އިބްރާހީމް އިސްމާޢީލް ޢަލީ
މ. މަޚްމާވިލާ

އިބްރާހީމް އިސްމާޢީލް ޢަލީއަކީ، ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ފަޚުރުވެރި ކާމިޔާބީތަކެއް ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށާއި، ކުޅިވަރު ތަރައްޤީ ކުރެއްވުމަށް އިބްރާހީމް އިސްމާޢީލް ކުރައްވައިފައިވާ މަސައްކަތްޕުޅުތަކަކީ، ރާއްޖޭގެ ތާރީޚުގައިވެސް ފާހަގަކުރެވިގެންދާނެ މަސައްކަތްޕުޅުތަކެކެވެ.

ކޮޅުމަޑުލު ތިމަރަފުށްޓަށް އުފަން އިބްރާހީމް އިސްމާޢީލް މާލެ ވަޑައިގަތީ 1959 ވަނަ އަހަރުއެވެ. އޭރުވެސް ކިޔަވައިވިދާޅުވުމުގެ ޝައުޤުވެރިކަން އޮތްލެއް ބޮޑުކަމާއެކު، ކިޔަވައިވިދާޅުވުމަށް މާލެއަށް ފޮނުއްވީ އިބްރާހީމް އިސްމާޢީލްގެ ލޮބުވެތި ކާފައެވެ. ފުރަތަމަ ވެދެވަޑައިގަތީ، މަދުރަސަތުލް ފަރީދިއްޔާއަށެވެ. ފަހުން މަދުރަސަތުލް މަޖީދިއްޔާއަށް ބަދަލުވެވަޑައިގަތީ 1960 ވަނަ އަހަރުއެވެ.

ކުޅިވަރު ކުޅުއްވަން ފެށްޓެވީ މަދުރަސަތުލް މަޖީދިއްޔާގައި ތަޢުލީމު ހާސިލުކުރެއްވިއިރުއެވެ. އޭރު ކުޅުއްވި ކުޅިވަރުތަކުގެ ތެރޭގައި، ފުޓްބޯޅައާއި، ކްރިކެޓާއި، ޓީ.ޓީ އާއި، އެތްލެޓިކްސް އާއި، ހޮކީ ހިމެނެއެވެ. ފުރަތަމަ ކުޅިވަރު ކުޅުއްވީ ހޮބީއެއްގެ ގޮތުގައެވެ. ނަމަވެސް، ކުޅިވަރުގެ ރޮނގުން ކުރިއަށް ވަޑައިގެންނެވިދާނެކަން ގަބޫލުފުޅުކުރެއްވިގެން، ސީރިއަސް ކަމެއްގެ ގޮތުގައި ކުޅިވަރު އިޚްތިޔާރު ކުރައްވައި ކުރިއަށް ވަޑައިގަތެވެ. މަޖީދިއްޔާގައި އުޅުއްވިއިރު ހައުސް މޮނިޓަރކަމާއި ސްކޫލް ޕްރިފެކްޓްކަންވެސް ކުރެއްވިއެވެ. އޭރު އިބްރާހީމް އިސްމާޢީލަކީ، ސީ ސްކައުޓެއްވެސްމެއެވެ. 1970 ވަނަ އަހަރު ޖީ.ސީ.އީ އޯ ލެވެލް ހެއްދެވުމަށްފަހު، މަދުރަސީ ދައުރު ނިންމަވައިލެއްވިއެވެ.

އިބްރާހީމް އިސްމާޢީލް ޢަލީ، ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގަތީ، 26 އޮގަސްޓު 1970 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް ހެލްތުގެ އިނގިރޭސި ކާތިބުކަމުގެ ވަޒީފާއެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓުގެ އިނގިރޭސި ސެކްރެޓެރީކަންވެސް ކުރެއްވިއެވެ.

އިބްރާހީމް އިސްމާޢީލް ވަނީ 1972 ން 1976 އަށް އޮސްޓްރޭލިއާގައި ޑިޕްލޮމާ ޓީޗިންގ ޑިޕްލޮމާ ކޯހެއް ފުރިހަމަކުރައްވައިފައެވެ. އެ ކޯސް ފުރިހަމަކުރެއްވުމަށްފަހު މާލެއަށް ވަޑައިގެން އަމީނިއްޔާ ސްކޫލްގައި ހިސްޓްރީ ޓީޗަރެއްގެ ގޮތުން ޚިދުމަތް ކުރައްވަން ފެށްޓެވީ 23 ޑިސެންބަރު 1975 ގައެވެ. އިބްރާހީމް އިސްމާޢީލް ފުރިހަމަކުރައްވައިފައިވާ އެހެން ކޯސްތަކުގެ ތެރޭގައި، 1992 ން 1993 އަށް އެމެރިކާގައި ފުރިހަމަކުރެއްވި 1 އަހަރު ދުވަހުގެ ޕޯސްޓް ގްރެޖުއޭޓް ސްޓަޑީ ކޯހާއި، އިންޑިއާގައި 1988 ވަނަ އަހަރު ފުރިހަމަކުރެއްވި އިންޓަރނޭޝަނަލް ޑިޕްލޯމާ އިން އެޑިޔުކޭޝަނަލް މެނޭޖްމަންޓް ކޯހާއި، 1989 ވަނަ އަހަރު އޮސްޓްރޭލިއާގައި ފުރިހަމަކުރެއްވި ސެޓްފިކެޓް އިން ޑިވެލޮޕިންގ އެންޑް މެނޭޖިންގ ކަރިކިއުލަމް ކޯސް ހިމެނެއެވެ. 2000 ވަނަ އަހަރު އިބްރާހީމް އިސްމާޢީލް ވަނީ އެޑިޔުކޭޝަން މެނޭޖްމަންޓްގެ ރޮނގުން މާސްޓަރޒް ޑިގްރީ ހާސިލުކުރައްވައިފައެވެ.

1972 ން 1976 އަށް އޮސްޓްރޭލިއާގައި މަތީ ތަޢުލީމު ހާސިލުކުރައްވަމުން ގެންދެވިއިރުވެސް ކުޅިވަރަށް ދެއްވާ ސަމާލުކަމަކަށް އެއްވެސް ބަދަލެއް ނުގެންނަވައެވެ. އޮސްޓްރޭލިއާގައި އުޅުއްވިއިރު، ކޮލެޖް ފެންވަރުގައި ތަފާތު ކުޅިވަރުތައް ކުޅުއްވިއެވެ. އޭގެތެރޭގައި، ފުޓްބޯޅައާއި ކްރިކެޓް އަދި ޓޭބަލްޓެނިސް ހިމެނެއެވެ. އޮސްޓްރޭލިއަން ރޫލްސް ކޮލެޖުގައި އުޅުއްވިއިރު ކުޅުއްވި ކުޅިވަރުތަކުގެ ތެރެއިން ޓީ.ޓީ އިން ކާމިޔާބު ލިބިވަޑައިގެންފައިވެއެވެ.

1970 ވަނަ އަހަރުގެ ފަހުން ސައިކްލިންއާއި، ބެޑްމިންގޓަނާއި، ވޮލީބޯޅައާއި، ޓެނިސް އަދި ރާޒުވާވެސް ކުޅުއްވަމުން ގެންދެވިއެވެ. ޤައުމީ ފެންވަރުގައި ކުޅުއްވި ކުޅިވަރުތަކުގެ ތެރޭގައި، ފުޓްބޯޅައާއި، ކްރިކެޓާއި، ޓެނިހާއި، ޓީ.ޓީއާއި، ހޮކީ ހިމެނެއެވެ. އަދި މި ކުޅިވަރުތަކުގެ އިތުރަށް، ކްލަބް ފެންވަރުގައި ވޮލީއާއި، އެތްލެޓިކްސް އާއި، ރާޒުވާ ކުޅުއްވައިފައިވެއެވެ.

އިބްރާހީމް އިސްމާޢީލް އެންމެބޮޑަށް އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރުވެގެންދިޔައީ، މޮޅު ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައެވެ. 1971 ވަނަ އަހަރު ވިކްޓްރީ ސްޕޯޓްސް ކްލަބް އުފެދުނު ހިސާބުން ފެށިގެން އެ ކްލަބު ބައިވެރިވާ އެކިއެކި ކުޅިވަރު މުބާރާތްތަކުން އިބްރާހީމް އިސްމާޢީލް ފެނިގެންދިޔައެވެ.

ވިކްޓްރީ ސްޕޯޓްސް ކްލަބަށް ފުޓްބޯޅަ ކުޅުއްވިއިރު، އިބްރާހީމް އިސްމާޢީލަކީ ރާއްޖޭގެ އެންމެމޮޅު މިޑްފީލްޑަރެވެ. 1970 ވަނަ އަހަރާއި 1976 ވަނަ އަހަރުން ފެށިގެން 1982 ވަނަ އަހަރާ ދެމެދު ޖުމްލަ 8 އަހަރު، އެންމެ މޮޅު މިޑްފީލްޑަރުކަން ހޯއްދަވައިފައިވެއެވެ. ރާއްޖޭގެ ޤައުމީ ފުޓްބޯޅަ މުބާރާތްތަކުގައި ވިކްޓްރީ ސްޕޯޓްސް ކްލަބް އޭރު ހޯދި ހުރިހާ ކާމިޔާބީއެއްގެ އެންމެބޮޑު ޙިއްޞާއެއް އަދާކުރެއްވި އެއް ބޭފުޅަކީ އިބްރާހީމް އިސްމާޢީލެވެ. އިބްރާހީމް އިސްމާޢީލް މިޑްފީލްޑަރެއްގެ ގޮތުގައި އެ ކްލަބަށް ކުޅުއްވުމަކީ، ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމަކާއި ވަރަށްބޮޑު ހިތްވަރެއްވެސްމެއެވެ. ހަމައެއާއެކު، ވިކްޓްރީ ސްޕޯޓްސް ކްލަބަކީ އޭރުވެސް ރާއްޖޭގެ ވަރަށްގިނަ ބަޔަކު ތަރުޙީބުދޭ ކްލަބަކަށްވާތީ، ވިކްޓްރީގެ ސަޕޯޓަރުންގެ ނަޒަރުގައި އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ އިބްރާހީމް އިސްމާޢީލެވެ. ވިކްޓްރީގެ ކޮންމެ މެޗަކުންވެސް އިބްރާހީމް އިސްމާޢީލް ފެނިގެންދިޔުމަކީ، އެމެޗެއް ވިކްޓްރީ ކާމިޔާބުކުރުމަށް ސަޕޯޓަރުން ކުރާ އުންމީދަށް ލިބޭ އިތުރު ހިތްވަރެއްމެއެވެ.

ކުޅިވަރުގެ ރޮނގުން ތަފާތު ކާމިޔާބީތައް އިބްރާހީމް އިސްމާޢީލް ހޯއްދެވިއިރު، އޭގެތެރެއިން ބައެއް ކަންކަމަކީ، އެ އަމާޒަށް ވާސިލުވެވަޑައިގަތުމަށް ވަރަށް ކުރިއްސުރެ ޢަޒުމް ކަނޑައަޅުއްވައިފައި ހުރި ކަންކަމެވެ. އޭގެތެރޭގައި، ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅުއްވުމާއި، ފީފާގެ ރެފްރީއަކަށް ވެވަޑައިގަތުން ހިމެނެއެވެ. ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ ކެޕްޓަނަކީވެސް އިބްރާހީމް އިސްމާޢީލެވެ. އިބްރާހީމް އިސްމާޢީލަކީ، ކުޅިވަރުގެ ދަނޑުގައިވެސް ރުޅިމަޑު، ކެތްތެރި، އަދި ކުޅިވަރުގެ ރޫޙާ އެއްގޮތްވާ ގޮތުގެ މަތިން ކުޅިވަރު ކުޅުއްވުމަށް ބާރުއެޅުއްވި ބޭފުޅެއްކަންވަނީ ސާބިތުކޮށްދެއްވާފައެވެ.

އިބްރާހީމް އިސްމާޢީލް ގިނަ ކާމިޔާބީތަކެއް ހޯއްދަވައިފައިވާ އެހެން ކުޅިވަރުތަކުގެ ތެރޭގައި، ޤައުމީ ޓެނިސް މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަމާއި، ޓީ.ޓީ.ގެ ޑަބަލްސް ޗެމްޕިއަންކަމާއި، ކްރިކެޓްގެ ބެސްޓް ބޯލަރ، ބެސްޓް ފީލްޑަރ، އަދި ބެސްޓް ބެޓްސްމަންކަމާއި، ޤައުމީ ހޮކީ މުބާރާތުގެ ބެސްޓް ފޯވަޑްކަން ހިމެނެއެވެ. އިބްރާހީމް އިސްމާޢީލް ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އެވޯޑު 2012 އަދި އޯ.ސީ.އޭ. ރީޖަންގެ ސްޕޯޓްސް އެވޯޑު، 2013 ވަނަ އަހަރު ހޯއްދަވައިފައެވެ.

