އަލްފާޟިލް ލޯޖެހި އަޙުމަދު މަނިކު
ގ.ޕަރނިސް

ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ޚާއްޞަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރީގައި ލޯޖެހި އަޙްމަދުމަނިކަކީ، ވަރަށްކުރީ ސަފުގައި ގުނާލެވޭ ބޭފުޅެކެވެ. އޭނާގެ ޚިދްމަތް މިދާއިރާއިން ފެށިފައިވަނީ، މީގެ 40 އަހަރު ކުރިންނޭ ދެންނެވުމުން، ބައެއް ބޭފުޅުންނަށް ކޮންމެވެސްވަރެއްގެ ޙައިރާންކަމެއް ލިބިވަޑައިގެންފާނެއެވެ. އެހެން ނަމަވެސް ޙަޤީޤަތަކީ، ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު [ބީޗްވިލާ“ ހިންގަވަން ފެށްޓެވި ދުވަސްވަރު، އާދެ! 1961 ވަނަ އަހަރު [ބީޗްވިލާ“ އިން އުފައްދައި އަޅުގަނޑުމެންގެ ތެރެއަށް ތަޢާރުފުވެ، މަޝްހޫރުވެގެންދިޔަ ފިނިބުއިން، އޭރުގެ ނަމުން ދަންނަވާނަމަ، [ޑޮންޑޮން“ ފުޅިފުޅިއަށް އަޅުއްވައި ބަންދުކުރެއްވުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވި އެއްބޭފުޅަކީ، ލޯޖެހި އަޙްމަދުމަނިކު ކަމުގައިވީކަމެވެ.

ވިޔަފާރީގެ ގޮތުގައި މިމަސައްކަތް އަމިއްލަފުޅަށް ކުރައްވަން ފެށްޓެވުމަކީ އޭނާ އަބަދުވެސް ދެކެވަޑައިގެންނެވި ހުވަފެނެކެވެ. އެ ހުވަފެން ޙަޤީޤަތަކަށް ވެގެންދިޔައީ 1982 ވަނަ އަހަރުއެވެ. މިކަމުގައި އެންމެބޮޑަށް ފާހަގަކުރެވޭކަމަކީ، އޭނާގެ އަމިއްލަ ފޯމިއުލަރއެއް ބޭނުންކުރައްވައިގެން، މި ބުއިންތައް އުފައްދަވަން ފެށްޓެވި ފެށްޓެވުމެވެ. އެފޯމިއުލަރ ވެގެންދިޔައީ، ހަމައެކަނި އަޙްމަދުމަނިކު ފިޔަވައި އެހެންފަރާތަކަށް ނޭނގޭ ސިއްރު ފޯމިއުލަރއަކަށެވެ. 

މިއަދު [ތްރީ ޗޮއިސް“ގެ ނަމުގައި އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރުވެފައިވާ ފިނިބުއިންތައް ތައްޔާރު ކުރުމުގެ މަސައްކަތް، 14 އޯގަސްޓް 1989ން ފެށިގެން އޭނާ ކުރައްވަމުން ގެންދަވަނީ، ލޯކަލް އިންވެސްޓްމަންޓެއްގެ ގޮތުގައި ރަޖިސްޓަރީ ކުރައްވައިގެންނެވެ. އޭނާގެ ހިތްވަރު މިރޮނގުގައި އިތުރަށް އާވީ، ސަރުކާރުން ދެއްވަމުން ގެންދެވި ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު، 1997 ވަނަ އަހަރު އޭނާއަށް ލިބިވަޑައިގެންނެވި ހިސާބުން ފެށިގެންނެވެ.  އަޙްމަދުމަނިކުގެ މި ވިޔަފާރި ފުޅާކުރައްވައި ހަރުދަނާ ގޮތެއްގައި ހިންގެވުމަށް، 2005 ވަނަ އަހަރު އޭނާ ފެށްޓެވި މަޝްރޫޢުގެ ދަށުން ހޯއްދެވި ކުރިއެރުމަކީވެސް، ވަރަށް މުހިންމު ކުރިއެރުމެކެވެ. "ތްރީޗޮއިސް"ގެ ބުއިންތައް އެޅުމަށް އެއްފަހަރަށްވުރެ ގިނަފަހަރު ބިއްލޫރިފުޅި ބޭނުންކުރެއްވުން ހުއްޓަވާލައްވައި، ޒަމާނީ މެޝިނަރީ ބޭނުންކުރައްވައިގެން، އަމިއްލައަށް ތައްޔާރުކުރައްވާ ޕެޓް ފުޅީގައި [ތްރީ ޗޮއިސް“ ބަންދުކުރެއްވުމުގެ މަސައްކަތް، 2007 ވަނަ އަހަރުން ފެށިގެން ގެންދަވަނީ ކުރައްވަމުންނެވެ.

 ރަހަތަކަށާއި ފެންވަރަށް ބޮޑު ބަދަލުތަކެއް ގެންނަވައި، ތަފާތު 6 ރަހައެއްގެ ބުއިންތައް މިއަދު އޭނާވަނީ ބާޒާރަށް ނެރުއްވާފައެވެ. އަދި ރާއްޖޭގައި ވިއްކާ އެހެނިހެން ބުއިންތަކަށްވުރެ ހެޔޮ އަގެއްގައި ލިބެންހުރި ބުއިމަކަށް [ތްރީ ޗޮއިސް“ މިއަދުވަނީ ވެފައެވެ.

ލޯޖެހި އަޙްމަދުމަނިކަކީ ވިޔަފާރީގެ ދާއިރާގެ އިތުރުން، ގަލޮޅު އަވަށުގެވެސް ވަރަށް އިސް ބޭފުޅެކެވެ. އަވަށު ފެންވަރުގައާއި ޤައުމީ ފެންވަރުގައި ކުރެވޭ ގިނަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ހިލޭސާބަހަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އަވަށު ފެންވަރުގައާއި، ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި [ތްރީ ޗޮއިސް“ގެ ބުއިންތައް އޭނާ ހިލޭ ބައްސަވާފައިވެއެވެ.

ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި އެންމެ ކާމިޔާބު އެއް ކްލަބް، ވިކްޓްރީ ސްޕޯޓްސް ކްލަބް ހިންގެވުމުގައިވެސް ލޯޖެހި އަޙްމަދު މަނިކަކީ، ވަރަށް އިސް ދައުރެއް އަދާކުރެއްވި އަދި އެކްލަބަށް ބޮޑެތި ޤުރްބާނީތަކެއް ވެވަޑައިގެންފައިވާ ބޭފުޅެއްކަން ފާހަގަކުރަމެވެ.

އާދެ! ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން ލޯޖެހި އަޙްމަދު މަނިކަށް ޝަރަފްވެރިކަމުގެ އިނާމު ލިބިވަޑައިގަންނަވާއިރު، އޭނާއަށް ލިބިވަޑައިގަންނަވާ އެންމެބޮޑު އެއްއުފަލަކީ، އޭނާގެ މަސައްކަތް ތަރައްޤީ ކުރައްވައި ކުރިއަށް ގެންދެވުމުގައި، މިއަދު ކުރީ ސަފުގައި ޙަރަކާތްތެރިވެވަޑައިގަންނަވަނީ އޭނާގެ ބޭފުޅުން ކަމަށްވީކަމެވެ.