އަލްފާޟިލް އިބްރާހީމް ޙުސައިން
ގ. އޮއިވާލި

އިބްރާހީމް ޙުސައިނަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި މުހިންމު ދައުރެއް އަދާކުރާ މޫދު ކުޅިވަރު ކުރިއަރުވައި ތަރައްޤީ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އިބްރާހީމް ޙުސައިނަކީ، ޕަޑީ ސަރޓިފައިޑް ޑައިވް މާސްޓަރެއްވެސް މެއެވެ. ޕްރޮފެޝަނަލް ޑައިވިންގގެ ދާއިރާގައި 8 އަހަރު ހޭދަކުރައްވައިފައިވެއެވެ.

މޫދުކުޅިވަރުގެ ތެރޭގައި ހިމެނޭ ހައިޑްރޯ ސްޕޯޓްސް ކުޅިވަރެއް ކަމުގައިވާ "ފްލައިބޯޑް" ދުނިޔޭގެ ފެންވަރުގައި ޕްރޮފެޝަނަލް ލެވެލްއެއްގައި ރާއްޖޭގައި ދިރުވައި އާލާކުރެއްވުމަށް 2013 ވަނަ އަހަރު އިބްރާހީމް ޙުސައިން ވަނީ މަސައްކަތް ފަށްޓަވާފައެވެ. މިގޮތުން "ފްލައިބޯޑް" އުފެއްދި ފްރޭންކީ ޒަޕަޓާ ރޭސިން ކޮމްޕެނީ އާ ގުޅިވަޑައިގެން، ހައިޑްރޯ ސްޕޯޓްސް ފްލައިބޯޑް ކުޅިވަރު ދިވެހިރާއްޖެއަށް ތަޢާރުފުކޮށްދެއްވުމުގައި އިބްރާހީމް ޙުސައިން މުހިންމު ދައުރެއް އަދާކުރައްވައިފައިވެއެވެ.

ހައިޑްރޯ ސްޕޯޓްސްއަކީ، ދުނިޔޭގައި މިހާރު އެންމެ ބާރަށް ކުރިއަރަމުންދާ މޫދު ކުޅިވަރުތަކުގެ ތެރެއިން އެއް ކުޅިވަރެވެ. މި ކުޅިވަރަކީ ރާއްޖޭގެ ރައްޔިތުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން މުނިފޫހިފިލުވުމަށްޓަކައި، ކުޅެވޭނެ އަދި ގިނަ ބައެއްގެ ޝައުޤުވެރިކަން ހޯދޭނެ ކުޅިވަރެއް ކަމަށް އިބްރާހީމް ޙުސައިން ދެކެވަޑައިގަންނަވައެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް މި ކުޅިވަރުން ނުހަނު ގިނަ މަންފާތަކެއް ހޯއްދަވައިދެއްވުމަކީ، އިބްރާހިމް ޙުސައިންގެ އެއް އަމާޒެވެ. އިބްރާހީމް ޙުސައިންގެ އުންމީދަކީ، ގިނަ އަންހެން ކަނބަލުން މި ކުޅިވަރަށް ޝައުޤުވެރިކުރުވައި ކުރިއަށް ދިޔުމުގެ މަގުފަހިކޮށްދެއްވުމެވެ.

އިބްރާހިމް ޙުސައިނަކީ، ދުނިޔޭގައި ހިމެނޭ ޒަޕަޓާ ރޭސިންގގެ ސްޕޮންސަރޑް ފްލައިބޯޑްގެ މަދު އެތުލީޓުންގެ ތެރެއިން އެއް އެތުލީޓެވެ. ދުނިޔޭގެ ފެންވަރުގައި ބޭއްވޭ ފްލައިބޯޑުގެ ގިނަ މުބާރާތްތަކެއްގައި ވާދަކުރައްވައި އެކިވަނަތައްވަނީ ހާސިލު ކުރައްވައިފައެވެ. މިގޮތުން ޔޫރަޕިއަން ފްލައިބޯޑް ވާރލްޑް ޗެމްޕިއަންޝިޕް 2016 ގެ ޕްރޯ ކެޓަގަރީއިން މުބާރާތުގެ 3 ވަނަ ދިވެހިރާއްޖެއަށް ހޯއްދަވައިދެއްވައިފައި ވެއެވެ. 2016 ވަނަ އަހަރު އެމެރިކާގައި ބޭއްވުނު 5 ވަނަ ފްލައިބޯޑް ވާރލްޑްކަޕް މުބާރާތުން ޕްރޯކެޓަގަރީއިން މުޅިދުނިޔެއިން 8 ވަނަ ރާއްޖެއަށް ހާސިލުކޮށްދެއްވިއެވެ. މީގެއިތުރުން، ހައިޑްރޯފްލައިޓް ވާރލްޑް ޗެމްޕިއަންޝިޕް 2017 ގެ މާސްޓަރ ކެޓަގަރީއިން މުބާރާތުގެ 5 ވަނަ އަދި ވިއެޓުނާމްގައި ބޭއްވުނު ވާރލްޑް ހައިޑްރޯފްލައިޓް ކޮމްޕެޓިޝަން 2020 ން 4 ވަނަ ހާސިލުކޮށްދެއްވައިފައި ވެއެވެ.