އިބްރާހީމް އިސްމާޢީލަކީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީއަށާއި ފުޓްބޯލް އެސޯސިއޭޝަނަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. 1990 އިން 2012 ވަނަ އަހަރާ ދެމެދު ބޭއްވި ކޮމަންވެލްތް ގޭމްސްގެ ހުރިހާ މުބާރާތެއްގައާއި، އޭޝިއަން ގޭމްސްގައްޔާއި ހުރިހާ އޮލިމްޕިކްސް ގޭމްސްތަކުގައި، އޮލިމްޕިކް ކޮމިޓީގެ ފަރާތުން އިބްރާހީމް އިސްމާޢީލް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިއީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ގިނަ ކުޅިވަރުތައް ހިމެނޭ ބޮޑެތި މުބާރާތްތަކެކެވެ. އޮލިމްޕިކްސްގައި ރާއްޖެއިން ފުރަތަމަ ބައިވެރިވީ 1988 ވަނަ އަހަރުއެވެ.

އިބްރާހީމް އިސްމާޢީލް ވަނީ ސާފް ގޭމްސްއާއި، އައި.އޯ.އައި.ޖީ. ގޭމްސްއާއި، އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި ރާއްޖެ ތަމްސީލުކޮށްދެއްވައިފައެވެ. މީގެއިތުރުން، އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަން، އޭ.އެފް.ސީ.ގެ މެޗް ކޮމިޝަނަރު ކަމާއި، އޭ.އެފް.ސީ.ގެ މެޗް އެސެސަރކަމާއި، އޭ.އެފް.ސީ.ގެ ރެފްރީ އިންސްޓްރަކްޓަރުކަންވެސް ކުރައްވައިފައިވެއެވެ. އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީންނާއި، ފީފާގެ ފަރާތުން ބާއްވާ ކޮންގްރެސްތަކުގައި ރާއްޖޭގެ ފަރާތުން އިބްރާހީމް އިސްމާޢީލްވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކުޅިވަރުގެ ރޮނގުން ހިލޭސާބަހަށްވެސް ވަރަށްގިނަ ޚިދުމަތްތަކެއް އިބްރާހީމް އިސްމާޢީލް ވަނީ ކޮށްދެއްވައިފައެވެ. އަދި ހިލޭސާބަހަށް ގިނަ މަގާމުތަކެއްވެސް ވަނީ ފުރުއްވައިފައެވެ. މިގޮތުން، އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްކަމާއި، ހޭންޑްބޯލް މޯލްޑިވްސްގެ ރައީސްކަމާއި، މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ރައީސްކަމާއި، ނޭޝަނަލް ސްޕޯޓްސް ކައުންސިލްގެ ނައިބު ރައީސްކަމާއި، ރައީސްކަން ކުރައްވައިފައިވެއެވެ. މީގެއިތުރުން، ޓެނިސް އެސޯސިއޭޝަންގެ ޑިވެލޮޕްމަންޓް އޮފިސަރުކަމާއި، ކްރިކެޓް ކޮންޓްރޯލް ބޯޑުގެ ނައިބު ރައީސްކަމާއި، އެފް.އޭ.އެމް.ގެ ރެފްރީޒް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލްކަމާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްކަމާއި، އެފް.އޭ.އެމް.ގެ ސެކްރެޓަރީ ޖެނެރަލްކަން ހިމެނެއެވެ.

ބައިނަލްއަޤްވާމީ ބައެއް ކުޅިވަރު ކޮމިޓީތަކުގައިވެސް އިބްރާހީމް އިސްމާޢީލްވަނީ ޚިދުމަތް ކުރައްވައިފައެވެ. މިގޮތުން، އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ސެކިއުރިޓީ ކޮމިޓީގައްޔާއި، ފައިނޭންސް ކޮމިޓީގައްޔާއި، ރޫލްސް ކޮމިޓީގައި ޚިދުމަތް ކުރައްވައިފައިވެއެވެ. އަދި އޭޝިއަން ފުޓްބޯލް ފެޑެރޭޝަންގެ ޕްލެޔަރސް ސްޓޭޓަސް ކޮމިޓީގެ މެންބަރުކަމާއި، އެ ފެޑެރޭޝަންގެ ޑިސިޕްލިނަރީ ކޮމިޓީގެ މެންބަރުކަންވެސް ކުރައްވައިފައިވެއެވެ.

އިބްރާހީމް އިސްމާޢީލަކީ، ރާއްޖޭގައި އުފެދުނު ރެފްރީންގެ ތެރެއިންވެސް ވަރަށް ފާހަގަކޮށްލެވޭ މޮޅުރެފްރީއެކެވެ. 1990 ވަނަ އަހަރު ފީފާގެ ރެފްރީ ބެޖް ލިބިވަޑައިގެންނެވި ދެބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީވެސް އިބްރާހީމް އިސްމާޢީލެވެ. ރާއްޖޭގައި ކުޅުނު ޤައުމީ ފުޓްބޯޅަ މުބާރާތްތަކުގެ ގިނަ މެޗުތަކެއްގެ ރެފްރީކަމާއި، ރާއްޖޭގައި ކުޅުނު އިންޓަރނޭޝަނަލް ބައެއް ފުޓްބޯޅަ މުބާރާތްތަކުގައިވެސް ރެފްރީކަން ކުރައްވައިފައިވެއެވެ. އަދި ގިނަ އަދަދެއްގެ ރެފްރީންވެސްވަނީ ތަމްރީނު ކުރައްވައިފައެވެ.

ކުޅިވަރުގައި އެންމެ އުފާފުޅުވި ދުވަހެއްގެ ގޮތުގައި އިބްރާހީމް އިސްމާޢީލް ފާހަގަކުރައްވަނީ އެންމެ ފުރަތަމަ ރާއްޖެއިން ބައިވެރިވި ގިނަ ކުޅިވަރުތައް ހިމަނައިގެން 1979 ވަނަ އަހަރު ބޭއްވުނު އައި.އޯ.އައި.ޖީ ގޭމްސްގައި އެހެން ޤައުމުތަކާއެކު ދިވެހި ޤައުމީ ދިދަ، ދުނިޔޭގެ ކުރިމަތީގައި އުފުއްލަވައިލައްވަން ލިބިވަޑައިގެންނެވި ދުވަހެވެ.

ކުޅިވަރުގެ ރޮނގުން ކުރިއަށް ވަޑައިގަތުމުގައި އިބްރާހީމް އިސްމާޢީލަށް އެންމެ ބޮޑަށް ހިތްވަރު ދެއްވައި، އެކަމަށް މަގުފަހިކޮށްދެއްވައި އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގައްޔާއި، އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީގައި ޚިދުމަތް ކުރެއްވުމުގެ ފުރުޞަތު ހޯއްދަވައިދެއްވީ، ރާއްޖޭގެ ކުޅިވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި އެފަދަ ދެވަނައެއްނެތް އަދި އިބްރާހީމް އިސްމާޢީލްގެ ކުޅިވަރުގެ އުސްތާޛެއްގެ ގޮތުގައި އަބަދުވެސް ދެކެވަޑައިގެންނެވި އަލްމަރްޙޫމް މުޙައްމަދު ޒާހިރު ނަޞީރެވެ. އެކަން އިބްރާހީމް އިސްމާޢީލް މިއަދުވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައެވެ.

ކުޅިވަރުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، 1982 ވަނަ އަހަރު އިބްރާހީމް އިސްމާޢީލަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި ކުޅިވަރަށް ޚިދުމަތް ކުރުމުގެ ދާއިރާއިން 2007 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ވަނީ ލިބިވަޑައިގެންފައެވެ. އިބްރާހީމް އިސްމާޢީލަކީ، އެހެން މީހުންނަށް ކުޅިވަރު ދަސްކޮށްދެއްވުމުގައިވެސް ހުނަރުވެރި އުސްތާޛެކެވެ.

