އަލްފާޟިލް ޢަބްދުއްރަޝީދު ޢަބްދުﷲ
ގ.ޖަނަވަރީމާގެ

         ޢަބްދުއްރަޝީދު ޢަބްދުﷲ އެންމެ ފާހަގަކޮށްލެވެނީ، ކޭކު އެޅުމާއި ކޭކު ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. މިމަސައްކަތުގެ ތެރެއަށް އޭނާ ވެދެވަޑައިގަތީ، މީގެ 22 އަހަރު ކުރިން 1987 ވަނަ އަހަރުއެވެ. 1989 ވަނަ އަހަރުން ފެށިގެން މިމަސައްކަތް އޭނާ ކުރައްވަމުން ގެންދަވަނީ، ޕްރޮފެޝަނަލް ފެންވަރެއްގައެވެ. މިމަސައްކަތުގައި އިތުރު ތަޖުރިބާއާއި ތަމްރީނު ހޯއްދެވުމުގެ ގޮތުން، ސްރީލަންކާގައި ބޭއްވި ދެ މަޢުރަޒަކަށާއި، ސިންގަޕޫރުގައި ބޭއްވި ތިން މަޢުރަޒަކަށް އޭނާ ޒިޔާރަތް ކުރައްވާފައިވެއެވެ. އަދި މިރޮނގުން މީހުން ތަމްރީނު ކުރެއްވުމުގެ މަސައްކަތް، 1999ވަނަ އަހަރުން ފެށިގެން ފަށްޓަވާފައިވެއެވެ.

       2007 ވަނަ އަހަރުން ފެށިގެން މިރޮނގުން ބޭސިކް ކޯސްތަކާއި، އެޑްވާންސް ކޯސްތަކާއި، ޑިޕްލޯމާ ކޯސްތައް، ޢަބްދުއްރަޝީދު ގެންދަވަނީ ހިންގަވަމުންނެވެ. އަދި ކޭކު އަޅަން ދަސްކޮށްދޭ ކޯސްތައް، އަތޮޅުތަކުގައި ހިންގަވަމުން ގެންދަވާކަންވެސް ޚާއްޞަގޮތެއްގައި ފާހަގަކުރެވެއެވެ.

       ކޭކުއަޅަން ދަސްކޮށްދެއްވުމަށް މިހާތަނަށް ހިންގަވާފައިވާ އެކިއެކި ކޯސްތަކުން ސަތޭކައަށްވުރެ ގިނަ ދަރިވަރުންނަށް ސެޓްފިކެޓް ދެއްވާފައިވެއެވެ. އަދި 2000 ވަނަ އަހަރު "ޝީ"ގެ ފަރާތުން ބޭއްވި ކުޑަކުދިންގެ ފެސްޓިވަލުގައި ކޭކު ޒީނަތްތެރި ކުރުމާބެހޭ ދައްކާލުމެއް ދެރޭ ކުރިއަށް ގެންދަވާފައިވެއެވެ. އަދި އިނގިރޭސިވިލާތުގެ ސްކޮޔަރ ކިޗަންގެ ފަރާތުން ނެރެމުންދާ މަޝްހޫރު ވެޑިންގ ކޭކް މެގަޒިންގައި، ޢަބްދުއްރަޝީދު އަޅުއްވާފައިވާ ވެޑިންގ ކޭކުގެ ފޮޓޯތައް ޝާއިޢު ކުރަމުންދެއެވެ.

       ޢަބްދުއްރަޝީދަކީ މިރޮނގުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބާއްވާ ތަފާތު ގިނަ މުބާރާތްތަކެއްގައި ވާދަކުރައްވައި، ގިނަ ކާމިޔާބީތަކެއްވެސް ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2002ވަނަ އަހަރާއި، 2004 ވަނަ އަހަރާއި، 2009 ވަނަ އަހަރު ހޮޓެލް އޭޝިއާ އެގްޒިބިޝަން މޯލްޑިވްސްގައި ބައިވެރިވެވަޑައިގެން، ރަން މެޑެލް ހޯއްދަވާފައިވެއެވެ. އަދި 2006 ވަނަ އަހަރު ހަމަ މިމުބާރާތުން ރިހި މެޑެލް ހޯއްދަވާފައިވެއެވެ. މީގެއިތުރުން މުޅި ދުނިޔެއަށް ހުޅުވާލައިގެން 2006 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވި ކަލިނަރީ ޗެލެންޖް މުބާރާތުން ރަން މެޑެލް ހޯއްދަވާފައިވެއެވެ. މިކަމުގެ އަގު ވަޒަން ކުރައްވައި، ސަރުކާރުން ދެއްވި ޚާއްޞަ އިނާމު، 2006 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ.

       މިދާއިރާގައި ރަނގަޅު ފެންވަރުގެ މަސައްކަތްތެރިން އުފެއްދުމުގެ ގޮތުން، ޢަބްދުއްރަޝީދު ވަނީ "ނައިސް އިން އައިސް ކޭކް ޑެކަރޭޓިންގ ސްކޫލް"ގެ ނަމުގައި އިންސްޓިޓިއުޓެއް ރަޖިސްޓަރީ ކުރައްވައިގެން، ތަފާތު ފެންވަރުގެ ކޭކު ޒީނަތްތެރިކުރުމުގެ ސެޓްފިކެޓް ކޯސްތައް ހިންގަވާފައެވެ. މިހާރު ޢަބްދުއްރަޝީދަކީ "މޯލްޑިވްސް ކޭކްސް އެންޑް ޝުގަރ ކްރާފްޓް އެސޯސިއޭޝަން"ގެ ރައީސް ކަމުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.