އަލްފާޟިލާ ރާފިޢަތު ރަމީޒާ
މ.ވައްތިޔަރަގެ

ރާފިޢަތު ރަމީޒާއަކީ، ރާއްޖޭގައި އުފެދުނު އަންހެން ލަވަކިޔުންތެރިންގެ ތެރެއިން ފަހަކަށްއައިސް ޢާންމުންގެ މަޤްބޫލުކަން ހޯއްދެވި ވަރަށް ހުނަރުވެރި ލަވަކިޔުންތެރިއެކެވެ. ލަވަ ވިދާޅުވުމަކީ، ވަރަށް ކުޑައިރުއްސުރެ ރާފިޢަތުގެ ހިތްޕުޅުގައި ވަރަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެވިފައިވާ ކަމަކަށްވާތީ، އެފަދަ ފުރްޞަތެއްގެ އިންތިޒާރުގައި ހުންނަވަނިކޮށް، އެ ފުރްޞަތު އެންމެ ފުރަތަމަ ލިބިވަޑައިގަތީ، ޓެލެވިޜަން މޯލްޑިވްސްއިން ބާއްވަވަމުން ގެންދެވި އިންޓަރސްކޫލް ލަވަ މުބާރާތުންނެވެ. ލަވަކިޔުމަކީވެސް ހިތްވަރާއި ޢަޒުމާއެކު ކުރަމުންގެންދާ މަސައްކަތެއްނަމަ، އެ ރޮނގުގައިވެސް ކާމިޔާބީގެ ހަރުފަތްތަކާ ހަމައަށް ވާސިލުވުމަކީ، އުނދަގޫ ކަމެއް ނޫންކަން ރާފިޢަތު ވަނީ ހާމަކޮށްދެއްވާފައެވެ.   

އިންޓަރސްކޫލް ލަވަ މުބާރާތުން 1993 ވަނަ އަހަރު، 16 އަހަރުން ދަށުގެ އުމުރުފުރައިން ފަޚްރުވެރި 1 ވަނަ ރާފިޢަތު ހާސިލުކުރެއްވީ، ލަވަ މުބާރާތުގައި ރާފިޢަތު ވިދާޅުވި [ކާކުހޭ މިތާހުރީ]  މި ލަވައިންނެވެ. އަދި 1994 ވަނަ އަހަރު، 18 އަހަރުން ދަށުގެ އުމުރުފުރައިން 1 ވަނަ ހޯއްދެވީ، [ހޭލާ ހުރެއޭ] މި ލަވައިންނެވެ. މި ދެލަވައަކީވެސް އަޅުގަނޑުމެންގެ ތެރޭގައި އޭރު ވަރަށް ބޮޑަށް މަޝްހޫރުވެގެންދިޔަ ދެލަވައެވެ. މި ދެއަހަރު މުޅި މުބާރާތުން ދެވަނަ މަގާމުވެސް ހާސިލު ކުރެއްވީ، ރާފިޢަތެވެ.

މަދްރަސީ ދައުރު ނިންމެވުމަށްފަހު، މިދާއިރާގައި ރާފިޢަތު ޚިދްމަތް ކުރައްވަމުން ގެންދަވާތާ 17 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، މިރޮނގުން ރާފިޢަތުގެ ޚިދްމަތްވަނީ، ވަރަށްގިނަ ސްކޫލްތަކަށް ލިބިފައެވެ. ރާއްޖޭގައި ބޭއްވޭ އެކިއެކި ލަވަ މުބާރާތްތަކަށް ކުދިން ތައްޔާރުކޮށްދެއްވައި، ލަވަ ދަސްކޮށްދެއްވައި އަދި މުބާރާތަށް ކުދިން ތަމްރީނުކުރެއްވުމުގެ މަސައްކަތްވެސް ރާފިޢަތު ކޮށްދެއްވާފައިވެއެވެ. އަދި މިހާރުވެސް އެ މަސައްކަތް ކުރައްވަމުން ގެންދަވައެވެ. ކުދިން ގެއަށް ގެންނަވައިގެން، އަމިއްލަ ކަމެއްގެ ގޮތުގައި ދެކެވަޑައިގެން، ހިލޭސާބަހަށް އެތައް ކުދިންނަކަށް ލަވަ ދަސްކޮށްދެއްވާފައިވެއެވެ. އޭގެތެރެއިން ގިނަކުދިން މި ދާއިރާއަށް ރާފިޢަތުވަނީ ނެރެދެއްވާފައެވެ.

ލަވަ ދަސްކޮށްދިނުމަށް ރާފިޢަތުގެ އެހީތެރިކަމަށް ބޭނުންވެގެން ކޮންމެ ސްކޫލަކުން އެދުނުކަމަށްވިޔަސް، އެކަން ކޮށްދެއްވުމަކީ ރާފިޢަތަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު ހިތްހަމަޖެހުމެކެވެ. ގިނައިން ލަވަ ދަސްކޮށްދެއްވަނީ ކުޑަކުދިންނަށެވެ.

މިވޭތުވެދިޔަ 17 އަހަރު ދުވަހުގެ ތެރޭގައި، ރާފިޢަތު ވަނީ ތަފާތު އެތައް ލަވައެއް އަޅުގަނޑުމެންނާ ހަމައަށް ގެނެސްދެއްވާފައެވެ. ރާފިޢަތުގެ މަޝްހޫރު ބައެއް ލަވަތަކުގެ ތެރޭގައި، 1999 ވަނަ އަހަރު ނުކުތް [ހިމޭން] އަލްބަމަށް އޭނާ ވިދާޅުވެދެއްވާފައިވާ [ލިޔުނު ސިޓީ] މި ލަވައާއި، ފިލްމު [ދިންވޭނުގެ ހިތާމަ] އަށް ވިދާޅުވެދެއްވާފައިވާ [ސާހިބާ] މި ލަވައާއި، [އޭ ޒަމާނާ] މި ލަވައާއި، މިއަހަރު ނުކުތް ފިލްމު [ހެޔޮނުވާނެ] އަށް ވިދާޅުވެފައިވާ [ހިތްއަދު ރޮނީ] މި ލަވައާއި، ފިލްމް [ސަޒާ] އަށް ވިދާޅުވެފައިވާ ތީމް ލަވަ ހިމެނެއެވެ. އަދި އެމް.އެން.ބީ.ސީ.ވަން އިން ރަމަޟާންމަހު ފޮނުވަމުން ގެންދާ އެހަނދާން ޝޯތަކުގައިވެސް ރާފިޢަތުވަނީ، ލަވަ ވިދާޅުވެފައެވެ.

ކޮޕީރާގަށް ލަވަ ވިދާޅުވުމުގެ ބަދަލުގައި، އަމިއްލަ ރާގަށް ލަވަ ވިދާޅުވުމަށްވެސް ރާފިޢަތު އިސްކަންދެއްވައެވެ. ފަހަކަށްއައިސް ރާފިޢަތު ގިނައިން ވިދާޅުވެފައިވަނީވެސް، އަމިއްލަ ރާގުގެ ލަވަތަކެވެ. އަމިއްލަ ރާގަށް ލަވަ ވިދާޅުވާން ޖެހުނު ކަމުގައިވިޔަސް، ރާފިޢަތަށް އެއީ އެހާ އުނދަގޫކަމަކަށް ނުވެއެވެ. އެއީ އާ ރާގެއް ކަމަށްވިޔަސް، ގަޑިއެއްހާއިރުގެ ތެރޭގައި ލަވަ ރެކޯޑުކުރައްވައި ނިންމަވައެވެ. އެހެންނަމަވެސް، އެންމެފަހުން ރާފިޢަތު ވިދާޅުވެފައިވަނީ، ކޮޕީ ރާގެއްގެ ލަވައެކެވެ. [ހާސް ހިތާމަ] މި ލަވައަށްވެސް ޢާންމުންގެ ވަރަށްބޮޑު ތަރުޙީބެއް ދަނީ ލިބެމުންނެވެ. 

ރާއްޖޭގައި ބާއްވާ އެކިއެކި ޝޯތަކުގައިވެސް ރާފިޢަތުވަނީ، ބައިވެރިވެވަޑައިގެން ލަވަ ވިދާޅުވެފައެވެ. އަދި އެކިފަރާތްތަކުން އެކި ފަންޑަށް އެހީ ހޯދުމަށް ބާއްވާ ޝޯތަކާއި، މިފަދަ ކަންކަމާ ގުޅިގެން ނެރޭ އެކިއެކި އަލްބަމްތަކަށް ހިލޭ ލަވަ ވިދާޅުވެދެއްވާފައިވެއެވެ. ސިފައިންގެ ޤައުމީ ޝޯތަކާއި، ޤައުމީ ލަވައިގެ އަލްބަމްތަކުގައިވެސް ރާފިޢަތުވަނީ، ޤައުމީ ލަވަތައް ވިދާޅުވެފައެވެ. މީގެއިތުރުން، ސްކޫލްތަކުން ބާއްވާ ލަވަ މުބާރާތްތަކާއި އަދި އެނޫން އެހެން ފަރާތްތަކުން ބާއްވާ ލަވަ މުބާރާތްތަކުގައި ފަނޑިޔާރުކަންވެސް ރާފިޢަތު ވަނީ ކުރައްވާފައެވެ.

ލަވަކިޔުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ރާފިޢަތަށް މިއަދު ލިބިވަޑައިގަންނަވާއިރު، އޭނާގެ އެންމެބޮޑު އުންމީދަކީ، ރާއްޖޭގެ ލަވަކިޔުމުގެ ފަންނުގައި ހަރަކާތްތެރިވާނެ އިތުރު އާ ކުދިން ނެރުއްވުމެވެ.