އަލްފާޟިލް މުޙައްމަދު ޤާސިމް
އއ. މަތިވެރި/ ފިނިވާގެ

       ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި މުޙަންމަދު ޤާސިމްގެ ނަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، ވާހަކަ ލިޔުމުގެ ފަންނުގައެވެ. ގިނަބައެއްގެ ތަރުޙީބު ލިބިފައިވާ ގިނަ ވާހަކަތަކެއް އޭނާވަނީ ލިޔުއްވާފައެވެ.

     މުޙަންމަދު ޤާސިމަކީ، އޭނާގެ ފަންނުން އަޅުގަނޑުމެންގެ ތަޢްލީމީ ދަރިންނަށް އެތަކެއް އިރުޝާދުތަކެއް ދެއްވާފައިވާ އަދި ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މާލޭގެ ބައެއް ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށް ވާހަކަ ލިޔަން ދަސްކޮށްދެއްވައި، އަދި ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުން ހިންގެވި ވާހަކަ ލިޔަން ދަސްކޮށްދެއްވާ ކޯހުގައި ކިޔަވައިދެއްވާފައިވެއެވެ. މީގެއިތުރުން، އެ މަރްކަޒުން ބޭއްވެވި ކުރުވާހަކަ ލިޔުމާއި، ދިގުވާހަކަ ލިޔުމުގެ މުބާރާތުގެ ފަނޑިޔާރުކަން 3 އަހަރު ކުރައްވައި، ދިވެހިރާއްޖޭގެ އަޑުން ރަމަޟާންމަހު ބާއްވަވާ ކުރުވާހަކަ ކިޔުމުގެ މުބާރާތުގެ ފަނޑިޔާރުކަންވެސް 4 އަހަރު ކުރައްވާފައިވެއެވެ.

     1997 ވަނަ އަހަރު މި ދާއިރާއަށް ވެދެވަޑައިގެންނެވި މުޙަންމަދު ޤާސިމް މިހާތަނަށް 21 ދިގުވާހަކައާއި 27 ކުރުވާހަކަ ލިޔުއްވާފައިވެއެވެ. އަދި ސަމާސާ އަދަބުގެ ވާހަކަތައްވެސް ލިޔުއްވާފައިވެއެވެ. ފިލްމު ހެދުމަށްޓަކައި 6 ސްކްރިޕްޓެއް އޭނާވަނީ ތައްޔާރުކުރައްވާފައެވެ. އޭނާ ސްކްރިޕްޓް ލިޔުއްވި ފިލްމުތަކުގެ ތެރެއިން [އެދަތުރު“ އަދި [އުދަބާނި“ ވަނީ، ރިލީޒް ކުރެވިފައެވެ. އަދި ޓީ.ވީ ޑްރާމާ ހެދުމަށްވެސް ދެ ވާހަކައެއް އަދި ދިވެހިރާއްޖޭގެ އަޑަށް ދެ ރޭޑިއޯ ޑްރާމާ، އަދި އޮފީސްތަކުގެ ޑްރާމާ މުބާރާތަށްވެސް ޑްރާމާ ލިޔުއްވާފައިވެއެވެ. މީގެއިތުރުން، އިޖްތިމާޢީ ބައެއް ކަންކަމާ ބެހޭގޮތުންވެސް އޭނާވަނީ، ވާހަކަ ލިޔުއްވާފައެވެ.

     މުޙަންމަދު ޤާސިމަކީ، ކުޑަކުދިންނަށް ޚާއްޞަ ވާހަކަވެސް ލިޔުއްވަމުން ގެންދެވި ބޭފުޅެކެވެ. އޭނާ ލިޔުއްވި ކުޑަކުދިންގެ ވާހަކަތަކުގެ ތެރެއިން ކުޑަކުދިންގެ މަޤްބޫލުކަން ވަރަށް ބޮޑަށް ލިބެމުން އަންނަ ސިލްސިލާ ވާހަކައެއް ކަމަށްވާ [މަރުވާރުލު 1، 2، 3، 4“ މިހާރު ވަނީ ނެރުއްވާފައެވެ. ފުރާވަރުގެ ޢުމުރުގެ ކުދިންނަށް ޚާއްޞަ ކުރައްވައިގެން، އެކުދިން ކިޔާހިތްވާ ކަހަލަ ގޮތަކަށް ސިލްސިލާ ވާހަކަވެސް އޭނާ ގެންދަވަނީ ލިޔުއްވަމުންނެވެ.

     ކުޑަކުދިންނަށް ޚާއްޞަ ކުރައްވައިގެން ލިޔުއްވާފައިވާ ވާހަކަތަކުގެ ތެރޭގައި، ނަސޭހަތުގެވެސް ކިތަންމެ ވާހަކަތަކެއް ހިމެނެއެވެ. އޭގެތެރޭގައި، [ﷲގެ ވާތްގަށް އެދެންވާނީ އެކަމަށް މަސައްކަތްވެސް ކުރުމާ އެކުގައެވެ.“ މި ވާހަކައާއި، [އެކަނި ބޭރަށް ނުކުންނާކަށް ނުވާނެ“ [އެންމެންނަށް އިޙްތިރާމް ކުރަންވާނެ“، [ކަންނެތްކަމުގެ ނަތީޖާ“ ފަދަ ޢިބްރަތްތެރި ވާހަކަތައް ހިމެނެއެވެ.

     ދިވެހިބަހުގެ ޑިގްރީ ކޯސް ފުރިހަމަ ކުރައްވައި، މިއަހަރު ނިންމަވާއިރު، އޭނާއަށް ލިބިވަޑައިގަންނަވާ އެންމެބޮޑު އުފަލަކީ، އޭނާގެ ޚިދްމަތް ޤައުމީ ފެންވަރެއްގައި ސަރުކާރުން ބަލައިގަނެ، އެ ޝަރަފު އޭނާއަށް ސަރުކާރުން ދެއްވާކަމެވެ.