އަލްމަރްޙޫމް އަލްއުސްތާޛު މުޙައްމަދު ވަޙީދު
މ. މޫން ޑްރޮޕްސް

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު، އެބޭފުޅެއްގެ ހަނދާނަށް އެރުވޭ ބޭފުޅަކީ، އަލްމަރްޙޫމް އަލްއުސްތާޛު މުޙައްމަދު ވަޙީދު ނުވަތަ ޢާންމު ނަމުން ދަންނަވާނަމަ، ނަދުވީ ވަޙީދެވެ. މުޙައްމަދު ވަޙީދަކީ، މި ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ.

އަލްމަރްޙޫމް މުޙައްމަދު ވަޙީދު ވަނީ ޕާކިސްތާނުގެ ޖާމިޢާ ސަލަފިއްޔާއާއި، މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީންނާއި، އިންޑިއާގެ އަލީގަޅު މުސްލިމް ޔުނިވަރސިޓީން ތަޢުލީމު ހާސިލުކުރައްވައިފައެވެ. ޕޮލިޓިކަލް ސައިންސުން ފުރަތަމަ ޑިގްރީ އަދި ޢަރަބިބަހާއި އަދަބުގެ ދާއިރާއިން 1992 ވަނަ އަހަރު ޕޯސްޓް ގްރެޖުއޭޓް ޑިޕްލޯމާ ފުރިހަމަކުރައްވައި، 1994 ވަނަ އަހަރު އިންޑިއާގެ އަލީގަޅު މުސްލިމް ޔުނިވަރސިޓީން އަދަބިއްޔާތުގެ ދާއިރާއިން ވަނީ މާސްޓަރޒް ޑިގްރީވެސް ހާސިލުކުރައްވައިފައެވެ. އަލްމަރްޙޫމް މުޙައްމަދު ވަޙީދަކީ، ޢަރަބިބަހާއި، އިނގިރޭސިބަހާއި، އުރުދޫބަހާއި، ފަރަންސޭސިބަހާއި، ގުޖުރާތީ ބަހުގެ އިތުރަށްވެސް ގިނަ ބަސްތަކެއް އުނގެނިވަޑައިގެންނެވި ބޭފުޅެކެވެ.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގައި މުޙައްމަދު ވަޙީދު ޚިދުމަތް ކުރައްވަން ފެށްޓެވީ 25 އޮގަސްޓު 1997 ގައެވެ. ފުރަތަމަ އަދާކުރެއްވީ އެ މަރުކަޒުގެ އިސް އެހީތެރިޔާކަމެވެ. އޭގެފަހުން އެ މަރުކަޒުގެ މުޝީރުގެ އެހީތެރިޔާކަމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމުވެސް ފުރުއްވައިފައިވެއެވެ. ޤައުމީ މަރުކަޒާ ގުޅިވަޑައިގަތުމުގެ ކުރިން މަޖީދިއްޔާ ސްކޫލްގެ ޢަރަބި މުދައްރިސްކަންވެސް މުޙައްމަދު ވަޙީދު ކުރެއްވިއެވެ. ދުނިޔެ ދޫކުރެއްވިއިރު ހުންނެވީ، ދިވެހިބަހުގެ އެކެޑަމީގެ ތާރީޚާބެހޭ ބައިގެ ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމުގައެވެ.

މުޙައްމަދު ވަޙީދު ނަދުވީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒާ ގުޅިވަޑައިގެންނެވި ހިސާބުން ފަތްތޫރަ މަޖައްލާގައި، ދިވެހި އަދަބަށް ފާޑުކިޔުމުގެ ތަފާތު ލިޔުންތައް ލިޔުއްވަމުން ގެންދަވައިފައިވެއެވެ. ފަތްތޫރަ މަޖައްލާގައި އަދަބީ ރޮނގުންނާއި ތާރީޚީ ރޮނގުން އެތައް މަޒުމޫނުތަކެއް މުޙައްމަދު ވަޙީދު ވަނީ ލިޔުއްވައިފައެވެ. އަދަބަށް ފާޑުކިޔުމާ ބެހޭގޮތުންވެސް ޢިލްމީ މަޒުމޫނުތައް ލިޔުއްވިއެވެ. ރާއްޖޭގެ އެކި ފަންނުގެ ޢިލްމުވެރިންނާއި، ދިވެހި ޝަޚްޞިއްޔަތުތައް ތަޢާރުފު ކުރެއްވުމުގެ ގޮތުންނާއި، ދުނިޔޭގެ މަޝްހޫރު އަދީބުންނާ ގުޅޭގޮތުންނާއި، ޚާއްޞަކޮށް، އުރުދޫބަހުގެ މަޝްހޫރު އަދީބުންގެ ކުރު ވާހަކަތައް ތަރުޖަމާ ކުރައްވައި، ފަތްތޫރައިގައި ޝާއިޢު ކުރައްވައިފައިވެއެވެ.

އަލްމަރްޙޫމް މުޙައްމަދު ވަޙީދު ފަތްތޫރައަށް ލިޔުއްވައިފައިވާ ބައެއް ލިޔުއްވުންތަކުގެ ތެރޭގައި، "ދިވެހި ޝަޚްޞިއްޔަތުތަކުގެ ތެރެއިން އައްޝައިޚް މުޙައްމަދު ނަޞީރު މަނިކު"، "އައްޝައިޚް ދަރަވަންދޫގޭ ޢަބްދުﷲ ކަމާލުއްދީން ބަންޑާރަ ނައިބު މަނިކުފާނު"، "އަންނަބީލު އިބްރާހީމް ޙަބީބް"، ޢަރަބި އަދަބުގެ މިޒަމާނުގެ ތެރެއިން، މަޝްހޫރު ޢަރަބި ވާހަކަލިޔުންތެރިޔާ "ނަޖީބް މަޙްފޫޡު" އާއި، ރާއްޖޭގައި އުފެދުނު އިލްމުވެރިންގެ ތެރެއިން "އައްޑޫމީދޫ ފަޟީލަތުއްޝައިޚް އެދުރުގޭ އަޙްމަދުދީދީ"، "އައްޝައިޚް މޫސަލް މުޞްޠަފާ"، އަދި "އަޙްމަދު ކާމިލްދީދީ"ގެ ޙަޔާތްޕުޅުގެ މައްޗަށް ލިޔުއްވައިފައިވާ މަޒުމޫނުތައް ހިމެނެއެވެ. މީގެއިތުރުން، ސުމުއްވުލްއަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ޙަޔާތްޕުޅާއި، ޤައުމީ ޚިދުމަތުގެ މައްޗަށް ލިޔުއްވައިފައިވާ މަޒުމޫނާއި، "މުޙައްމަދު އަމީން، އަލީގަޅު މުސްލިމް ޔުނިވަރސިޓީގައި" މި މަޒުމޫނާއި، "އަލްމަރްޙޫމް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދުގެ ހަނދާނުގައި" މި މައުޟޫޢަށް ލިޔުއްވައިފައިވާ މަޒުމޫނާއި، "ރާއްޖެ އިސްލާމްވުން: އެބޭކަލަކީ ހަމަ އަބުއްރިކާބް ޔޫސުފުއްތަބުރީޒީތަ" މި މައުޟޫޢަށް ލިޔުއްވައިފައިވާ މަޒުމޫނުވެސް ހިމެނެއެވެ.

އަލްމަރްޙޫމް މުޙައްމަދު ވަޙީދު، ދިވެހިބަހަށް ތަރުޖަމާ ކުރައްވައިފައިވާ ބައެއް ޅެންތަކުގެ ތެރޭގައި، އާ ޅެންތަކާއި، ލޯބީގެ ޅެންތައް ހިމެނެއެވެ. އޭގެތެރެއިންވެސް ފާހަގަކޮށްލެވޭ ޅެންތަކުގެ ތެރޭގައި، އާ ޅެމެއް ކަމަށްވާ "ލޮލަކީ ކަނޑެކެވެ"، މި ޅެމާއި، ލޯބީގެ ޅެންތައް ކަމަށްވާ "ޤަޠީލު ޝިފާޢީ"ގެ ތަރުޖަމާއާއި، "ޑޮކްޓަރ ބަޝީރު ބަދުރު"ގެ ތަރުޖަމާއާއި، "ޖާން ނިޘާރު އަޚްތަރު"ގެ ޅެމުގެ ތަރުޖަމާ ހިމެނެއެވެ.

އަލްމަރްޙޫމް މުޙައްމަދު ވަޙީދު، އަދަބީ ރޮނގުން ކޮށްދެއްވައިފައިވާ އެންމެ މުހިންމު އެއް މަސައްކަތްޕުޅުގެ ތެރޭގައި، ދިވެހިބަހުގެ ފުރަތަމަ ޑިގްރީ ކޯހުގެ ސިލަބަސް އެކުލަވައިލަމުންދިޔައިރު، އެ ކޯހުގެ ސިލަބަހުގެ ދިވެހި އަދަބިއްޔާތާބެހޭ ބައި އެއްކޮށް ލިޔުއްވުން ހިމެނެއެވެ. މިއީ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އެދިވަޑައިގަތުމަކަށް ކުރެއްވި މަސައްކަތްޕުޅެކެވެ. އަދި ދިވެހިބަހުގެ ޑިގްރީ ކޯހުގެ ފުރަތަމަ ދެ އަހަރު، ދިވެހި އަދަބާބެހޭ ބައި ކިޔަވައިދެއްވީވެސް މުޙައްމަދު ވަޙީދެވެ.

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ލިޔެވުނު ތާރީޚީ ފޮތެއް ކަމަށްވާ އަލްޤާޟީ ޙަސަން ތާޖުއްދީން ޢަރަބިބަހުން ލިޔުއްވި "ތާރީޚު އިސްލާމީ ދީބާ މަޙަލް" ތަރުޖަމާ ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އަލްމަރްޙޫމް މުޙައްމަދު ވަޙީދު ހިމެނިވަޑައިގަންނަވައެވެ. ލިޔުއްވި ބައެއް ފޮތްތަކުގެ ތެރޭގައި، "ހަނދާނާއި ތާރީޚަށްޓަކައި ދިވެހިރާއްޖެ 4" މި ފޮތާއި، "ތާރީޚު ދީބާ މަޙަލްއާ ބެހޭ ދިރާސާ" މި ފޮތް ހިމެނެއެވެ. އަދަބަށް ފާޑުކިޔުމާ ގުޅޭގޮތުންވެސް އެކިއެކި ލިޔުންތައް މުޙައްމަދު ވަޙީދު ވަނީ ލިޔުއްވައިފައެވެ.

މުޙައްމަދު ވަޙީދު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއްވުމަށްފަހު، 28 ޑިސެންބަރު 2018 ގައި މާލޭގައެވެ. މާތްﷲ، އަލްމަރްޙޫމް މުޙައްމަދު ވަޙީދުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ! ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ!