އަލްފާޟިލް މުޙައްމަދު މާޒިން
ވ. ނޯޗާންސް

މުޙައްމަދު މާޒިންއަކީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެކިއެކި މަޢުލޫމާތު ފޯރުކޮށްދެއްވައި، އެކުދިންނަކީވެސް ކޮންމެވެސް ރޮނގަކުން މުޖުތަމަޢަށް ޚިދުމަތްކޮށްދެވިދާނެ ކުދިންކަމާއި، އުންމީދު ކަނޑައިނުލުމަށް އެކުދިންނަށް ނަސޭހަތްދެއްވައި ހިތްވަރު ދެއްވަމުން ގެންދަވާ ޒުވާނެކެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ އެއްވެސް ކަމެއް ނުވާނެ ނުވަތަ ނުކުރެވޭނެ ކުދިންކަމަށް މާޒިން އެއްގޮތަކަށްވެސް ގަބޫލެއް ނުކުރައްވައެވެ. އެހެންކަމުން، އެފަދަ ކުދިން ހޭލުންތެރިކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މާޒިން ވަނީ ކުރައްވައިފައެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތްކުރުމުގެ ދާއިރާއަށް މުޙައްމަދު މާޒިން ވެދެވަޑައިގަތީ 2008 ވަނަ އަހަރުއެވެ. ޚާއްޞަކޮށް، 2010 ވަނަ އަހަރުން ފެށިގެން ލޯފަން ކުދިންނާއި މީހުންގެ ޙައްޤުގައި މާޒިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ތަޢުރީފު ޙައްޤު މަސައްކަތްތަކެކެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަކީ ތަފާތު އެކި ކުޅިވަރުތައް ކުޅެވިދާނެ ބައެއްކަމާއި، ކުޅިވަރުންވެސް ފާހަގަކުރެވޭފަދަ ކާމިޔާބީ ހޯދިދާނެކަން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވިސްނަވައިދެއްވައި، ހޭލުންތެރިކަން އިތުރުކުރެއްވުމަށް މާޒިން ކުރައްވައިފައިވާ މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ. ހަމައެއާއެކު، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، ޤައުމީ ގޮތުންނާއި ބައިނަލްއަޤްވާމީ ގޮތުން ލިބެން ހުންނަ އެކިއެކި ފުރުޞަތުތައް އެކުދިންނަށް ހޯއްދަވައިދެއްވައި، އެކަންކަމުގައި އެކުދިން ބައިވެރިވުމަށް މަގުފަހިކޮށްދެއްވައިފައި ވެއެވެ. އަދި ޤައުމީ ފެންވަރުގައްޔާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ އެކިއެކި މަސައްކަތު ބައްދަލުވުންތަކުގައި މާޒިން ބައިވެރިވެވަޑައިގެން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުގައި ވަކާލާތު ކުރައްވައިފައި ވެއެވެ.

މާޒިންއަކީ، "ވެލްނަސް އެސޯސިއޭޝަން އޮފް މޯލްޑިވްސް"ގެ ކޯ-ފައުންޑަރ އަދި އެ އެސޯސިއޭޝަންގެ ޗެއާރޕަރސަންވެސް މެއެވެ. އަދި "ބްލައިންޑް އެންޑް ވިޜުއަލީ އިންޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް" ގެ ފައުންޑަރވެސް މެއެވެ. މާޒިން ވަނީ އެ ޖަމުޢިއްޔާގެ ރައީސްކަން 9 އަހަރު ކުރައްވައިފައެވެ. އަދި ނުކުޅެދޭ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން އުފައްދަވައިފައިވާ "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް" އަށް، އެ ޤާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރެއްގެ ގޮތުގައި 2016 ވަނަ އަހަރުގެ އެޕްރީލްމަހު މާޒިން ވަނީ ޢައްޔަނު ކުރައްވައިފައެވެ. މިހާރުވެސް މާޒިން ގެންދަވަނީ އެ ކައުންސިލުގައި ޚިދުމަތް ކުރައްވަމުންނެވެ. 2019 ވަނަ އަހަރުގެ މޭ މަހުން ފެށިގެން މާޒިން ވަނީ "ނޭޝަނަލް ޕެރަލިމްޕިކް ކޮމިޓީ" އާއި "ސްޕެޝަލް އޮލިމްޕިކް ކޮމިޓީ"ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ޢައްޔަނުކުރެވިފައެވެ.

