އަލްފާޟިލް ސަޢުދުﷲ ޙިލްމީ
ފަތިސް ގދ. ތިނަދޫ

އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން ޖަމާޢަތަށް ފައިދާހުރި މަސައްކަތްތައް ސަޢުދުﷲ ޙިލްމީ ކުރައްވަން ފެށްޓެވީ 1992 ވަނަ އަހަރު، ތިނަދޫ މަސްވެރިންގެ ރޫޙުގެ ޢާންމު މެންބަރެއްގެ ގޮތުންނެވެ. އޭގެފަހުން އެ ޖަމުޢިއްޔާގެ ނައިބު ރައީސްކަމާއި، ވައިސް ޗެއަރމަން ކަމާއި، އޮނަރަރީ ޗެއަރމަން ކަމުގެ މަގާމު ފުރުއްވައި، ޖަމުޢިއްޔާއިން އެކިއެކި ކަންކަން ރާއްވަވައި ހިންގެވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ފައިސާގެ ގޮތުން އެހީތެރިވެދެއްވައި، 2016 ވަނަ އަހަރާ ހަމަޔަށް އެ ޖަމުޢިއްޔާގެ ދަށުން އަދި އޭގެފަހުންވެސް ތިނަދުއަށް އިޖުތިމާޢީ ދާއިރާއިން އެކި ރޮނގުރޮނގުން ޚިދުމަތް ކުރެއްވިއެވެ.

1995 ވަނަ އަހަރު ސަޢުދުﷲގެ އަމިއްލަފުޅު ޚަރަދުގައި ސްރީލަންކާއިން ފުޓްބޯޅަ ކޯޗެއް ތިނަދުއަށް ގެންނަވައި، ތިނަދޫގެ ޒުވާނުންނާއި ކުޅުންތެރިންނަށް ތަމްރީނު ޕްރޮގްރާމްތައް ވަނީ ހިންގަވައިދެއްވައިފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 1996 ވަނަ އަހަރު އެފް.އޭ.އެމް އިން އަތޮޅުތަކަށް ޚާއްޞަކޮށްގެން ބޭއްވި ފުޓްބޯޅަ މުބާރާތުގެ އަތޮޅު މުބާރާތާއި، ޒޯން މުބާރާތާއި، މާލޭގައި ބޭއްވުނު ފައިނަލް ބުރުގެ ޗެމްޕިއަންކަން، ތިނަދޫ މަސްވެރިންގެ ރޫޙުގެ ޓީމު ހޯދައިފައިވެއެވެ. އަދި މާލޭގައި ބޭއްވުނު ފައިނަލް ބުރުގައި ޓީމުގެ މެނޭޖަރަކަށް ހުންނެވީވެސް ސަޢުދުﷲ އެވެ.

ސަޢުދުﷲ ޙިލްމީއަކީ މާލޭގެ ބައެއް ސްކޫލް މަދަރުސާތަކުގެ ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމުޢިއްޔާގެ މެންބަރެއްގެ ގޮތުންނާއި، ސްކޫލްބޯޑުގެ މެންބަރެއްގެ ގޮތުން އެކިއެކި ސްކޫލްތަކުގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، 2000 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރުގެ ނިޔަލަށް ޢިމާދުއްދީން ސްކޫލްގެ މުދައްރިސުންނާއި ބެލެނިވެރިންގެ ޖަމުޢިއްޔާގެ ހިންގާ ކޮމިޓީގެ ގްރޭޑް މަންދޫބުކަމާއި، ޚަޒާންދާރުކަމާއި، ނައިބު ރައީސްކަމާއި، ސްކޫލް ބޯޑުގެ މެންބަރުކަމާއި، ބޯޑުގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން، އެ ސްކޫލަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފައި ވެއެވެ.

2007ން 2009 އަށް ދަރުމަވަންތަ ސްކޫލްގެ ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމުޢިއްޔާގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވައިގެންނާއި، ފަހުން ސްކޫލް ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުންވެސް ގިނަ މަސައްކަތްތަކެއް އެ ސްކޫލަށް ވަނީ ކޮށްދެއްވައިފައެވެ. އަދި ދަރިވަރުން ކިޔެވުމަށް ބާރުއަޅައި، ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް ހިތްވަރު ދެއްވުމުގެ ގޮތުން، ކޮންމެ އަހަރަކު ބެސްޓް އޯލްރައުންޑް ސްޓޫޑެންޓަކަށް ހޮވޭ ދަރިވަރަކަށް، ދަރުމަވަންތަ ސްކޫލްގެ ބެލެނިވެރިއެއްގެ ގޮތުގައި ސަޢުދުﷲ ހުންނެވި 3 އަހަރު، ކޮންމެ އަހަރަކު ފައިސާގެ އެހީއެއް ވެދެއްވައިފައިވެއެވެ. 2012 އިން 2014 އަށް އަމީނިއްޔާ ސްކޫލްގެ ސްކޫލް ބޯޑުގެ މެންބަރެއްގެ ގޮތުންނާއި، ފަހުން ބޯޑުގެ ރައީސްގެ ހައިސިއްޔަތުން ދަރިވަރުންގެ އަޚްލާޤާއި ކިޔެވުން ރަނގަޅު ކުރުމަށްޓަކައި ސަޢުދުﷲ ވަނީ އެހީތެރިވެދެއްވައިފައެވެ.

