އަލްފާޟިލް ޢަދުނާން ޢަލީ
ގ. އާސަމް

ޢަދުނާން ޢަލީއަކީ، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް ވަރަށް އިޚްލާޞްތެރި މަސައްކަތްޕުޅުތަކެއް ކުރައްވައިފައިވާ އަދި މިހާރުވެސް އެ މަސައްކަތުގައި ދެމިހުންނެވި ބޭފުޅެކެވެ. މަސްވެރިކަމުގެ ދާއިރާއާ ޢަދުނާން ގުޅިވަޑައިގެންނެވިއިރު ޚިދުމަތް ކުރައްވަމުން ގެންދެވީ، މޯލްޑިވްސް ޝިޕިންގ ލިމިޓެޑުގެ މެނޭޖަރެއްގެ ގޮތުން ކޮޅުނބުގައެވެ. 1982 ވަނަ އަހަރުގެ ކުރީކޮޅު ކޮޅުނބަށް ވަޑައިގެންނެވި ސަރުކާރުގެ އިސްބޭފުޅުންގެ ވަފުދެއްގެ ބައްދަލުވުމެއްގެ ތެރޭގައި އޭރު އެ ކުންފުނީގެ އެންމެ އިސްބޭފުޅަކަށް ހުންނެވި އަލްމަރްޙޫމް ޢަލީ ޢުމަރުމަނިކުގެ އެދިވަޑައިގަތުމަކަށް މަސްވެރިކަމުގެ މަޝްރޫޢެއްގައި މަސައްކަތް ކުރައްވަން ފެށްޓެވިއެވެ.

މި މަޝްރޫޢަކީ، ސެކަންޑް ޖެނެރޭޝަންގެ 100 ދޯނި ބަނދެފައި، ލުއިފަސޭހަ އުޞޫލަކުން ދިގު މުއްދަތަކުން އަގުއަދާކުރާގޮތަށް އެދޭ ފަރާތްތަކަށް ދިނުމަށްޓަކައި އަލިފުށީ ބޯޓުޔާޑުގައި ސަރުކާރުން ފެށްޓެވި މަސައްކަތެކެވެ. އަލިފުށީގައި އެންމެ ފުރަތަމަ މަސައްކަތް ފެށި ދުވަހުން ފެށިގެން 6 ދޯނީގެ މަސައްކަތް ނިމެންދެން، ބޯޓުޔާޑުގައި ޢަދުނާން މަސައްކަތް ކުރެއްވިއެވެ. މި މަޝްރޫޢުގެ ދަށުން ދެކުނު ކޮރެއާގައި ބަނދެވުނު މަސްފިނިކޮށް، ގަނޑުކޮށް ރައްކާކުރާ 3 އުޅަނދާއި، ދެކުނުގެ 3 ރަށެއްގައި ބެހެއްޓުނު 3 ތެޔޮ ތާނގީއާއި 3 އައިސްޕްލާންޓްވެސް ބެހެއްޓުނީ ޢަދުނާނުގެ ބެއްލެވުމުގެ ދަށުންނެވެ. އަދި މާލޭގައި ބަނދެވުނު މަސްކިރާ 9 ބޯޓު ބަނުމުގެ މަސައްކަތް ކުރިއަށްދިޔަގޮތްވެސް ޕްރޮޖެކްޓް މެނޭޖަރުގެ ހައިސިއްޔަތުން ޢަދުނާނު ބައްލަވަމުން ގެންދެވިއެވެ.

ޖަޕާނުގެ ހޯކޯ ކުންފުނިން ރާއްޖޭގެ ދެކުނުގައި ކުރަމުންއައި މަސް ގަތުމުގެ މަސައްކަތް، 1982 ވަނަ އަހަރުގެ މެދެއްހާ ހިސާބުން ފެށިގެން ހުއްޓާލުމާ ގުޅިގެން، ހޯކޯ ކުންފުނީގެ ބޯޓުތައް ސަރުކާރަށް ބައްލަވައިގަނެފައި، ހޯކޯ ކުންފުންޏާއެކު ޓެކްނިކަލް މެނެޖްމެންޓް އެގްރީމެންޓެއް ހަދައިގެން، މެދުކެނޑުމެއްނެތި މަސް ގަނެވޭނެގޮތް ހަމަޖެއްސެވިއެވެ. އެއަށްފަހު އެމެރިކާގެ ކުންފުންޏަކާއެކު އެގްރީމެންޓެއް ހަދައިގެން، މަސްގަތުމުގެ މަސައްކަތް މެނޭޖްކުރައްވަމުން ގެންދެވިއެވެ. މި މަޝްރޫޢު މުޅިން ދިވެހިންގެ އަތްމައްޗަށް ގެނައުމުގައި ޢަދުނާނު ވަނީ ވަރަށް މުހިއްމު ދައުރެއް އަދާކުރައްވައިފައެވެ.

މެދުރާއްޖެތެރޭގައި ކަނޑުމަހުގެ ޞިނާޢީ އުފެއްދުންތެރިކަމުގެ އިންވެސްޓްމަންޓްތައް ޤާއިމުކުރުމުގެ މަޝްރޫޢަށް ޖަޕާނު ސަރުކާރުގެ އެހީ ލިބިގެން، މަޝްރޫޢުގެ މަސައްކަތް 1993 ވަނަ އަހަރު ފެށުނުއިރު، ޢަމަލީގޮތުން އެ މަސައްކަތުގައި އޭރުގެ މިފްކޯގެ މެނެޖިންގ ޑިރެކްޓަރ އަލްމަރްޙޫމް އިބްރާހީމް ޝަކީބުގެ އަރިހުގައި ވަރަށް އިސް ދައުރެއް ޢަދުނާން އަދާކުރައްވައިފައިވެއެވެ. މި މަޝްރޫޢުގެ ދަށުން ލ. މާންދޫގައި މަސް ފިނިކޮށް ގަނޑުކުރުމަށްޓަކައި 300 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 30 ޓަނު ފިނިކުރެވޭ 2 ބްރައިން ޓޭންކާއި، މަސްވެރި ބަނދަރެއް ޤާއިމުކުރެވުނެވެ.

ވާރލްޑް ބޭންކުގެ އެހީގައި ރާއްޖޭގެ މަސްވެރިކަން ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ހިންގެވި މަސްވެރިކަމުގެ 3 ވަނަ މަޝްރޫޢު އެކުލަވައިލުމުގައްޔާއި، އެ މަޝްރޫޢުގެ މަސައްކަތްތައް ހިންގެވުމުގައި، ޕްރޮޖެކްޓް މެނޭޖަރެއްގެ ހައިސިއްޔަތުން ޢަދުނާން ކޮށްދެއްވި މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް ޤާއިމުކުރުމުގެ މަސައްކަތް ކުރެވުނީވެސް މި މަޝްރޫޢުގެ ދަށުންނެވެ.

1997 ވަނަ އަހަރުގެ ތެރޭގައި، އަތުނަނުގައި ބޮޑުކަންނެލި ބާނައިގެން، ރާއްޖެއިން ބޭރުގެ މާރުކޭޓުތަކަށް، ޚާއްޞަކޮށް، ޖަޕާނާއި ޔޫރަޕްގެ ޤައުމުތަކަށް ރާއްޖެއިން އެކްސްޕޯޓް ކުރުމަށް ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތުގައިވެސް ޢަދުނާންވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން، މާލެއަތޮޅު ކަނޑުއޮތްގިރީގައި ބޮޑުކަންނެލި ޕްރޮސެސް ކުރާނޭ ކާރުޚާނާއެއް ޤާއިމުކުރެއްވުމުގައްޔާއި، އެ ކާރުޚާނާގެ އިންތިޒާމުތައް ހަމަޖެެއްސެވުމުގައި ޢަދުނާން އަދާކުރެއްވި ދައުރު ފާހަގަކޮށްލަންޖެހެއެވެ. އެ ކާރުޚާނާއަށް ބޮޑުކަންނެލި ގަނެފައި، އެކްސްޕޯޓް ކުރަންފެށުން ވެގެންދިޔައީ، ރާއްޖެއަށް ބޮޑުކަންނެލީގެ މަސްވެރިކަން ތަޢާރުފުވެ، އަދި އެ ވިޔަފާރީގެ ތެރެއަށް ވަނުމަށް އަމިއްލަ ފަރާތްތަކަށްވެސް ފުރުސަތު ފަހިވެގެންދިޔަ ކަމަކަށެވެ. އަތުނަނުގައި ކުރާ ބޮޑުކަންނެލީގެ މަސްވެރިކަން ކުރިއެރުވުމުގެ މަސައްކަތުގެ ތެރޭގައި، މަސްވެރި ރަށްރަށަށް ޢަދުނާން ވަޑައިގެން، މަސްވެރިންނާ ބައްދަލުކުރައްވައި، އަތުނަނުގައި މަސްވެރިކަން ކުރާނެގޮތުގެ މަޢުލޫމާތު ދެއްވައި، އެކަމާ ގުޅޭ ލުއިފޮތްތައް ތައްޔާރުކުރައްވައި ބެއްސެވިއެވެ. އަދި އަތުނަނުގައި ބާނާ ބޮޑުކަންނެލި، ދޯނިމަތީގައި ޕްރޮސެސް ކުރާނެގޮތުގެ ފަންނީ މަޢުލޫމާތު ހިމެނޭ ފޮތެއް ޢަދުނާން ލިޔުއްވައި ޗާޕުކުރައްވައި، މަސްވެރިންނަށް ހިލޭ ބެއްސެވިވެސްމެއެވެ.

މިހިސާބުން ފެށިގެން ޕްރައިވެޓް ސެކްޓަރގައި ޚިދުމަތް ކުރައްވަން ޢަދުނާން ފެށްޓެވިއެވެ. މިގޮތުން، ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާ ގުޅިވަޑައިގަތެވެ.

މަސްވެރިންގެ އަތުން މަސްގަނެގެން، ރޯމަހުގެ ގޮތުގައްޔާއި، ދަޅުގައި މަސް ބަންދުކޮށްގެން، އެކްސްޕޯޓް ކުރުމުގެ ފުރުސަތު 2000 ވަނަ އަހަރު އަމިއްލަ ފަރާތްތަކަށް ހުޅުވައިލުމަށްޓަކައި، މަސްގަތުމުގެ މަސައްކަތަށް މުޅި ރާއްޖެ 4 ސަރަޙައްދަކަށް ބަހާލައި ބީލަމަށް ހުޅުވައިލުމުން، އެ ސަރަޙައްދުތަކުގެ ތެރެއިން ޒޯން 3 ގައި ހިމެނޭ އަތޮޅުތަކުން މަސްގަތުމަށް ލ. މާންދޫގެ ބީލަން، ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ކާމިޔާބު ކުރިއިރު، އެކުންފުނީގެ މެނެޖިންގ ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވީ ޢަދުނާނެވެ.

ސްކިޕްޖެކް އިންވެސްޓްމަންޓް އެގްރީމަންޓްގައި 2003 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ސޮއިކުރުމަށްފަހު، މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގައި ޔޫރަޕްގެ އިއްތިހާދުން ގަބޫލުކުރާ ފެންވަރަށް ދަޅުގައި މަސް ބަންދުކޮށްގެން އެކްސްޕޯޓް ކުރަން ފެށުނެވެ. ރާއްޖޭގައި، ދަޅުގައި މަސްބަންދުކުރާ ކާރުޚާނާއެއް ފަރުމާކޮށްގެން ޤާއިމުކޮށްފައި، އެކާރުޚާނާގައި މަހުގެ ތަފާތު އުފެއްދުންތައް އުފައްދައި، ފުރަތަމަ "ޕައުޗް" ގައި ކަނޑުމަސް ބަންދުކޮށްފައި އެކްސްޕޯޓް ކުރަން ފެށީވެސް މާންދޫގައިކަން ފާހަގަކޮށްލަން ޖެހެއެވެ. މި ކާމިޔާބީގެ މޭސްތިރިއަކީވެސް ޢަދުނާނެވެ.

ދޮށީގެ މަސްވެރިކަން ދުނިޔޭގައި ކުރިއެރުވުމަށް އުފެއްދި އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން އުފެއްދެވި މުއައްސިސުންގެ ތެރޭގައި ޢަދުނާން ހިމެނިވަޑައިގަންނަވައެވެ. އަދި އެ ޖަމުޢިއްޔާގެ ފުރަތަމަ ޗެއަރމަނަކީވެސް ޢަދުނާނެވެ. ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަމަށް އިނގިރޭސިވިލާތުގެ މެރިން ސްޓްވާރޑްޝިޕް ކައުންސިލްގެ ދެމެހެއްޓެނިވި މަސްވެރިކަމުގެ ސެޓްފިކެޓް ހޯއްދަވައިދެއްވުމުގައި ވަރަށް އިސް ދައުރެއް އަދާކުރައްވައި، ފުރަތަމަ ޕްރީ އެސެސްމަންޓް ހެއްދެވުމުގައި ޢަދުނާން އިސްނެންގެވިއެވެ.

ޢަދުނާން ޢަލީއަކީ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ހިންގަވާ މަސްވެރިކަމުގެ އެކިއެކި ޕްރޮޖެކްޓްތަކަށް ބޭނުންވާ ލަފައާއި މަޝްވަރާވެސް ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ރާއްޖޭގެ މަސްވެރިކަން، ބައިނަލްއަޤްވާމީ ބާޒާރުތަކުގައި އިޝްތިހާރު ކުރެއްވުމަށް ރާއްޖެއިން ބޭރުގައި ބާއްވާ އެކިއެކި ތަފާތު ފެއަރތަކުގައި ބައިވެރިވެވަޑައިގެން، ޢަދުނާން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.

މަސްވެރިކަމުގެ މަޢުލޫމާތު ޢާންމު ކުރެއްވުމުގެ ގޮތުން ކުރައްވައިފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި، ސަރުކާރުން ދެއްވާ ޚާއްޞަ އިނާމާއި ލިޔުން، 10 ޑިސެންބަރު 1998ގައި ޢަދުނާނަށް ވަނީ ލިބިވަޑައިގެންފައެވެ. 1982 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރާ ހަމަޔަށް ޢަދުނާން ވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑުގެ އިސް މަގާމުތަކެއް ފުރުއްވައި، ރާއްޖޭގެ މަސްވެރިކަމުގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ. 2003 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމަޔަށް ޢަދުނާން ޚިދުމަތް ކުރައްވަމުން ގެންދެވީ، ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ މެނެޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނަވައިގެންނެވެ. މިހާރުވެސް ޢަދުނާން ހުންނެވީ މަސްވެރިކަމުގެ ދާއިރާގެ ޚިދުމަތުގައެވެ. މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، އެ ކުންފުނީގައި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުންނާއި، ކުންފުނީގެ އެޑްވައިޒަރެއްގެ ގޮތުންނެވެ.