ޑޮކްޓަރ މުޙައްމަދު ޞާލިޙް
ކުއްޅަވައްގެ ސ. ހުޅުދޫ

ޑޮކްޓަރ މުޙައްމަދު ޞާލިޙަކީ، 1 ސެޕްޓެންބަރު 1994ން ފެށިގެން މެދުނުކެނޑި ޞިއްޙީ ދާއިރާއަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ބަލިމީހުންނަށް ފަރުވާ ދެއްވުމުގައްޔާއި، ޞިއްޙީ ދާއިރާ ހިންގަވައި ތަރައްޤީ ކުރެއްވުމުގައި ގިނަ މަސައްކަތްތަކެއް ޑޮކްޓަރ ޞާލިޙް ވަނީ ކުރައްވައިފައެވެ.

ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވަން ފެށްޓެވިއިރު، ރާއްޖޭގެ ޞިއްޙީ ޙާލަތު އޭރު އޮތް ފެންވަރުން އިތުރަށް ތަރައްޤީ ކުރެއްވުމުގެ ތަޞައްވުރަކީ، ޑޮކްޓަރ ޞާލިޙް އަބަދުވެސް ދެކެވަޑައިގެންނެވި ހުވަފެންފުޅަކަށްވާތީ، ސެންޓްރަލް ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރެއްގެ ގޮތުން މަސައްކަތް ކުރެއްވިއިރުވެސް ހޮސްޕިޓަލުގެ ކުރިއެރުމާއި ތަރައްޤީގެ މަޝްވަރާތަކުގައްޔާއި، އެކަމުގެ ޢަމަލީ މަސައްކަތްތަކުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އޮޕަރޭޝަންކުރުމުގެ ޚާއްޞަ ޑޮކްޓަރެއްގެ ރޮނގުން ތަމްރީނުވެވަޑައިގަތުމަށްފަހު، 7 މޭ 2001 ގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި އަލުން ޚިދުމަތް ކުރައްވަން ފެށްޓެވިއިރު، އެ ހޮސްޕިޓަލުގެ ސާރޖިކަލް ޑިޕާޓްމަންޓުން ކުރަމުން އައީ، ކީ ހޯލް ނުވަތަ ލެޕްރޯސްކޯޕިކް ސާރޖަރީތަކެވެ. ނަމަވެސް، ސާރޖިކަލް ޑިޕާޓްމަންޓް ތަރައްޤީ ކުރެއްވުމަށް ޑޮކްޓަރ ޞާލިޙް އިސްވެ ހުންނަވައިގެން ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން އޮޕަރޭޝަން ކުރުމުގެ ރޮނގުން ލިބުނު ކުރިއެރުން ފާހަގަކޮށްލަންޖެހެއެވެ. މިގޮތުން، ފަޅައިގެން ކުރަމުން ގެންދިޔަ ގިނަ އޮޕަރޭޝަންތައް، އެޑްވާންސްޑް ލެޕްރޯސްކޯޕިކް ސާރޖަރީއަށް ބަދަލުކުރެއްވުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވީ ޑޮކްޓަރ ޞާލިޙެވެ. އަދި ސާރޖިކަލް ޑިޕާޓްމަންޓް ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތުމަށްފަހު، އެ ޑިޕާޓްމަންޓަށް ގެންނެވި ބޮޑެތި ކުރިއެރުންތައްވެސް ފާހަގަކޮށްލަންޖެހެއެވެ.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް ހިންގެވުމާ ޑޮކްޓަރ ޞާލިޙް ފަހުން ހަވާލުވެވަޑައިގެން، ހޮސްޕިޓަލުންދޭ ޚިދުމަތްތައް ތަރައްޤީ ކުރައްވައި ކުރިއެރުވުމަށް ކުރެއްވި މަސައްކަތްޕުޅުތަކުންވެސް އެދެވޭ ނަތީޖާތަކެއް ހާސިލުކުރެއްވުނުކަން އެއީ ޑޮކްޓަރ ޞާލިޙަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ހިތްޕުޅުހަމަޖެހިވަޑައިގަތުމެކެވެ.