ޖޫން 2010 އިން ޖޫން 2012 އަށް، ޖޫން 2015 އިން ޖޫން 2017 އަށް، އަދި ޖޫން 2018 އިން ޖޫން 2020 އަށް، ސީ.އެޗް.އެސް.އީ.ގެ ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމުޢިއްޔާގެ ނައިބު ރައީސްގެ ހައިސިއްޔަތުން، ސްކޫލްގެ ކުރިއެރުމާއި ތަރައްޤީއަށް ކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ހިލޭސާބަހަށް މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. އަދި މުދައްރިސުންގެ އަގު ވަޒަންކޮށް، މުދައްރިސުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން، ކޮންމެ އަހަރަކު އެންމެ ރަނގަޅު 5 މުދައްރިސުން ހޮވައި، އެ މުދައްރިސުންނަށް އެވޯޑެއް ދެއްވައި އަދި ހުރިހާ ގަޑިއަކަށް ހާޒިރުވާ މުދައްރިސުންނަށް ސަޢުދުﷲގެ އަމިއްލަފުޅު ޚަރަދުގައި އިނާމު ދެއްވަމުން ގެންދެވިއެވެ.

ސަޢުދުﷲ ޙިލްމީ އިސްވެ ހުންނަވައިގެން ނުވަތަ މަސްއޫލުވެރިކަމުގެ ދަށުން މާލޭގައި ޤުރްއާން ކިޔަވައިދޭ 3 ކްލާހެއްވެސް ހިންގަވަމުން ގެންދަވައެވެ. އެއީ، ވިނަވި ޤުރްއާން ކްލާހާއި، އިޔާރު ޤުރްއާން ކްލާހާއި، އަސާސް ޤުރްއާން ކްލާހެވެ. އަދި ތިނަދޫގައިވެސް ވިނަވި ޤުރްއާން ކްލާހުގެ ނަމުގައި ޤުރްއާން ކްލާހަކާއި، ވިނަވި ޓިއުޝަން ސެންޓަރގެ ނަމުގައި ޓިއުޝަން ކްލާހެއްވެސް ސަޢުދުﷲގެ މަސްއޫލުވެރިކަމުގެ ދަށުން ހިންގަވައެވެ. ސަޢުދުﷲގެ އިސްނެންގެވުމުގެ މަތިން 19 ޖޫން 2011 ގައި އުފެދުނު އިސްލާމިކް ޔުނައިޓެޑް ފައުންޑޭޝަން ފޮރ އަސާސް، ވިނަވި، އިޔާރު (އިއުފަވި)ގެ މަސްއޫލުވެރިއެއްގެ އިތުރުން، ޖަމުޢިއްޔާގެ ރައީސްގެ ހައިސިއްޔަތުން ޖަމުޢިއްޔާ ހިންގެވުމާއި، ޤުރްއާނުގެ ޢިލްމާ ގުޅުންހުރި އެކިއެކި ކޯސްތައް ހިންގުމަށްޓަކައި އެ ޖަމުޢިއްޔާގެ މަސްއޫލުވެރިކަމުގެ ދަށުން އުފެއްދެވި އިންސްޓިޓިއުޓް އޮފް ޤުރްއަނިކް ސްޓަޑީޒް އިން މީހުން ތަމްރީނު ކުރައްވައި މުޖުތަމަޢަށް ނެރުއްވުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވައެވެ.

"މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ" (މަސީ)ގެ ބޯޑު މެންބަރެއްގެ ހައިސިއްޔަތުންނާއި، ކޮންސްޓްރަކްޝަން މަސައްކަތްކުރާ ދެ ކުންފުންޏެއްގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ލިބިވަޑައިގެންފައިވާ މަޢުލޫމާތާއި ތަޖުރިބާގެ އަލީގައި، މާލޭގެ ބައެއް ސްކޫލްތަކާއި، އަތޮޅުތަކުގެ ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް ކޮންސްޓްރަކްޝަން އިންޑަސްޓްރީއާބެހޭ މަޢުލޫމާތު ދެއްވައި، ދަރިވަރުންގެ ހިތްތަކުގައި، އެ ރޮނގުން ޝައުޤުވެރިކަން އިތުރުކުރެއްވުމަށްވެސް ސަޢުދުﷲ ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

2008 ވަނަ އަހަރު ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީއަށް ހޮވިގެން ކްލަބުތައް ތަމްސީލުކުރާ މެންބަރެއްގެ ހައިސިއްޔަތުންނާއި، ބެޑްމިންޓަންއަށް ޚާއްޞަކޮށްގެން މަސްއޫލުވެރިއެއްގެ ގޮތުގައި ސަޢުދުﷲ ޙިލްމީ ހުންނަވައިގެން އުފެއްދެވި "ޔުނިކް ސްޕޯޓްސް ކްލަބް"ގެ ރައީސްގެ ހައިސިއްޔަތުން ބެޑްމިންޓަން ތަރައްޤީކޮށް ކުރިއެރުވުމަށާއި، އަތޮޅުތެރެއަށް ބެޑްމިންޓަން ފުޅާކުރެއްވުމަށްވެސް ސަޢުދުﷲ ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފައި ވެއެވެ.