްޤީ ކުރެއްވުމަށްޓަކައި "އަދަބީ ހިޔާ"ގެ ނަމުގައި ޚާއްޞަ ކުލާހެއް ހިންގަވައި، ގިނަ ދަރިވަރުންތަކެއް މި ރޮނގުން ތަމްރީނު ކުރައްވައިފައި ވެއެވެ.

ޙަސަން ލަބީބު ހައްދަވައިފައިވާ ގިނަ ޅެންތަކަކީ، އެކިއެކި މުނާސަބަތުތަކަށް ޚާއްޞަ ކުރައްވައިގެން ހައްދަވައިފައިވާ ޅެންތަކެވެ. ޚާއްޞަކޮށް، ޤައުމީ މުނާސަބަތުތަކަށާއި، އައްޑުއަތޮޅުގެ އެކި ސްކޫލްތަކުގައި ފާހަގަކުރެވޭ އެކި މުނާސަބަތުތަކާ ގުޅޭގޮތުން ހައްދަވައިފައިވާ ޅެންތައް ހިމެނެއެވެ. މީގެއިތުރުން، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރުއްވި ފަތްތޫރަ މަޖައްލާއަށްވެސް ތަފާތު އެތައް ޅެންތަކެއް ހައްދަވައިދެއްވައި، ތަފާތު އެތައް މަޢުލޫމާތުތަކެއް ހިމެނޭ މަޒުމޫނުތަކެއްވެސް ވަނީ ލިޔުއްވައިފައެވެ. ޙަސަން ލަބީބު ހައްދަވައިފައިވާ ޅެންތަކުގެ ތެރެއިން "3 ނޮވެންބަރުގެ ހަނދާނުގައި" މި ޅެމާއި، "ޝަހީދުވީ ބަޠަލުންގެ ޒިކުރާއިން އައު ރޫޙެއް ލިބިގަންނަމާތޯ؟" މި ޅެމާއި، "ޤައުމީ މަލުގެ ތަޞައްވުރު" މި ޅެމާއި، "ޒަމާނީ ޚިޔާލުތަކާއެކު މި ޖީލުގެ ދަރިން" މި ޅެމާއި، "ޤައުމީ ޤުލްޝަން" މި ޅެން ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ.

ޙަސަން ލަބީބަކީ، އައްޑުއަތޮޅު ހިތަދޫ ކުޑަކަތީބު ކަމާއި، ހިތަދޫ ކަތީބު ކަމާއި، ބޮޑުކަތީބުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި އައްޑޫ ކޮމްޕްރިހެންސިވް ސްކޫލްގެ ހެޑްމާސްޓަރުކަމާއި، ހިތަދޫ މެދުވަލުއަވަށު ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލްކަންވެސް ކުރައްވައިފައިވެއެވެ. ހަމައެހެންމެ، ޙަސަން ލަބީބަކީ، އައްޑުއަތޮޅު ހިތަދުއާއި، އަތޮޅުގެ އެހެނިހެން ރަށްރަށުގެ ގިނަ އަދަދެއްގެ ކުދިންނަށް ދިވެހިބަސް އުނގަންނަވައިދެއްވި އުސްތާޛެކެވެ. ޙަސަން ލަބީބު ލިޔުއްވައިފައިވާ މަޒުމޫނުތަކުގެ ތެރެއިން "އައްޑޫ ބަހުރުވައިގެ މުޙާވަރާގެ ތެރެއިން ބައެއް މަޖާޒާއި މިސާލު ބަސް" މިނަމުގައި ލިޔުއްވައިފައިވާ މަޒުމޫނާއި "އަޅުގަނޑުގެ ދުރު ހަނދާންތައް" މި މަޒުމޫނާއި، އައްޑުއަތޮޅު ހިތަދޫގައި ހުރި މިސްކިތްތަކާބެހޭ މަޢުލޫމާތު ހިމަނުއްވައިގެން ލިޔުއްވައިފައިވާ މަޒުމޫނުތަކަކީވެސް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ މަޒުމޫނުތަކެކެވެ.

ޙަސަން ލަބީބަކީ، ބައެއް އުރުދޫ ޅެންތައް ދިވެހިބަހަށް ތަރުޖަމާ ކުރައްވައިފައިވާ ބޭފުޅެއްވެސްމެއެވެ. މިގޮތުން، ޑޮކްޓަރ މުޙައްމަދު ޢައްލާމާ އިޤްބާލުގެ ޅެންތަކުގެ ތަރުޖަމާ ފާހަގަކޮށްލަންޖެހެއެވެ. ދިވެހި ޅެންވެރިކަން އާލާކޮށް ދިރުވުމަށްޓަކައި ޙަސަން ލަބީބު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، "ޝާޢިރުންގެ ވާދީ" ޖަމުޢިއްޔާގެ ނަމުގައި ކުރައްވާ މަސައްކަތްޕުޅުތަކެވެ.