އިބްރާހީމް ޙުސައިންވަނީ، ދުނިޔޭގައި ބޭއްވޭ ހައިޑްރޯ ސްޕޯޓްސް ފްލައިބޯޑް މުބާރާތްތަކަށް ރާއްޖޭގެ ޒުވާނުން ތަމްރީނު ކުރައްވައި، އެ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދެއްވައިފައެވެ. ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން، ދިވެހިރާއްޖެއާއެކު ޒަޕަޓާ ރޭސިންގ އެފިލިއޭޝަން 2015 ވަނަ އަހަރު ޤާއިމުކުރެވި ފްލައިބޯޑުގެ ދާއިރާއިން އިންސްޓްރަކްޓަރ ސެޓްފިކެޓް ދިނުމުގެ ހުއްދަ ޒަޕަޓާ ރޭސިންގ އިން އިބްރާހީމް ޙުސައިނަށް ވަނީ ދީފައެވެ. ޒަޕަޓާ ރޭސިންގގެ މާސްޓަރ އިންސްޓްރަކްޓަރ ސެޓްފިކެޓުވެސް އިބްރާހީމް ޙުސައިން ވަނީ ހާސިލުކުރައްވައިފައެވެ.

ވިލިނގިލީ އަވަށުގައި ވޯޓަރ ސްޕޯޓްސްއާއި ހައިޑްރޯ-ސްޕޯޓްސް ކުޅިވަރުތައް ދިރުވައި އާލާކުރުމަށް، "ލިކުއިޑް ވޯޓަރ ސްޕޯޓްސް"ގެ ނަމުގައި އިބްރާހިމް ޙުސައިންވަނީ ޖަމުޢިއްޔާއެއް އުފައްދަވައި، އެކި އުމުރުފުރައިގެ ޒުވާނުންނަށް އެތަނުން ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިކޮށްދެއްވައިފައެވެ. އަދި 2018 ވަނަ އަހަރު ދުނިޔޭގައި ބޭއްވުނު އެންމެ ފުރަތަމަ ޖޫނިއަރ ފްލައިބޯޑް ވާރލްޑްކަޕްގައި، ދިވެހިރާއްޖޭގެ ފަރާތުން ފުރަތަމަފަހަރަށް ޖޫނިއަރ ފްލައިބޯޑް އެތުލީޓެއްގެ ގޮތުގައި، މުޙައްމަދު ޔައިޝް ބައިވެރިކުރައްވައި، ޖޫނިއަރ ފްލައިބޯޑް ވާރލްޑްކަޕް މުބާރާތުން ދިވެހިރާއްޖެއަށް 4 ވަނަ ހޯއްދަވައިދެއްވައިފައި ވެއެވެ. އަދި މި އަހަރު ވިއެޓްނާމުގައި އޮތް ހައިޑްރޯ ފްލައިޓް ވާރލްޑް ޗެމްޕިއަންޝިޕްގެ ޖޫނިއަރ ކެޓަގަރީގައި މުޙައްމަދު ޔައިޝް ބައިވެރިކުރައްވައި، އެ ކެޓަގަރީން ރާއްޖެއަށް 2 ވަނަ ހޯއްދަވައިދެއްވައިފައެވެ.

އިބްރާހިމް ޙުސައިންވަނީ ބައިނަލްއަޤްވާމީ ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައި ފްލައިބޯޑުގެ އެކިއެކި ޝޯތައް ދިވެހިރާއްޖެއަށް ތައާރުފުކުރައްވައިފައެވެ. ރާއްޖޭގެ އިތުރުން، ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައްޔާއި، ރާއްޖޭގެ ރިޒޯޓުތަކުގައްޔާއި، ސަފާރީބޯޓުތަކުގައްޔާއި ޔޮޓުތަކުގައި މި ޝޯތައް އިންތިޒާމު ކުރައްވައި ޝޯތައް ހުށަހަޅުއްވައިދެއްވައިފައެވެ.

ކުޅިވަރުގެ މައިދާނަށް އިބްރާހީމް ޙުސައިން ފުރަތަމަ ނުކުމެވަޑައިގަތީ 1998 ވަނަ އަހަރު ފުޓްބޯޅައިންނެވެ. އުމުރުން 16 އަހަރުގައި ދިވެހިރާއްޖޭގެ 16 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމާ ގުޅިވަޑައިގެން، ޤައުމީ އަދި ސަރަޙައްދީ ފެންވަރުގައި ބޭއްވުނު އެކި މުބާރާތްތަކުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި 2000 ވަނަ އަހަރު ފުރަތަމަ ޑިވިޜަންގެ ކްލަބެއް ކަމަށްވާ ކްލަބް އީގަލްސްއަށްވެސް ކުޅުއްވިއެވެ. އަދި 2002 ވަނަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށާއި، 2004 ވަނަ އަހަރު އައިލެންޑް ފުޓްބޯލް ކްލަބް (އައި.އެފް.ސީ) އަށް ކުޅުއްވުމަށްފަހު، ކްލަބް ވެލެންސިއާއަށްވެސް ފުޓްބޯޅަ ކުޅުއްވައިފައިވެއެވެ.