އަލްފާޟިލް މުޙައްމަދު ވަޙީދު
އައްސޭރި ށ. މަރޮށި

ދަނޑުވެރިކަމުގެ ދާއިރާއަށް މުޙައްމަދު ވަޙީދު ވެދެވަޑައިގަތީ 1984 ވަނަ އަހަރުއެވެ. ފުރަތަމަ އެ މަސައްކަތް ކުރައްވަން ފެށްޓެވީ މިހާރުވެސް އެ މަސައްކަތް ކުރައްވާ ށ. މަޑިދޫގައެވެ. އެއީ، އޭރު އެ ރަށް ވަރުވާއަށް ލިޔުއްވައިގެން އުޅުއްވި ފަރާތުން ކުއްޔަށް ނަންގަވައިގެންނެވެ. އޭގެފަހުން، ށ. މަރޮށީ ކައިރީގައި އޮންނަ ފަޅުރަށްތަކެއް ކަމަށްވާ ށ. ނެޔޮގައާއި، ށ. މެދުކުނބުރުދޫގައާއި، ށ. ނަރުރިނބުދޫގައި ވަރަށް އާދައިގެ ގޮތެއްގައި އަމިއްލަފުޅަށް ދަނޑުވެރިކަން ކުރައްވައިފައިވެއެވެ. އެއަށްފަހު އަނެއްކާވެސް ށ.މަޑިދޫ ކުއްޔަށް ނަންގަވައިގެން ދަނޑުވެރިކަން ކުރިއަށް ގެންދެވިއެވެ. މަޑިދުއަކީ 100 ވަރަކަށް ހެކްޓަރުގެ ބޮޑު ރަށެކެވެ.

1990ގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖޭގައި ފުރަތަމަފަހަރަށް ދަނޑުވެރިކަން ތަރައްޤީ ކުރެއްވުމަށްޓަކައި ދިގު މުއްދަތަށް ފަޅުރަށްރަށް ދޫކުރެއްވުމަށް ސަރުކާރުން ހުޅުއްވައިލެއްވި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިއްޕެވި އެއް ބޭފުޅަކީ މުޙައްމަދު ވަޙީދެވެ. އޭރު އިޢުލާނުކުރި 5 ރަށުގެ ތެރެއިން އެއްރަށް ކަމަށްވާ 3 ޖުލައި 1994ގައި ށ. މަޑިދޫ 20 އަހަރު ދުވަހަށް ކުއްޔަށް ނެންގެވިއެވެ. ދަނޑުވެރިކަމަކީ ފުޅާ ދާއިރާއެއްގައި ދިވެހިރާއްޖޭގައިވެސް ކުރެވިދާނެ ކަމެއް ކަމަށް ގިނަ ބަޔަކަށް ގަބޫލުވެސް ނުކުރެވޭ ދުވަސްވަރެއްގައި ވަޙީދު އަމިއްލަފުޅަށް އިސްނަންގަވައިގެން މަޑިދޫގައި ފުރަތަމަ މަސައްކަތް ފެށްޓެވީ 20,000 އަކަފޫޓުގެ ސަރަޙައްދެއްގައި، 12 މުވައްޒަފުންނާ އެކުގައެވެ. މި މަސައްކަތް އިތުރަށް ފުޅާކުރައްވައި ތަރައްޤީ ކުރެއްވުމުގެ ގޮތުން ދަނޑުވެރިކަންކުރާ ސަރަޙައްދު 60 ހެކްޓަރަށް ފުޅާކުރައްވައި، 50 މުވައްޒަފުން އިތުރުކުރައްވައިގެން، އެކި ބާވަތްބާވަތުގެ ދަނޑުތައް ހައްދަވަން ފެށްޓެވިއެވެ.

ރާއްޖެއިން ދަނޑުވެރިކަމުގެ އެންމެގިނަ ބާވަތްތައް ހައްދައި، ބާޒާރަށް ނެރުއްވާ ދަނޑުވެރިންގެ ތެރޭގައި ވަޙީދު ހިމެނިވަޑައިގަންނަވައެވެ. ދަނޑުވެރިކަމުގެ ގޮތުން ހައްދާ ބާވަތްތަކުގެ ތެރޭގައި، ފަޅޯ، މިރުސް، ކަރާ، ބަރަބޯ، ކިއުކަމްބާ، ފާގަ، ޗިޗަންޑާ، ބަށި، ކޮޕީފަތް، ރާނބާފަތް، ހިކަނދި ފަތް، މުރަނގަ، ކަންކުން، ބަނބުކެޔޮ، ކަޅުހުއްތު މޭވާ، ލުނބޯ، ޓޮމާޓޯ، ބަޓާނާ، ރެޑިޝް، ފަތްކެޔޮ، ސްވީޓް މެލަން، ކެޕްސިކަމް، ލީކްސް، ކެބެޖް، ބީންސް، ޕެޝަން ފުރުޓް، އަންނާރު، ލޭޑީސް ފިންގަރ، އަތަ، ފޭރު އަދި ތޮރާ ހިމެނެއެވެ. މީގެއިތުރުން، އަބަދުވެސް ކާށި ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމުގެ ގޮތުން، ދިވެހި ރުއް އިންދަވައި ހައްދަމުން ގެންދަވައެވެ. އަދި ކާށްޓާއި ކުރުނބާ އަބަދުވެސް ގިނަ އަދަދަކަށް ބާޒާރަށް ނެރުއްވައެވެ.

ށ. މަޑިދޫގައި ކުރައްވަމުން ގެންދަވާ ދަނޑުވެރިކަމުގެ ސަބަބުން ބާޒާރަށް ނެރުއްވާ ތަކެތީގެ އަދަދުވެސް، އެއް ދުވަހުން އަނެއް ދުވަހަށް ދިޔައީ އިތުރުވަމުންނެވެ. މިގޮތުން، ހަފްތާއަކު 10 ޓަނު ފަޅޯ، 15 ޓަނު ކަރާ، 5 ޓަނު ކިއުކަމްބާ، 1.5 ޓަނު ޓޮމާޓޯ، 300 ކިލޯ މިރުސް ބާޒާރަށް ނެރުއްވައެވެ. ހަމައެއާއެކު، މަޑިދޫގައި ހައްދާ އެކި ބާވަތްތަކުގެ ތަރުކާރީއާއި މޭވާ، 22 ރިޒޯޓަކަށް ސަޕްލައި ކުރައްވައެވެ. 2002 ވަނަ އަހަރުން ފެށިގެން 2015ވަނަ އަހަރާ ހަމަޔަށް މާލޭގައި "މަޑިދޫ މާޓް"ގެ ނަމުގައި ބާޒާރުގައި ފިހާރައެއް ހުޅުއްވައިގެން، މާލެއަށް އެކި ބާވަތްތަކުގެ ތަރުކާރީއާއި މޭވާ ގެންނަވައިގެން ވިއްކަވަމުން ގެންދެވިއެވެ. އަދި ގިނަ އަދަދެއްގެ ތަކެތި މާލެއަށް ގެންނެވުމަށްޓަކައި އަމިއްލަ 3 ދޯނި ބޭނުންކުރެއްވިއެވެ.

މި ވޭތުވެދިޔަ ސާޅީހަކަށް އަހަރު ދުވަހުގެ ތެރޭގައި މެދުކެނޑުމެއްނެތި ކުރެއްވި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަމަށް ލިބުނު ކުރިއެރުމުގައި މުޙައްމަދު ވަޙީދުގެ ޙިއްޞާ ވަރަށްބޮޑުމެއެވެ. އަދި ރާއްޖޭގައި ހިންގާ ރިޒޯޓުތަކަށް ރާއްޖެއިން ބޭރުން ގެންނަ ތަރުކާރީއާއި މޭވާގެ ބާވަތްތައް ގެނައުން މަދުވެގެން ދިޔުމުގައިވެސް ވަޙީދު ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލަން ޖެހެއެވެ. މަޑިދޫން އެކަނިވެސް އެތައް ރިޒޯޓަކަށް ބޭނުންވާ މިންވަރަށް ތަރުކާރީއާއި މޭވާގެ ބާވަތްތައް މެދުކެނޑުމެއްނެތި ލިބެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ފަޅޮލާއި، ކިއުކަމްބާއާއި، ކަރައާއި، މިނޫންވެސް ތަރުކާރީއާއި މޭވާގެ ބައެއް ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރުން ވަރަށްބޮޑަށް މަދުވާނެކަމަށްވެސް ލަފާކުރައްވައެވެ. ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރެއްވުމާއި، ބޭރުގެ އުފެއްދުންތަކަށް ބަރޯސާވާ މިންވަރު ދަށްވުމުން، އުފެއްދުންތެރިކަން އިތުރުވެ، އިޤްތިޞާދު އިތުރަށް ހަރުދަނާވެގެން ދިޔުމުގައި ވަޙީދުގެ ޙިއްޞާ ބޮޑުކަން ފާހަގަކޮށްލަން ޖެހެއެވެ.

ދަނޑުވެރިކަމުގެ ރޮނގުން މީހުން ބިނާކުރެއްވުމަކީވެސް ވަޙީދު ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމެކެވެ. ދަނޑުވެރިކަމާބެހޭ ކަންކަން އޮޅުންފިލުވުމަށް އެދޭ ހުރިހާ ފަރާތްތަކަށް އެކަންކަން ވަރަށް ތަފްޞީލުކޮށް އޮޅުންފިލުއްވައިދެއްވައެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާއިން ތަމްރީނުތައް ފުރިހަމަކުރާ ފަރާތްތަކަށް މަޑިދުއަށް ދިޔުމުގެ ފުރުޞަތު ފަހިކޮށްދެއްވައި، ދަނޑުވެރިކަމުގެ މަސައްކަތް ޢަމަލީގޮތުން ކުރަމުންދާގޮތް ދަސްކޮށްދެއްވައި، ކަމާބެހޭ މަޢުލޫމާތުތައް ދެއްވަމުން ގެންދަވައެވެ. ދަނޑުވެރިކަމުގެ މަސައްކަތުން ވަޙީދު ހޯއްދެވި އާމްދަނީން ވަޙީދުގެ އަމިއްލަފުޅު ޚަރަދުގައި 5 ދަރިވަރަކަށް ރާއްޖެއިން ބޭރުގައި އެކި ރޮނގުރޮނގުން މަތީ ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވައިފައި ވެއެވެ.

ށ.އަތޮޅަކީ އާމްދަނީ ހޯދުމަށް ގިނަ ބަޔަކު ފަންގިވިންނަ އަތޮޅަކަށްވުމާއެކު، ފަންގިވިނުމަށް ބޭނުންވާ އެ އަތޮޅުގެ ރައްޔިތުންނަށް 1994 ވަނަ އަހަރުން ފެށިގެން މަޑިދޫން ހިލޭ ފަން ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވައިފައި ވެއެވެ. އެކަމަކީ، އެ އަތޮޅުގެ ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމެކެވެ. މީގެއިތުރުން، އޮޑިދޯނިފަހަރު އެހިލުމަށް ބޭނުންވާ ކަނދުވެސް މަޑިދޫން ހިލޭ ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވައިފައި ވެއެވެ. މަޑުމަޑުން ދަނޑުވެރިކަން ކުރިއަރަމުން އަންނަ އަތޮޅުގެ އެހެން ރަށްރަށަށް ބޭނުންވާ ދަނޑުވެރިކަމުގައި ބޭނުންކުރާ ބޭހާއި ގަސްކާނާ ލިބޭނެ އިންތިޒާމުވެސް ވަޙީދުވަނީ ހަމަޖައްސަވައިދެއްވައިފައެވެ. ވަޙީދު ވަނީ ދަނޑުވެރިކަމާ ގުޅިގެން ބޭއްވި އެކިއެކި މައުރަޒުތަކުގައި ބައިވެރިވެވަޑައިގެން، ރާއްޖޭގެ ދަނޑުވެރިކަން އިތުރަށް މާކެޓްކޮށްދެއްވައިފައެވެ. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ދަނޑުވެރިކަމާ ގުޅޭގޮތުން ބާއްވަވާ މަހާސިންތާތަކާއި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން، ރާއްޖޭގެ ދަނޑުވެރިކަން އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިޔުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޢުލޫމާތާއި ލަފާ ދެއްވައި، ވަޙީދުގެ ތަޖުރިބާ ހިއްސާ ކުރައްވަމުން ގެންދަވައެވެ. އަދި ދަނޑުވެރިކަމުގެ މާސްޓަރ ޕްލޭން އެކުލަވައިލުމުގައިވެސް ވަޙީދުވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.

ރާއްޖޭގައި ދަނޑުވެރިކަން ކުރުމަށް ދިގު މުއްދަތަށް ދޫކުރައްވައިފައިވާ ފަޅުރަށްރަށުގެ ތެރެއިން ފާހަގަކޮށްލެވޭ ފެންވަރަކަށް ދަނޑުވެރިކަމުގެ މަސައްކަތް ކުރާ ފަރާތަކަށް މުޙައްމަދު ވަޙީދު ހޮވިވަޑައިގެންފައިވާތީ، އެކަމުގެ އަގު ވަޒަންކުރައްވައި 16 އޮކްޓޫބަރު 2014ގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ވަޙީދަށް ވަނީ ހަނދާނީ ލިޔުމެއް ދެއްވައިފައެވެ. ވަޙީދުގެ ދިރިއުޅުއްވުން ވަގުތީގޮތުން ށ.މަޑިދުއަށް ބަދަލުކުރައްވައި، އެ ރަށުގައި ޤާއިމުވެ ހުންނަވައިގެން މިހާރުވެސް ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ.

މުޙައްމަދު ވަޙީދަށް ދަނޑުވެރިކަމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމެވީ، މިވޭތުވެދިޔަ ދިގު މުއްދަތުގައި މި ރޮނގުން ކުރައްވައިފައިވާ މަސައްކަތްތަކަށާއި، ދަނޑުވެރިކަމުގެ ޞިނާޢަތުން ރާއްޖެއަށް ލިބިފައިވާ ކުރިއެރުމާއި ތަރައްޤީގައި ވަޙީދުގެ ޙިއްޞާ ބޮޑުކަމާއެކު، ވަޙީދު މި ކުރައްވާ މަސައްކަތްޕުޅުގެ އަގު ޤައުމީ ފެންވަރެއްގައި ވަޒަންކުރަންޖެހޭނެ ކަމަށް ފެނިވަޑައިގަންނަވާތީއެވެ.