އިބްރާހީމް އިސްމާޢީލަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށްވެސް ވަރަށްދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އަމީނިއްޔާ ސްކޫލްގެ ހިސްޓްރީ ޓީޗަރުކަމުން ޚިދުމަތް ފެށްޓެވީއްސުރެ ތަޢުލީމީ ދާއިރާއަށް އިބްރާހީމް އިސްމާޢީލްގެ ޚިދުމަތް މެދުނުކެނޑި ދިޔައީ ލިބެމުންނެވެ. އޭގެފަހުން އަމީނިއްޔާ ސްކޫލްގެ ޕްރައިމަރީ ޓީޗަރުކަމާއި، މަޖީދިއްޔާ ސްކޫލްގެ ނާޒިރުގެ އިސް އެހީތެރިޔާކަންވެސް ކުރެއްވިއެވެ.

ތަޢުލީމީ ދާއިރާއަށް އިބްރާހީމް އިސްމާޢީލް ކުރައްވައިފައިވާ ޚިދުމަތްތަކުގެ ތެރެއިން ސަރުކާރުން ޗާޕްކުރަން ބޭނުންވާ ދިވެހި ފޮތްތަކާއި ލިޔުންތައް، ލެޓިން އަކުރުގެ ގަވާއިދާ އެއްގޮތަށް ހުރޭތޯ ބެއްލެވުމާއި، އެ ފޮތްތައް ރަނގަޅުކުރެއްވުމާއި، އަދި އިނގިރޭސި ލެޓިން އިމްތިޙާން ޕޭޕަރު ސެޓް ކުރެއްވުމުގެ މަސައްކަތްވެސް ކުރައްވައިފައިވެއެވެ. އިބްރާހީމް އިސްމާޢީލަކީ ހިންގުމުގެ ދާއިރާއިންވެސް ވަރަށްގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. އެވަގުތަކު އިބްރާހީމް އިސްމާޢީލް ހުންނެވި ސްކޫލެއްގެ ހިންގުމުގެ ކަންކަމުގައި ޕްރިންސިޕަލަށާއި، އެ ސްކޫލެއްގެ އެހެން ވެރިންނަށް އެހީތެރިކަން ދެއްވައިފައިވެއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ތަޢުލީމީ ފަންޑު ބަލަހައްޓަވައި، ފަންޑު ކޮމިޓީގެ ޗެއަރކަންވެސް އިބްރާހީމް އިސްމާޢީލް ވަނީކޮށްދެއްވައިފައެވެ. މާލޭގެ ސްކޫލްތައް ހިނގާ ނުހިނގާގޮތް ބެއްލެވުމުގެ މަސައްކަތްވެސް ގިނަ އަހަރުތަކެއްވަންދެން ކުރެއްވިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޚިދުމަތް ކުރެއްވިއިރު، އެންމެފަހުން ބެލެހެއްޓެވީ ފައިސާއާބެހޭ އެންމެހައި ކަންކަމެވެ.

މި ދެންނެވި ވާޖިބުތައް އިބްރާހީމް އިސްމާޢީލް އަދާކުރެއްވީ އެކި ދުވަސްވަރު އެކި މަގާމުތަކުގައި ހުންނަވައިގެންނެވެ. އެގޮތުން ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރްކަޒުގެ އެސިސްޓެންޓް ޑިރެކްޓަރކަމުގެ މަގާމާއި، އިމްތިޙާނު ކޮމިޓީގެ މެންބަރުކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިއަރ އަންޑަރ ސެކްރެޓަރީގެ މަގާމު ފުރުއްވައިފައިވެއެވެ. އަދި އެ މިނިސްޓްރީގެ ޑިރެކްޓަރ، އެޑިޔުކޭޝަނަލް މެނޭޖްމަންޓް ކަމުގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް، އެޑިޔުކޭޝަނަލް މެނޭޖްމަންޓް ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމުވެސް ފުރުއްވައިފައިވެއެވެ. އޭގެފަހުން މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު ކަމުގެ މަގާމާއި، އެ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް ކަމުގެ މަގާމުވެސް ފުރުއްވައިފައިވެއެވެ. 1 ނޮވެންބަރު 2018 ގައި ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު، ސަރުކާރުގެ ޚިދުމަތުގައި 44 އަހަރަށްވުރެ ދިގު މުއްދަތެއް، އިބްރާހީމް އިސްމާޢީލް ހޭދަކުރައްވައިފައިވެއެވެ.

