އަލްފާޟިލް މަޢީދު މުޙައްމަދު ޒާހިރު
މއ. ކިނާރާހައުސް

އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން މަސައްކަތް ކުރެއްވުމުގެ ޝައުޤުވެރިކަން މަޢީދު މުޙައްމަދު ޒާހިރުގެ ހިތްޕުޅުގައި އުފެދުނީ، މަދުރަސީ ދައުރުގައި ސްކައުޓް ހަރަކާތާ ގުޅިވަޑައިގެންނެވި ހިސާބުންނެވެ. ގްރޭޑް 2 ގައި އުޅުއްވަމުން، ސްކައުޓް ޙަރަކާތުގެ ތެރެއަށް ވެދެވަޑައިގެން، ޢަމަލީ ކަންކަމުގައި ބައިވެރިވެވަޑައިގަންނަވަން ފެށްޓެވިއެވެ. އޭރު ސްކައުޓު ޙަރަކާތުގެ ތެރެއިން ލިބިވަޑައިގެންނެވި އެންމެ މުހިންމު ފިލާވަޅަކީ، ޤައުމުގެ އިޖުތިމާޢީ ކުރިއެރުމަށް އޮތް މުހިންމު ފަރުދީ ވާޖިބާއި، މުޖުތަމަޢު ބިނާކުރުމަށް ކޮށްދޭންޖެހޭ ވަރަށްގިނަ ކަންކަން ހުރިކަމުގެ ފިލާވަޅެވެ. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން މަޢީދު ކުރައްވާ އެންމެ މުހިންމު އެއް މަސައްކަތަކީ، ތިމާވެށީގެ ދާއިރާއަށް ޒުވާނުން ހޭލުންތެރިކަން އިތުރުކުރެއްވުމަށް ކުރައްވާ މަސައްކަތެވެ. މިގޮތުން، ތިމާވެށްޓަށް ޚިދުމަތް ކުރާ ޖަމުޢިއްޔާއެއް ކަމަށްވާ "އީކޯކެއަރ މޯލްޑިވްސް" ގައި 2009ވަނަ އަހަރުން ފެށިގެން މަޢީދު ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މި ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި، ތިމާވެށީގެ ދާއިރާއިން ޒުވާނުންނާއި ޢާންމުންނާ ގުޅުންހުރި މަދަނީ އެތައް މަސައްކަތެއް މަޢީދުވަނީ ކުރައްވައިފައެވެ. ޚާއްޞަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކައުތެރިކުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބައްލަވައި، އެ މަސައްކަތުން ލިބިވަޑައިގެންނެވި މަޢުލޫމާތާއި ތަޖުރިބާގެ އަލީގައި، ތިމާވެށީގެ ދާއިރާއަށް ޒުވާނުން ހޭލުންތެރިކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް މަޢީދުވަނީ ކުރައްވައިފައެވެ. ތިމާވެށި ރައްކާތެރިކުރުމަށް ވަކާލާތު ކުރައްވައި އަދި ތިމާވެށީގެ އެކިއެކި ސިޔާސަތުތައް އެކަށައެޅުމުގައިވެސް ޢަމަލީގޮތުން މަޢީދު މިހާރުވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ތިމާވެށީގެ ދާއިރާއަށް މަޢީދަށް އެހާބޮޑު ސަމާލުކަމެއް ދެއްވުނު އެއް ސަބަބަކީ، ތިމާވެށީގެ ކަންކަމަށް މަޢީދުގެ ލޮބުވެތި ބައްޕަ މުޙައްމަދު ޒާހިރު ނުވަތަ މަޝްހޫރު ނަމުންނަމަ، މީމު ޒަވިޔަނި ދެއްވާ އަހަންމިއްޔަތުކަމެވެ. ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރައްވައި، ތިމާވެށީގެ ރޮނގުން ހޭލުންތެރިކަން އިތުރުކުރެއްވުމަށް މަޢީދުގެ ބައްޕަ ކުރައްވާ މަސައްކަތްތައް ވަރަށްގާތުން ފެނިވަޑައިގެން، އެ މަސައްކަތުގެ ތެރޭގައި ޢަމަލީގޮތުން އުޅުއްވަންޖެހިވަޑައިގަތުމެވެ.

ވޭތުވެދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި، މަޢީދު މަސައްކަތް ކުރައްވަމުން ގެންދެވީ "ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އެންޑް ރެޒިލިއަންސް"ގެ ދާއިރާގައެވެ. މަޢީދު ވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގައި، ޔުނިސެފުގެ ކޮންސަލްޓަންޓެއްގެ ގޮތުން ޑިސެންބަރު 2017 އިން ފެށިގެން ދެ އަހަރެއްހާ ދުވަހު ޚިދުމަތް ކުރައްވައިފައެވެ. އަދި އެ ސެންޓަރުގެ ޕްރޮގްރާމް މެނޭޖަރެއްގެ ގޮތުގައި، ފެބުރުވަރީ 2018 އިން ޖުލައި 2019 އަށް ޚިދުމަތް ކުރައްވައިފައެވެ. އޭގެފަހުން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައި ޑިވެލޮޕްމަންޓް އެންޑް ރެޒިލިއަންސް މެނޭޖަރުކަން، އޮގަސްޓު 2019 އިން ޑިސެންބަރު 2019 އަށް މަޢީދު ކުރެއްވިއެވެ.

މަޢީދަކީ، ޒުވާނުން ބިނާކުރެއްވުމަށާއި، ޒުވާނުން ތަމްރީނު ކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޒުވާނުންގެ ކުރިއެރުމަށް އިޚްލާޞްތެރި މަސައްކަތްޕުޅުތަކެއް މަޢީދު ގެންދަވަނީ ކުރައްވަމުންނެވެ.

މަޢީދުވަނީ ވާރލްޑް އޯގަނައިޒޭޝަން އޮފް ދަ ސްކައުޓް މޫވްމަންޓްގެ (ދުނިޔޭގެ ސްކައުޓް ޖަމާޢަތުގެ) ޔޫތު އެޑްވައިޒަރެއްގެ ހައިސިއްޔަތުން 2014 އިން 2017 އަށް ތިން އަހަރު ދުވަހު ޚިދުމަތް ކުރައްވައިފައެވެ. އޭގެކުރިން، އެ މޫވްމަންޓްގެ އޭޝިއާ ސަރަޙައްދުގެ ޔަންގް އެޑަލްޓްސް ގްރޫޕްގެ ޗެއަރމަންކަންވެސް ކުރެއްވިއެވެ. ސްކައުޓް ހަރަކާތުގައި ސްކައުޓަކަށް ލިބޭ އެންމެ މަތީ އެވޯޑު ކަމުގައިވާ "ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް ބެޖު" 2009 ވަނަ އަހަރު މަޢީދު ވަނީ ހާސިލު ކުރައްވައިފައެވެ. އަދި 2019 ވަނަ އަހަރު ދުނިޔޭގެ ސްކައުޓް ޖަމާޢަތުގެ އޭޝިއާ ސަރަހައްދުން ހޮވައިލެވުނު 5 އައުޓްސްޓޭންޑިންގ ސްކައުޓުންގެ ތެރޭގައިވެސް މަޢީދު ހިމެނިވަޑައިގެންނެވިއެވެ. މީގެއިތުރުން، ސްކައުޓުން ހިންގި "ރިޓާން އޮފް ދަ ފްލާވާރސް" ކެމްޕެއިން ފާހަގަކުރައްވައި، 2008 ވަނަ އަހަރު ސަރުކާރުން ދެއްވި "އެންވަޔަރަންމެންޓަލް ޗެމްޕިއަންސް އެވޯޑު" މަޢީދު ވަނީ ހާސިލުކުރައްވައިފައެވެ.

2013 ވަނަ އަހަރުން ފެށިގެން މަޢީދު ގެންދަވަނީ، ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގުމުގައި ޢަމަލީގޮތުން ހަރަކާތްތެރިވެވަޑައިގަންނަވަމުންނެވެ. މިގޮތުން، އެ އެސޯސިއޭޝަންގެ ނޭޝަނަލް ޔޫތު ޕްރޮގްރާމް ކޮމިޝަނަރުގެ ހައިސިއްޔަތުން ސްކައުޓް ހަރަކާތުގައި ބައިވެރިވާ ހުރިހާ ޔޫތު މެންބަރުންނަށް ޤައުމީ ފެންވަރުގައި ހިންގޭ ޕްރޮގްރާމްތަކާއި ހަރަކާތްތައް ރާވައި ހިންގުމުގެ ކަންކަން މިހާރުވެސް ބަލަހައްޓަވަނީ މަޢީދެވެ. މީގެއިތުރުން މަޢީދު އިސްވެ ހުންނަވައިގެން ސްކައުޓް އެސޯސިއޭޝަނުގެ ހިންގުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް ފުޅާކުރުމަށް 2012 ވަނަ އަހަރު ވަނީ "ނޭޝަނަލް ސްކައުޓް ޔޫތު ފޯރަމް" އުފައްދަވައި، ސްކައުޓް ޔޫތު ކައުންސިލް ވުޖޫދަށް ގެނެސްދެއްވައިފައެވެ. މިހާރުވެސް ސްކައުޓް އެސޯސިއޭޝަނުން މި ފޯރަމް ބާއްވަވަމުން ގެންދަވައެވެ. އަދި ކޮންމެ ތިން އަހަރަކުން އެއްފަހަރު ކައުންސިލް އިންތިޚާބުކުރެއެވެ.

މަޢީދު ހިލޭ ސާބަހަށް ކޮށްދެއްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ދިވެހި ރެޑް ކްރެސެންޓާއެކު 2013 ވަނަ އަހަރުން ފެށިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ. މިވަގުތު މަޢީދު ހުންނެވީ، ދިވެހި ރެޑް ކްރެސެންޓްގެ ޕްރޮގްރާމްސް އެންޑް ސާރވިސަސް މެނޭޖަރުގެ މަގާމުގައެވެ.