އަލްފާޟިލް ޢަބްދުﷲ ޢަރީފް
ނެދުންގެ ރ. ރަސްމާދޫ

ޢަބްދުﷲ ޢަރީފަކީ، އުމުރުން 6 އަހަރުގައި، އުފަން ރަށް ރަސްމާދޫގައި ރާޅާއަޅަން ފެށްޓެވި ބޭފުޅެކެވެ. މިހާރު ރާޅާއަޅަން މި ގެންގުޅޭ ބޯޑު އޭރު އެއްވެސްވަރަކަށް ތަޖުރިބާކޮށްލައްވަންވެސް ލިބިވަޑައެއްނުގެންނެވިއެވެ. ބޯޑެއް ލިބޭތޯ މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، ރާޅާއެޅުންތެރިއެއް ކަމަށްވާ އަލްމަރްޙޫމް ޙުސައިން ޝުޖާޢު، 1995 ވަނަ އަހަރު ބޯޑެއް ހަދިޔާކުރެއްވިއެވެ. އެހިސާބުން ފެށިގެން އެކަމުގެ ޝައުޤުވެރިކަން ޢަރީފުގެ ހިތްޕުޅުގައި އިތުރުވިއެވެ. އޭރު ޢަރީފް އުޅުއްވީ ރަށު ސްކޫލްގައި ކަމަށްވާތީ، ސްކޫލް ކުދިންނަށް އޭރު މޫދަށް އެރެވެނީ ސްކޫލް ޗުއްޓީ ފިޔަވައި ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު ކަމަށްވުމުން، 5 ކުދިންގެ ގްރޫޕެއް ހައްދަވައިގެން ފަހަރަކު ކުއްޖަކު 3 ރާޅު އަޅާފައި، ދެންތިބި ކުދިންނަށް ބޯޑުދެނީއެވެ. ޢަރީފް އަމިއްލަފުޅަށް ރާޅު ބޯޑެއް ހޯއްދެވީ 1997 ވަނަ އަހަރުއެވެ.

2000 ވަނަ އަހަރު ޢަރީފް މާލެއަށް ބަދަލުވެވަޑައިގަތުމަށްފަހު، މާލޭގައި މި ކުޅިވަރު ކުޅުމަށް އެކަށީގެންވާ ރާޅުގަނޑެއް އޮތުމާއި، އަދި އެއްވެސް ހުރަހެއްނެތި މޫދަށްއެރުމުގެ މިނިވަންކަން ލިބިވަޑައިގަތުމުން، ގިނަ ވަގުތު މި ކުޅިވަރުގައި އުޅުއްވިއެވެ. އަދި މި ކުޅިވަރުން އެނގިވަޑައިނުގެންހުރި ގިނަ އުކުޅުތައް ޢަރީފް ދަސްކުރެއްވީ، މާލޭގެ ރާޅުގަނޑުގައި މީހުން ރާޅާއަޅާތަން ބައްލަވައިގެންނެވެ. އޭރުއްސުރެ ފެށިގެން މާލޭގައި ބާއްވަމުންދިޔަ ރާޅާއެޅުމުގެ މުބާރާތްތަކުގައި ބައިވެރިވެވަޑައިގެން، ރަނގަޅު ކާމިޔާބީތަކެއް ހޯއްދަވަމުން ގެންދެވިއެވެ. އަދި މުބާރާތްތައް ބޭއްވުމަށް ކުރަންޖެހޭ އިންތިޒާމުތައް ކުރެއްވުމާއި، އިޝްތިހާރު ކުރެއްވުމާއި، މުބާރާތް ބޭއްވުމަށް ރާޅުގަނޑު ސަރަޙައްދު ޒީނަތްތެރި ކުރުމަށް ކުރަމުންދިޔަ މަސައްކަތުގައި އޭރުވެސް އަދި މިހާރުވެސް ޢަބްދުﷲ ޢަރީފް ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ. ގިނަ މުބާރާތްތަކުގައި ޢަރީފް ވާދަކުރައްވައިފައިވަނީ، މުބާރާތް އިންތިޒާމު ކުރުމުގެ މަސައްކަތުގައި ޢަމަލީގޮތުން އުޅުއްވަމުންނެވެ.

ރާޅާއެޅުމުގައި ކާމިޔާބު ހޯއްދަވަމުން، މި ކުޅިވަރު އިތުރަށް ކުރިއަރުވައި ތަރައްޤީ ކުރުމުގައި ޢަމަލީގޮތުން އިތުރު މަސައްކަތްތަކެއް ކުރެއްވުމަށް ނިންމެވިއެވެ. މިގޮތުން، ރާޅާއެޅުން ކުރިއެރުވުމަށް 2004 ވަނަ އަހަރު އުފެއްދި "މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން"ގެ ޖެނެރަލް ސެކްރެޓަރީ ކަމުގެ މަގާމު 2006 ގައި އަދާކުރައްވަން ފަށްޓަވައި، 6 އަހަރު ދުވަހު އެ މަގާމު އަދާކުރެއްވިއެވެ. މި މުއްދަތުގެ ތެރޭގައި ރާއްޖޭގައި ބޭއްވުނު ބައިނަލްއަޤްވާމީ މުބާރާތްތަކުގައި އަމަލީގޮތުން މަސައްކަތް ކުރެއްވިއެވެ. އަދި ރާއްޖޭގައި ތިބި ރާޅާއެޅުންތެރިންނަށް ގިނަ މުބާރާތްތަކެއް އިންތިޒާމު ކުރައްވައި، އެ މުބާރާތްތައް ބާއްވަވައިދެއްވުމުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.

