ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު)
19 މެދުޒިޔާރަތްމަގު

         ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް، ދިރާގަކީ އިތުރު ތަޢާރުފަކަށް ބޭނުންވާނެ ކުންފުންޏެއް ނޫނެވެ. އެ ކުންފުނި ފުރަތަމަ އުފެދުނުއިރު، ފޯނުގެ ޚިދްމަތް ފޯރުވައިދެމުން އައީ، ހަމައެކަނި ރާއްޖޭގެ ދެ އަތޮޅެއްގެ ދެ ރަށަކަށެވެ. އޭރު މާލޭގައި ބެހެއްޓިފައި ހުރީ އެންމެ 3000 މީހުންނަށް ޚިދްމަތް ފޯރުވައިދޭވަރުގެ އެކްސްޗޭންޖެކެވެ. މިއަދު މިސަރަޙައްދުގެ އެހެން ޤައުމުތަކަށްވުރެވެސް މިރޮނގުން ރާއްޖެ ވަނީ ދިރާގުން ކުރިއަށް ނެރެދީފައެވެ.

         މިދިޔަ އޮކްޓޯބަރު މަހު 1 ވަނަ ދުވަހު ދިރާގުން، އެކުންފުނީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރިއިރު، މިއަދު ދިރާގުންވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް މޯބައިލް ފޯނުގެ ޚިދްމަތް ތަޢާރުފުކޮށްފައެވެ. މީގެތެރޭގައި، މުނިފޫހިފިލުވުމުގެ ދާއިރާގައި ހިމެނޭ ލަވައާއި މިޔުޒިކް އަދި ދީނީ ތަފާތު މެސެޖްތައް ފޯރުކޮށްދޭ މައިޓޯންސް ޚިދްމަތާއި، އެސް.އެމް.އެސް މެދުވެރިކޮށް ތަފާތު މަޢްލޫމާތު ބަދަލުކުރުމާއި، ކުއިޒް ފަދަ ތަފާތު ބޭނުންތެރި ޚިދްމަތްތައް ދަނީ ފޯރުވައިދެމުންނެވެ. އަދި މޯބައިލް ފޯނުން އިންޓަރނެޓްގެ ޚިދްމަތް ހޯދާ ފަރާތްތައް އިތުރުވަމުންދާއިރު މިއަދު ދިރާގުންވަނީ މުޅި ރާއްޖެއަށް މޯބައިލް އިންޓަރނެޓްގެ ޚިދްމަތް ބޭނުންކުރުމުގެ މަގު ފަހިކޮށްދީފައެވެ. މޯބައިލްގެ ތަފާތު ޚިދްމަތްތައް ތަޢާރުފު ކުރުމުގެ އިތުރަށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމުކުރެވިފައިވާ ދިރާގު ވަޔަރލެސް ޒޯންތައް މެދުވެރިކޮށް އިންޓަރނެޓްގެ ޚިދްމަތްތައްވެސް ދަނީ ފޯރުވައިދެމުންނެވެ. މީގެތެރޭގައި، މާލެއެކޭ އެއްފެންވަރެއްގައި ބްރޯޑްބޭންޑްގެ ޚިދްމަތް ފޯރުވައިދޭ އަތޮޅުތަކާއި ރަށްތައް ހިމެނެއެވެ.

       މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، މުވައްޒަފުން ތަމްރީނު ކުރުމަށާއި، ދިވެހިންނަށް ވަޒީފާގެ ފުރްޞަތު އިތުރުކުރުމަށްވެސް ދިރާގުން ވަނީ ވަރަށްގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން، ފުރަތަމަ ޑިގްރީ އަދި މާސްޓަރޒް ޕްރޮގްރާމްތަކުންނާއި، އެހެނިހެން ތަމްރީނު ޕްރޮގްރާމްތަކުން ޖުމްލަ ފައްސަތޭކައަށްވުރެ ގިނަ މުވައްޒަފުން ތަމްރީނު ކޮށްފައިވެއެވެ. އަދި މުވައްޒަފުންގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ވަޒީފާގެ ފުރްޞަތުތައް ފުޅާކުރުމުގެ ގޮތުން މިހާރުވެސް އެކި ޕްރޮގްރާމްތައް ހިންގަވައި، އެފަދަ ފުރްޞަތުތައް މުވައްޒަފުންނަށް ފަހިކޮށްދެއްވަމުން ގެންދަވައެވެ. މެދުކެނޑުމެއްނެތި މުވައްޒަފުން ބިނާކުރުމަށް، އެ ކުންފުނިން ކުރި ގިނަ މަސައްކަތްތަކާއި، ބޮޑު ހޭދައާއެކު މަތީ ތަޢްލީމާއި ތަމްރީނު ލިބިފައިވާ ވަރަށް ޤާބިލް، ގިނަ ދިވެހިންތަކެއް ދިރާގުގެ ވަޒީފާގައި މިއަދު އެބަތިއްބެވެ.

         ދިރާގުން އެންމެބޮޑު އިސްކަމެއް ދެއްވާފައިވާ އެއްކަމަކީ، ވީހާވެސް ގިނަ ދިވެހިން، އެ ކުންފުނީގެ ވަޒީފާގައި ގެންގުޅުއްވުމެވެ. މިއަދު އެ ކުންފުނީގެ ވަޒީފާގައި ތިބި މުވައްޒަފުންގެ ތެރެއިން އެންމެ މުވައްޒަފެއް ފިޔަވައި ދެންތިބި ހުރިހާ މުވައްޒަފުންނަކީ، ދިވެހިންކަން އެއީ، މިދެންނެވި ބަހުގެ ހެއްކެކެވެ.

        ރާއްޖޭގައި ހިންގާ އިޖްތިމާޢީ މުހިންމު ޙަރަކާތްތަކަށާއި، ޒުވާނުންގެ ޙަރަކާތްތަކަށާއި، މުނިފޫހިފިލުވުމާއި، ކުޅިވަރުގެ ޙަރަކާތްތަކަށް، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދިރާގު ވަނީ އެކިގޮތްގޮތުން އެހީތެރިކަން ފޯރުވައިދީފައެވެ.