އިބްރާހީމް އިސްމާޢީލަކީ، ސަރުކާރުން އުފައްދަވައިފައިވާ ބައެއް ބޯޑުތަކާއި ކޮމިޓީތަކުގެ މެންބަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޔޫތު އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ އިމްތިޙާން ކޮމިޓީގެ މެންބަރުކަމާއި، ސްކޮލަރޝިޕް ބޯޑުގެ މެންބަރުކަމާއި، ނޭޝަނަލް އެކްރެޑިޓޭޝަން ބޯޑުގެ މެންބަރުކަމާއި، ޒަކާތު ކޮމިޓީގެ މެންބަރުކަން ހިމެނެއެވެ. މިހާރުވެސް އިބްރާހީމް އިސްމާޢީލަކީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީގެ މެންބަރެއްމެއެވެ.

އިބްރާހީމް އިސްމާޢީލްގެ މޮޓޯއެއްގެ ގޮތުގައި އަބަދުވެސް ގެންގުޅުއްވަނީ މަޖީދިއްޔާ ސްކޫލްގެ މޮޓޯއެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަމާޒެއްގެ ގޮތުގައި ހެއްދެވީ، ކުރައްވަން ބޭނުންފުޅުވާ އަދި ކުރައްވަން ޝައުޤުވެރިވެވަޑައިގަންނަވާ ކަންކަން، އެންމެ ރަނގަޅަށް، ކެތްތެރިކަމާއެކު ކުރައްވައި، މޮޅާއި ދެރަ ގަބޫލުކުރައްވައި ކާމިޔާބީ ހޯއްދެވުމަށް ގަދަ ހިތްވަރާއި ޢަޒުމާއެކު މަސައްކަތް ކުރެއްވުމެވެ. އެކަން އިބްރާހީމް އިސްމާޢީލް ވަނީ ސާބިތުކޮށްދެއްވައި މިއަދުގެ ޒުވާނުންނަށާއި، ޒުވާން ޖީލަށްވަނީ ނަމޫނާ ދައްކަވައިފައެވެ.

އިބްރާހީމް އިސްމާޢީލް ދެކެވަޑައިގަންނަވާ ގޮތުގައި، ތަޢުލީމީ ރޮނގުންނާއި، ކުޅިވަރުގެ ރޮނގުން މިހާތަނަށް ހޯއްދެވި ހުރިހާ ކާމިޔާބީތަކުގެ ފަހަތުގައި ތިއްބެވި އެންމެ މުހިއްމު ބޭފުޅުންނަކީ، ޢާއިލާގެ ބޭފުޅުންނެވެ. އެބޭފުޅުން ވެދެއްވި ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުމެވެ. ޚާއްޞަކޮށް، އަނބިކަނބަލުން ފާޠިމަތު ރަޝީދާގެ ނަންފުޅު އިބްރާހީމް އިސްމާޢީލް ފާހަގަކުރައްވައެވެ.

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި، ކުޅިވަރުގެ ތަރައްޤީއަށް އިބްރާހީމް އިސްމާޢީލް ކޮށްދެއްވި މަސައްކަތްޕުޅުތަކަށާއި، ދިވެހި ސަރުކާރާއި ރައްޔިތުންނަށް ކޮށްދެއްވި ދިގު މުއްދަތުގެ އަގުހުރި ޚިދުމަތާ ބެހޭގޮތުން ދަންނަވާނަމަ ދެންނެވޭނީ، އިބްރާހީމް އިސްމާޢީލަކީ، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރެއްވި ބޭފުޅެއްކަމުގައެވެ. އެންމެ ފުރަތަމަ ދުވަހުވެސް ކަނޑައެޅުއްވި އަމާޒު ހާސިލުކުރެއްވުމަށްޓަކައި އެ ކުރެއްވި ކޮންމެ މަސައްކަތަކަށް ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވި، އެއްވެސް ކަމެއްގައި ފަސްޖެހިވަޑައިނުގެން ކުރިއަށް ވަޑައިގެންނެވި ބޭފުޅެއްކަމުގައެވެ. ސަރުކާރުގެ ވަޒީފާއިން އިބްރާހީމް އިސްމާޢީލް ވަކިވެވަޑައިގެން ހުންނެވިނަމަވެސް، މިހާރުވެސް ކުޅިވަރުގެ ދާއިރާއަށް ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވަމުން ގެންދަވާކަން އެއީވެސް، ރާއްޖޭގެ ކުޅިވަރަށް ލޯބިކުރާ ހުރިހާ ފަރާތްތަކުންވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނާނެ ކަމެއްމެއެވެ.