އަލްފާޟިލް ޔޫސުފް ޢަޡީމް
ހ. ފެއަރީޕެލަސް

ޔޫސުފް ޢަޡީމަކީ، މަދުރަސީ ދައުރުން ފެށިގެން ފުޓްބޯޅައާއި އެތްލެޓިކްސްގައި ކާމިޔާބު ކުޅުންތެރިއެކެވެ. މޮޅު އެތްލީޓެކެވެ. އުމުރުން 11 އަހަރުގައި މަޖީދިއްޔާ ސްކޫލްގެ 11 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުގެ ކެޕްޓަންކަން ކުރައްވައި، އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެ ސްކޫލަށް ހޯއްދަވައިދެއްވިއެވެ.

ޔޫސުފް ޢަޡީމް އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރުވެފައިވަނީ، ކާމިޔާބު ދުވުންތެރިއެއްގެ ގޮތުގައެވެ. މޮޅު ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައެވެ. މި ދާއިރާއަށް ޔޫސުފް ޢަޡީމް ވެދެވަޑައިގަތުމުގެ ފުރުޞަތު ހޯއްދަވައިދެއްވީ، އަދި އެކަމަށް އެންމެބޮޑު ހިތްވަރެއް ދެއްވީ ޔޫސުފް ޢަޡީމުގެ ލޮބުވެތި ބައްޕަ ސަތާވަރީ ޢަލީ ޔޫސުފްފުޅެވެ. އަދި ކޯޗް ސްރީލަންކާގެ ސުމިތު ވަލަޕޮލައާއި، މޯނިންގސަން މޫސާ މަނިކު (ކުޑަ މޫސަ)ގެ ނަންވެސް ފާހަގަކުރައްވައެވެ.

އެތްލެޓިކްސް އާއި ފުޓުބޯޅައަކީ ވަރަށް ޝައުޤުވެރިކަމާއެކު އަދި ކާމިޔާބީތަކެއް ހޯއްދެވުމުގެ ޢަޒުމުގައި ކުޅުއްވަން ފެށްޓެވި ދެ ކުޅިވަރު ކަމަށްވާތީ، މިއަދާ ހަމަޔަށް މިކަމުގައި ދެމިހުންނެވުނީ، އެ ދެ ކުޅިވަރަށް ޔޫސުފް ޢަޡީމުގެ ހިތްޕުޅުގައި އޮންނަ ލޯތްބެއްގެ ސަބަބުންނެވެ. އަދި އެކަމަށް ބަހައްޓަވާ ފަރުވާތެރިކަމުގެ ސަބަބުންނެވެ.

ރާއްޖޭގައި ބޭއްވުނު ޤައުމީ އެތްލެޓިކްސް މުބާރާތްތަކުގައި ޔޫސުފް ޢަޡީމް ވަނީ ފަޚްރުވެރި ކާމިޔާބީތަކެއްވެސް ހޯއްދަވައިފައެވެ. މިގޮތުން، 1987، 1988، 1989، 1990، 1991، 1993، 1994، 2000 އަދި 2003 ވަނަ އަހަރު މާލޭގައި ބޭއްވި ޤައުމީ އެތްލެޓިކްސް މުބާރާތްތަކުގައި، ދުވުމުގެ ރޭސްތަކުން މަތީ ވަނަތަކެއް ވަނީ ހާސިލުކުރައްވައިފައެވެ. އަދި، 1991 ވަނަ އަހަރު ބޭއްވި ޤައުމީ އެތްލެޓިކްސް މުބާރާތުގެ ލޯންގް ޖަމްޕުގައި އެހާތަނަށް ޤާއިމުވެފައިވާ ޤައުމީ ރެކޯޑުވެސް ވަނީ މުގުރައިލައްވާފައެވެ. 1991 ވަނަ އަހަރު އިނގިރޭސިވިލާތުގައި ބޭއްވުނު އެތްލެޓިކްސް ޔުނިވަރސިއޭޑް ގޭމްސްގައި ބައިވެރިވި ޤައުމީ ޓީމުގައިވެސް ޔޫސުފް ޢަޡީމު ހިމެނިވަޑައިގެންފައި ވެއެވެ.

