އަލްފާޟިލް އަޙްމަދު ސަލީމް
ހ. ގަދަމޫ

އަޙްމަދު ސަލީމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އާދަޔާޚިލާފު ތަރައްޤީތަކެއް ގެނެސްދެއްވި އަދި ޓޫރިސްޓް ރިޒޯޓުތަކާއި ހޮޓާތައް ފަރުމާކުރެއްވުމުގައްޔާއި، އެތަންތާނގެ ފެންވަރު މަތިކުރެއްވުމުގައްޔާއި، ސުޕަވައިޒް ކުރެއްވުމުގައި ވަރަށްގިނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އަޙްމަދު ސަލީމް ނިއުޒީލަންޑުން އާކިޓެކްޗަރީގެ ރޮނގުން މަތީ ތަޢުލީމު ހާސިލުކުރެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން، އާކިޓެކްޓެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން އޭރު ހިނގަމުންދިޔަ އާކިޓެކްޗަރަލް ސެކްޝަންގައި ޚިދުމަތް ކުރައްވަން ފެށްޓެވީ 9 ޖޫން 1979 ގައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން 1983 ވަނަ އަހަރު "ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް އުފެއްދެވީ، ސަލީމާއި އިތުރު ތިން ބޭފުޅަކު ވެގެންނެވެ. އޭގެކުރިންވެސް ޓޫރިސްޓް ރިޒޯޓުތައް ފަރުމާކުރެއްވުމުގެ މަސައްކަތް، ސަލީމް އަމިއްލަފުޅަށް ކުރައްވަމުން ގެންދެވިއެވެ. އެންމެ ފުރަތަމަ ކުރެއްވި މުހިންމު ފަރުމާއަކީ، ކުޑަހިތި އައިލެންޑް ރިޒޯޓުގައި މޯލްޑިވިއަން ރޫމްގެ ނަމުގައި ކޮޓަރިއެއް ފަރުމާކުރައްވައި، އެ ކޮޓަރީގައި ގިފިއްޔެއް ހިމަނުއްވައިގެން ހެއްދެވި ބާތްރޫމްގެ ފަރުމާއެވެ. އެއީ، އޭގެ ފުރަތަމަ އުފެއްދުމެވެ. އޭގެފަހުން ސަލީމް ފަރުމާކުރެއްވި ވަރަށްގިނަ ރިޒޯޓުތަކުގައި އެގޮތަށް ބާތްރޫމްތައް ހެއްދެވިއެވެ. މިގޮތުން، ވެލިގަނޑު އައިލެންޑް ރިޒޯޓާއި، ރަންގަލި އައިލެންޑް ރިޒޯޓާއި އަދި އެނޫންވެސް އެހެން ބައެއް ރިޒޯޓުތަކުގައި މިގޮތަށް ކޮޓަރިތައް ހެއްދެވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތުގެ ތެރެއިން ސަލީމް ކުރެއްވި އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ 2004 ވަނަ އަހަރު ރަންގަލި އައިލެންޑް ރިޒޯޓުގައި ފަރުމާ ކުރެއްވި ފުރަތަމަ "އަންޑަރ ވޯޓަރ ރެސްޓޯރެންޓް" އެވެ. އެއީ ސަލީމުގެ އަމިއްލަފުޅު ޚިޔާލެއްގެ މައްޗަށް ބިނާކުރެއްވި ރެސްޓޯރެންޓެކެވެ. އިންޖިނޭރުންނާއި ތަޖުރިބާކާރުން ރާއްޖެއިން ބޭރުން ގެންނަވައިގެން، ކާމިޔާބުކަމާއެކު ނިންމާލެވުނު އެ މަސައްކަތް ވެގެންދިޔައީ ސަލީމަށް ވަރަށްބޮޑު ހިތްޕުޅުހަމަޖެހުމެއް ލިބިވަޑައިގެންނެވި މަސައްކަތެއްގެ ގޮތުގައެވެ. ރަންގަލި އައިލެންޑް ރިޒޯޓުގައި މޫދުގައި ހެއްދެވި "އިތާ ރެސްޓޯރެންޓް" ވެގެންދިޔައީ، ދުނިޔޭގެ ފެންވަރުގައިވެސް ވަރަށް މަޝްހޫރު ރެސްޓޯރެންޓަކަށެވެ. މިހާރު ގޫގުލްއިން ބަލައިލި ކަމުގައިވިޔަސް، ދުނިޔޭގެ ފުރަތަމަ އަންޑަރ ވޯޓަރ ރެސްޓޯރެންޓެއްގެ ގޮތުގައި ފެންނާނީ، އިތާ ރެސްޓޯރެންޓެވެ. އެއީ، ސަލީމް ކުރެއްވި ތާރީޚީ ކާމިޔާބު މަސައްކަތެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

އޭގެފަހުންވެސް ރާއްޖެއަށް އާދަޔާޚިލާފު ފީޗަރތައް ތަޢާރުފު ކުރެއްވުމަށް ސަލީމް މަސައްކަތްޕުޅު ކުރައްވަމުން ގެންދެވިއެވެ. ދެން ފަރުމާކުރެއްވީ، ދުނިޔޭގެ އެންމެ ފުރަތަމަ (ވަން އެންޑް އޮންލީ) އަންޑަރ ވޯޓަރ ރޫމެވެ. އެ ރޫމްވެސް ހައްދަވައިފައިވަނީ، ރަންގަލި އައިލެންޑް ރިޒޯޓުގައެވެ. އެއީވެސް ވަރަށް އާދަޔާޚިލާފު މަސައްކަތެއްގެ ގޮތުގައި ކުރެއްވުނު މަސައްކަތެއްކަން ސަލީމް ފާހަގަކުރައްވައެވެ. އެ ރޫމް އަމިއްލަފުޅަށް ފަރުމާ ކުރައްވައި، ރާއްޖެއިންބޭރުން މީހުން ގެންނަވައިގެން އެކަމުގެ މަސައްކަތްތައް ކުރެއްވުމުގައިވެސް އެންމެ އިސްކޮށް ހުންނެވީ ސަލީމެވެ.

1997 ވަނަ އަހަރުގެ ތެރޭގައި މޫދު ކޮޓަރި ނުވަތަ ވޯޓަރވިލާތައް ރާއްޖެއަށް ތަޢާރުފުވެގެންދިޔައިރު، އެކަމުގައިވެސް އެންމެ އިސްކޮށް ހުންނެވީ ސަލީމެވެ. ވޯޓަރވިލާ ކޮންސްޓްރަކްޝަނަކީ ދެމެހެއްޓެނިވި އެއްޗެއްގެ ގޮތުގައި ތަޢާރުފު ކުރެއްވުމަށްޓަކައި ގިނަ ދިރާސާތަކެއް ކުރެއްވުމުގެ ތެރޭގައި އެނގިވަޑައިގަތީ، މިފަދަ ވިލާތައް ލަކުޑިން ހެދުމަކީ މާ ސަސްޓެއިނަބްލް ކަމެއް ކަމަށެވެ. މިއީ ނިއުޒީލެންޑުން ސަލީމް ކިޔަވައިވިދާޅުވިއިރު ލިބިވަޑައިގެންނެވި ތަޖުރިބާއެކެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ސަލީމް ކުރެއްވި އެންމެ ކާމިޔާބު މަސައްކަތެއްގެ ގޮތުގައި ފާހަގަކޮށްލަންޖެހެނީ، ޓޫރިސްޓް ރިޒޯޓުތައް ފަރުމާ ކުރެއްވުމާއި، ރިޒޯޓުތަކުގެ އެހެނިހެން މަސައްކަތްތައް ކުރުމަށް ބޭނުންވާ މީހުން ބިނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކެވެ. ނިޔުޒީލަންޑުން ކިޔަވައި ވިދާޅުވެގެން ސަލީމް ރާއްޖެއަށް ވަޑައިގެންނެވިއިރު، ކޮންކްރީޓް މަސައްކަތަކީވެސް ރާއްޖެއަށް ވަރަށް އާ މަސައްކަތެކެވެ. ކޮންކްރީޓް ކުރުމާއި، އެ މަސައްކަތުގެ ހުނަރު އޭރު އެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ނޭނގޭކަމަށް ސަލީމް ވިދާޅުވިއެވެ. އެދުވަސްވަރަކީ އެލިއާ ހޮޓެލްގެ މަސައްކަތް ފެށިގެންއައި ދުވަސްވަރުކަމަށް ވުމުން، އޭރު ވަރަށްގިނަ ބަޔަކަށް ސަލީމް އެ މަސައްކަތް ދަސްކޮށްދެއްވިއެވެ. އެހެންކަމުން، ކޮންކްރީޓް ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރުފު ކުރެއްވުމުގައި ސަލީމް އަދާކުރެއްވި ދައުރަކީވެސް ވަރަށް މުހިންމު ދައުރެކެވެ. އޭގެއިތުރުން، ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ވަރަށްގިނަ ސްޓޭންޑަޑްތައް ޤާއިމުކުރެއްވުމުގައިވެސް މުހިންމު މަސައްކަތްތަކެއް ސަލީމް ވަނީ ކުރައްވައިފައެވެ. އަދި އެ އިންޑަސްޓްރީއަށާއި ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ބޭނުންވާ ކާޕެންޓަރުންނާއި މޭސަނުން ތައްޔާރުކުރައްވައި، ރާއްޖޭގެ ބިލްޑިންގ އިންޑަސްޓްރީއަށް ވަރަށްގިނަ މީހުން ސަލީމް ނެރުއްވައިދެއްވިއެވެ.

އަޙްމަދު ސަލީމަކީ މިހާރުވެސް ކްރައުން ކަމްޕެނީގެ އެއް ޑިރެކްޓަރެވެ. ކްރައުން ކޮމްޕެނީން ހިންގާ ރިޒޯޓުތަކުގެ މަސައްކަތްތަކުގައި މިހާރުވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ. ކްރައުން ކޮމްޕެނީއާއި އެހެން ތިން ކުންފުންޏެއް އެކުވެގެން އުފައްދާފައިވާ ޓްރީ ޓޮޕް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުން ހިންގާފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ޕްރޮޖެކްޓަކީ، ޓްރީޓޮޕް ހޮސްޕިޓަލް ޢިމާރާތް ކުރުމުގެ ޕްރޮޖެކްޓެވެ. ޓްރީޓޮޕް ހޮސްޕިޓަލްގެ ކޮންސްޓްރަކްޝަން މަސައްކަތް، ފުރަތަމަ ފެށުނު ދުވަހުން ފެށިގެން ނިމެންދެން ހިނގަމުންދިޔައީ ސަލީމްގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. މިއީ މާލޭސިޓީގައި ސަލީމް ކުރެއްވި އެންމެ ބޮޑު އެއް މަސައްކަތެވެ. ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ އެންމެބޮޑު ބޭނުންފުޅަކަށްވީ، ރާއްޖޭގެ ޞިއްޙީ ނިޒާމު، އެހެން ހަރުފަތަކަށް ގެންދެވުމެވެ. މިއީ، ސަލީމުގެ ބައިވެރިވެވަޑައިގަތުމުގެ ތެރެއިން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ގެނެވުނު ވަރަށްބޮޑު އިންޤިލާބީ ބަދަލެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ސަލީމަކީ، އިޖުތިމާޢީ ދާއިރާގައިވެސް ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭގެތެރެއިން އެއް މަސައްކަތަކީ ސަލީމުގެ ލޮބުވެތި ބައްޕަ އަލްމަރްޙޫމް ގަދަގޭ މުޙައްމަދު ކަލޭފާނުގެ ހަނދާނުގައި މާލޭގައި އިމާރާތް ކުރައްވައިފައިވާ ނޫރު މިސްކިތެވެ. އެ މިސްކިތް ފަރުމާ ކުރައްވައި، މިސްކިތް ޢިމާރާތް ކުރުމުގެ ހުރިހާ ޚަރަދެއް ކުރެއްވީވެސް ސަލީމެވެ. އަދި އެ މިސްކިތަކީ ރާއްޖޭގައި އެންމެ ފުރަތަމަ އެއަރކޮންޑިޝަން ކުރެވުނު މިސްކިތްވެސް މެއެވެ. މިހާރުވެސް އެ މިސްކިތުގެ އެއަރކޯން ޚަރަދު ބަލަހައްޓަވައި، އެ މިސްކިތުގެ މަރާމާތުގެ ގިނަ ކަންކަންވެސް އަމިއްލަފުޅު ޚަރަދުގައި ސަލީމް ކުރައްވަމުން ގެންދަވައެވެ. މީގެއިތުރުން، ސަލީމުވެސް ހިމެނިވަޑައިގަންނަވާ ކްރައުން ކޮމްޕެނީގެ ފަރާތުން ވިލިނގިލީގައި އިމާރާތްކުރި ކުޑަކުދިންގެ ހިޔާއަކީވެސް އިޖުތިމާޢީ ވަރަށްބޮޑު އެހީއެއްކަން ފާހަގަކޮށްލަން ޖެހެއެވެ. ކުޑަކުދިންގެ ހިޔާ އިމާރާތް ކުރުމަށްފަހު، ކްރައުން ކޮމްޕެނީގެ ފަރާތުން އެ އިމާރާތް ވަނީ ސަރުކާރަށް ހަދިޔާ ކުރައްވައިފައެވެ.

ރާއްޖޭގެ ބިލްޑިންގ އިންޑަސްޓްރީއަށް ވަރަށްގިނަ ޒުވާނުންނާއި މީހުން ތަމްރީނު ކުރެއްވުމަށް ސަލީމް ކުރެއްވި މަސައްކަތްޕުޅުތަކަކީ، އެ އިންޑަސްޓްރީގެ ކުރިއެރުމަށް ކޮށްދެއްވި ވަރަށް އަގުހުރި މަސައްކަތްޕުޅުތަކެކެވެ. އަދި ރާއްޖޭގައި މިހާރު ތިއްބެވި އެންމެ ފުންނާބު އުސް އާކިޓެކްޓުންގެ ތެރޭގައި، ސަލީމް އަރިހުގައި މަސައްކަތް ކުރައްވައިގެން މި ދާއިރާއަށް ނުކުމެވަޑައިގެންނެވި ބޭފުޅުން ހިމެނެއެވެ. ހަމައެއާއެކު، ސްކިލްސް ޑިވެލޮޕްމަންޓުގެ ދާއިރާ ކުރިއަށް ގެންދެވުމަށް ޒުވާނުން ހޯއްދަވައި، އެކުދިންނަށް ތަމްރީނުތައް ދެއްވައިގެން، މަސައްކަތުގެ މައިދާނަށް ނެރުއްވުން އެއީވެސް ސަލީމުގެ މަސައްކަތްޕުޅުތަކުގެ ތެރެއިން ޚާއްޞަ އެއް މަސައްކަތެވެ. މިގޮތުން، ޓޫރިސްޓް ރިޒޯޓުތައް ފަރުމާކުރެއްވިއިރު، އެއްވެސް ތަޖުރިބާއެއް އަދި މަޢުލޫމާތެއް ނެތް ޒުވާނުން ހޯއްދަވައި، އެ ކުދިން ތަމްރީނު ކުރައްވައިގެން މި އިންޑަސްޓްރީއަށް ނެރުއްވި ބައެއް ޒުވާނުން މިހާރުވެސް، އެ އިންޑަސްޓްރީގެ މަތީ ފަންތީގެ މަގާމުތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާކަން އެއީވެސް ސަލީމަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު ޝަރަފެކެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން އަޙްމަދު ސަލީމަށް 2003 ވަނަ އަހަރު ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.