ޑޮކްޓަރ ޖުމޭލާ ބޭގަމް
ގ. ނިލަންދޫ

ޑޮކްޓަރ ޖުމޭލާ ބޭގަމް، އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން އެމް.ބީ.ބީ.އެސް. ހާސިލުކުރެއްވުމަށްފަހު، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ޚިދުމަތާ ގުޅިވަޑައިގަތީ 27 ފެބުރުވަރީ 1995 ގައެވެ. އެ ހޮސްޕިޓަލުގައި، ހައުސް އޮފިސަރެއްގެ ގޮތުގައި ތިން އަހަރެއްހާ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، އަންހެނުންގެ ބަލިތަކަށް ޚާއްޞަވެވަޑައިގެންނެވުމުގެ ގޮތުން، އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީގެ ރޮނގުން ނޭޕާލްގެ ކަތުމަންޑޫގައި މާސްޓަރޒް ހާސިލުކުރެއްވިއެވެ. އެއަށްފަހު، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ސީނިއަރ ރެޖިސްޓްރާރ އިން އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީގެ މަގާމުގައި 20 ޖުލައި 2002 ގައި އަލުން ޚިދުމަތް ފެށްޓެވިއެވެ. އެދުވަހުން ފެށިގެން ޑޮކްޓަރ ޖުމޭލާ މަސައްކަތް ކުރައްވަމުން ގެންދަވަނީ، އަންހެނުންގެ ބަލިތަކާބެހޭ ޚާއްޞަ ޑޮކްޓަރެއްގެ ގޮތުގައެވެ. އެ ހޮސްޕިޓަލުގެ ޑިޕާޓްމަންޓް އޮފް އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ ހިންގެވުމުގައިވެސް ޑޮކްޓަރ ޖުމޭލާ ވަނީ، އިސް ދައުރެއް އަދާކުރައްވައިފައެވެ. މިގޮތުން، އެ ޑިޕާޓްމަންޓްގެ ކޯޑިނޭޓަރެއްގެ މަގާމު، 8 އަހަރެއްހާ ދުވަހު އަދި ހެޑް އޮފް ޑިޕާޓްމަންޓްކަން ދެ އަހަރެއްހާ ދުވަހު ކުރައްވައިފައިވެއެވެ.

ޑޮކްޓަރ ޖުމޭލާ، 2014 ވަނަ އަހަރުގެ ފެބުރުވަރީ މަހު މެޑިކާ ހޮސްޕިޓަލާ ގުޅިވަޑައިގަތުމަށްފަހު، އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއްގެ ގޮތުގައި އެ ހޮސްޕިޓަލުގައި ޚިދުމަތް ކުރައްވަމުން ގެންދަވައެވެ. އަދި މި ހިނގާ 2020 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ހުޅުމާލޭ ހޮސްޕިޓަލުގައިވެސް އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވަމުން ގެންދަވައެވެ.

ޑޮކްޓަރ ޖުމޭލާއަކީ، އަންހެނުންގެ ޢާންމު ޞިއްޙަތު ކުރިއެރުވުމަށް އަމިއްލަފުޅު ގޮތުންނާއި، އެ ރޮނގުން ހިލޭސާބަހަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ޞިއްޙީ ދާއިރާއަށް މީހުން ބިނާކުރެއްވުމުގެ ރޮނގުން މުޖުތަމަޢަށް ފައިދާހުރި މަސައްކަތްތަކެއް ވަނީ ކޮށްދެއްވައިފައެވެ. އަމިއްލަ ކްލިނިކްތަކާއި، އަމިއްލަ ޖަމުޢިއްޔާތައް މެދުވެރިވެގެން ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރައްވައި، އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއްގެ ގޮތުން ބަލިމީހުން ބައްލަވައި، ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ޑޮކްޓަރ ޖުމޭލާގެ ޚިދުމަތްތަކުގެ ތެރެއިން، ސޮސައިޓީ ފޮރ ހެލްތް އެޑިޔުކޭޝަން (ޝީ) އަށް ކޮށްދެއްވައިފައިވާ ޚިދުމަތްތައްވެސް ފާހަގަކޮށްލަންޖެހެއެވެ. "ޝީ" އިން އިންތިޒާމު ކުރައްވައިގެން ރާއްޖޭގެ އަތޮޅުތަކުގައި ހިންގަވާ މަލްޓި ސްޕެޝަލިޓީ މެޑިކަލް ކޭމްޕްތަކުގައި ބައިވެރިވެވަޑައިގެން، ބަލިމީހުން ބައްލަވައި، އަދި އެ ޖަމުޢިއްޔާއަށް މި ރޮނގުން ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު، ޑޮކްޓަރ ޖުމޭލާ ވަނީ ދެއްވައިފައެވެ.

