އަލްޤާރީ ޢަލީ ވަޙީދު ޢަބްދުއްރަޙްމާން
ފ.ނިލަންދޫ/ ވެނީލާގެ

ރީތިކޮށް ޤުރްއާން ކިޔެވުމުގެ ޝައުޤުވެރިކަން އޭނާގެ ހިތްޕުޅުގައި އުފެދުނީ، ޢުމުރުން އެންމެ 11 އަހަރުގައެވެ. އޭނާގެ އުފަން ރަށް، ފ. ނިލަންދޫގައި 1986 ވަނަ އަހަރު ފެށި ޤުރްއާން ހިތުދަސްކޮށްދޭ ކްލާހެއްގައި ބައިވެރިވެވަޑައިގަތުމާ ހިސާބުން ޤުރްއާން ކިޔެވުމުގެ ދާއިރާއަށް ވެދެވަޑައިގަތީއެވެ. އަދި ދިވެހިރާއްޖޭގެ އަޑުން ކޮންމެ ދުވަހަކު ފަތިހު ފޮނުއްވަމުން ގެންދެވި ޤުރްއާން ކިޔެވުމުގެ އަޑު އައްސަވައިގެން ރީތިކޮށް ކީރިތި ޤުރްއާން ކިޔަވަން ދަސްކުރައްވަން ފެށްޓެވީއެވެ.

މިފަންނުން ކުރިއަށް ވަޑައިގަތުމުގެ މަޤްޞަދުގައި، 1988 ވަނަ އަހަރު މާލެ ވަޑައިގެން، އޭރުގެ މަޢްހަދުއްދިރާސާތިލް އިސްލާމިއްޔާއިން ހިންގެވި ޤާރީ ކޯހުގަޔާއި، ޤުރްއާން ހިތުދަސްކޮށްދޭ ކޯހުގައި ބައިވެރިވެވަޑައިގެން، މިރޮނގުން ކުރިއަށް ވަޑައިގަތީއެވެ. 1989 ން 1993 އާ ދެމެދު ބޭއްވެވި ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތްތަކުން ކޮންމެ އަހަރަކުވެސް މަތީ ވަނަތަކެއް ޙާޞިލު ކުރައްވާފައިވެއެވެ. އަދި 1991 ވަނަ އަހަރު، ޓެލެވިޜަން މޯލްޑިވްސުން ބޭއްވެވި ޤުރްއާން މުބާރާތުން 1 ވަނަ ހޯއްދަވާފައިވެއެވެ. މީގެއިތުރުން، ބައިނަލްއަޤްވާމީ 3 މުބާރާތެއްގައި ރާއްޖެ ތަމްސީލުކޮށްދެއްވާފައިވެއެވެ.

އަލްޤާރީ ޢަލީ ވަޙީދު، މިވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ވަނީ ރާއްޖޭގައި ބޭއްވުނު ޤައުމީ ފެންވަރުގެ ތަފާތު ގިނަ މުބާރާތްތަކުގައްޔާއި، އެނޫން އެހެން މުބާރާތްތަކުގައި  އެތައް އަހަރަކު ފަނޑިޔާރުކަން ކުރައްވާފައެވެ. އަދި ރާއްޖޭގައި ބޭއްވޭ ތަފާތު ޤުރްއާން މުބާރާތްތަކުގައި ބައިވެރިވާ ދަރިވަރުން މުބާރާތަށް ތައްޔާރުކޮށްދެއްވާފައިވެއެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއްކަމަކީ، އޭނާ ކިޔަވައިދެއްވައި ތަމްރީނު ކޮށްދެއްވާފައިވާ އެކި ދަރިވަރުންނަށް މަތީ ވަނަތައް ލިބިފައިވުމެވެ. ދިވެހިރާއްޖޭގެ އަޑުން މިހާރު ކޮންމެ ނަމާދު ވަގުތެއްގައި ފޮނުއްވަމުން ގެންދަވާ ބަންގީގެ އަޑުގެ ވެރިޔަކީވެސް، ޢަލީ ވަޙީދެވެ.

ޢަލީ ވަޙީދު ވަނީ، ރާއްޖޭގެ ތަފާތު ކަންކޮޅުތަކަށް ދަތުރުކުރައްވައި، ކީރިތި ޤުރްއާނާބެހޭ ތަފާތު މަޢުލޫމާތުތައް ދެއްވައި، ކިޔަވާ ކުދިންނާއި ޢާންމުންގެ ހިތްތަކުގައި ޤުރްއާނަށް ހޭލުންތެރިކަން އިތުރުކުރެއްވުމުގެ މަސައްކަތް ކުރައްވާފައެވެ. ދިވެހިރާއްޖޭގެ އަޑުން ފޮނުއްވަމުން ގެންދަވާ، ބޮޑެތި މީހުންނަށް ޤުރްއާން ކިޔަވަން ދަސްކޮށްދޭ ރޭޑިއޯ ޕްރޮގްރާމްތައް ހުށަހަޅުއްވައިދެއްވަނީވެސް، ޢަލީ ވަޙީދެވެ. ކުޑަކުދިންނަށް ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދެއްވުމުގެ ގޮތުން، [ޖުޒުއުލް ޢައްމާ] މިނަމުގައި އަމިއްލަ އަޑުން ކިޔަވާ ވިދާޅުވި ސީޑީއެއް ބާޒާރަށް ނެރެފައިވެއެވެ. އަދި  [ވިލިނގިލީ އެސޯސިއޭޝަން ފޮރ ސޯޝަލް ހަރމަނީ އެންޑް އިމްޕްރޫވްމަންޓް“ [ވަށި“ ޖަމްޢިއްޔާއިން ހިންގި ޤުރްއާން ކިޔަވައިދޭ ކްލާސް ހިންގެވުމުގެ މަސައްކަތުގައިވެސް ޢަމަލީގޮތުން އެންމެ އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންފައިވަނީ ޢަލީ ވަޙީދެވެ.

ޢަލީ ވަޙީދުގެ ޢަޒުމަކީ، ރާއްޖޭގެ ކިޔަވާ ކުދިންނަށާއި، ކީރިތި ޤުރްއާން ރީތިކޮށް ކިޔެވުމަށް ޝައުޤުވެރިވާ ކުދިންނަށް، އެ ރޮނގުގައި ކުރިއަށް ދިއުމަށް ހިތްވަރު ދެއްވައި، އެ މަސައްކަތުގައި ދެމިހުންނެވުމެވެ.