އަލްފާޟިލާ ޤަމީރާ އާދަމް
އއ.ތޮއްޑޫ/ ދޫރެސް

       ޤަމީރާ އާދަމަކީ، ވަރަށް ކުރިއްސުރެ އޭނާގެ ހިތްޕުޅުގައި ދަނޑުވެރިކަމުގެ މަސައްކަތަށް ވަރަށް ޚާއްޞަ ޝައުޤެއް އުފެދިފައިވާ ބޭފުޅެކެވެ. ސަބަބަކަށްވީ އޭނާގެ ޢާއިލާއަކީ، ދަނޑުވެރި ޢާއިލާއަކަށްވީކަމެވެ. މިދާއިރާއަށް އޭނާ ވެދެވަޑައިގަތީ ޢުމުރުން އެންމެ 12 އަހަރުގައެވެ. އޭރުން ފެށިގެން މިމަސައްކަތުގައި އެކި ގޮތްގޮތުން ގެންދަވަނީ ޙަރަކާތްތެރިވެވަޑައިގަންނަވަމުންނެވެ. ދަނޑުވެރިކަމުގެ ވިޔަފާރި އޭނާ ފެށްޓެވީ 1992 ވަނަ އަހަރުއެވެ.

       ވިޔަފާރީގެ ރޮނގުން ދަނޑުވެރިކަމުގެ މަސައްކަތް އޭނާ ފުރަތަމަ ކުރެއްވީ، އޭނާގެ އުފަން ރަށް ތޮއްޑޫގައެވެ. ދިހަވަރަކަށް އަހަރު ތޮއްޑޫގައި މަސައްކަތް ކުރެއްވުމަށްފަހު، އެރަށުގައި ކުރައްވަމުން ގެންދެވި ދަނޑުވެރިކަމުގެ މަސައްކަތް ދެން ކުރައްވަމުން ގެންދެވީ ބައެއް ފަޅުރަށްރަށް ދެވަނަ ފަރާތަކުން ކުއްޔަށް ހިއްޕަވައިގެންނެވެ. މިގޮތުން ފުރަތަމަ މަސައްކަތް ކުރެއްވީ ޅ. އަލިގާމަޑުއްވަރީގައެވެ. އޭގެފަހުން، ޅ.ދިއްފުށިމާދޫގައާއި، ރ.އުފުލަންދޫގައާއި، ރ.ކުޑަފުށީގައާއި، ރ.ފިލާދޫގަައި މި މަސައްކަތް ކުރެއްވިއެވެ. 

       މިއިން ކޮންމެ ރަށެއްގައިވެސް ދަނޑުވެރިކަމުގެ މަސައްކަތް އަމިއްލައަށް ފަށްޓަވައިގެން އެމަސައްކަތް މާގިނަ ދުވަހު ކުރެވިފައި ނުވަނީ ތަފާތު ސަބަބުތައް މެދުވެރިވެގެންނެވެ. އެހެންނަމަވެސް، ޢަޒުމަކަށް ބަދަލެއް ނުގެންނަވައި، ހިތްވަރާއެކު ކުރިއަށް ވަޑައިގަތީއެވެ. 

      2007 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ، ބ.އަތޮޅު "އަންހެނުންފުށި" ކިޔާ ފަޅުރަށެއްގައެވެ. މިރަށް މިހާރު ކުއްޔަށް ހިއްޕަވައިގެން އުޅުއްވަނީ 5 އަހަރު ދުވަހުގެ މުއްދަތަށް އެގްރީމެންޓް ކުރައްވައިގެންނެވެ. އަންހެނުންފުށީގައި ޤަމީރާގެ ދަނޑުވެރިކަމުގެ މަސައްކަތް، މިވީ މުއްދަތުގެ ތެރޭގައިވެސްވަނީ ވަރަށް ބޮޑަށް ފުޅާކުރައްވައި ތަރައްޤީ ކުރައްވާފައެވެ. ތަފާތު ބާވަތްބާވަތުގެ ދަނޑުތައް އެރަށުގައި އޭނާ ވަނީ ހައްދަވާފައެވެ. މިރުސް، ކަރާ، ބަރަބޯ، ފަތްކެޔޮ، ފަޅޯ، ކިއުކަންބާ، ބަށި، ލެޓިއުސް އޭނާވަނީ ހައްދަވާފައެވެ. ހަފްތާއަކު އެވްރެޖްކޮށް 5000 ކިލޯ ކަރާ، 450 ކިލޯ ފަޅޯ، 300 ކިލޯ ބަރަބޯ، 280 ކިލޯ މިރުސް އަދި 200 ކިލޯ ކިއުކަމްބާއާއި، 100 ކިލޯ ބަށި  އޭނާއަށް އެރަށުން ލިބިވަޑައިގަންނަވައެވެ. 

       ދަނޑު ހެއްދުމުގެ ހުރިހާ މަސައްކަތެއްވެސް ޤަމީރާ ކުރައްވަނީ އަމިއްލައަށެވެ. ދަނޑަށްޖެހޭ ބަލިތަކަށް ޖަހާ ބޭސްވެސް ތައްޔާރުކުރައްވަނީ އޭނާގެ އަމިއްލަ ތަޖުރިބާއިންނެވެ. އަދި އެކި ރަށްރަށަށް ޒިޔާރަތް ކުރައްވައި، މިމަސައްކަތުގައި ހޯއްދަވާފައިވާ ތަޖްރިބާގެ މަޢްލޫމާތު، އެރަށްރަށުގެ މީހުންނާ ޙިއްޞާ ކުރައްވައި ހިތްވަރު ދެއްވަމުން ގެންދަވާފައިވެއެވެ.

       ޤަމީރާ އާދަމަށް މިމަސައްކަތުގައި މިއަދާ ހަމައަށް ކާމިޔާބީތަކެއް ޙާޞިލު ކުރެއްވިފައިވަނީ، މިކަމަށް އޭނާގެ ހިތްޕުޅުގައި އުފެދިފައިވާ ޝައުޤެއްގެ ސަބަބުންނެވެ. އޭނާ ބޭނުންފުޅުވަނީ، ހިތްވަަރު ހުރި އަންހެނުން ދިވެހިރާއްޖޭގައި ތިއްބެވިކަން، ދިވެހި ޤައުމަށާއި ދިވެހި މުޖްތަމަޢަށް ސާބިތުކޮށްދެއްވުމެވެ.