ޑޮކްޓަރ ޞާލިޙުގެ ފަންނީ އެހީތެރިކަން، ޔޫ.އެން.ޑީ.ޕީ. އަށާއި، އެސް.ޓީ.އޯ.އަށާއި، ރާއްޖޭގެ އަމިއްލަ ބައެއް ކުންފުނިތަކަށާއި، އެނޫން ފަރާތްތަކަށްވެސް ވަނީ ފޯރުކޮށްދެއްވައިފައެވެ. މާލޭގައި ޤާއިމުކުރެވުނު އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ މެޑިކާ ހޮސްޕިޓަލް ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ރޭވުމާ ހަމައިން ފެށިގެންގޮސް އެ ހޮސްޕިޓަލް ފަރުމާކުރުމުގެ މަސައްކަތުގައިވެސް ޢަމަލީގޮތުން ޑޮކްޓަރ ޞާލިޙް ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި އެ ހޮސްޕިޓަލުގެ ފުރަތަމަ ދެ އަހަރު ހޮސްޕިޓަލް ހިންގެވުމުގެ މަސްއޫލިއްޔަތުވެސް އަދާކުރެއްވިއެވެ.

މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ރައީސްގެ ގޮތުން، އެ ކައުންސިލުގައި ޚިދުމަތް ކުރެއްވިއިރު، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ކަންކަން، ޚާއްޞަކޮށް ޑޮކްޓަރުންގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރެއްވުމަށާއި ގިންތި ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް، ޑޮކްޓަރ ޞާލިޙް ވަނީ ކުރައްވައިފައެވެ. އެދުވަސްވަރު ޑޮކްޓަރުންގެ ޕްރޮފެޝަނަލް އޮނިގަނޑުތަކާއި، ދާއިރާގެ އެހެން އޮނިގަނޑުތައް އެކަށައެޅުމުގެ މަސައްކަތްތައްވެސް ކުރައްވައިފައިވެއެވެ.

ރާއްޖޭގައި ކާމިޔާބުކަމާއެކު ފުރަތަމަފަހަރަށް ބޭއްވި ސާރކު ޤައުމުތަކުގެ ކަށީގެ ޑޮކްޓަރުންގެ ކޮންފަރެންސްގެ އޯގަނައިޒިންގ ޗެއަރމަންގެ ހައިސިއްޔަތުން ޑޮކްޓަރ ޞާލިޙް ކުރައްވައިފައިވާ މަސައްކަތްތައްވެސް ފާހަގަކޮށްލަންޖެހެއެވެ. ބަނޑޮސް އައިލެންޑް ރިޒޯޓުގައި ބޭއްވުނު މި ކޮންފަރެންސްގައި، ބޭރުގެ ފަންސާހަށްވުރެ ގިނަ ޑެލިގޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ތަރައްޤީވެފައިވާ ގިނަ ޤައުމުތަކުގެ މެޑިކަލް ޑޮކްޓަރުންނާއި އެނޫންވެސް ސްޕީކަރުން ހިމެނިވަޑައިގަތެވެ.

ޑޮކްޓަރ ޞާލިޙަކީ، ރާއްޖޭގެ ޞިއްޙީ ދާއިރާގެ އިސް މަގާމުތަކެއްވެސް ފުރުއްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، އައި.ޖީ.އެމް.އެޗް.ގެ ކޮންސަލްޓަންޓް އިން ސާރޖަރީ ކަމާއި، އެކްޓިންގ ޑިރެކްޓަރ ޖެނެރަލް ކަމާއި، އެގްޒެކެޓިވް ޑިރެކްޓަރު ކަމާއި، މިނިސްޓަރ އޮފް ހެލްތުގެ ނައިބުކަން ކުރައްވައިފައި ވެއެވެ. އަދި މެޑިކާ ހޮސްޕިޓަލްގެ ޗީފް ސާރޖަންގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ. ޑޮކްޓަރ ޞާލިޙް މިހާރު ހުންނެވީ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައެވެ.

ޢާއްމުކޮށް ރާއްޖޭގެ ޞިއްޙީ ދާއިރާއަށް، ޚާއްޞަކޮށް ސާރޖިކަލް އޮޕަރޭޝަންސްގެ ދާއިރާއަށް މިހާރު އައިސްފައިވާ ކުރިއެރުންތަކުގައި، ޑޮކްޓަރ ޞާލިޙުގެ ޙިއްޞާ ބޮޑުކަން ފާހަގަކޮށްލަންޖެހެއެވެ. ޑޮކްޓަރ ޞާލިޙުގެ އުންމީދަކީ، ރާއްޖޭގައި ދެވޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ތަރައްޤީކޮށް، މުޅި ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ލިބިގެންދިޔުމެވެ.