ޑައިބިޓިސް ސޮސައިޓީ އޮފް މޯލްޑިވްސް
ހ.ޑީންސްވިލާ

މި ޖަމްޢިއްޔާ ފުރަތަމަ އުފެދުނީ، ޑައިބިޓީސް އެންޑް ކެންސަރ ސޮސައިޓީގެ ނަމުގައި 26 އޭޕްރިލް 2000 ގައެވެ. އެއީ ހަކުރު ބައްޔާއި ކެންސަރު ބަލި ޖެހެން މެދުވެރިވާ ސަބަބުތަކާއި، މިބަލިތަކުން ރައްކާތެރިވުމަށްޓަކައި ބޭނުންވާނެ މަޢްލޫމާތުދީ ހޭލުންތެރިކުރުވުމާއި އަދި މިފަދަ ބަލިމީހުންނަށް އާދައިގެ ދިރިއުޅުމެއް އުޅުމަށް ބޭނުންވާނެ މަޢްލޫމާތުދީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައެވެ. ޖަމްޢިއްޔާގެ ފައުންޑަރ މެންބަރުންނަކީ، ހެންވޭރު ޑީންސްވިލާ އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނާއި، އޭނާގެ ދަރިކަނބަލުން ޝިވްނީ ޑީންއެވެ.            

     ހަކުރުބަލީގެ މަޢްލޫމާތު މުޖްތަމަޢަށް ފޯރުވައިދީ، މިރޮނގުން މުޖްތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައިވެސް ތަފާތު ޕްރޮގްރާމްތަކެއް، އެ ޖަމްޢިއްޔާއިން މިއަދު ދަނީ ހިންގަމުންނެވެ. މިގޮތުން މިހާތަނަށް މާލޭގައާއި ބައެއް އަތޮޅުތަކުގައި ތަފާތު އެތައް ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ. މިފަދަ ޕްރޮގްރާމްތަކުގެ ތެރޭގައި، ލޭގައި ހަކުރު ހުރި މިންވަރު ބެލުމާއި، ރަނގަޅު ކާނާއާބެހޭ މަޢްލޫމާތު ދިނުމާއި، އިސްކޮޅާ ގުޅުވައިގެން ހަށިގަނޑުގެ ބަރުދަން ހުންނަންވީ މިންވަރު އަންގައިދިނުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ. އަދި މިފަދަ ބައެއް ޓެސްޓްތައް ކުރުމަށް ބޭނުންވާ ސާމާނުވެސް މި ޖަމްޢިއްޔާއިން ބައެއް އަތޮޅުތަކަށް ހިލޭ ދެއްވާފައިވެއެވެ.

     ހަކުރު ބައްޔަށް ފަރުވާދިނުމަށްޓަކައި އެ ސޮސައިޓީން ހިންގަވާ [ޑައިބިޓީސް ކްލިނިކް“ ގައި މިއަދު 870 މީހުން ރަޖިސްޓްރީވެފައި އެބަތިއްބެވެ. އެމީހުންގެ ލޭގައި ހަކުރު ހުންނަ މިންވަރު ހިލޭ ޓެސްޓްކޮށްދެއްވަމުން ގެންދަވައެވެ. އަދި ބަލިހާލު ހުރިގޮތުން ލޭ ޓެސްޓް ކުރުމަށް، އެ ޖަމްޢިއްޔާއަށް އާދެވޭވަރުނުވާ ބަލިމީހުންގެ ގެއަށް ގޮސްގެން، ލޭ ޓެސްޓްކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުން ގެންދެއެވެ. އަދި ހަކުރުބައްޔަކީ ދާއިމީ އަޅާލުމާއި ފަރުވާބޭނުންވާ ބައްޔަކަށްވާތީ، މިފަދަ އަޅާލުން ބޭނުންވާ ބަލިމީހުން އައި.ޖީ.އެމް.އެޗުން މިކްލިނިކަށް ފޮނުއްވަމުން ގެންދަވައެވެ.

     އެ ސޮސައިޓީގެ ފަރާތުން މެންބަރުންނަށް ހިންގަވާ ޕްރޮގްރާމްގެ ދަށުން ކައުންސިލިންގ ކްލާސްތަކެއްވެސް މިހާރުވަނީ ފަށްޓަވާފައެވެ. މިކްލާސްތައް ހިންގެވުމުގެ އެންމެބޮޑު މަޤްޞަދަކީ، މެންބަރުންނަށް ދިމާވާ މައްސަލަތައް، އެކަކު އަނެކަކާ ވާހަކަ ދައްކައިގެން ކައުންސިލަރުންގެ އެހީގައި ޙައްލުކުރުމެވެ. އަދި ހަކުރުބަލީގެ މީހުންނަށް ޚާއްޞަ ކަސްރަތު ކްލާސްތަކެއްވެސް ވަނީ ހިންގަވާފައެވެ. 

ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއަކީ، އިންޓަރނޭޝަނަލް ޑައިބިޓީސް ފެޑެރޭޝަންގެ މެންބަރެއްވެސްމެއެވެ.  އެޖަމާޢަތުގެ އެކި ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލު ކުރައްވައި، ރާއްޖޭގައި މިބަލީގެ ޙާލަތު އޮތްގޮތް ހާމަކޮށްދެއްވައި، މިކަމުގައި އެފެޑެރޭޝަންގެ އެހީތެރިކަމާއި އެއްބާރުލުން ހޯއްދަވައިގެން، އެ ޖަމްޢިއްޔާގެ މަސައްކަތްތައް، ވަރަށް ފުޅާ ދާއިރާއެއްގައި މިއަދު ގެންދަވަނީ ކުރައްވަމުންނެވެ. 

ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއަކީ، މިއަދު ރާއްޖޭގައި ހިނގަމުންދާ އަމިއްލަ ޖަމްޢިއްޔާތަކުގެ ތެރެއިން ވަރަށް ކުރީ ސަފުގައި ހިމެނޭ ޖަމްޢިއްޔާއެއްކަން ފާހަގަކުރެވެއެވެ. އެޖަމްޢިއްޔާއިން ދެއްވާ ޚިދްމަތްތައް މިއަދު ފުޅާވެފައިވާ މިންވަރާއި، މިބަލީގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް، އެ ޖަމްޢިއްޔާއިން ފުޅާ ދާއިރާއެއްގައި ކުރައްވަމުން ގެންދަވާ މަސައްކަތްތައް މިކަމުގެ ހެއްކަކަށް ފުދެއެވެ.