އަލްފާޟިލް މުޙައްމަދު ނަޝީދު
ގއ.ދެއްވަދޫ/މާޖެހިގެ (ހ.ނަރިދޫގެ)

 

ފަތުރުވެރިކަމުގެ ދާއިރާއިން ފަތުރުވެރިން ރާއްޖެއަށް ޝައުޤުވެރި ކުރުވުމުގެ ރޮނގުން ކޮށްދެވިދާނެ އެންމެ މުހިންމު އެއް ޚިދުމަތަކީ، ފަތުރުވެރިންނަށް އެބަޔަކު ވާހަކަ ދައްކާ ބަހަކުން ރާއްޖެއާބެހޭ ތަފާތު އެކި މަޢުލޫމާތުތައް ލިބިދޭ ފޮތްތައް ތައްޔާރުކުރުމެވެ. ޙަޤީޤަތުގައި އެއީ އެހާ ފަސޭހަ މަސައްކަތެއް ނޫނެވެ. އެހެން ނަމަވެސް، މުޙައްމަދު ނަޝީދު މީގެ 13 އަހަރު ކުރިން މިމަސައްކަތް ފަށްޓަވައި، މިއީވެސް ކުރެވިދާނެ ކަމެއް ކަމަށްވަނީ ސާބިތުކޮށްދެއްވާފައެވެ.
 
ޢުމުރުން 14 އަހަރުގައި ޖަޕާނުބަސް ދަސްކުރެއްވީ، ހޮބީއެއްގެ ގޮތުންނެވެ. ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒުން ކިޔަވައި ވިދާޅުވުމަށްފަހު، ޖަޕަނީޒް ލޭންގުއޭޖް އިންސްޓްރަކްޓަރެއްގެ ގޮތުން، 2002 ވަނަ އަހަރުން 2005 ވަނަ އަހަރަށް، އެ ފެކަލްޓީގައި ނަޝީދުވަނީ ޚިދްމަތް ކުރައްވާފައެވެ.
 
1999 ވަނަ އަހަރު މިނިސްޓްރީ އޮފް ޓޫރިޒަމުން ފަތުރުވެރިންގެ މެދުގައި ކުރެއްވި ސަރވޭއަކަށް ފޯމުތަކެއް ތައްޔާރު ކުރެއްވިއިރު، އެ ފޯމުތައް ޖަޕާނު ބަހުން ދިވެހިބަހަށް ތަރުޖަމާ ކުރެއްވުންއެއީ، އެކި ބަސްބަހުން ފޮތްތައް ތައްޔާރު ކުރެއްވުމަށް މުޙަންމަދު ނަޝީދުގެ ހިތްޕުޅުގައި ޝައުޤުވެރިކަން އުފެދުމުގެ އެއް ސަބަބެވެ. ޖަޕާނުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އެންމެ ބޮޑަށް ބޭނުންވާ ތިންކަމެއް، އެ ސަރވޭއިން ނަޝީދަށް ފާހަގަކުރެއްވުނެވެ. މިގޮތުން، ޖަޕާނުން ސީދާ ރާއްޖެއަށް ފްލައިޓްތައް ނެތުމާއި، ޢާންމުކޮށް ބޭނުންކުރާ ދިވެހިބަސްތައް ޖަޕާނުގެ ފަތުރުވެރިން ދަސްކުރުމުގެ ޝައުޤުވެރިކަން ފާޅުކުރުމާއި އަދި ރާއްޖެއާބެހޭ މަޢުލޫމާތު ހިމެނޭ ފޮތެއް، ޖަޕާނުބަހުން ތައްޔާރުކުރުމުގެ މުހިންމުކަންވެސް، މި ސަރވޭއިން ނަޝީދަށް އެނގިވަޑައިގަތެވެ.  
 
މި ސަރވޭއަށްފަހު، [ދިވެހި ކޮންވަރޒޭޝަން]ގެ ނަމުގައި ޖަޕާނުބަހުން ފޮތެއް ތައްޔާރު ކުރެއްވުމުގެ މަސައްކަތް ފަށްޓަވައި، 2000 ވަނަ އަހަރު އެފޮތް ބާޒާރަށް ނެރުއްވިއެވެ. އަދި އެފޮތް ނެރުއްވުމަށްފަހު، ރާއްޖެއާބެހޭ އެކި މަޢްލޫމާތުތައް ހިމެނޭ އަދި ފަތުރުވެރިން ޝައުޤުވެރިވާ ރާއްޖޭގެ މުހިންމު ބިނާތަކާއި ތަންތަން އެކުލެވޭ ފޮތެއްވެސް ތައްޔާރުކުރައްވައި، 2002 ވަނަ އަހަރު އެފޮތް ޝާއިޢު ކުރެއްވިއެވެ. އަދި ދިވެހިބަސް ދަސްކުރަން ބޭނުންވާ ޖަޕާނު މީހުންނަށާއި، ޖަޕާނުބަސް ދަސްކުރަން ބޭނުންވާ ދިވެހިންނަށް އަމާޒު ކުރައްވައިގެންވެސް އޭނާ ފޮތެއް ނެރުއްވިއެވެ.
 
 [ޓްރޮޕިކަލް ޕެރަޑައިސް]ގެ ނަމުގައި ރާއްޖެއާ ބެހޭ ފޮތެއް، ޖަޕާނުބަހުން ނަޝީދު ނެރުއްވީ، މީގެ 10އަހަރު ކުރިންނެވެ. އެފޮތް އަމާޒުކުރެއްވީ، ޖަޕާނު މާކެޓަށެވެ. އެފޮތަށް ލިބުނު ތަރުޙީބު ބޮޑުކަމާއި އަދި މިމަސައްކަތަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ އެތައް ބޭފުޅުންނެއްގެ ތަޢުރީފު ނަޝީދަށް ލިބިގެންދިޔުމަކީ، ތަފާތު އެހެން ބަސްބަހުންވެސް ރާއްޖެއާބެހޭ މިދެންނެވި ފޮތް ޝާއިޢު ކުރެއްވުމަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ހިތްވަރެކެވެ. އެހެންކަމުން، ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކަށް އަމާޒު ކުރައްވައިގެން، ޖަޕާނުބަހުގެ އިތުރަށް އިނގިރޭސި ބަހުންނާއި، ރަޝިޔާ ބަހުންނާއި، ޖަރުމަނު ބަހުންނާއި، ފަރަންސޭސި ބަހުންނާއި، އިޓަލީ ބަހުންނާއި، ޗައިނާ ބަހުން މި ފޮތުގެ ތަރުޖަމާތައް، ނެރުއްވަން ފެށްޓެވިއެވެ. ނަޝީދު އެމަސައްކަތް ކުރައްވަމުން ގެންދެވީ، އިނގިރޭސިވިލާތުގެ ޖަރނަލިސްޓުންގެ އެހީތެރިކަމާ އެކުގައެވެ. މިމަސައްކަތަށް ރާއްޖޭގެ އެކި ރިޒޯޓްތަކުން ވަރަށްބޮޑު އެއްބާރުލެއްވުމަކާއި އެހީތެރިކަމެއް އޭނާއަށް ލިބިވަޑައިގަންނަވައެވެ.
 
2002 ވަނައަހަރުން ފެށިގެން މިދެންނެވި ފޮތް [ޓްރޮޕިކަލް ޕެރަޑައިސް] މިފޮތް 7 ބަހަށް ތަރުޖަމާ ކުރައްވައި، ގަވާއިދުން ނެރުއްވަމުން ގެންދަވާކަން އެއީ، ޓޫރިސްޓުން ރާއްޖެއަށް ޝައުޤުވެރިކުރުވުމަށް ނަޝީދު ކޮށްދެއްވާ ވަރަށްބޮޑު ޚިދުމަތެކެވެ. އެގޮތުން ޓްރޮޕިކަލް ޕެރަޑައިސް ފޮތް، މޯލްޑިވްސް ޓްރެވަލަރ އަށް ރިބްރޭންޑް ކުރައްވައި، އެފޮތް އިތުރަށް ތަރައްޤީ ކުރެއްވިއެވެ. މިހާތަނަށް އެފޮތުގެ ހަތަރުލައްކަ ފަންސާސް ހަހާސް ކޮޕީ ނެރުއްވާފައިވެއެވެ. މިކަމުގައި ޓޫރިޒަމް މިނިސްޓްރީން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި، ޓޫރިޒަމް މިނިސްޓަރުކަން ކުރިން ކުރެއްވި ޑޮކްޓަރ މަޙްމޫދު ޝައުޤީއާއި އަލްފާޟިލް ޙަސަން ޞާބިރު ވެދެއްވި އެހީތެރިކަން ނަޝީދު ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވައެވެ.
 
ފަތުރުވެރިން ބޭނުންވަނީ ރާއްޖެއާބެހޭ ކޮންކަހަލަ މަޢުލޫމާތެއްތޯ އޮޅުންފިލުއްވައި، އެކަންކަމަށް އަމާޒުކުރައްވައިގެން ނެރުއްވާ މި ފޮތްތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް އިޝްތިހާރުވެގެންދާކަން އެއީ މުޙައްމަދު ނަޝީދަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު ހިތްޕުޅުހަމަޖެހިވަޑައިގަތުމެކެވެ. އަދި އެއީ ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ކުރައްވައި ކުރިއަށް ގެންދެވުމަށް އޭނާއަށްވެސް ވެދެއްވޭ ވަރަށްބޮޑު ޙިއްޞާއެއްކަން އަމިއްލަފުޅަށް ގަބޫލުކުރައްވައެވެ.