މީގެއިތުރުން، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އުފެދުނީއްސުރެ އެ ސޮސައިޓީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، އަންހެނުންނަށްޖެހޭ ކެންސަރުގެ ތަފާތު ބަލިތަކާ ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގަވައި، ކެންސަރ ސްކްރީނިންގ ޕްރޮގްރާމްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ. އަދި ކެންސަރ ޕްރިވެންޝަނަށް މަސައްކަތް ކުރެއްވުމާއި، ސަވައިކަލް ކެންސަރަށް ހޭލުންތެރިކުރުވުމާއި، ސްކްރީން ކުރެއްވުމާއި، ފެސިލިޓޭޝަން ޓްރޭނިންގ ދެއްވުމުގެ މަސައްކަތްވެސް ޑޮކްޓަރ ޖުމޭލާ ކުރައްވަމުން ގެންދަވައެވެ.

ޑޮކްޓަރ ޖުމޭލާއަކީ، މިނިސްޓްރީ އޮފް ހެލްތުގެ ކޮލިޓީ އެޝުއަރެންސް އެންޑް އިމްޕްރޫވްމަންޓް ޑިވިޜަނަށް ކޮންސަލްޓަންޓެއްގެ ހައިސިއްޔަތުން ލަފާ ދެއްވަމުން ގެންދަވައިފައިވާ ބޭފުޅެކެވެ. މިގޮތުން، މެޓަރނަލް މޯޓަލިޓީ އަދި ދަރިމައިވުމުގެ ޞިއްޙަތުގައި ދިމާވާ މައްސަލަތަކާ ގުޅުންހުރި ކޭސްތައް ބައްލަވަމުން ގެންދަވައިފައިވެއެވެ.

ޑޮކްޓަރ ޖުމޭލާގެ ޞިއްޙީ ޚިދުމަތްތަކުގެ ތެރެއިން 2005 ން 2007 އަށް އެކުލަވައިލި އުފަންވެނި ޞިއްޙަތުގެ ޤައުމީ ސްޓްރެޓިޖީ ޕްރޮގްރާމް އެކުލަވައިލުމުގައި ކޮށްދެއްވި މަސައްކަތްޕުޅުތަކާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް ކޮށްދެއްވި މަސައްކަތްތަކުގެ ތެރެއިން އެކިއެކި ކޭސްތައް ރިވިއު ކުރެއްވުމާއި، އެޗް.ޕީ.ވީ. ވެކްސިނޭޝަން ތަޢާރުފް ކުރެއްވުމަށް ބޭއްވި ހޭލުންތެރިކުރުވުމުގެ ކެމްޕެއިންތަކުގައި ބައިވެރިވެވަޑައިގަތުން ފާހަގަކޮށްލަންޖެހެއެވެ.

2007 ފެބުރުވަރީ އިން ފެށިގެން މޯލްޑިވްސް ފާމަސޫޓިކަލް ބޯޑުގެ ރައީސްގެ ހައިސިއްޔަތުން 7 އަހަރެއްހައި ދުވަހު އެ ބޯޑުގައި ޑޮކްޓަރ ޖުމޭލާ ޚިދުމަތްކޮށްދެއްވައިފައި ވެއެވެ. އަދި މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ މެންބަރެއްގެ ގޮތުންނާއި، މޯލްޑިވިއަން މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން އެ ކައުންސިލަށް މިހާރުވެސް ޚިދުމަތް ކޮށްދެއްވަމުން ގެންދަވައެވެ. ޑޮކްޓަރ ޖުމޭލާއަކީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ހަޔަރ އެޑިޔުކޭޝަން ކައުންސިލްގެ މެންބަރެއްވެސްމެއެވެ.