ޔޫސުފް ޢަޡީމް ވަނީ 19 އަހަރުން ދަށުގެ އަދި 23 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅުއްވައިފައެވެ. މީގެއިތުރުން، 1993 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރާ ދެމެދު ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށްވެސް ވަނީ، ގިނަ މެޗުތަކެއް ކުޅުއްވައިދެއްވައިފައެވެ. ޔޫސުފް ޢަޡީމަކީ، ދިވެހި ޤައުމީ ފުޓުބޯޅަ ޓީމު، ސާފް ޗެމްޕިއަންޝިޕްގައި ރިހި މެޑެލް ހޯދިއިރު އެ ޓީމުގެ ކުޅުންތެރިއެއްވެސް މެއެވެ. ޤައުމީ ފުޓްބޯޅަ މުބާރާތްތަކުގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށާއި، ކުލަބު ވެލެންސިޔާއަށާއި، ޙުއްރިއްޔާ ސްޕޯޓްސް ކުލަބަށާއި، އައިލެންޑް ފުޓުބޯޅަ ކުލަބަށާއި، ވިކްޓްރީ ސްޕޯޓްސް ކުލަބަށް ކުޅުއްވައި، އެ ކުލަބުތަކުން ހޯދި ފަޚުރުވެރި ކާމީޔާބީގައި ކުޅުންތެރިއެއްގެ ގޮތުން ޔޫސުފް ޢަޡީމުގެ ޙިއްޞާ ބޮޑުކަން ފާހަގަކޮށްލަން ޖެހެއެވެ.

ޔޫސުފް ޢަޡީމް ރާއްޖޭގެ ކުޅިވަރަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އިތުރަށް މިހާރު ކުރައްވާ އެންމެ މުހިންމު މަސައްކަތަކީ، ކުޑަކުދިންނަށް ފުޓުބޯޅައިގެ ހުނަރުތައް ދަސްކޮށްދެއްވުމަށް ހިންގަވާ ކޯޗިންގ ޕްރޮގުރާމެވެ. މި ޕްރޮގުރާމް ކުރިއަށް ގެންދަވާތާ 10 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. މި ޕްރޮގުރާމް މިހާރު ހިންގަވަމުން ގެންދަވަނީ 2015 ވަނަ އަހަރު ޔޫސުފް ޢަޡީމް އުފެއްދެވި [ޓީ.ސީ. އެކެޑަމީ] އިންނެވެ. އެ އެކެޑަމީގައި މިހާރުވެސް 300 އަށްވުރެ ގިނަ ކުދިންނަށް ތަމްރީނު ދެއްވަމުން ގެންދަވައެވެ. އެ މަސައްކަތް ކުރައްވަމުން ގެންދަވަނީ ދެ ދަންފަޅިއަކަށް ބައްސަވައިލައްވައިގެންނެވެ. އުމުރުން 5 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރައިގެ ކުދިން އެ އެކެޑަމީއިން ތަމްރީނު ހޯދަމުންގެންދެއެވެ. ޔޫސުފް ޢަޡީމަކީ، ފުޓުބޯޅަ ކޯޗިންގ ބީ ލައިސަންސް ލިބިވަޑައިގެންފައިވާ ބޭފުޅެއްވެސް މެއެވެ.

ޔޫސުފް ޢަޡީމް މިހާރު ހުންނެވީ، އިސްކަންދަރު ސްކޫލްގެ ސްޕޯޓްސް ސުޕަވައިޒަރުގެ މަގާމުގައެވެ. އިސްކަންދަރު ސްކޫލުން ބައިވެރިވާ ހުރިހާ ކުޅިވަރެއް ރާއްވަވައި ހިންގެވުމުގެ އިސް ބޭފުޅަކީ، ޔޫސުފް ޢަޡީމެވެ. ޔޫސުފް ޢަޡީމަކީ، އިސްކަންދަރު ސްކޫލުން ރާވައި އިންތިޒާމުކުރާ އެހެނިހެން ކަންކަމުގައިވެސް ޒިންމާދާރުކަމާއި ފަރުވާތެރިކަމާއެކު މަސައްކަތްކުރައްވާ ހީވާގި މުވައްޒަފެއްވެސް މެއެވެ.