ޑޮކްޓަރ އަޝްރަފް ޢަބްދުއްރަޙީމް
ރޭނިގެ ނ. ކުޑަފަރި

ޑޮކްޓަރ އަޝްރަފް ޢަބްދުއްރަޙީމަކީ، ދިވެހިބަހާއި ބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އަޝްރަފް ޢަބްދުއްރަޙީމުގެ އެންމެ ޚާއްޞަ އެއް ފަންނަކީ، ދިވެހިބަސް ކިޔަވައިދެއްވުމާއި، ބަހުގެ ލިޔުންތެރިކަމާބެހޭ ދިރާސާތައް ކުރައްވައި ލިޔުއްވުމެވެ.

ރާއްޖޭގެ އެންމެ އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގެ ވަރަށްގިނަ ރަށްރަށުގެ ސްކޫލްތަކުގެ އެކި ގްރޭޑްތަކުގެ ދަރިވަރުންނަށް ހިލޭސާބަހަށް ދިވެހިބަސް ކިޔަވައިދެއްވައި، އެކިއެކި ވަރކްޝޮޕްތައް ޑޮކްޓަރ އަޝްރަފް ހިންގަވައިދެއްވައިފައިވެއެވެ. މީގެ އިތުރުން މާލޭގެ ވަރަށްގިނަ ސްކޫލްތަކުގެ ދަރިވަރުންނަށްވެސް ދިވެހިބަސް އުނގަންނަވައިދެއްވައިފައި ވެއެވެ.

ޑޮކްޓަރ އަޝްރަފް ޢަބްދުއްރަޙީމަކީ، ރާއްޖޭގެ ސްކޫލްތަކުގައި ދިވެހިބަސް ކިޔަވައިދޭ ފޮތްތައް އެކުލަވައި ލިޔުއްވުމުގައިވެސް މުހިންމު ދައުރެއް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރުގައި މަސައްކަތް ކުރެއްވިއިރު، ގްރޭޑް 8ގެ ދިވެހި ފޮތަށް ބޮޑު ބަދަލުތަކެއް ގެންނަވައި، ފޮތް އެކުލަވައި ލިޔުއްވިއެވެ. އަދި އެފޮތާއެކު ފުރަތަމަފަހަރަށް ދިވެހިބަހުން ވާހަކަދެއްކުންތެރިކަމާއި، ބަހުސް ކުރުމާއި، ރައިވަރާއި، ޅެމާއި، ޅެން ޝަރަޙަ ހިމެނޭ ސީޑީއެއްވެސް ނެރުއްވިއެވެ.

2018 ވަނަ އަހަރު، ގްރޭޑް 11 އާއި ގްރޭޑް 12ގެ ދިވެހި ފޮތާއި، ދިވެހި އަދަބިއްޔާތުގެ ފޮތް އެކުލަވައި ލިޔުމަށް އެމް 7 އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން އެކުލަވައިލި ޓީމުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައިވެސް ހުންނެވީ އަޝްރަފް ޢަބްދުއްރަޙީމެވެ. 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 11 އާއި 12 ގައި ކިޔަވައިދިނުމުގައި މި ފޮތް ބޭނުންކުރަމުން ގެންދެއެވެ.

ޑޮކްޓަރ އަޝްރަފް ޢަބްދުއްރަޙީމް އެކުލަވައިލައްވައިފައިވާ ފޮތްތަކުގެ ތެރޭގައި، ޑޮކްޓަރ އައްލާމާ އިޤްބާލް ހައްދަވައިފައިވާ އުރުދޫ ޅެމެއް ކަމުގައިވާ "ޝުޢާއި އުމީދު"ގެ ދިވެހި ތަރުޖަމާއަކާއި ޝަރަޙައެއް ހިމެނެއެވެ. މި ޅެމުގައި އުރުދޫބަހުގެ ތަދު ބަސްތަކާއި، އެ ބަސްތަކުގެ މާނައާއި، ކޮންމެ ބައިތެއްގެ ޖުމުލަ މާނައާއި، އެ ބައިތުތަކުގެ ޝަރަޙަ ވަކިން ލިޔުއްވައި އޮޅުންފިލުއްވައިދެއްވައިފައި ވެއެވެ. އަޝްރަފް ލިޔުއްވައިފައިވާ އެހެން ފޮތްތަކުގެ ތެރޭގައި، "ފުރެއްދެ ޅެންވެރިންގެ މުތީތައް"ވެސް ހިމެނެއެވެ. މި ފޮތަކީ، ފައުންޑޭޝަން އޮފް ސާކް ރައިޓަރސް އެންޑް ލިޓްރެޗަރގެ ފަރާތުން އިންތިޒާމުކޮށްގެން އިންޑިއާގެ ޖައިޕޫރުގައި ބޭއްވި ފެސްޓިވަލެއްގައި 7 އޮކްޓޫބަރު 2017 ގައި ޝާއިޢުކޮށްފައިވާ ފޮތެކެވެ. މި ފޮތަކީ، ދިވެހި އަދަބިއްޔާތުގައި ދިވެހި ޅެންވެރިންގެ ޚިޔާލުތައް މުއްސަނދިކޮށްދެއްވުމުގެ ވިސްނުމުގައި، އުރުދޫބަހާއި ހިންދީ ޅެންވެރިންގެ މޮޅު ޅެންތަކެއްގެ ދިވެހި ތަރުޖަމާ އެކުލެވޭ ޢިލްމީ އަދި އަދަބީ ފޮތެކެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހިންގަވާ ދިވެހިބަހުގެ ޑިގްރީ ކޯހުގެ އަދަބިއްޔާތުގެ މޮޑިއުލް 2007، 2008، 2014ގެ ބެޗުގައި ޑޮކްޓަރ އަޝްރަފް ޢަބްދުއްރަޙީމް ކިޔަވައިދެއްވައިފައިވެއެވެ. އަދި ވިލާ ކޮލެޖުން ހިންގަވާ ދިވެހި ލޭންގުއޭޖް ޓީޗިންގ މާސްޓަރސް ކޯހުގެ އަދަބީ މޮޑިއުލް ފަރުމާކުރައްވައި، ލިޔުއްވައި ކިޔަވައިދެއްވައިފައި ވެއެވެ.

ޑޮކްޓަރ އަޝްރަފް ޢަބްދުއްރަޙީމަކީ، އެކިއެކި އަދަބީ މުބާރާތްތަކުގެ ފަނޑިޔާރުކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި އަދަބީ މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކޮށްދެއްވުމުގެ މަސައްކަތް ހިލޭސާބަހަށް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. ދިވެހި އަދަބީ އެކިއެކި ޕްރޮގްރާމްތައް، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކަށް ތައްޔާރުކޮށްދެއްވައި ހުށަހަޅުއްވައިދެއްވުމާއި، މިފަދަ ޕްރޮގްރާމްތަކުގައި ދިވެހި ޅެމަށް ފާޑުކިޔުމުގެ ބައި ގެނެސްދެއްވައި، ދިވެހި ޅެންވެރިންގެ ޅެންވެރިކަމަށް ނަޤްދީ ނަޒަރަކުން ފާޑުވިދާޅުވެފައިވެއެވެ.

ސަރުކާރުގެ އޮފީސްތަކާއި، އަމިއްލަ ބައެއް އޮފީސްތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ ދިވެހިބަހުގެ ތަމްރީނު ޕްރޮގްރާމްތަކުގެ ބައިވެރިންނަށް ދިވެހިބަހާއި އަދަބިއްޔާތުގެ ގަޑިތައް އަޝްރަފް ނަންގަވައިދެއްވައި، ތަޤްރީރު ކުރައްވައިފައިވެއެވެ.

އަޝްރަފްގެ މަސައްކަތްތަކުގެ ތެރެއިން، ކުށްކުރުން މަދުކުރުމަށްޓަކައި ރާއްޖޭގެ ސާނަވީ ސްކޫލްތަކުގެ ދަރިވަރުން، ޤާނޫނަށް ހޭލުންތެރިކުރުވުމަށް ހިންގެވި ޕްރޮގްރާމް، ޚާއްޞަގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ. މިއީ ދިވެހި ދަރިވަރުންގެ އަޚްލާޤާއި އުޅުން ރަނގަޅުކުރުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހާއި ޔުނިސެފާ ގުޅިގެން ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ރާއްވަވައި ވިލަރެސް ކުރެއްވީ ޑޮކްޓަރ އަޝްރަފެވެ.