އަލްފާޟިލާ ސަލްމާ ފިކުރީ
މ.ގަހާ

      މިދާއިރާއަކީ، މީގެކުރިން ސަރުކާރުން ޢާންމު ޚިދްމަތުގެ އިނާމު ދެއްވަމުން ގެންދެވިއިރުވެސް އިނާމު ދެއްވާފައިވާ ދާއިރާއެއް ނޫނެވެ. އެހެން ނަމަވެސް، އިޖްތިމާޢީ ތަރައްޤީ ހަރުދަނާ ކުރުމަށާއި، ހެޔޮވެރިކަމެއް ޤާއިމުކުރުމަށްޓަކައި މީހުންގެ ވިސްނުން ތަރައްޤީކޮށް، އެޑްވޮކަސީ ދީ، ހޭލުންތެރިކަން އިތުރުކުރުމަށް މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، މަސައްކަތް ކުރައްވާފައިވާ އެކިއެކި ބޭފުޅުން އަޅުގަނޑުމެންގެ ތެރޭގައި އެބަތިއްބެވިއެވެ. އެފަދަ ބޭފުޅުން މިރޮނގުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކޮށް، ހިތްވަރު ދިނުމުގެ އިނާމެއް އެރުވުމަކީ، ރާއްޖެއަށް މިއަދު ޒަމާނީ ޑިމޮކްރަސީ ތަޢާރަފުވެފައި ވުމާއެކު، އެ ޑިމޮކްރަސީ ރާއްޖޭގައި ޤާއިމުވެ ދެމިއޮތުމަށް އެޅޭ ވަރަށް މުހިންމު ބާރެކެވެ.

       މުޖްތަމަޢުގެ ހިންގުމުގެ ދާއިރާ ހަރުދަނާ ކުރުމުގެ ދާއިރާއިން މިއަހަރު ހިތްވަރުދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ސަލްމާ ފިކުރީއަކީ، 1996 ވަނަ އަހަރުން ފެށިގެން ތަފާތު އިދާރާތަކުގައި އެކި ޙައިޘިއްޔަތުން މުޖްތަމަޢުގެ އިޖްތިމާޢީ ތަރައްޤީ ހަރުދަނާ ކުރެއްވުމަށާއި، އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރެއްވުމަށާއި، އަތޮޅުތަކުގެ ރައްޔިތުންގެ ހިންގުމުގެ ޤާބިލުކަން އިތުރުކޮށް، ލާމަރްކަޒީ ސިޔާސަތުތަކަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގުނު ގިނަ ޢަދަދެއްގެ މަޝްރޫޢުތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ.  

         ރާއްޖޭގެ ޤާނޫނުއަސާސީގައި އެންމެފުރަތަމަފަހަރަށް ހިމެނުނު ލާމަރްކަޒީ އުޞޫލުން އަތޮޅުތައް ހިންގުމުގެ ބާބު ހިމެނުމުގައި ސަލްމާގެ ވަރަށްބޮޑު ޙިއްޞާއެއް އޮތްކަން ފާހަގަކުރެވެއެވެ. އަތޮޅުތަކުގެ ރައްޔިތުންނަށް ހެޔޮވެރިކަމުގެ ނިޒާމެއް ގެނެސްދެއްވުމަށް މަސައްކަތްކުރައްވައި ރައްޔިތުން ބާރުވެރިކުރުވުމަށް، އަތޮޅު ކައުންސިލާއި ރަށު ކައުންސިލް އުފެއްދުމާބެހޭ ޤާނޫނު، އެންމެ ފުރަތަމަ ފަރުމާ ކުރެއްވުމުގައާއި އަދި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ މިކަމުގައި ހޯއްދެވުމުގައި އަގުހުރި މަސައްކަތްތަކެއް ސަލްމާ ވަނީ ކުރައްވާފައެވެ. އަދި ލާމަރުކަޒީ އުސޫލުން ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކޮމަންވެލްތް ލޯކަލް ގަވަރންމަންޓް ފޯރަމާއެކު ގުޅުން ބަދަހިކުރުމުގައިވެސް ސަލްމާ އިސް ދައުރެއް އަދާކުރައްވާފައިވެއެވެ. ހަމައެއާއެކު، ރާއްޖެއަށް މިއައި އިޞްލާޙީ ބަދަލުތަކުގެ ތެރޭގައި، ޑިމޮކްރަސީގެ އަސާސްތައް ހަރުދަނާ ކުރެއްވުމުގައި އަމިއްލަ ޖަމްޢިއްޔާތަކާއެކު ގިނަގުނަ މަސައްކަތްތަކެއް ސަލްމާ ވަނީ ކުރައްވާފައެވެ. އަދި ލާމަރްކަޒީ ނިޒާމާއި، ހެޔޮވެރިކަން ހިންގުމާއި، ރައްޔިތުން ބާރުވެރިކުރުވުމުގެ ބޭނުންތެރިކަމާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ރޭޑިއޯ އާއި ޓީ.ވީ.ގެ ޕްރޮގްރާމްތަކުގައި މަޢްލޫމާތު ދެއްވައި، ރަށްރަށަށް ދަތުރުކުރައްވައި، ކަމާބެހޭ އެކިއެކި ބައްދަލުވުންތައްވެސް ވަނީ ބާއްވަވާފައެވެ.

       މިއަދު މިރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ސަލްމާއަށް ލިބިވަޑައިގަންނަވާއިރު، މިމަސައްކަތުގައި މިހާ ހިސާބަށް ކުރިއަށް ވަޑައިގަތުމުގެ އެންމެބޮޑު ހިތްވަރެއް ދެއްވި ބޭފުޅަކީ، އަލްފާޟިލް މުޙައްމަދު ވަޙީދުއްދީންކަން، ސަލްމާ ވަރަށް އުފަލާއެކު ފާހަގަކުރައްވައެވެ.