މި ދާއިރާއަށް މީހުން ހޭލުންތެރިކުރުވުމަށް މާޒިން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި، އެފަދަ ކުދިން މުޖުތަމަޢަށް ޚިދުމަތް ކުރުމަށް ނުކުންނައިރު ބެލެނިވެރިން ކަންބޮޑުވާ ކަންކަމާއި، ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯއްދަވައިދެއްވުމުގައި މާޒިންވަނީ މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. ރާއްޖޭގައި ފުރަތަމަ ލޯފަން ދުވުންތެރިއެއްގެ ގޮތުގައި ދިރާގު ރޯޑް ރޭހަށް ނުކުމެވަޑައިގަތީ މާޒިންއެވެ. 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި "އިންޑިއަން އޯޝަން އައިލެންޑް ގޭމްސް"ގެ ޕެރަލިމްޕިކްސްގެ 100 މީޓަރު ދުވުމުގައި މާޒިން ރާއްޖެ ތަމްސީލު ކުރައްވައި، ލޯ މެޑެލް ހާސިލުކުރައްވައިފައި ވެއެވެ.

މާޒިންއަކީ، 2014 ވަނަ އަހަރުން ފެށިގެން ރޭޑިޔޯ ޓީ.ވީ ޕްރޮގްރާމްތައްވެސް ހުށަހަޅުއްވަމުން ގެންދަވާ ބޭފުޅެކެވެ. މާޒިން ފުރަތަމަ މަސައްކަތް ކުރެއްވީ ވީ.ޓީ.ވީ.ގައެވެ. ވީ.ޓީ.ވީ.ގެ ޕްރޮގްރާމުތައް ހުށަހަޅުއްވަމުން ގެންދެވިއިރު، އެންމެ ބޮޑު އިސްކަމެއް ދެއްވީވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަކީ މުޖުތަމަޢަށް ބޭނުންހިފޭނެ ބައެއް ކަމަށްވުމާއެކު، އެމީހުން އެކިކަންކަމުގައި ބައިވެރިކުރެއްވުމާއި، ކުރިއަށް ދިޔުމުގެ ފުރުޞަތުތަކަކީ ކޮބައިތޯ ބައްލަވައި، ޕްރޮގްރާމްތަކުގެ ތެރެއިން އެފަދަ ފުރުޞަތުތައް ތަނަވަސްކޮށްދެއްވުމަށެވެ. މާޒިން މިހާރު ހުންނެވީ ދިވެހިރާއްޖޭގެ އަޑުގެ އެސިސްޓެންޓް ޕްރެޒެންޓަރ/ޕްރޮޑިއުސަރުގެ މަގާމުގައެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަކުރައްވައިގެން، ދިވެހިރާއްޖޭގެ އަޑުން ފޮނުވާ ބައެއް ޕްރޮގްރާމުތަކާއި، މުނިފޫހިފިލުވުމުގެ ބައެއް ޕްރޮގްރާމްތައްވެސް މާޒިން ގެންދަވަނީ ހުށަހަޅުއްވައިދެއްވަމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ ހިތްވަރު ދިނުމުގެ އެވޯޑު، 2012 ވަނަ އަހަރު މާޒިންއަށް ވަނީ ލިބިވަޑައިގެންފައެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، ޒުވާނުންގެ ޤައުމީ މަޖިލީހުގައި ތަމްސީލު ކުރައްވާ މެންބަރަކީ މާޒިންއެވެ. ރާއްޖެއަށް ޕެރާ ކެޓަގެރީއިން ފުރަތަމަފަހަރަށް މެޑެއްޔެއް ހޯއްދެވީވެސް މާޒިންއެވެ. މީގެއިތުރުން، ނުކުޅެދުންތެރިކަމާ ގުޅުންހުރި މަޢުލޫމާތު ދިނުމަށް ބައެއް ކޮލެޖުތަކުގައި ވޮލަންޓިއަރ ލެކްޗަރަރއެއްގެ ގޮތުގައި މާޒިން މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވައެވެ.