އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު
މާޒީ ލ. މާވަށް

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ އަލްއުސްތާޛު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ، މި ދާއިރާގައި ޚިދުމަތްކުރައްވަމުން ގެންދަވާތާ 40 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބޭފުޅެކެވެ. ޢަބްދުލްޢަޒީޒު މިހާރު ކުރައްވާ އެންމެ މުހިންމު އެއް މަސައްކަތްޕުޅަކީ، ދިވެހިބަސް ދިރާސާކުރައްވައި، އެ ދިރާސާގެ އަލީގައި އެކިއެކި ލިޔުންތައް ލިޔުއްވަމުން ގެންދެވުމެވެ. އަދި ދައުލަތުގެ ލިޔެކިޔުންތައް ދިރާސާކުރައްވާ ކޮމެޓީގެ ނައިބު މުޤައްރިރުގެ ހައިސިއްޔަތުން ދައުލަތުގެ އިދާރާތަކުގައި ރަސްމީ ލިޔެކިޔުން ހުންނާންވީ ގޮތުގެ އޮނިގަނޑާއި ނަމޫނާތަކެއް ކަނޑައެޅުއްވުމުގައި އިސް ދައުރެއް ޢަބްދުލްޢަޒީޒު އަދާކުރައްވައެވެ. މީގެ އިތުރަށް މިހާރު ވެސް ޢަބްދުލްޢަޒީޒަކީ ދިވެހިބަހުގެ ގަވާއިދު ކޮމިޓީއާއި ދިވެހި ބަސްކޮމިޓީގެ ޙަރަކާތްތެރި މެންބަރެއް ވެސް މެއެވެ.

ދިވެހިބަހާއި އަދަބިއްޔާތަށް ޢަބްދުލްޢަޒީޒުގެ ހިތްޕުޅުގައި ޝައުޤުވެރިކަން އުފެދުނީ، ވަރަށް ތުއްޕުޅު އިރުގައެވެ. އޭރުއްސުރެން ފެށިގެން އަދަބީ ކަންކަމަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވަމުން ގެންދެވިއެވެ. މާލެއަށް ބަދަލުވެވަޑައިގެން، އީ.ޕީ.އެސް އިސްކޫލުގައި ތަޢުލީމު ހާސިލުކުރައްވަމުން ގެންދެވި އިރު، އިސްނަންގަވައިގެން ކުރެއްވި އެއް މަސައްކަތަކީ އަދަބީ މަޖައްލާއެއް ނެރުއްވުމުގެ މަސައްކަތެވެ. މިއީ މަހަކު އެއް ފަހަރު އަތުން ލިޔެގެން ނެރުނު "އެޕޯލޯ" ނަމަކަށް ކިޔާ މަޖައްލާއެކެވެ.

މަދްރަސީ ދައުރު ނިންމަވައިލެއްވުމަށްފަހު، 1976 ވަނަ އަހަރު ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގެން، ލ. އަތޮޅު އޮފީހުގެ ވަޔަރލެސް އޮޕަރޭޓަރެއްގެ ވަޒީފާ އަދާކުރައްވަމުންގެންދެވި އިރު، ހައްދުންމަތީގައި މަޖައްލާއެއް ނެރުއްވުމުގެ މަސައްކަތްޕުޅު ލ. ހިތަދޫގައި ހުންނަވައިގެން ފެށްޓެވިއެވެ. މި ގޮތުން ޢަބްދުލްޢަޒީޒުގެ އެޑިޓަރުކަމުގައި "ދެރަހާ"ގެ ނަމުގައި ނެރުއްވި މަޖައްލާއަކީ ހައްދުންމަތީގައި ޗާޕުކޮށްގެން ނެރުނު ފުރަތަމަ މަޖައްލާ ކަމުގައި ހިމެނުނެވެ. އޭގެ ފަހުން މާވަށުގައި "މާޒީ"ގެ ނަމުގައި ވެސް މަޖައްލާއެއް ނެރުއްވިއެވެ. ތަފާތު ސަބަބުތަކާހުރެ، ގިނަ އަހަރުތަކެއް ވަންދެން މިއިން އެއްވެސް މަޖައްލާއެއް ދެމެހެއްޓެނިވި ގޮތެއްގައި ނެރުއްވޭނެގޮތެއް ނުވިއެވެ.

ސަރުކާރުގެ ވަޒީފާގައި ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު އެންމެ ދިގު މުއްދަތެއް ހޭދަކުރެއްވީ، ތަޢުލީމީ ޚިދުމަތުގެ ދާއިރާގައެވެ. 22 އަހަރަށްވުރެ ދިގު މުއްދަތެއްގައި ތަޢުލީމީ ދާއިރާއަށް ޚިދުމަތްކުރައްވައިފައި ވީ ނަމަވެސް ދިވެހިބަހާއި އަދަބިއްޔާތަށް ކުރައްވަމުން ގެންދެވި ޚިދުމަތްތަކަކަށް އޭރު ވެސް އެއްވެސް ހުއްޓުމެއް ނުގެންނަވައެވެ. ރާއްޖެތެރޭގެ ކިޔަވައިދޭ ތަންތާނގެ ޓީޗަރެއްގެ ގޮތުންނާއި، އެސިސްޓެންޓް ހެޑްމާސްޓަރުގެ ގޮތުގައްޔާއި، އެސިސްޓެންޓް ޕްރިންސިޕަލެއްގެ ގޮތުގައި، އިސްކޫލުގެ އިސް މަގާމުގައި ހުންނެވި އިރު ވެސް ބަހާއި އަދަބިއްޔާތުގެ ރޮނގުން ޢަބްދުލްޢަޒީޒުގެ ޚިދުމަތް، ޚިދުމަތްކުރެއްވި އިސްކޫލަކަށާއި ދިވެހި މުޖުތަމަޢަށް ފުޅާ ދާއިރާއެއްގައި ދެއްވަމުން ގެންދެވިއެވެ.

ޢަބްދުލްޢަޒީޒަކީ މާލޭގައި ނުކުތް ބައެއް ނޫސް މަޖައްލާތަކުގައި ވެސް މަސައްކަތްކުރައްވައިފައިވާ ބޭފުޅެކެވެ. މި ގޮތުން "މިއަދު" ނޫހުގެ އެސިސްޓެންޓް އެޑިޓަރުކަމާއި، "ސްޕޯޓްސް ވީކްލީ"ގެ ޑެޕިއުޓީ އެޑިޓަރުކަން ވެސް ވަނީ ކުރައްވައިފައެވެ. މީގެ އިތުރަށް ގިނަ ނޫސް މަޖައްލާތަކަކުން ޢަބްދުލްޢަޒީޒުގެ އަގުހުރި ގިނަ ލިޔުންތަކާއި ޅެންތައް މިހާރު ވެސް ފެންނާން އެބަހުއްޓެވެ. މިފަދަ ނޫސް މަޖައްލާތަކުގެ ތެރޭގައި، "ހަވީރު"، އާފަތިސް"، "މިއަދު"، "ހުވާސް"، "އެނގަކުރި"، "އަލްމިންބަރު"، "އައްޑަނަ"، "ޅެންވެރިޔާ"، "ލިޔުންތެރިޔާ"، "ރަސް"، "އަދިވެސް"، "ދެން" ވެސް ހިމެނެއެވެ. އަދި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (މިހާރު ދިވެހިބަހުގެ އެކެޑަމީ) އިން ނެރުއްވަމުން ގެންދެވި "ފަތްތޫރަ" މަޖައްލާއަށް ވެސް އުފެއްދުންތެރި ގިނަ ލިޔުއްވުންތަކެއް ލިޔުއްވައިފައިވެއެވެ. އަދި ރާއްޖޭގެ ގިނަ ދުވަސްވީ މަޖައްލާއެއްގެ ގޮތުގައި ދެމިގެން އައި "ޖަމާޢަތުގެ ޚަބަރު" މި މަޖައްލާއަށް ވެސް 1989 ން ފެށިގެން 2007 ވަނަ އަހަރާ ހަމައަށް، ހުރިހާ އަދަދުތަކަކަށް ލިޔުންތައް ލިޔުއްވަމުން ގެންދެވިއެވެ.

ޢަބްދުލްޢަޒީޒުގެ މަސައްކަތްޕުޅުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުގެ މުވައްޒަފުންނަށް ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރާން ދަސްކޮށްދެއްވުމަށް ޓަކައި، ހިންގެވި ކޯސްތަކުގައި ދިގު މުއްދަތެއްގައި ކިޔަވައިދެއްވި ދެއްވުމާއި، މެނޭޖްމަންޓުގެ އެކިއެކި ކޯސްތަކުގައި ކިޔަވައިދެއްވުން ހިމެނެއެވެ. މީގެ އިތުރަށް، ޤައުމީ ފެންވަރުގައްޔާއި، އަތޮޅުތަކަށާއި ޒޯނުތަކަށް ހުޅުވައިލައިގެން ބޭއްވި އަދަބީ މުބާރާތްތަކުގައި، ގިނަ އަހަރުތަކެއްގައި ފަނޑިޔާރުކަން ކޮށްދެއްވައިފައި ވުމާއި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ހިންގެވި "އަދަބީ މުބާރާތްތަކަށް އިންސާފުކުރާ ފަނޑިޔާރުން ތަމްރީނުކުރާ ކޯސް"ތަކުގައި ކިޔަވައިދެއްވައިފައިވުން ވެސް ހިމެނެއެވެ. ޢަބްދުލްޢަޒީޒަކީ، އަދަބީ ބައެއް މުބާރާތްތަކުން ވެސް ފަޚްރުވެރި ވަނަތަކެއް ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ.

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން އެކި ރޮނގުތަކުން ޢަބްދުލްޢަޒީޒު ކޮށްދެއްވައިފައިވާ ޚިދުމަތްތަކަކީ ފާހަގަކޮށްލެވޭ ޚިދުމަތްތަކެކެވެ. ޓިވީ/ރޭޑިއޯ ޕްރޮގްރާމްތަކަށް ސްކްރިޕްޓް ލިޔެދެއްވުމާއި، ޕްރޮގްރާމްތަކަށް ފަންނީ ގޮތުން ލަފާދެއްވުމާއި، އެހީތެރިކަން ފޯރުކޮށްދެއްވުމާއި، ޢަމަލީ ގޮތުން އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގަތުމަކީ، ޢަބްދުލްޢަޒީޒަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެކެވެ.

ޢަބްދުލްޢަޒީޒު ދިވެހި އަދަބިއްޔާތުގެ ދާއިރާއިން ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް މަސައްކަތްޕުޅަކީ، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދެވި އިރު، ދިވެހިބަހަށް އިސްކަންދިނުމުގެ ބިލެއް އަމިއްލަފުޅަށް ޑްރާފްޓްކުރައްވައި މަޖިލީހަށް ހުށަހަޅުއްވައިގެން މަޖިލީހުން އެ ބިލް ފާސްކުރެއްވި ކުރެއްވުމެވެ. ޢަބްދުލްޢަޒީޒު ދެކެވަޑައިގަންނަވާ ގޮތުގައި، އެއީ ދިވެހިބަހުގެ އަދަބިއްޔާތަށާއި ބަހުގެ ކުރިއެރުމަށް ކުރެއްވުނު ވަރަށް މުހިންމު ޚިދުމަތެކެވެ.

ރާއްޖޭގައި ދިވެހިބަސް ކިޔަވައިދެއްވާ މުދައްރިސުންނަށް އެހީތެރިވެދެއްވުމަކީ ވެސް ޢަބްދުލްޢަޒީޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތްޕުޅެކެވެ. މި ގޮތުން، ވަރަށް ގިނަ އަދަދެއްގެ މުދައްރިސުން، ބަހުގެ އެކިއެކި ކަންކަން އޮޅުންފިލުއްވާން ޢަބްދުލްޢަޒީޒާ ގުޅުއްވުމުން، އެ ކަންކަން ވަރަށް ރަނގަޅަށް އޮޅުންފިލުއްވައިދެއްވައެވެ. އަދި ކުރައްވަމުން ގެންދަވާ ދިރާސާތަކުގެ އަލީގައި، އިތުރު މަޢުލޫމާތުތައް ވެސް ދެއްވަމުން ގެންދަވައެވެ.

ދިވެހި އަދަބިއްޔާތަށް ޢަބްދުލްޢަޒީޒު ކުރައްވަމުން ގެންދަވާ ޚިދުމަތްތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއް ޚިދުމަތަކީ، ބަހުގެ ގަވާއިދަށް ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ މަޤްޞަދުގައި ލިޔުއްވައިފައިވާ ފޮތްތަކެވެ. މި ރޮނގުން މިހާތަނަށް 6 ފޮތެއް ވަނީ ޝާއިޢުކުރައްވައިފައެވެ. އަދި ލިޔުއްވައި ޗާޕުނުކުރެއްވި ހުރި ކިތަންމެ ފޮތެއް ވެސް އެބަހުއްޓެވެ. ބަހުގެ ހަމަތަކާ ޚިލާފަށް ލިޔެފައި ހުންނަ ލިޔުންތަކުގައި ހުންނަ ބަސްތައް ރަނގަޅު ކުރެއްވުމަށާއި، އައިބައިފިލީގެ ހަމަތަކާ ބެހޭ ގޮތުން ލިޔުއްވައިފައިވާ ލިޔުއްވުންތައް ވެސް ފާހަގަކޮށްލެވެއެވެ. އަމިއްލަ އޮންލައިން މަޖައްލާއެއް ކަމަށްވާ "ފަންވަތް" މި މަޖައްލާއަށްވެސް ޢަބްދުލްޢަޒީޒު ގަވާއިދުން ލިޔުއްވަމުން ގެންދަވައެވެ.

ދިވެހިބަހަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން 1997 ވަނަ އަހަރު ޢަބްދުލްޢަޒީޒަށް ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ދިވެހިބަސް ކުރިއެރުވުމަށް މި ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށް ގަބޫލުފުޅުކުރެއްވުމާއެކު ދިވެހިބަސް ކުރިއަރަމުން ނުދާކަމަކަށް ޢަބްދުލްޢަޒީޒު ގަބޫލުފުޅެއް ނުކުރައްވައެވެ. އަދި ދިވެހިބަހަކީ މިއިން ޒަމާނަކު އުވިގެންދާނެ ބަހެއް ކަމަކަށް ވެސް ގަބޫލުފުޅެއް ނުކުރައްވައެވެ. ޢަބްދުލްޢަޒީޒުގެ އުންމީދަކީ، ދިވެހިބަހަށާއި ބަހުގެ އަދަބިއްޔާތަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުން ބަހަށް އިތުރު ދިރުން ލިބި، އަޅުގަނޑުމެންގެ ހިތްތަކުގައި ދިވެހިބަހަށް އޮތް ލޯބި މިހާރަށް ވުރެ އިތުރުވުމެވެ.