2013 ވަނަ އަހަރު ރާއްޖޭގެ ގިނަ ބޮޑީ ބޯޑަރުންގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގައި އުފެއްދި ފުރަތަމަ ބޮޑީބޯޑިންގ ޖަމުޢިއްޔާ "މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން" (އެމް.ބީ.ބީ.އޭ)ގެ ރައީސަކަށް ޢަބްދުﷲ ޢަރީފް ހޮވިވަޑައިގަތެވެ. އެ އެސޯސިއޭޝަން ވުޖޫދަށް އައުން ވެގެންދިޔައީ، މަޑުޖެހިފައިވާ ރާޅާއެޅުމުގެ ޙަރަކާތްތަކަށް ލިބުނު އާ ދިރުމަކަށެވެ. އަގުބޮޑު އިނާމުތަކާއެކު ގިނަ މުބާރާތްތަކެއް ބޭއްވުމުން، ރާއްޖޭގެ ބޮޑީ ބޯޑަރުން، ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކުރާ މިންވަރު އިތުރުވެގެންދިޔައެވެ. އަދި އެކިއެކި ތަމްރީނު ޕްރޮގްރާމްތައް ހިންގައި، ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަޤްވާމީ ބޮޑީ ބޯޑިންގ މުބާރާތް ހިމެނޭގޮތަށް އޭޝިއާ ސަރަޙައްދުގެ އެންމެބޮޑު ސަރފިންގ ޓުއަރވެސް ރާއްޖޭގައި ބޭއްވިގެންދިޔައެވެ.

ބޮޑީބޯޑިންގއަކީ، އޭރު މީޑިއާއާ އެހާ ރައްޓެހި ކުޅިވަރަކަށް ނުވިނަމަވެސް، އެސޯސިއޭޝަން އުފެދުނު ހިސާބުން ފެށިގެން ނޫސްތަކުގެ ފަލަ ސުރުޚީތަކުން ބޮޑީ ބޯޑިންގ ޖާގަ ހޯދިއެވެ. އަދި ރާއްޖޭގައިތިބި ރާޅާއެޅުންތެރިންނަށް އިތުރު ފުރުޞަތުތައް ލިބެން ފެށިއެވެ. މީގެއިތުރުން، ތިމާވެށި ހިމާޔަތް ކުރުމުގެ ގިނަ ހަރަކާތްތަކެއް ރާއްވަވައި އަދި އެކަންކަން ހިންގެވުމުގައިވެސް ޢަމަލީގޮތުން ޢަބްދުﷲ ޢަރީފް ހަރަކާތްތެރިވެވަޑައިގެންނެވިއެވެ. މީގެ ތެރޭގައި، ގޮނޑުދޮށް ސާފުކުރުމުގެ އިވެންޓްތަކާއި، ސިނަމާލެ ބުރިޖު ސަރަހައްދުގެ ފަރު ސާފުކުރުމުގެ އިވެންޓާއި، ސިކްސްސެންސަސް ލާމުގައި ތިމާވެށީގެ އެކިއެކި ޖަމުއިއްޔާތަކާއި، މޫދު ކުޅިވަރުގެ ދުނިޔޭގެ ފެންވަރުގެ އެކި ފަރާތްތައް ހިމެނޭގޮތުން ބޭއްވުނު ތިމާވެށި ހިމާޔަތް ކުރުމާބެހޭ އިވެންޓެއްގައި ރާއްޖޭގެ މޫދުކުޅިވަރު ތަމްސީލުކުރާ ފަރާތެއްގެ ގޮތުން ޢަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

ޢަބްދުﷲ ޢަރީފް ވަނީ ރާއްޖޭގެ ބޮޑީބޯޑިންގ ތަރައްޤީ ކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވައި، ރާޅާއެޅުންތެރިންގެ ގިނަ ބަޔަކު ތަމްރީނު ކުރައްވައި، ބައިނަލްއަޤްވާމީ މުބާރާތްތަކަށް ފޮނުވުމުގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ. މީގެ އިތުރުން، ޢަރީފް ގެންދަވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ތިބި މިކަމަށް ޝައުޤުވެރިވާ ކުދިންނަށް ރާޅާއެޅުމުގެ އެކިއެކި ވަސީލަތްތައް ފޯރުކޮށްދެއްވަމުންނެވެ. ޢަބްދުﷲ ޢަރީފްގެ އަމާޒަކީ، ރާއްޖޭގައި ރާޅާއެޅުމުގެ އެންމެ މަތީފެންވަރުގެ މުބާރާތްތައް ބާއްވައި، އަދި މި މުބާރާތްތަކުގެ ރަން ވަނަތައް، ރާއްޖޭގެ ރާޅާއެޅުންތެރިން ހޯދުމެވެ.